ޗައިނާގެ އުރުމްގީގެ މާރުކޭޓް ސަރަޙައްދެއްގައި ދިން ބޮމުގެ ޙަމަލައިގައި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ޗައިނާގެ ރައީސް، ޒީ ޖިންޕިންގއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޖަރީމާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑު ޙައިރާންކަމަކާއި ނުތަނަވަސްކަމެއް ކުރިމަތިކުރުވި ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ޗައިނާގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި، ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކީ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، މިކަމުގައި ޗައިނާއަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ފުރިހަމަ އެބާރުލުންދެމުން ގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޙާދިޘާގައި އެތައް ބަޔަކު މަރުވެފައިވާތީ، ޗައިނާގެ ރައީސް ޒީ ޖިންޕިންގއަށާއި، ޗައިނާ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.