‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އިޓަލީ ސަރުކާރުން ‏‏ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ‏މިސްޓަރ ފެބްރިޒިއޯ ޕިއޯ އަޕިއަރ މިއަދު ‏‏އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ދިވެހިރާއްޖެއާއި އިޓަލީއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ‏‏ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި އަދި ‏‏ފަތުރުވެރިކަމުގެ ދާއިރާގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ‏‏ދެބޭފުޅުން ‏މަޝްވަރާ ކުރެއްވިއެވެ. ‏

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏ޤައުމުގެ ‏‏އިޤްތިޞާދު ހަރުދަނާ ކުރެއްވުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް މިހާރަށްވުރެ ‏‏ފުޅާކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.‏ ‏‏މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރަށްވުރެ ރަނގަޅު ‏‏ކުރެއްވުމަށާއި، ‏އިންވެސްޓް ކުރުމަށް ރަނގަޅު މާޙައުލެއް ބިނާކުރެއް‏ ‏ވުމަށް ‏ސަރުކާރުން ‏‏އަޅުއްވަމުން ‏‏ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ‏‏އިޓަލީގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ‏‏އަދި މިހާރު ރާއްޖޭގައި ހުރި ‏‏އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވާހަކަފުޅު ދެއްކެވިއެވެ.‏

އިޓަލީ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އިޓަލީ ‏‏ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ. ‏

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ‏‏ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