ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ ފިލިޕޭ ލަހުއާރޭ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ބައްޓަން ކުރައްވާފައިވާ ގޮތުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓަށް ދެއްވިއެވެ. މިގޮތުން، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަށާއި، އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ލަނޑުދަނޑިތައް ޙާޞިލު ކުރެއްވުމަށްޓަކައި ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް އެއްފަހަރާ ޚަރަދު ކުރުމުގެ ބަދަލުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ދާއިރާތަކަށް އަހަންމިއްޔަތުކަމެއް ދެއްވައިގެން ދައުލަތުގެ ފައިސާ ބޭނުންކުރުމަށް ރާއްވަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާ ތަރައްޤީގެ ދާއިރާތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓާ ޙިއްޞާ ކުރެއްވިއެވެ.

ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ދެއްކެވި ވާހަކަފުޅުގައި، އެ މުއައްސަސާއިން ތަރައްޤީގެ މަޝްރޫޢުތައް ރާއްވަވާނީ އެޤައުމެއްގެ ސަރުކާރުގެ ޚިޔާލުފުޅާ އެއްގޮތަށް ކަމުގައި ވިދާޅުވިއެވެ.