ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް، މައިންބަފައިން ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާކަމީ، ރާއްޖޭގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް، މައިންބަފައިން ދެއްވާ ޚާއްޞަ ސަމާލުކަން ފާހަގަވެގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، 29 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް އިފްތިތާޙު ކޮށްދެއްވުމަށް، މިއަދު ހަވީރު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޤުރްއާނުގެ ތަޢުލީމަކީ ކޮންމެ އިންސާނެއްގެ ތަރުބިއްޔަތާ ގުޅިފައިވާ އަދި ތިމާގެ ދީނީ ޢަޤީދާ ހަރުދަނާ ކުރުމަށާއި، ހެޔޮގޮތްތައް ހޯދުމަށާއި، އިތުބާރު ލިބިގެންވާ އަދި ރަނގަޅު މަގުން ހިނގާ މީހަކަށް ދަރިން ހެދުމަށްޓަކައި ކޮންމެހެން މުހިންމު ޢިލްމެއް ކަމުގައި ވިދާޅުވިއެވެ. ކީރިތި ޤުރްއާން ދަސްކުރުމަށާއި އުނގެނުމަށް، ދިވެހިންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވަމުން، ދިވެހި ޤައުމުގެ އެންމެ މުހިންމު ތަރިކައަކީ، ދިވެހިންގެ ދީނީ ޢަޤީދާ ކަމަށްވީހިނދު، އަދި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިގެން އައުމުގެ އެންމެބޮޑު ސިއްރަކީ އަދި އެންމެބޮޑު އަސާސަކީ، ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ޤާއިމުވެފައި އޮތް އޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ، ޚާއްޞަ ގޮތެއްގައި މާތްވެގެންވާ އިސްލާމްދީނަށް ވަރަށް ލޯބިކުރާ ރައްޔިތެއްކަން މިއަދުގެ އިޙްތިފާލުންވެސް އެނގިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ މައިންބަފައިންނަކީ، ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް، ކުދިންނަށްޓަކައި ވަރަށް ބޮޑެތި ހޭދަތަކެއް ކުރައްވާ މައިންބަފައިންކަމާއި، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ މައިންބަފައިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ދިވެހިންގެ ތެރޭގައި އުފެދެމުންދާ އިޖްތިމާޢީ މައްސަލަތައް ގިނަކަމާއެކު، އެކަންތައްތަކުން އެންމެބޮޑު އަސަރެއް ކުރަނީ، ރާއްޖޭގެ ޒުވާން އާބާދީއަށްކަން ފާހަގަކުރައްވަމުން، އެކަމަށް އޮތް ޙައްލާ ދޭތެރޭގައިވެސް ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމާއި، މިސްކިތްތައް ތަޢުމީރު ކުރުމާ ގުޅޭގޮތުން އެކިފަރާތްތަކުން ސަރުކާރަށް އިލްތިމާސްތައް އަންނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން މިކަމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި، ސަރުކާރުން ހިންގަވާ ހިލޭ އެހީގެ ޕްރޮގްރާމްގެ ތެރެއިން މިސްކިތްތައް މަރާމާތު ކުރުމާއި، މިސްކިތްތައް ތަޢުމީރު ކުރުމުގެ މަސައްކަތް، ކުރިއަށް ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ 10 މިސްކިތުގެ އިތުރުން، މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމަށް ބޭނުންވާ މަރާމާތުތައް، އެކި ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް ގެންދިޔުމަށްޓަކައި، މިކަމަށްދާ ހުރިހާ ޚަރަދެއް، ޔޫ.އޭ.އީ ސަރުކާރުން ދެއްވާގޮތަށް މިހާރު ހަމަޖެހިފައިވާކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ރަމަޟާން މަސް ފެށުމުގެ ކުރިން، ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.