بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشـرف الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.
ހަވީރުގެ ޗެއަރ ޕަރސަން އަދި ބާނީ، އަޅުގަނޑުގެ އަޚު ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރައްވާފައިވާ ޚިދްމަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްފާޟިލް ސީނާ އަޙްމަދު ޒާހިރު އަދި އަލްފާޟިލް ޢުމަރު ޒާހިރު، ހަވީރުގެ ކޮންސަލްޓަންޓް ޑޮކްޓަރ ޢަލީ ރަފީޤު، ހަވީރުގެ އެޑިޓަރ މޫސާ ލަޠީފް، ހަވީރުގެ ހީވާގި ނޫސްވެރިންނާއި، އެންމެހާ މުވައްޒަފުންނާއި، މިރޭގެ މި އުފާވެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބައިވެރިން. އަދި މި އިޙްތިފާލު، ދުރާއި ގާތުން އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އާދެ! ވަރަށް ތާޒާކަމާއި އަދި ހޫނު ޚަބަރު، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި، އެފަދަ ދެވަނައެއް ނެތް [ހަވީރު]ގެ މިފަދަ އުފާވެރި ބައްދަލުވުމެއްގައި، ނޫސްވެރިންގެ ހަވީރަކާ އެއްކޮށް، ތިޔަބޭފުޅުންނަށް މިހާ ފިނި ދުވަހެއްގައިވެސް، މޫސުމީގޮތުން ފިނި ހަވީރެއްގައި، މި އިޙްތިފާލުގައި އަޅުގަނޑުމެން ހޭދަކުރާ މި ވަގުތުކޮޅަކީ، މިހާރު ހޫނުގަދަ ވަގުތުކޮޅަކަށް މިވަނީ ބަދަލުވެގެން ގޮސްފައި. ރާއްޖޭގެ އެތަކެއް ރައްޔިތުންނަށް، މަޢުލޫމާތާއި އަދި ޚަބަރު ގެނެސްދިނުމުގައި، ރާއްޖޭގެ ޙާލަތު އޭރު އޮތްގޮތުން، އެއްވެސް ވަސީލަތެއް ނެތް ޒަމާނެއްގައި، މި ހުސްކަން ފުރައިދެއްވައި، 1 ޖަނަވަރީ 1979 ވަނަ ދުވަހު، [ހަވީރު] ނޫސް ވުޖޫދަށް އައި އައުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދު ދިވެހިރާއްޖޭގެ އެތަކެއްހާސް ރައްޔިތުން ފަޚްރުވެރިވާނެފަދަ ނޫސްވެރިންނާއި، ޒުވާން ލިޔުންތެރިން އުފެދިގެންދިޔަ މައިގަނޑު ސަބަބު. [ހަވީރު] ވަނީ މި ދިގު ރާސްތާ ކަޑައްތު ކުރުމުގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކު ހިތްހަމަޖެހުމާއެކީގައި އުފާކުރާފަދަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައި.
ދެންމެ މި ޖަލްސާގައި ތިބިއިރުގައި، އަޅުގަނޑުމެންނަށް ކިތަންމެ ކުރުކޮށް ނަމަވެސް، ވަރަށް މުއްސަނދި މަޢުލޫމާތުކޮޅެއް ލިބިގެންދިޔަ. 1986 ވަނަ އަހަރު އަމިއްލަ ޗާޕްޚާނާއެއް އުފައްދައި، އޮފްސެޓް މެޝިން ގެނެސްގެން، [ހަވީރު] ދިވެހިންނާ ހަމަޔަށް ގެނެސްދޭން ފެށުމަކީ، އެއަށްފަހުގައި ފަޚްރުވެރި މާޒީއެއް ހަވީރުން ލިޔަމުންދިޔަ ދުވަސްތަކެއް. މިއަދު ރާއްޖޭގެ އެކިކަންކަމަށް، އެކި ދާއިރާއަށް ހަވީރު ނޫހުން ވަނީ އިސްކަންދީފައި. ތަފާތު އިޖުތިމާޢީ ކަންތައްތަކުގެ މައްޗަށް، ހަވީރުން ދީފައިވާ ސަމާލުކަމަކީ، މިއަދު އެކަމަށްޓަކައި ސަރުކާރަކުންވެސް ފަޚްރުވެރިވުން ޙައްޤު ކަންތައްތަކެއް. ފުޓްބޯޅަ ސީޒަންގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް 1994 ވަނަ އަހަރު، [ރަންބޫޓު] ތަޢާރުފް ކުރުން ވެގެންދިޔައީ، ރާއްޖޭގެ އެތަކެއް ޒުވާނުން، އެމީހުންގެ ނަން، ކޮންމެވެސް ބަޔަކު، ފަޚްރުވެރިކަމާއެކު ފާހަގަކުރުމަށް އިންތިޒާރު ކުރަމުންދިޔަ ނިމުމަށް، ނިމުމެއް އައި ދުވަހަކަށް. އަދި 1995 ވަނަ އަހަރު، އެންމެމޮޅު ކުޅުންތެރިޔާ ތަޢާރުފް ކުރަން ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ކުޅިވަރަށް، އިޖުތިމާޢީ ދާއިރާއަށް، ހަވީރުން ކުރަމުން ގެންދާ އަދި ދެމުންގެންދާ ސަމާލުކަމަކީ، ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ކަންތައްތަކެއް.
