‎ ‎بســم اللّـه الرّحمـن الرّحيــم


‏ޢަލީ ނާފިޒް – ހަވީރު ނޫސް‏

‏ހަވީރުން ނާފިޒު އިނގޭތޯ. މީ މަޖިލީހުގެ ރައީސްގެ ކަންތަކުގައި އިއްޔެ ޕީ.ޕީ.އެމް. އިން ގޮތެއް ‏‏ނިންމާފައި މިއޮތީ. މިއީ، ކައުންސިލުގެ ނިންމުމެއްތޯ؟‏
‏ ‏
‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏މަޖިލީހުގެ ރައީސްގެ މައްސަލައަކީ، ކައުންސިލުން ޖެހިވަޑައިގަންނަވާ މައްސަލައެއް ނޫން. އެއީ، ‏‏ޕީ.ޖީ.ގެ މައްސަލައެއް. ޕާޓީގެ ރައީސާއި އަޅުގަނޑާ ވާހަކަ ދައްކާފައި، އެބޭފުޅުންގެ މަޝްވަރާގެ ‏‏މަތިން އެ އޮތީ ނިންމާފައި.‏

ޢަލީ ނާފިޒް – ހަވީރު ނޫސް‏

‏މަޖިލީހުގެ މިހާރުގެ ނައިބު ރައީސް، ނާޒިމްވެސް ޝައުޤުވެރިކަން ފާޅުކުރައްވާފައިވަނީ ‏‏ރައީސްކަމަށް ކުރިމަތިލެއްވުމުގެ. ކިހިނެއްތޯ، ނާޒިމް ނިންމަވާގޮތަކުން ޕާޓީގެ ބޭރުން ‏‏ވާދަކުރައްވަން ނިންމަވާފާނެތޯ؟ ކިހިނެއްތޯ، ޕާޓީއިން މިކަހަލަ ޙާލަތެއްގައި ޢަމަލު ކުރައްވާނީ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އަޅުގަނޑަށް ވަރަށް އުނދަގޫވާނެ ދޮއެއްތޯ، އެހެން ބޭފުޅަކު ކަންތައް ކުރައްވާނެ ގޮތަށް އެއްޗެއް ‏‏ދަންނަވަން. ޕާޓީގެ ނިންމުން އިއްޔެ އެއޮތީ ނިންމާފައި. އެއީ، މަޖިލީހުގެ ރައީސްކަމަށް މަސީޙު ‏‏އަދި ނައިބު ރައީސްކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ. ދެން އަޅުގަނޑުމެންގެ ޕާޓީގެ އެހެން ‏‏މެންބަރަކު، ނާޒިމް ނަމަވެސް، އަމިއްލަފުޅު ގޮތުން ނާޒިމުގެ ނަންފުޅު ބޭއްވެވުމަކީ ‏‏ކުރެއްވިދާނެކަމެއް. އެކަމަކު ދެން އެއީ ޕާޓީއެއްގައި މެމްބަރުން ޙަރަކާތްތެރިވާއިރު، ޕާޓީގެ އުސޫލާ ‏‏އެއްގޮތަށް ހިނގާކަމަކަށް ނުވާނެ. އެހެންވެއްޖެއްޔާ އެއީ، ދެން ވަރަށް ދެރަކަމަކަށް ވާނީ. ‏‏އެހެންވީމާ، ނާޒިމްވަރުގެ ޒިންމާދާރު ބޭފުޅަކު އެވަރު ކަމެއް ނުކުރައްވާނެކަމަށް އަޅުގަނޑު ހަމަ ‏‏ޔަޤީންކުރަން.‏

