بســم اللّـه الرّحمـن الرّحيــم
الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه
މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ އަލްފާޟިލާ މަރްޔަމް ޝަކީލާ، ޑިފެންސް މިނިސްޓަރ އޮނަރަބްލް މުޙަންމަދު ނާޒިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު މަލީޙު ޖަމާލް، އިކޮނޮމިކް މިނިސްޓަރ އަލްފާޟިލް މުޙަންމަދު ސަޢީދު، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުންނާއި، އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިސްބޭފުޅުންނާއި، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އާދެ! މިއަދު ފާހަގަވެގެންމިދާ ޚިދްމަތަކީ، އަޅުގަނޑުމެންގެ އަތޮޅުތެރެއާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށާއި އަދި ލަސްނުވެ ޢާންމު ރައްޔިތުންނަށް ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން، މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގަޔާއި އަދި މި ސަރުކާރު ވުޖޫދަށް އައުމާ ހަމަޔަށް އަދި އޭގެކުރިންވެސް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދު ފުއްދުމުގެ ގޮތުން އެޅިގެންދާ މުހިންމު ފިޔަވަޅު. އިރާދަކުރެއްވިއްޔާ، މި ޚިދްމަތް ތަޢާރުފްވެގެން ދިޔުމާ އެކީގައި މިއަދު އަޅުގަނޑުމެންނަށް، ޞިއްޙީ ނިޒާމުގެ ތެރޭގައި، އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލަ ކަމަށްވާ، ރާއްޖޭގެ އެކިހިސާބުތަކުން ބަލިމީހުން، އެމީހުންނަށް ލިބެންޖެހޭ ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުވެ، ވަގުތުން ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމެއް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި ޤާއިމްވެގެން މިދަނީ. މި ޚިދްމަތް މިގޮތަށް ތަޢާރުފް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ދެކަމެއް ޙާޞިލުވެގެން ދިޔުން. ބަލިމީހާއަށް އެކަށީގެންވާ ފަރުވާ ލިބިދިނުމަށްޓަކައި، ދެން ދާނެ ދިމާއެއް ނޭނގި ހޭދަވާ ވަގުތު ކުޑަވެގެންދާނެ. އަދި ހަމައެޔާއެކީގައި، މާލެއަށް ބަލިމީހުން އައުމަށް މިހާރު ދިމާވާ މައްސަލައަށް ޙައްލު ލިބިދީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރޭގައި މިހާރު ކުރަމުންދާ ޚަރަދު، އިރާދަކުރެއްވިއްޔާ ވަރަށްބޮޑުތަން، މިކަމުގެ ސަބަބުން ކުޑަވެގެންދާނެ.
މި ޚިދްމަތް އިރާދަކުރެއްވިއްޔާ މިއަދު ތަޢާރުފްވެގެންދާއިރުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ އުންމީދަކީ، ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، މިއަހަރު ނިމެންވާއިރަށް، އެންމެ ލަސްވެގެންވެސް، މާތްﷲގެ ރަޙްމަތާއެކީގައި، މުޅި ރާއްޖެއަށް މި ޚިދްމަތް ތަޢާރުފް ކުރެވޭނެ ގޮތަކަށް، މިކަންތައްތައް ހަމަޖެއްސުން. އަޅުގަނޑު މި އުންމީދު ކުރަނީ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް، މިނިސްޓްރީ އޮފް ހެލްތާއި އަދި މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން، މި ޚިދްމަތް ތަޢާރުފް ކުރެވިގެންދާހިނދުގައި، އިރާދަކުރެއްވިއްޔާ މިދާ ނިސްބަތުން ރާއްޖޭގެ އެއްވެސް އަތޮޅެއް، އެއްވެސް ރައްޔިތަކު މަޙްރޫމް ނުވާނެ ގޮތުގެ މަތިން، އަހަރު ނިމެންވާއިރަށް 26 ލޯންޗް އިރާދަކުރެއްވިއްޔާ މުޅިން މަރާމާތުކޮށް ނިމި، މުޅި ރާއްޖެއަށް މި ޚިދްމަތް ތަޢާރުފް ކުރުން.
