بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء ‏والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.‏

‏އެންމެހާ ލޮބުވެތި ދަރިވަރުން، ދަރިވަރުންގެ ޢިއްޒަތްތެރި މަންމައިންނާއި ‏‏ބައްޕައިން، ލޮބުވެތި މުދައްރިސުން، ތަޢުލީމީ ދާއިރާގެ އިސްބޭފުޅުން، އެންމެހާ ޢިއްޒަތްތެރިން. ‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏އާދެ! ޝައްކެއްވެސްނެތް، މިރޭގެ މި އުފާވެރި މުނާސަބަތުގައި، ތިޔަކުދިންނާ ‏‏ބައްދަލުކޮށް، ތިޔަކުދިން ތިޔަކުރި މަސައްކަތުގެ އަގުހުރި ނަތީޖާ، ދިވެހި ދައުލަތަށާއި، މުޅި ‏‏ދުނިޔެއަށް ފެނިގެންދާ ވަގުތެއްގައި، ތިޔަކުދިންނާ ބައްދަލުކޮށް، ތިޔަކުދިންނަށް މަރްޙަބާ ކިޔަން ‏‏މިފުރްޞަތު ލިބުނު ކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކީ ﷲގެ ޙަޟުރަތަށް ޙަމްދުކޮށް ‏‏ޝުކުރު ކުރަމުން، ތިޔަ އެންމެ ކުދިންނަށް އުފަލާއެކު މަރްޙަބާ ކިޔަން. ‏

‏އާދެ! ޝައްކެއްވެސްނެތްގޮތުގައި، ތިޔަކުދިންނަށް މަރްޙަބާ ކިޔާއިރު، ‏‏ތިޔަކުދިންނަށް އެނގޭނެ، ތިޔަކުދިންގެ މި ކާމިޔާބުގެ ފަހަތުގައި، ތަފާތު އެތަކެއް ‏‏ފަރާތްތަކެއްވާކަން. ޝައްކެއްވެސްނެތްގޮތުގައި، ތަޢުލީމީ ޙަޔާތެއް، ފުރަތަމަ މަރްޙަލާ ‏‏ނިމިގެންދާއިރު، ކުދިންގެ މުދައްރިސުންގެ މަތިން ހަނދާނެއް ނުނެތޭނެ. އަދި ތަޢުލީމީ ދާއިރާގެ ‏‏އިސްބޭފުޅުންގެ ފަރާތުންވެސް ހަނދާނެއް ނުނެތޭނެ. އެހެން ނަމަވެސް، އެޔާއެކީ ތިޔަކުދިންނަށް ‏‏ތިޔަހާ ބުރަ މަސައްކަތެއްކޮށް، އަދި ޙަޔާތުގެ އެހެން ކަންކަމާ ދޭތެރޭގައި ވިސްނަންނުޖެހި، ‏‏ތިޔަކުދިން މިހިސާބަށް ތަރުބިއްޔަތުކޮށްދިން މައިންބަފައިންނަކީ، މިރޭގެ އެންމެ ފަޚްރުވެރި ‏‏ޝުކުރުގެ ޙައްޤުވެރިން. އެކަމަށްޓަކައި ތިޔަ އެންމެ ކުދިންގެ ލޮބުވެތި މަންމައިންނަށް، ‏‏ބައްޕައިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ ދަންނަވައި ޝުކުރު ދަންނަވަން.‏