‏އަޙްމަދު ޖަދުވާން– ދި-ޓީވީ‏

‏މަޖިލީހުގެ ރައީސްގެ މައްސަލައިގައި ކޯލިޝަންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ‏‏ލީޑަރު ޝައުޤުވެރިކަން ފާޅުކުރައްވާފައި އޮތީ. އެކަމާ ޖުމްހޫރީ ޕާޓީގެ ލީޑަރާ މަޝްވަރާ ‏‏ކުރައްވާނަންތޯ؟ މަނިކުފާނު ކުރިން ވިދާޅުވެފައިއޮތީ މަޝްވަރާ ކުރައްވާނެ ވާހަކަ.‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އާދެ! ވަރަށް ގިނަ މަޝްވަރާކުރެވުނު އިނގޭތޯ. ވަރަށް ގިނަ މަޝްވަރާ ކުރެވުނު. ޕާޓީއިން ވަނީ، ‏‏ދެފަހަރު، ލިޔުމުންވެސް ޤާސިމަށް އަޅުގަނޑުމެންގެ ޕޮޒިޝަނާއި އަދި ޤާސިމު އެގޮތަށް ކަންތައް ‏‏ކުރެއްވީމަ ދިމާވާނެ ގޮތާ، މިހުރިހާ ވާހަކައެއް ދަންނަވާފައި ވަނީ. އެހެން ނަމަވެސް، ޤާސިމަށް ‏‏އަދި އެކަން ޤަބޫލު ނުކުރެއްވެނީ.‏

 

ޢަލީ ނާފިޒް – ހަވީރު ނޫސް‏

‏ޤާސިމް ކުރިމަތިލައްވައިފިނަމަ، މި ކޯލިޝަނަށް ކޮންކަހަލަ ބަދަލުތަކެއްތޯ އަންނާނީ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ޤާސިމު ކުރިމަތިލައްވައިފިނަމަވެސް މަޖިލީހުން ހޮވޭނީ މެމްބަރުން ވޯޓުދެއްވާ ރައީސެއް.‏

‏ޢަލީ ނާފިޒް – ހަވީރު ނޫސް‏

‏ކޯލިޝަނަށް އެއްވެސް ކަހަލަ ހީނަރުކަމެއް އަންނާނެތޯ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ދެން، ކޯލިޝަންގެ މައްސަލައަކީ ޕާޓީއިން ނިންމާނެކަމެއް ދެއްތޯ. ޝައްކެއްވެސްނެތްގޮތެއްގައި ‏‏ކޯލިޝަނުގައި އޮންނަ އެކުވެރިކަމަށް ދެން ބުރުލެއް އަރާނެ. އެއީ، ކޯލިޝަނަކީ ހަމަ ދެފަރާތުގެ ‏‏ގުޅުން، ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކެއް ގުޅުން. އެހެންވީމާ، އާންމު ޢުސޫލަކީ، ދުނިޔޭގެ ‏‏ހުރިހާ ތަނެއްގައިވެސް މެޖޯރިޓީ ގޮނޑި ނަގާ ބަޔަކު ސްޕީކަރެއް ދައްކާނީ. އެހެންވީމާ، ‏‏ކޯލިޝަނުގެ ތެރެއިން އަދި ހިމެނިވަޑައިގަންނަވާ އެހެން ޕާޓީތަކުން ބޭބޭފުޅުންގެ ނަންފުޅު ‏‏ދެއްކުމަކީ، ޢާންމުކޮށް ކުރާކަމެއް ނޫން. އެއީ ހަމަ ޢުސޫލާ ޚިލާފުކަމެއް. ‏

‏ޢަލީ ނާފިޒް – ހަވީރު ނޫސް‏

‏އަދި އިތުރަށް ޤާސިމާ މަޝްވަރާކުރައްވާނަންތޯ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ދެން، ޤާސިމު ‏އަދިވެސް ‏އެއޮތީ އަޅުގަނޑުމެންގެ ރައީސް، ޕާޓީގެ ފަރާތުން އެންމެފަހުން ފޮނުވި ‏‏ސިޓީއަށް ޖަވާބު ނުދެއްވާ. އެހެންވީމާ، އަދިވެސް މަޝްވަރާގެ ދޮރުތައް އެހުރީ ހުޅުވިފައި. ‏‏އެކަމަކު ދެން އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކީއްކަމެއް ނޭނގޭ. ދެން ހަމަ ޖެހޭނީ ޤާސިމުގެ ‏‏ނަންފުޅު ނަންގަވަން، އަޅުގަނޑަށް ވިސްނޭގޮތުގައި. ޤާސިމަށް އަޅުގަނޑުމެންނަށް ކޮށްދެވޭނެ ‏‏އިތުރުކަމެއް މިހާ ހިސާބަކުންނެއް ނެތް. ‏
‏ޢަލީ ސުލައިމާން – ވީ.ޓީ.ވީ‏