އަޅުގަނޑު، މިއަދު މި ޚިދްމަތް ތަޢާރުފް ކުރުމާއެކީގައި، ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ސަރުކާރުން އެންމެ މުހިންމު އިސްކަމެއް މިދެނީ، ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ އަތްމައްޗަށް ވާރުތަވި ވަރަށް ބަލިކަށިކޮށް އޮތް ނިޒާމެއް މުޅިން ކޮޅަށްޖެހުމުގެ މަސައްކަތް. ރާއްޖޭގެ ޞިއްޙީ ނިޒާމު އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި، އެ ނިޒާމުގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް ހުރި. އެއްކަމެއް، ދެކަމެއް ނޫން. ޞިއްޙީ މަރްކަޒުތަކަށް ބެލިކަމުގައިވީ ނަމަވެސް، މިތަންތަނުންދޭ ޚިދްމަތަށް ބެލިކަމުގައިވީނަމަވެސް، އަދި އެތަންތަނުގައި ހުރި މެޝިނަރީއާއި ފާޚާނާތަކަށް ބެލިކަމުގައިވީނަމަވެސް އަދި މިތަންތަނުގައި މަސައްކަތް ކުރަން ތިބި މުވައްޒަފުންނާއި، މެނޭޖް ކުރަން ތިބި މީހުންނަށް ބެލި ކަމުގައިވީނަމަވެސް، މިހުރިހާ ކަމަކަށް އަޅުގަނޑުމެން ޖެހުނީ، މުޅިން އަލުން ބަލުން މިކަމަށް އަޅުގަނޑުމެން ތައްޔާރުވެ، މި ނިޒާމު ކޮޅަށްޖަހަން.
މިދިޔަ ދުވަސްތަކުގެ ތެރޭގައި، 100 ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ރައީސް ޔާމީންގެ މުހިންމު ވަޢުދަކަށްވީ، ޞިއްޙީ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް، މި ޚިދްމަތް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. އެކަމަށްޓަކައި އަޅުގަނޑު ފާހަގަކުރަން. ރާއްޖޭގެ ތާރީޚުގައި ނިމިގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި، އެއްވެސް ސަރުކާރަކަށް، މިއަދާ ހަމައަށް އައިއިރުގައި، ގަވާއިދުން ޞިއްޙީ ނިޒާމުގެ ތެރެއަށް ފުރިހަމަ އޮނިގަނޑެއް، ޑޮކްޓަރުންނަށް ތަޢާރުފް ކުރެވިފައެއް ނެތް. އެހެން ނަމަވެސް، މި ސަރުކާރުން އެންމެ ފުރަތަމަ ކަމަކަށް މިއަދު އެއޮތީ ސިވިލް ސަރވިސްއާ ވާހަކަ ދެކެވިގެން، ރާއްޖޭގައި ފަރުވާދޭ ޑޮކްޓަރުންނަށް ފުރަތަމަފަހަރަށް އޮނިގަނޑެއް ތަޢާރުފް ކުރެވި، އެއޮނިގަނޑުގެ ދަށުން ޑޮކްޓަރުންގެ މުސާރަ ހަމަޖެހި، އިރާދަކުރެއްވިއްޔާ މިހާރު މިމަހުން ފެށިގެން އެ ގޮތުގެ މަތިން ޑޮކްޓަރުންނަށް މުސާރަ ލިބި އަދި އެ އޮނިގަނޑު އެގޮތަށް ފާސްވެގެންދާނެ. މީގެ ނަތީޖާއަކަށް ވެގެންދާނީ، މިއަދު އަތޮޅުތެރެއިންނާއި ރަށްރަށުން އަޅުގަނޑުމެންނާ ހަމައަށް މި އަންނަ ޝަކުވާ، ޑޮކްޓަރުން ނެތުމުގެ ޝަކުވާ، ބަލިމީހުންނަށް ވަގުތުން ފަރުވާދެވޭނެ ނިޒާމް ހުއްޓިފައި އޮންނަ އޮތުމަށް ނިމުމެއް ގެނެސް، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި، ދުއިސައްތައަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖެއަށް ރިކްރޫޓް ކުރެވިގެން، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެކިހިސާބުތަކަށް ދިމާވެފައި މިއޮތް މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.