މިއަދު ޒަމާން ބަދަލުވެ، ޚަބަރާއި މަޢުލޫމާތު ހޯދުމުގައި، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯއިން ފެނިގެންދިޔަ ގޮތަށް، އަވަސްކަމަށް ވަގުތު ނެތް މުޖުތަމަޢަކަށް ކެތްމަދުވެފައިވާއިރުގައި، ހަވީރުގެ ވެބްސައިޓް ތަޢާރުފްކުރުން ވެގެންދިޔައީ، މިދެންނެވި ކަންތައްތަކަށް ލިބިގެންދިޔަ ބޮޑު ޙައްލަކަށް. މިއަދު އަޅުގަނޑު ފާހަގަކުރަން، މިރޭ، މި ޙަފްލާގައި، ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކު، މިނިވަންކަމާއެކު ސިޔާސީ ޚަބަރު ކިޔަން އަދި ސިޔާސީ ޚަބަރު ގެނެސްދޭ ފަރާތަކީވެސް، ޝައްކެއްނެތްގޮތުގައި، މިރޭގެ މި އިޙްތިފާލުން އަޅުގަނޑުމެން ފާހަގަކުރަމުންގެންދާ ހަވީރުކަމާމެދު އެއްވެސް މީހަކު ދެބަސްނުވާނެ. މިކަން ތަފާތު އެތަކެއް ޙާދިޘާތަކާއި، ރާއްޖޭގައި ނިމިގެން ގޮސްފައިވާ އެތަކެއް ކަންތައްތަކުން އަޅުގަނޑުމެންނަށް ސާބިތުވޭ. ރިޔާސީ އިންތިޚާބުގެ ކަވަރޭޖާއި، ރާއްޖޭގައި ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބުގެ ނަތީޖާތައް، އެކި ކަންކޮޅުތަކުން ތަފާތު ގޮންޖެހުންތައް ގިރާކުރުމަށްފަހުގައި، ހަވީރުން ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވާ ގޮތަކީ، އަޅުގަނޑު ދެކޭގޮތުގައި، ދެންމެ އަޅުގަނޑުމެންނަށް މި ސްޓޭޖްމަތިން އިނާމުތަކާއި ވަނަތައް ޙާޞިލު ކުރަމުން ގެންދިޔަ ޒުވާން ނޫސްވެރިން، ކިތަންމެ ކުޑަ ނަމަވެސް، ކޮށްފައިވާ ވަރަށްބުރަ މަސައްކަތްތަކެއް، ފަޚްރުވެރިވުން ޙައްޤު ކާމިޔާބީއެއް. ރާއްޖޭގެ އެކި ދާއިރާތަކަށް، އެކި ފަރާތްތަކުން ކޮށްފައި ހުރި އަގުހުރި މަސައްކަތް، ރައްޔިތުންނާ ހަމައަށް ގެނެސްދީ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ހޮވި ކުޅިވަރުގެ 20 ވަނަ ޤަރުނުގެ ރާއްޖޭގެ ކުޅިވަރު ޝަޚްޞިއްޔަތު، ހަވީރުން ހޮވުން ވެގެންދިޔައީ، މިއަދު އޭ.އެފް.ސީ.ފަދަ މުބާރާތްތައް ރާއްޖޭގެ މި ފަސްގަނޑުގައި ބޭއްވިގެންދާއިރުގައި، ކުޅިވަރުގެ ދާއިރާއިން އެއްވެސް އެއް މުއައްސަސާއަކުން މިއަދާ ހަމައަށް ކުރި އެންމެ އަގުހުރި މަސައްކަތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.