‏28 ވަނަ ދުވަހު މަޖިލީހުގެ ރައީސެއް ޢައްޔަންވެގެންދާނެ. ދާއިރު، ފަހަރެއްގައި ހަމަ އެކަށީގެންވޭ ‏‏ޕީ.ޕީ.އެމް އިން ހުށަހަޅާ ބޭފުޅުންވެސް ހަމަ ނުހޮވުން. އެހެންވީމާ، ނިމިގެން ދާގޮތަކާ ދޭތެރޭ ‏‏ސަރުކާރުންވެސް ޤަބޫލުކުރައްވަންޖެހޭނެ.‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ޝައްކެއްވެސްނެތް ދޮއެއްތޯ. ‏

‏ޢަލީ ސުލައިމާން‏–‏ ވީ ނިއުސް.‏

‏ދެން އެގޮތުން ވަކި ބޭފުޅަކު ހޮވިގެން، ނުވަތަ ވަކި ބޭފުޅަކު ނުހޮވިގެން ކޯލިޝަނަށް އެކަމުން ‏‏އަރާނެ ބުރުލެއް އޮންނާނެތޯ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏މިހާރު ތިޔަ ސުވާލު ދެންމެ އެކުރެއްވީ ދޮއެއްތޯ. މިސާލަކަށް އެމް.ޑީ.ޕީ.ގެ ބޭފުޅަކު އެކަމަށް ‏‏ކުރިމަތިލައްވައިގެން، އެމް.ޑީ.ޕީގެ ބޭފުޅަކު ހޮވިއްޖެއްޔާ އެއީކީ ކޯލިޝަނާ ބެހޭކަމެއް ނޫން. ‏‏އެހެންނަމަވެސް، ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ބޭފުޅަކު ކުރިމަތިލައްވައިގެން ‏‏ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ނޫން ބޭފުޅަކު ހޮވިއްޖެކަމަށްވަންޏާ އެއީ، ދެން މައްސަލައެއް. އެއީ ދެން ‏‏ހަމަ އަޅުގަނޑުމެން ޕާޓީ ތެރޭގައި ވާހަކަ ދައްކާފައި، ކޯލިޝަނާ ވާހަކަ ދައްކާފައި، އެއަށް ‏‏ޢަމަލުކުރާނީ ކިހިނެއްތޯ ނިންމާނީ ދޮއެއްތޯ. އެއީކީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ނިންމާ ‏‏މައްސަލައެއް ނޫން. އެއީ، ޕާޓީއާއި ޕާޓީއާ އެއް ލެވެލްގައި އޮންނަ މައްސަލައެއް.‏

‏ޢަލީ ސުލައިމާން – ވީ.ޓީ.ވީ‏

‏ދެން، އިންޑިޔާއަށް ތިޔަ ވަޑައިގަންނަވަނީ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް. ‏‏މި ރަސްމިއްޔާތަށްފަހު، އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްވެސް ކަހަލަ ‏‏ބައިލެޓްރަލް މަޝްވަރާތަކެއް ކުރެވޭނެތޯ؟ ކުރެވޭނީ ކޮންކޮން ދާއިރާތަކަކުންތޯ؟ ‏


‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އަޅުގަނޑު، ދިވެހިރާއްޖޭގެ ފަރާތުން ވަފުދެއް ގޮވައިގެން އިންޑިޔާއަށް ދިޔައީ ދާދިފަހުން ދޮއެއްތޯ. ‏‏ދެން އެހެންވީމާ، ‏‏އޭރު އަޅުގަނޑުމެން ނަގާފައި ހުރި މައްސަލަތައް އަނެއްކާވެސް ނަގާނީ. މާދަމާ ‏‏އޮންނާނެ، ރަސްމީ ‏‏ވާހަކަދެއްކުން ދެޤައުމުގެ ވެރިންގެ ލެވެލްގައި. އެ ރަސްމީ ވާހަކަދެއްކުމުގައި ‏‏އަޅުގަނޑުމެން އޭރުވެސް ‏‏ނަގާފައިހުރި މައްސަލަތައް ނަގާނީ. އެއީ، އިންޑިޔާއާއި ‏‏އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮތް އެކުވެރިކަމުގެ ‏‏ގުޅުން ދެމެހެއްޓުމުގެ ތެރެއިން، އިންޑިޔާގެ ‏‏ސަރުކާރުން، އިންޑިޔާގެ އެކިއެކި އިންވެސްޓަރުން ރާއްޖޭގައި ‏‏ކުރަން ހުށަހަޅާފައި ހުރި ‏‏މަސައްކަތްތަކާއި އަދި ދިވެހި ދައުލަތަށް، ދިވެހިރާއްޖެއަށް، އިންޑިޔާގެ ފަރާތްތަކުން ‏‏ބޭނުންވާ ‏‏ކަންތައްތައް. އެ މަޝްވަރާތައް މާދަމާ ކުރެވޭނެ. ދެން، އޭގެ އިތުރުންވެސް ސާކުގެ 8 ‏‏ޤައުމުގެ ‏‏ވެރިންވެސް ވަޑައިގެން އުޅުއްވާނެތީއާއެކީގައި އަޅުގަނޑު އޭގެތެރެއިން ބައެއް ‏‏ބޭފުޅުންނާ ‏‏ބައްދަލުކުރަންވެސް ޚިޔާލުކުރަން. އަދި މިހާރުވެސް ބައެއް ބޭފުޅުންނާ އަޅުގަނޑު ‏‏ބައްދަލުކުރަން ވަގުތުވެސް ‏‏އެހެރީ ހަމަޖެހިފައި. ދެން އިރާދަކުރެއްވިއްޔާ، މީގެ ތެރެއިން ގިނަ ‏‏ބޭފުޅުންނާ ބައްދަލުކުރެވޭތޯވެސް އަޅުގަނޑުމެން ‏‏ބަލާނަން. އެހެންނަމަވެސް ވަގުތުވެސް ހަމަ ‏‏ވަރަށް ކުޑަ. މިއަދު ހަމަ މިދާގޮތަށް، މިރޭގެ ނިޔަލަށް މި ‏‏ފަންކްޝަންތަކުގައި އުޅެން މިޖެހެނީ. ‏‏އުޅެފައި، މާދަމާ މިހުރީ ރަސްމީ ވާހަކަތައް. ދެން އެއަރޕޯޓަށް ‏‏ފުރުމުގެ ކުރިން އަދި ބީ.ޖޭ.ޕީ.ގެ ‏‏ލީޑަރުން، ވެރިކަންކުރާ ޕާޓީގެ ލީޑަރުންނާވެސް ބައްދަލުކުރުން އެބައޮތް. ‏‏އެހެންވީމާ، ވަގުތު ‏‏ލިބުނު މިންވަރަކުން ހަމަ އެހެން ޤައުމުތަކުގެ ވެރިންނާވެސް ބައްދަލުކުރަން ‏‏އަޅުގަނޑު ‏‏ޚިޔާލުކުރަން.‏ ‏