އަޅުގަނޑު އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، މިއީ އެއް މަރްޙަލާ. އެކަމަކު މިޔާއެކީގައި ދެން އޮތް މުހިންމު އަނެއް ކަމަކީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުން އެބަޖެހޭ ރައްޔިތުންނަށް އެހީތެރިވާން. ރާއްޖޭގެ ޞިއްޙީ ނިޒާމު ހިންގަވަން ތިއްބެވި ބޭފުޅުން އެބަ ދަސްކުރައްވަންޖެހޭ، ރާއްޖޭގެ ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ދާއިރާއަކީ، ޞިއްޙީ ޚިދްމަތުގެ ދާއިރާކަން. މި ދާއިރާއަށް ބޭނުންވާ ޞިއްޙީ ސާމާނު ގެނެވިދާނެ. ޑޮކްޓަރުން ގެނެވިދާނެ. ސަރުކާރުން އޮނިގަނޑު ތަޢާރުފް ކުރެވިދާނެ. ސީ އެމްބިއުލެންސް ލޯންޗް ކުރެވިދާނެ. އެކަމަކު އެއަށްވުރެ މުހިންމު ކަމަކީ ޚިދްމަތުގައި ތިއްބެވި ބޭފުޅުން، މިތަންތަން މެނޭޖް ކުރައްވަން ތިއްބެވި ބޭފުޅުން، މިތަންތަން ހިންގަވަން ތިއްބެވި ބޭފުޅުން، އިޚްލާޞްތެރިކަމާއި، ޚާލިޞް ހިތަކާ އެކީގައި މި މަސައްކަތް ކުރުމަށްޓަކައި ތެދުވެވަޑައިގެންނެވުން. މިއިން ކޮންމެ މަސައްކަތަކީ، ތަކުރާރުކޮށް އެދިގެން، ތަކުރާރުކޮށް އިލްތިމާސްކޮށްގެން، ސިޓީތައް ގޮސްގެން، ޚިދްމަތް ކުރަން ތިއްބެވި ބޭފުޅުން ތެދުވާންޖެހޭ ކަމަކަށްވެއްޖެ ކަމުގައިވާނަމަ، ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅެއް ނުވާނެ. އަޅުގަނޑުމެން މުޅި ރާއްޖެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ކޮންމެ ރައްޔިތަކު، އަޅުގަނޑުމެންގެ ވަޒީފާއެއްގައި ތިބި ކޮންމެ މީހަކުގެ ހިތުގެ އެންމެބޮޑު ޝައުޤަކަށްވާންޖެހޭނީ، ތިމަންނަ މި ޚިދްމަތުގައި މިހިރީ، ހިތުން އެދިގެން، ލޯބިން ޚާލިޞްކަމާއެކީގައި ރައްޔިތުންނަށް ޚިދްމަތް ކުރުމަށް ކަމަށް ދެކިގެން. މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި މެނޭޖް ކުރައްވަން ތިއްބެވި ބޭފުޅުންނާއި، ހިންގަވަން ތިއްބެވި ބޭފުޅުން، ސިޔާސީ އެކި ފިކުރުގެ ތެރޭގައި ގެނބިގެން ގޮސް، މި ޚިދްމަތަށް ބުރޫއަރާ ފެންވަރަށް އެބައެއްގެ ސިޔާސީ ވިސްނުމާއި ފިކުރު ތަޣައްޔަރުވެއްޖެ ކަމުގައިވާނަމަ، އަޅުގަނޑަކަށް ރާއްޖޭގެ ޞިއްޙީ ނިޒާމަށް ކިތަންމެ ރަނގަޅަށް، އަޅުގަނޑުމެން ސީ-އެމްބިއުލެންސާއި، ޑޮކްޓަރުންނާއި އޮނިގަނޑު ތަޢާރުފްކުރި ކަމުގައިވީނަމަވެސް، މި ޚިދްމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި، ރައްޔިތުން ދެކެން ބޭނުންވާ ފެންވަރަށް ޚިދްމަތް އައުމުގައި ދަތިތަކެއް ހުންނާނެ. ސަރުކާރު މިކަންތައްތަކެއް ތަޙައްމަލެއް ނުކުރާނެ. ސަރުކާރު މި މަންޒަރު ބަލަން ނުތިބޭނެ. ޚިދްމަތް ދެއްވަން ތިއްބެވި، ހިންގަވަން ތިއްބެވި މެނޭޖަރުންނާއި، އެތަންތަން އެޑްމިނިސްޓްރޭޓިވް ގޮތުން ހަރުދަނާ ކުރައްވަން ތިއްބެވި ބޭފުޅުން، އެކަން އެގޮތަށް ބަލައިނުގަންނަ ކަމުގައިވާނަމަ، އެ އިޞްލާޙު، އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އޮނިގަނޑަށް އަންނާނެ. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތަޢާރުފު ކުރާނަން.