[ހަވީރު]ގެ ޢިއްޒަތްތެރި ޗެއަރ ޕަރސަން، ރާއްޖޭގެ ކުޅަދާނަ ގަލަންތަކުގެ ވެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން:
މިއަދުގެ ދުނިޔޭގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އާލާކުރުމުގައި، އެންމެ މުހިންމު މަޤާމެއް އަދާކުރަމުންދަނީ އަދި އަދާކުރާ ބަޔަކީ، ނޫސްވެރިކަމާއި ޚަބަރުފަތުރާ ވަސީލަތްތައްކަމާމެދު، އެއްވެސް މީހަކު ދެބަސްނުވާނެ. މިއަދުގެ ދުނިޔޭގައި އެ މަސްއޫލިއްޔަތު އަދާކުރުމުގައި، ވަރަށްފުޅާ ދާއިރާއެއްގައި މިނިވަންކަން ލިބިފައިވީނަމަވެސް، އެ މަސްއޫލިއްޔަތު އަދާކުރާގޮތާމެދު ވަރަށްގިނަފަހަރަށް ސުވާލު އުފެދޭ ޙާލަތްތައް މެދުވެރިވޭ. ދާދިފަހުން ސެންޓަރ ފޮރ އިންޑިޕެންޑެންޓް ޖަރނަލިޒަމްގެ ފަރާތުން ފާހަގަކުރިގޮތުގައި، މިސާލެއް ދެމުން، އެ ސެންޓަރުން ފާހަގަކޮށްފައިވަނީ، [ސިޑްނީ މޯނިންގ ހެރަލްޑް]ގައި، މެލޭޝިޔާގެ މިހާރުގެ ޕްރައިމް މިނިސްޓަރ ނަޖީބުއް ރައްޒާޤާއި، އޮޕޮޒިޝަން ލީޑަރ އަންވަރު އިބްރާހީމާ ބެހޭގޮތުން ވިކިލީކްގައި ޝާއިޢުކޮށްފައިވާ ލިޔުންތައް ފާހަގަވެގެންދިޔައިރުގައި، އެ ޚަބަރުތައް ވިކިލީކުން ނަގާފައި، މެލޭޝިޔާ، ސިންގަޕޫރުގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ގޮތަށް ބަލާއިރުގައި، ހަމައެކަނި އިސްކަންދީފައި އޮތީ ނުވަތަ އަމާޒުކޮށްފައި އޮތީ، މެލޭޝިޔާގެ އޮޕޮޒިޝަން ލީޑަރަށް ކަމަށްވުމުން، ޑިމޮކްރަސީއެއްގައި މިނިވަންކަމާއެކު، ރައްޔިތުންނާ ހަމައަށް ޚަބަރުތައް ގެނެސްދިނުމުގައި، ނޫސްވެރިން އަދާކުރާ ދައުރާމެދު ބައެއްފަހަރު ސުވާލު އުފެދޭ ކަމެއް.
އަޅުގަނޑުމެން ދިރިއުޅޭ މާޙައުލަށް ނޭވާލުމާއި، ކެއިންބުއިމާއި، ތަޢުލީމު އުނގެނުމާއި، އިންސާނީ ހަމަހަމަކަމާއި، ނަސްލުގެ ތަފާތުތައް ނައްތާލުމުގެ ޙައްޤު، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ފަދައިން، މިއަދު ބައިނަލްއަޤްވާމީ އިންސާނީ މުޢާހަދާ، ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތިން، 19 ވަނަ މާއްދާގައި، ކޮންމެ މީހަކަށްވެސް، އެމީހެއްގެ ޚިޔާލާއި ފިކުރު ފާޅުކުރުމާއި މަޢުލޫމާތު ލިބިގަތުމަކީ، ކަށަވަރުކޮށްދީފައިވާ ޙައްޤެއް. މިދެންނެވި ޙައްޤު، އަޅުގަނޑުމެން ރާއްޖެއަށް ގެނެސްދިން އަދި މިއަދު ތަޢާރުފްކޮށް ހިންގަމުންގެންދާ ރާއްޖޭގެ ދުސްތޫރުގައި ވަނީ ބިންވަޅު ނެގިފައި. ރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނެ ގޮތުގެ މަތިން، މިނިވަންކަމާއެކު ކޮންމެ މީހަކަށްވެސް، އެމީހެއްގެ ޚިޔާލާއި ފިކުރު ފާޅުކުރުމުގެ މިނިވަންކަން ދީފައިވޭ. އަދި އެމީހަކަށް ފެންނަ ޚިޔާލު، ބުއްދިއަށް ފެންނަގޮތް، ދުލާއި ޤަލަމުން ފާޅުކުރުމުގެ މިނިވަންކަންވެސް ދީފައިވޭ. ހަމަ މިޔާއެކު، ރާއްޖޭގެ ދުސްތޫރުގައި ވަރަށް ސާފުކޮށް މަސްދަރު ހާމަކުރުމުގެ މަޖުބޫރު ކަމެއްނެތި، ނޫސްވެރިކަން ކުރުމާއި، މުވާޞަލާތީ ވަސީލަތް ބޭނުންކުރުމުގެ މިނިވަންކަން، ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވޭ.
