‏ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި ‏‏މިއުއްމަތުގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ‏‏ދުޢާކުރަމެވެ. ‏

‏ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ‏‏އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ‏‏ދުވަސް އަޅުގަނޑުމެންނާ ބައްދަލުވާހިނދު، ދުނިޔޭގެ ސަމާލުކަންވަނީ އަޅުގަނޑުމެންފަދަ ‏‏ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހުއްޓިފައެވެ. ‏

‏މިއަހަރު މިފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު ކަމުގައިވާ ‏‏"ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ތިބާގެ އަޑު އުފުލާ" މި ޝިޢާރަކީ، މިއީ ‏‏ރާއްޖެއާ ނުހަނު ގުޅުންހުރި ޝިޢާރެކެވެ. މީގެ އަހަރުތަކެއްގެ ކުރިންވެސް މޫސުމަށް ‏‏އަންނަ ބަދަލުތަކުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ފޯރާނެ އަސަރުތަކުގެ ވާހަކަ ‏‏ރާއްޖެއިން ވަނީ ދައްކާފައެވެ. އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ‏‏ފަރާތުންވަނީ ވަކާލާތުކޮށްފައެވެ.‏

‎ ‎‏މިއަހަރަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް ‏‏ޚާއްޞަ އަހަރެކެވެ. އެއީ، މިއަހަރަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ‏‏އަހަރުގެ ގޮތުގައި އދ.އިން ކަނޑައަޅާފައިވާ އަހަރު ކަމަށްވާތީއެވެ. އެހެންކަމުން، ‏‏މިއަހަރުގެ ތިމާވެށީގެ ދުވަހާއި އަދި ތިމާވެށީގެ ދާއިރާއިން ފާހަގަކުރެވޭ އެހެނިހެން ‏‏ދުވަސްތަކާއި ޙަރަކާތްތައް ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަ ކުރެވިފައެވެ.‏

‎ ‎‏ފަހުގެ ޢިލްމީ ދިރާސާތަކުން ހާމަކޮށްދޭ ގޮތުގައި އިންސާނުންގެ ‏‏ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަކީ، އޭގެ ނުރައްކަލާއި ގެއްލުން، ކުދި އަދި ބޮޑެތި ‏‏ހުރިހާ ޤައުމަކުން ކުރިމަތިލާން ޖެހޭނެކަމެކެވެ. މިގޮތުން މުސްތަޤްބަލުގައި އަވަސް ‏‏ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިޤަރުނުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ‏‏ކުރިމަތިވާނޭ ހިރާސްތައް އިތުރުވާނޭކަމަށް އައި.ޕީ.ސީ.ސީގެ 2 ވަނަ ވާރކިން ގްރޫޕްގެ ‏‏ރިޕޯޓުން އިންޒާރުދެއެވެ. އަދި މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ‏‏އިންސާނުންގެ ޞިއްޙަތާއި ކާބޯތަކެއްޗަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި އިޤްތިޞާދަށް ‏‏އޭގެ ނުރަނގަޅު އަސަރުކުރާނޭކަން ފަހުގެ ދިރާސާތަކުން ޔަޤީންކޮށްދެއެވެ. ރާއްޖެފަދަ ‏‏ކުދި ޖަޒީރާ ޤައުމުތަކަކީ، މިކަމުގެ ނުރައްކަލާއި ބުރަ ފުރަތަމަ ތަޙައްމަލް ކުރަންޖެހޭނެ ‏‏ޤައުމުތަކެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދުނިޔޭގެ ފެންވަރުގައި ‏‏އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގޮވާލަމެވެ.‏
‏ ‏
‏ޒަމާނުންސުރެ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ‏‏އިޤްތިޞާދު ބިނާވެފައިވަނީ، އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެށީގެ މައްޗަށެވެ. ‏‏އަޅުގަނޑުމެންގެ ކާބަފައިންގެ ދުރުވިސްނުމާއި މިންނެތް މަސައްކަތުން، ރާއްޖޭގެ ‏‏ތިމާވެށި، އޭގެ ފުރިހަމަކަމާއެކު ވަނީ މި ޖީލުތަކާ ހަމައަށް ފޯރުވައިދީފައެވެ. މި އަމާނާތް ‏‏މިވަގުތު މިވަނީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ ޢަމަލުތައް ‏‏މިނެކިރާނީ، އަޅުގަނޑުމެންގެ ފަހުން އަންނަ ޖީލުތަކުން ކަމަށްވީހިނދު، އެޖީލުތައް ‏‏މާޔޫސްނުވާނެ ފަދައިން އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުން މުހިންމެވެ. ކާބަފައިން ‏‏ދެއްކެވި މިސާލުން މިސާލުނަގައި، ޙިކުމަތްތެރިކަމާއެކު ރާއްޖޭގެ މި ނާޒުކު ތިމާވެށި ‏‏ޙިމާޔަތްތެރިކަމާއެކު ރައްކާތެރިކޮށް ދަމަހައްޓަންވަނީ ޖެހިފައެވެ. އެއީ، އަޅުގަނޑުމެންގެ ‏‏އަމާނާތެކެވެ.‏

‏ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގެ ދުވެލި މިދަނީ ހަލުވިކަމާއެކު ‏‏ކުރިއަރަމުންނެވެ. ތަރައްޤީގެ ނަމުގައި ކުރެވޭ ބައެއް ކަންކަމުގައި ރާއްޖޭގެ ތިމާވެށްޓާއި ‏‏ތިމާވެށީގައި ހިމެނޭ ދިރޭތަކެތީގެ ނަޞްލުތަކަށްވަނީ، އޭގެ ނޭދެވޭ އަސަރު ފޯރައިފައެވެ. ‏‏އެހެންކަމުން، މިކަމުގައި އަޅުގަނޑުމެން އިތުރަށް ސަމާލުވާން މިވަނީ ޖެހިފައެވެ. އަދި ‏‏ތަރައްޤީއާއެކު، ތިމާވެށިވެސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެކުއެކީ ހިނގާ ކަންކަމުގައި ‏‏ހަދަން ވަނީ ޖެހިފައެވެ. ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރެވެން އޮތީ މިފަދައިންނެވެ. ‏‏ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން އެންމެހައި ރައްޔިތުން ބޭނުންވާ ތަރައްޤީ ‏‏ގުޅިލާމެހިފައިވަނީ މިކަމާ އެކުގައެވެ.‏

‏މިއަދު އަޅުގަނޑުމެން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާ ‏‏މުނާސަބަތުގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ފަރުދީ ‏‏ޒިންމާތަކުގެމަތިން ހަނދާންކުރަންޖެހެއެވެ. ޢާންމު ދިރިއުޅުމުގެ އާދަކާދަތަކާއި ‏‏ޢަމަލުތަކާމެދު މިވަނީ ވިސްނަންޖެހިފައެވެ. ފަރުދީ ފެންވަރުގައި ތިމާވެށި ރައްކާތެރިކޮށް ‏‏ދެމެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތަކީވެސް ނުހަނު މުހިންމު މަސައްކަތެކެވެ. މިއީ، ‏‏އަންނަން އޮތް ޖީލުތަކަށް ފޯރުވައިދެވޭ އަގުހުރި ހަދިޔާއެކެވެ. ‏

‏އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ‏‏ދިވެހިން ކުރަމުންގެންދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތް ‏ﷲ، އެންމެހައި ދިވެހި ރައްޔިތުންނަށް މިންވަރު ކޮށްދެއްވުމެވެ.‏