އަޅުގަނޑު އުންމީދު ކުރަނީ، މި ތަޢާރުފްވެގެންދާ ޚިދްމަތުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށްގިނަ ތަކުލީފުތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް. މި މަސައްކަތް ކުރިއަށް މިދަނީ މިއަދު ރައީސް ޔާމީންގެ ފުރިހަމަ ބެއްލެވުމުގެ ދަށުން އެމަނިކުފާނުގެ ވިސްނުންފުޅާއެކީ. އަޅުގަނޑުމެންގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި. މުޅި ކެބިނެޓް އެކީގައި ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި މިއޮތީ އަތާ އަތްގުޅާފައި. ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދްމަތްތަކަށް ބުރުލެއްނާރާނެ. މިއަދުގެ ސަރުކާރު އިރާދަކުރެއްވިއްޔާ އޮތީ ވަރުގަދަކޮށް. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި، ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ ކަންކޮޅުތަކަށް، ހުރިހާ ދާއިރާއަށް ދޭން ބޭނުންވާ އަދި ރައްޔިތުން ބޭނުންވާ ޚިދްމަތް، ފުރިހަމަގޮތުގައި، އިޚްލާޞްތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން. މިއަދު ތަޢާރުފްވެގެންދާ ޚިދްމަތް ފޯރުކޮށްދިނުމުގައި، ޚާއްޞަ ގޮތެއްގައި، މިނިސްޓަރ އޮފް ޑިފެންސް ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އަދި ޑިފެންސް މިނިސްޓްރީގެ ހީވާގި މުވައްޒަފުންނާއި، އަދި މިމަސައްކަތް ކުރިއަށް ގެންދެވުމުގައި، ކުރިއަށް އޮތް ދުވަސްތަކުގައި، ޑިފެންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ އެކީގައި ގުޅިގެން، މި ޚިދްމަތް ތަޢާރުފް ކުރުމަށް ނިންމެވީތީ، އާދެ! އެގޮތުގެ މަތިން މިއަދު މި ޚިދްމަތް ތަޢާރުފް ކުރެވިގެންދާތީ، މި ދެމިނިސްޓްރީގެ ހިންގެވުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށާއި، ދެމިނިސްޓަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޚާއްޞަ ޝުކުރެއް ތިޔަބޭފުޅުންނަށް އަދާކުރަން.
اللّـه سبحـانـه وتعـالى، މިއަދު މި ތަޢާރުފް ކުރެވިގެންމިދާ ޚިދްމަތަކީ، ރާއްޖޭގެ ރައްޔިތުންނަށް ފަހި، އަދި ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ތިބުމަށް މެދުވެރިވާ ރަނގަޅު ޛަރީޢާއެއް ކަމުގައި މިންވަރު ކުރައްވައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތައުފީޤާއި ބަރަކާތް، އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
_____________________________