ޢިއްޒަތްތެރި ޙާޒިރީން:
މިއަދު އުނގެނުމާއި، އުނގަންނައިދިނުމާއި، މަޢުލޫމާތު ހޯދުމާއި ދިނުމުގެ މިނިވަންކަން ލިބިގެންވާއިރު، ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން މިކަންކަން ކަށަވަރުކޮށްދީފައިވާއިރު، ރާއްޖޭގައި މިއަދު ޤާއިމުވެފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚަބަރު ފެތުރުމާއި، އަދި ޑިމޮކްރަސީ ގެނައުމުގައި، ރާއްޖޭގެ ނޫސްވެރިން އަދާކޮށްފައިވާ ދައުރާމެދު ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑު މިއަދު ފަޚްރުވެރިވެ، އެ ނޫސްވެރިންނަށް ތަޢުރީފް އަދާކުރަން. މިއަދު ފާހަގަކުރަންޖެހޭނީ، ރާއްޖޭގެ ކުރިއެރުމުގެ ތެރޭގައި، ހަމައެކަނި ވިޔަފާރިއާއި، އިޤްތިޞާދީ ދާއިރާއާއި، ސިޔާސީ ދާއިރާއިން ޒުވާނުން ކާމިޔާބީތައް ޙާޞިލުކުރާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއާއެއްކޮށް، ނޫސްވެރިކަމުގެ ދާއިރާގައި ވަރުބަލިކަމެއްނެތި، ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯތަކުން ހާމަވެގެންދިޔަގޮތަށް، ސާބިތުކަމާއި، ހިތްވަރާއި އަދި ޖެހިލުމެއްނެތި ދިވެހިންނަށް ޙަޤީޤީ މަޢުލޫމާތު ފޯރުކޮށްދިން ނޫސްވެރިންގެ ތެރެއިންވެސް އަޅުގަނޑު ފާހަގަކުރަން، [ހަވީރު] ނޫސް އަދި [ހަވީރު]ގެ ނޫސްވެރިން އަލިގަދަކޮށް ވިދާލާފައިވާކަން ފާހަގަކޮށް، އެފަރާތްތަކަށް މިއަދު އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.
ޢިއްޒަތްތެރި ޙާޒިރީން:
އެތަކެއް ގޮންޖެހުންތަކެއްގެ ތެރެއިން މިއަދާ ހަމައަށް ދިވެހިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ހަވީރާއި އަދި ޚާއްޞަކޮށް ހަވީރުގެ ނޫސްވެރިން ޝައުޤުގައި ކޮށްފައިވާ މަސައްކަތަކީ، މީގެ އެތަކެއް ޒަމާނެއްގެ ކުރިން މިޞުރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރޭގައި އުފެދުނު ޝައުޤެއްގެ ތެރެއިން، މިހާރުގެ ނަމުންނަމަ، ޑޮކްޓަރ ޒާހިރު، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މަރްޙޫމް ފަތުޙުﷲ ޖަމީލްފަދަ ބޭފުޅުން، ކުދިކުދި މަޖައްލާތަކަށް ލިޔުއްވަން ފެށްޓެވި ލިޔުއްވުންތަކުގެ ޝައުޤު، ރާއްޖެއަށް އެނބުރި ވަޑައިގެން، 1970 ވަނަ އަހަރު، އެބޭފުޅުންގެ އަމާޒު ހިފީ [އަމާޒު] މަޖައްލާއަކަށް. އެއަށްފަހުގައި، މިއަދާ ހަމައަށް ދިވެހި ޤައުމަށް، އެތަކެއް ނޫސްވެރިންނަށް، ދިވެހި ޤައުމަށް މިފަދަ ބޮޑު ޚިދްމަތެއް ކޮށްދެއްވަމުން ގެންދަވާތީ، އެކަން އުފަލާއެކު ފާހަގަކޮށް، އެބޭފުޅަކަށްޓަކައި ޝަޚްޞީގޮތުން އަޅުގަނޑު ފަޚްރުވެރިވާ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، [ހަވީރު] ނޫހުގެ އެޑިޓަރ އަލްފާޟިލް މޫސާ ލަޠީފަށާއި، އެކި ދުވަސްވަރުގައި ހަވީރުގައި އެޑިޓަރުކަން ކޮށްފައިވާ ބޭފުޅުންނަށާއި، ހީވާގި ނޫސްވެރިންނަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން.