‏‏ޢަލީ ނާފިޒް – ހަވީރު ނޫސް‏

‏މަނިކުފާނު މިދިޔަ ޖެނުއަރީމަހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އިންޑިޔާއިން ‏‏އެދިފައިމިވަނީ ‏‏އެއަރޕޯޓުގެ މައްސަލަ ދެފަރާތަށް އެއްބަސްވެވޭގޮތަކަށް ޙައްލުކުރުން. މިފަހަރު އައު ‏‏ސަރުކާރާއެކު ‏‏އެއަރޕޯޓުގެ އެއްވެސް މަޝްވަރާއެއް ކުރެވޭނެތޯ؟.‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އަޅުގަނޑާ ހަމައަކުންނެއް އެއަރޕޯޓުގެ މައްސަލައެއް ނުނަގާނަން. އެހެނެއްނޫން، އިންޑިޔާ ‏‏ސަރުކާރުން ‏‏އެއަރޕޯޓުގެ މައްސަލަ ނަންގަވައިފިކަމުގައިވަންޏާ ދިވެހި ސަރުކާރުން އެކަމުގައި ‏‏ދެކޭގޮތް ދަންނަވާނަން. ‏‏އެއަރޕޯޓުގެ މައްސަލަ ދެފަރާތުން ވާހަކަދައްކައިގެން ޙައްލުކުރުމުގެ ‏‏ފުރުޞަތު އޮތް. އަޅުގަނޑުމެން އެކަމަށް ‏‏އެދުނިން. އެހެންނަމަވެސް، ޖީ.އެމް.އާރު.ގެ ފަރާތުން އެ ‏‏މައްސަލައިގައި ދެފަރާތުން ވާހަކަ ދައްކައިގެން މިކަމަށް ‏‏ޙައްލެއް ހޯދަން މިވަގުތަށް ‏‏ބޭނުންނުވާކަމަށް އަޅުގަނޑުމެންނަށް ޚަބަރުކޮށްފައި މިއޮތީ. އާރބިޓްރޭޝަނުން ‏‏ގޮތެއް ނިމުނީމާ، ‏‏އޭގެފަހުން ވާހަކަ ދައްކަން. އެހެންވީމާ، މިހާރަކު ހިޔެއްނުވޭ އެމީހުންގެ ‏‏އެވަރުގެ ‏‏ޝައުގުވެރިކަމެއް އޮތްހެނެއް. ލަފައެއްވެސް ނުކުރެވޭ އިންޑިޔާ ސަރުކާރުގެ ފަރާތުން ‏‏މިމައްސަލަ މިފަހަރު ‏‏ނަންގަވަފާނެކަމަށްވެސް. ‏

‏މުޙަންމަދު މިއުވާން - ރާއްޖެ ޓީވީ:‏

‏އިންޑިޔާއިން ތެޔޮ ލިބުމުގެ މައްސަލައަށް އެއްވެސް ކަހަލަ ޙައްލެއް ނުލިބޭތޯ؟ މިކަމަށް ‏‏މަސައްކަތް ކުރެވޭނެތޯ؟

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ހަމަ މަސައްކަތްކުރެވޭނެ އިނގޭތޯ. އަޅުގަނޑުމެންނަށް އިންޑިޔާއިން ތެޔޮ ލިބުމުގެ ދަތިކަމެއް ‏‏އުޅެނީކީއެއްނޫން. އަޅުގަނޑުމެން އަލަށް އިންޑިޔާއިން ތެޔޮ ހޯދަން، ތެޔޮ ގެންނަން ‏‏މި މަސައްކަތްކުރަނީ. އެހެންވީމާ، އެތަނުގެ ފެޑެރަލް ގަވަރންމަންޓާއި، ސެންޓްރަލް ‏‏ގަވަރންމަންޓާ ސަރަޙައްދީ ޤައުމުތަކާ ދޭތެރޭގައި ހުންނަ ނިންމުންތައް ނިންމަންޖެހޭތީ. ‏‏އެހެންނަމަވެސް، އަޅުގަނޑަށް ހަމަ ޔަޤީން، އިރާދަކުރެއްވިއްޔާ އެކަންވާނެ. ދެން، އެކަން ‏‏އަވަސްވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން. އެހެންވީމާ، އަނެއްހެނެއް ދެން މީގައި ދަތިކަމެއް ‏‏އުޅެނީއެއްނޫން، އެކަމަކު ބައެއް ޤައުމުތަކުގައި މިކަހަލަ ޕްރޮސެސްއަކީ، ވަރަށް ދިގުލާ ‏‏ޕްރޮސެސްއަކަށްވަނީ. ދެން ސަރުކާރުގެ ލެވެލްގައި ހިންގާ ކަމެއް މިއީ. އެހެންވީމާ، އަޅުގަނޑަށް ‏‏ހީވަނީ އެއުޅެނީ ކެޕިޓަލާއި ސަރަޙައްދީ ސްޓޭޓާ ދޭތެރޭގައި ލިޔެކިޔުންތައް ބަދަލުކޮށް، މިކަންކަމަށް ‏‏ގޮތެއް ނުނިމިގެންހެން ހީވަނީ އަދި. އެހެންވީމާ، މިކަން އިރާދަކުރެއްވިއްޔާ ވާނެ.‏

‏________________________‏