ޢިއްޒަތްތެރި ޙާޒިރީން:
މިއަދުގެ ސަރުކާރުން މިނިވަން ނޫސްވެރިކަން ޙިމާޔަތް ކުރުމަށާއި، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ނޫސްވެރިންނަށް، ނޫސްވެރިންގެ ޚިޔާލާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމާއި، އަދި މިއަދުގެ ސަރުކާރަކީ އެއްވެސް ހާލެއްގައި ނޫސްވެރިންގެ ޚިޔާލުތައް އެއްފަރާތް ކުރުމަށްފަހުގައި، އެ ޚިޔާލުތަކަށް، ފާޅުކުރާ ނޫސްވެރިންނަށް، އެކަމުގެ އަދަބު ލިބިދެވޭފަދަ ގޮތަކަށް ޢަމަލުކުރާނެ ސަރުކާރެއް ނޫން ކަމުގެ ކަށަވަރުކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. މީގެ އެންމެބޮޑު ސަބަބަކީ މިއަދުގެ ސަރުކާރަކީ، މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި، ނޫސްވެރިންގެ ބޮޑު މަސައްކަތެއް ޙިއްޞާވެގެން ވުޖޫދަށް އައިސްފައިވާ ސަރުކާރެއްކަން މި ސަރުކާރުން ހަނދާންކުރާތީ. ސަރުކާރެއްގެ ތެރޭގައި، ހިނގަމުންދިޔަ ކަންތަކާއި، އިންސާނީ ޙައްގުތަކާއި ކަރާމާތް ޒަޚަމްވެ، ޤައުމުގެ މުއްސަނދިކަމަށް ކަޅު ހިޔަނި އެޅުނު ވަގުތު، ރާއްޖޭގެ ހީވާގި ނޫސްވެރިން، ޚަބަރުފަތުރާ ވަސީލަތްތަކުން އަދި އެވަސީލަތްތަކުގެ ތެރޭގައި ޙަރަކާތްތެރިވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތަކީ މިއަދު މިޤައުމުގައި މިއޮތް ހަމަޖެހުމުގެ އެންމެބޮޑު އެއް އަސާސް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ޢިއްޒަތްތެރި ޙާޒިރީން:
ރާއްޖޭގެ ޑިމޮކްރަސީގައި، މި ތަޖުރިބާގައި މިއަދާ ހަމައަށް އަޅުގަނޑުމެންގެ ޤައުމު ކުރަމުން އައި ތަޖުރިބާގައި، މި ތަޖުރިބާގެ ތެރެއިން ރާއްޖޭގެ ނޫސްވެރިންވަނީ މި ޤައުމު ފަޚްރުވެރިވުން ޙައްޤު ޤުރްބާނީތަކެއްވެފައި. ނޫސްވެރިކަމުގެ މާޙައުލު، ބިރުވެރިކަމުގެ ތެރެއަށް ގޮސް، ބައެއް ތަންތަން އަލިފާނުގެ ހިތާމަވެރި ޙާދިޘާތަކުގެ ޝިކާރައަށްވި. ނޫސްވެރިން ވަނީ، ރާއްޖޭގެ މަގުމަތީގައި ހިނގާދިޔަ ކަންތައްތަކުގައި، ޖިސްމާނީ އަނިޔާތަކާއި ވޭންތައް އިޙްސާސްކޮށް، ތަޙައްމަލްކޮށްފައި. ނޫސްވެރިން ވަނީ ބިރުވެރި ޙަމަލާތަކުގެ ޝިކާރައަކަށްވެ، އަދި އަޅުގަނޑު ފާހަގަކުރަން، މަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދާފައި. ނޫސްވެރިން ވަނީ އަނިޔާއާއި، އެކިފަރާތްތަކުން ކުރިމަތިލި ބިރުދެއްކުމަށް ޖެހިލުމެއްނެތްކަން ހާމަކޮށްދީފައި. މިއަދުގެ ސަރުކާރުގެ އަބަދުވެސް އަމާޒަކަށްވާނީ، ނޫސްވެރިކަމުގެ މާޙައުލަކީ، ދިވެހި ދުސްތޫރަށް އަޅުގަނޑުމެން ބަލައިގެންފައިވާ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ހިނގާ އަދި ކުރިއަށްދާ ނޫސްވެރިކަމެއްކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދިނުން. މި ސަރުކާރަކީ ޚާއްޞަ ގޮތެއްގައި، ޒުވާނުންގެ އެޖެންޑާއަކާ އެކީގައި ޙަރަކާތްތެރިވާ ސަރުކާރަށްވާހިނދު، މިއަދުގެ ޒުވާން ނޫސްވެރިންނަކީ، މި ސަރުކާރު ފަޚްރުވެރިވާ ބައެއް. ދެންމެ މި ޙަފްލާގެ ތެރެއިން އެކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ. ޒުވާނުންނަށް، ނޫސްވެރިކަމުގެ ތެރެއިން އަދި ސޯޝަލް މީޑިއާތަކުގެ ތެރެއިން ސަރުކާރުގެ ޕްރޮގްރާމްތައް އެނގިގެން ދިޔުމަކީ، ތިޔަ ޒުވާން ނޫސްވެރިންނަށް، ސަރުކާރަށް ކޮށްދެވޭނެ އޮތް އެންމެބޮޑު އެއް އެހީތެރިކަން ކަން އަޅުގަނޑު ފާހަގަކުރަން. އަދި އެއީ، ސަރުކާރުގެ އުންމީދުކަން ކަންވެސް އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަނީ، ސަރުކާރުގެ ޕްރޮގްރާމްތައް ހިނގާ ގޮތުން، ނުވަތަ ކަން ހިނގާގޮތް ބަޔާންކުރުމުން ނުވަތަ އެގޮތުގެ މައްޗަށް ފާޅުކުރާ ލިޔުމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ބިރުދެއްކުން، ސަރުކާރުގެ އެއްވެސް ފަރާތަކުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން، އަޅުގަނޑުގެ ފަރާތުން އަދި އެއްވެސް ވަޒީރެއްގެ ފަރާތުން އައިސްގެން ނުވާނެކަން އަދި އެފަދަ އެއްވެސް ކަމެއް ހިނގައިދިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަރުވަން.
ޢިއްޒަތްތެރި ޗެއަރ ޕަރސަން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:
އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ މަޢުލޫމާތުތަކުންނާއި އަދި އިވިގެންދިޔަ ވާހަކަތަކުންވެސް އެނގިގެންދިޔައީ، ނޫސްވެރިކަމާއި ޚަބަރު ފެތުރުމަކީ، ޤައުމެއްގެ އެތަކެއް ރައްޔިތުންނެއް މަޢުލޫމާތަށް ފެންބޮވައިގެންފައިވާހިނދު، އެކަމަށް ފޯރުކޮށްދޭ ވަރަށްބޮޑު ޙައްލެއްކަން. އެކަމަށް ހަމަ އެގޮތަށް، އެ ޚަބަރެއް ފެތުރޭގޮތަކުން ނުވަތަ ޚަބަރެއް ފޯރުކޮށްދޭ ގޮތަކުން ރައްޔިތުންނަށް ޙަޤީޤަތް އޮޅި، ސިކުނޑި ތަޣައްޔަރުކޮށްލާ ޒަހަރަކަށް، ޚަބަރެއް ނުވަތަ މަޢުލޫމާތެއް ވެގެން ދިޔުމަކަށް، މާގިނަ ވަގުތެއް ނުނަގާކަން، ރާއްޖޭގައިވެސް ބައެއްފަހަރު ކަންތައްތައް ހިނގާފައިވާ ގޮތުން، އަޅުގަނޑުމެންނަށް އެނގިގެން ގޮސްފައިވޭ.
މިއަދު އަޅުގަނޑު ފާހަގަކުރަން، މިރޭގެ މި ޙަފްލާގައި، ހީވާގިކަމާއެކީގައި މަސައްކަތްކުރި އެތަކެއް ނޫސްވެރިންނެއް، ފަޚްރުވެރިކަމާ އެކީގައި އެވޯޑްތައް ގެންގޮސްފި. ހަވީރު ނޫހުގައި ވަރަށްގިނަ ނޫސްވެރިންނަކީ ރާއްޖޭގެ އެކިއެކި ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ވަރަށް ގާތުން ބަލާ ބައެއްކަން، ދެންމެ ވީޑިއޯތަކުން ހާމަވެގެން ހިނގައްޖެ. އަޅުގަނޑުވެސް އެކަން ތަޖުރިބާ ކުރަން. އެކަމަކު މިއަދު ސަރުކާރަކަށް ބާރުދޭ ކަމަށް ބެލެވޭ ބައެއް ޚަބަރުފަތުރާ އިދާރާތަކުންވެސް ބިނާކުރުވަނިވި މަސްއޫލިއްޔަތެއް އޮތްކަން ގަބޫލުކޮށްގެން، ޒިންމާދާރުވެރިވެ، ޚާލިޞް ހިތަކާއެކު، މި ޤައުމު ނުވަތަ މި މުޖުތަމަޢު ތަޢުމީރު ކުރުމުގެ ބަދަލުގައި ހެނދުނުން ފެށިގެން ހަވީރަށް، ހުކުރުން ފެށިގެން ހުކުރަށް ކައްޗަށް ބޮޑެތި ރިޕޯޓްތައް ހަދައި ފަޒާއަށް ވިހަދޫކުރަން ފަށައިފިނަމަ، އަދި ވިހަދޫކުރަމުންދާތަން މިއަދު ފެންނައިރުގައި، އެފަދަ ނޫސްވެރިކަމަކީ ބަޔަކު ހީސަމާސާކޮށް، މަޖަލަކަށްކުރާ ކަމަކަށް ބަދަލުވެގެން ހިނގައިދާނެ.
ޢިއްޒަތްތެރި ޙާޒިރީން:
ނޫސްވެރިކަމާއި ޚަބަރުފެތުރުމަކީ، ނުވަތަ ތިމާގެ އަމިއްލަ މަޖަލަކަށް ނުވަތަ ތިމާގެ އަމިއްލަ މުނިފޫހިފިލުވުމަކަށް ކުރާ ކަމަކަށް ވެގެންނުވާނެ. ނޫސްވެރިކަމަކީ ތިމާގެ އަމިއްލަ ޒާތީ މަންފާއާއި މަޞްލަޙަތު ކުރިއެރުވުމަށް ކުރާ ކަމަކަށް ނުހެދުމަށްވެސް ރާއްޖޭގެ މަޢުލޫމާތު ފެތުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑުވެސް އިލްތިމާސް ކުރަން. އެގޮތަށް އެވާހަކަ ދައްކަން މިޖެހެނީ، އެކަން އެގޮތަށް މަޖަލަކަށް، ސަމާސާއަކަށް ކުރާ ކަމަކަށް ވެގެން ހިނގައްޖެނަމަ، ތިޔަބޭފުޅުންގެ ޞަފްޙާތަކުގައި، ތިޔަބޭފުޅުންގެ ޙަފްލާތަކުގައި، ތިޔަބޭފުޅުންގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ފާހަގަކުރާ ޑިމޮކްރަސީގައި ރާއްޖެއަށް ދިމާވި ގޮންޖެހުންތައް ފާހަގަކުރާ ފަދައިން، އެއްވެސް ޝައްކެއްނެތްގޮތުގައި، ޚަބަރުފަތުރާ ވަސީލަތްތަކާއި ނޫސްވެރިކަމާ ދޭތެރޭގައިވެސް މި ޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ނެތި، ގެއްލި އަދި މުޅިން ޚަބަރުފެތުރުމާއި ނޫސްވެރިކަމާމެދު ސުވާލު އުފެދިގެންދާނެ. އަޅުގަނޑު މިއަދު އުފަލާއެކު ފާހަގަކުރަން، މިދެންނެވި ހުރިހާ ގޮންޖެހުންތަކުގެ ތެރެއިންވެސް ހަވީރު ނޫހަކީ ވަކި ޚާއްޞަ އަމިއްލަ ވިޔަފާރިއާއި، އަމިއްލަ މަޞްލަޙަތާއި، ސިޔާސީ ވަކި ފިކުރެއް ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ނޫހަކަށް ނުވާކަން، ގިނަ ބަޔަކު ގަބޫލުކުރާތީ، ހަވީރު ނޫހަށް ލިބިފައިވާ އިތުބާރާއި އަދި ބުރަދަން ބޮޑުވެފައިވާކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ޝަކުވާތަކުގެ ތެރެއިންވެސް، ތިޔަ ނޫސްވެރިންނާމެދު ބައެއްފަހަރު އަޅުގަނޑުމެންގެވެސް ޝަކުވާތައް އެބަހުރި. އެހެން ނަމަވެސް، އެ ޝަކުވާތަކުގެ ތެރެއިންވެސް މިހާރުވެސް ތިޔަ ހިފަހައްޓަވަމުން ގެންދަވާ އިންފާރު ހިފެހެއްޓެވޭތޯ މަސައްކަތް ކުރެއްވުމަށް ދަންނަވަމުން، ހަވީރު ނޫހުގެ އެންމެހާ ނޫސްވެރިންނަށް އަޅުގަނޑު ޙައްޤު ޝުކުރު އަދިވެސް އެއްފަހަރު އަދާކުރަން.
އަޅުގަނޑު ވަރަށް ބޮޑަށް އުފާވި، ދެންމެ މި ޙަފްލާގައި ދެކެވިގެންދިޔަ ވާހަކަތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި، ޙަޤީޤަތް ހޯދުމުގެ މައްޗަށް ކުރުކޮށް ނަމަވެސް ވާހަކަދެކެވިގެން ދިޔައީތީ. އަޅުގަނޑު ދެކޭގޮތުގައި، ނޫސްވެރިކަން ކުރުމުގެ މަސައްކަތުގައި، ޙަޤީޤަތް ހޯދުމަށާއި އަދި ހަމައެޔާއެކީގައި ޙައްޤު ހޯދުމަށް، ކުރިއަރާފައިވާ ޤައުމުތަކުން ކުރާފަދަ މަސައްކަތް، އަޅުގަނޑުމެންގެ ނޫސްވެރިންވެސް ކުރަމުންދާތަން ފެނުމަކީ، ރާއްޖޭގައި ޙަރަކާތްތެރިވާ ޢާންމު ފަރުދެއްގެ ޙައިޘިއްޔަތުން އަޅުގަނޑުވެސް ދެކެން ބޭނުންވާ ދުވަހެއް. ޚާއްޞަ ގޮތެއްގައި ޙައްޤުތައް، ގެއްލިފައިވާ ޙައްޤުތައް ހޯދުމަށްޓަކައި ނޫސްވެރިން މަސައްކަތްކުރާ ތަން ފެނުމަކީ، ރާއްޖޭގެ ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއް. މިއަދު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ނޫސްވެރިން ވަރުބަލިކަމެއްނެތި، މިމަސައްކަތް ކުރަމުންދާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ޚާއްޞަ ގޮތެއްގައި، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި، ޢުމުރު ހަމަނުވާ ކުދިންނާއެކު ބަދުއަޚްލާޤީ ޖިންސީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ނުރައްކާ، އެފަރާތްތަކުގެ ޙަޤީޤަތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި، ދުނިޔޭގެ ނޫސްވެރިން ހޯދާފައިވާ ކާމިޔާބީ މިއަދު ފާހަގަވެގެންދޭ. މިކަން ދާދިފަހުން އިނގިރޭސިވިލާތުގައި ހިނގާދިޔަ ދެތިން ޙާދިޘާއަކުން އެނގިގެންދޭ. މަޝްހޫރު ޕަބްލިސިސްޓް ޕީ.އާރު. ގްރޫޕް، މެކްސް ކްލިފޯޑް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މަޝްހޫރު ޝަޚްޞިއްޔަތެއް. 1977 އިން ފެށިގެން 1984 އާ ދެމެދު ހިންގާފައިވާ ޖިންސީ ގޯނާތަކުގެ މައްސަލަ ފެންމަތިވެ، ތަޙުޤީޤު ކުރެވި މިއަދު އެވަނީ 8 އަހަރު ދުވަހަށް ޖަލަށް ޙުކުމް ކުރެވިފައި. މި މަސައްކަތުގެ ތެރޭގައި، 14 އަހަރާއި 19 އަހަރުގެ ކުދިންނަށް ޖިންސީ ޙަމަލާދީ ގޯނާކުރުން ފާހަގަކޮށް، އެކަން ފަޅާއަރުވައި އެކަން ސާބިތުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރީ ނޫސްވެރިއެއް. އިނގިރޭސިވިލާތުގެ މަޝްހޫރު ޓީ.ވީ ޕްރެޒެންޓަރެއް ކަމުގައިވާ ޖިމީ ސެވިލް، އޭނާ މަރުވުމަށްފަހުގައިވެސް އޭނާ ހިންގާފައިވާ ކުށްތައް ބަލައި، ކުޑަކުދިންނާމެދު އޭނާ ހިންގާފައިވާ ޖިންސީ ގޯނާތަކުގެ މައްސަލަ ބަލައި، ތަޙުޤީޤުކޮށް، މިއަދާ ހަމައަށް 589 މީހުން، އޭގެތެރޭގައި ކުޑަކުދިން، އެތަކެއް ސަތޭކަ ކުޑަކުދިންވާކަން ފާހަގަކޮށް، އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައީވެސް ހަމަ ނޫސްވެރިން.
ޢިއްޒަތްތެރި ޙާޒިރީން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:
އަޅުގަނޑު އެދެނީ، ދިވެހި ޤައުމުގެ ނޫސްވެރިންވެސް، ރާއްޖޭގެ މިއަދުގެ އިޖުތިމާޢީ ޙާލަތަށް މިއަށްވުރެ ބޮޑަށް އަލިއަޅުއްވާލެއްވުން. އަޅުގަނޑު އެދެނީ، އަންހެނުންގެ ޙައްޤުތަކާމެދު މިއަށްވުރެ ފުޅާކޮށް ނޫސްވެރިން ވާހަކަ ދެއްކުން. އަޅުގަނޑު އެދެނީ އަޅުގަނޑުމެން މި ދިރިއުޅެމުންގެންދާ މާޙައުލު، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންގެ ތިމާވެށްޓާ ބެހޭގޮތުން ނޫސްވެރިން ބަޙުޘް ކުރުން. އަޅުގަނޑު ހަމަ އެޔާއެކީގައި އެދެން، ރާއްޖެއަކީ ޒުވާނުންގެ ރާއްޖެއަކަށްވާތީ، ގިނަ ޒުވާނުންތަކެއްގެ ކެކުޅުންތަކާއި އިޙްސާސްތަކުގެ މައްޗަށް، މިއަދަށްވުރެ ފުޅާކޮށް ނޫސްވެރިން ވާހަކަ ދައްކައި ގަލަން ހިންގުން.
ޢިއްޒަތްތެރި ޙާޒިރީން:
އަޅުގަނޑު އެދެނީ، ދިވެހި ނޫސްވެރިކަމަކީ، ތެދު މަޢުލޫމާތު ގެނެސްދޭ، ޒިންމާދާރު ބަޔަކަށްވުމާއެކު، މުޖުތަމަޢުގެ ޙަޤީޤީ މައްސަލަތައް ދޫނުކޮށް، އެ މައްސަލަތަކުގެ ޙަޤީޤަތް ހޯދާ ބަޔަކަށްވުން. ޞައްޙަ ނޫން މަޢުލޫމާތުތަކުން އެއްކިބާވުން. އެކަމުގެ ފިތުނައިން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދިނުން. އެއީ، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑު. އެއީ، އިސްލާމީ ޝަރީޢަތުން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ ހަމަ. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، ސޫރަތުލް ޙިޖުރާތުގެ 6 ވަނަ އާޔަތުގައި، يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ. މި އާޔަތުގެ މާނައަކީ، [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގު ތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ. އެއީ ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.]
އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންނަށް ތެދު ގަބޫލުކުރުމާއި ފޯރުކޮށްދިނުމުގެ ހެޔޮ ތައުފީޤު މާތް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ދިވެހި ނޫސްވެރިންނަށް ކުރިއެރުމާއި، ކެތްތެރިކަމާއި، ހިތްވަރު މިންވަރު ކުރެއްވުން. ހަވީރު ނޫހަށާއި، ޚަބަރުފަތުރާ އެންމެހާ ފަރާތްތަކުން ކުރާ ހެޔޮ މަސައްކަތުގައި، اللّـه سبحـانـه وتعـالى ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
_____________________________