‏އާދެ! މި ފަހަކަށްއައިސް، މިއިން ކޮންމެ ޖަލްސާއަކީ، ދިވެހިރާއްޖެ، ދިވެހި ‏‏ދައުލަތް، ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި އުފާތަކެއް ގެނެސްދޭ ޙަފްލާތަކެއް. އާދެ! މިކަހަލަ ‏‏ކޮންމެ ޖަލްސާއަކުން އަޅުގަނޑުމެންނަށް ފެނިގެންދަނީ، ދުނިޔޭގެ އެންމެމަތީ ވަނަތަކުގައި ‏‏ދިވެހިކުދިން ޝާމިލުވާތަން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ދުނިޔޭގެ އެންމެމަތީ ‏‏ވަނަތަކުން ދިވެހިކުދިން މަތީ ފާސް ހޯދާތަން. މަތީ ކާމިޔާބުތައް ޙާޞިލުކުރާތަން. މުޅި ‏‏ދުނިޔެއިން އިނގިރޭސިން 1 ވަނަ، މުޅި ދުނިޔެއިން ހިސާބުން 1 ވަނަ، މުޅި ދުނިޔެއިން ‏‏އެކައުންޓިންގ އިން 1 ވަނަ، އަދި މިހެންގޮސް އެތަކެއް މާއްދާތަކުން މުޅި ދުނިޔެއިން 1 ‏‏ވަނަ، މިއީކީ ކުޑަކުޑަ އެކޮމްޕްލިޝްމަންޓެއް ނޫން. މިކަހަލަ މަތީ ޝަރަފްވެރި ވަނަތައް ‏‏ދިވެހިރާއްޖެއަށް، ދިވެހި ލޮބުވެތި ކިޔަވާކުދިން ގެނެސްދޭތާ ދުވަސްތަކެއް ވެއްޖެ. ‏‏ޝައްކެއްވެސްނެތްގޮތުގައި، މިކަމުން އަޅުގަނޑުމެންނަށް ދައްކައިދެނީ، ދިވެހި ކުދިންގެ ‏‏ޤާބިލުކަން. އަދި އެކުދިންގެ މުދައްރިސުން، އެކުދިންނާ ދޭތެރޭގައި ބަހައްޓަވާ އޯގާތެރިކަމާއި، ‏‏ކިޔަވައިދެއްވުމުގެ ފެންވަރު. ‏

‏ކޮންމެ ސްކޫލެއްގެ އަހަރު ނިމިގެންދާއިރު، އަހަރީ ރިޕޯޓް އިވޭއިރު އަދި ޢާންމު ‏‏ޖަލްސާތަކުގައި އަޅުގަނޑުމެން ބަލައިލަންޖެހެނީ، އެ އަހަރެއްގައި ނިމިދިޔަ ކަންތައްތަކާ ‏‏ދޭތެރޭގައި. ހުވަފެންތައް ޙަޤީޤަތަށްވޭ. އެހެން ނަމަވެސް، ހުވަފެނެއް ނުފެނުމަކީ، ‏‏ފެއިލިއަރަކަށްވެސް ވާކަށްނުޖެހޭ. އަދި ހުވަފެނަކުން ޙަޤީޤަތެއް ޙާޞިލުކުރި ކަމުގައިވި ‏‏ނަމަވެސް، އެ ޙަޤީޤަތަކީ ދާއިމީ ޙަޤީޤަތަށް ނުވެދާނެކަމާ ދޭތެރޭގައި، ތިޔަ އެންމެ ކުދިން ‏‏ވިސްނަންޖެހޭ. އެހެން ނަމަވެސް، ޙަޔާތަކީ ހުވަފެންތަކެއްގެ މައްޗަށް ބިނާކޮށް، އުންމީދުތަކެއްގެ ‏‏މައްޗަށް ބިނާކޮށް ފަށާ ދިގު ދަތުރެއް. މިރޭ މި އުފާވެރި ޖަލްސާގައި، އެތަކެއް ކުދިން ވަނީ މި ‏‏ޝަރަފްވެރި ވަނަތައް ޙާޞިލުކޮށްފައި. އަޅުގަނޑަށް އެހުރިހާ ކުދިންގެ ނަންތައް އަދި ‏‏އިޢުލާނުވެގެން ދިޔުމުގެ ކުރިންވެސް ތިޔަ އެންމެ ކުދިންނަށް މަރްޙަބާ ކިޔައި ތަހުނިޔާ ކިޔަން. ‏‏އާދެ! މުޅި ދުނިޔެއިން 1 ވަނަ ހޯދި ކުދިން މަދެއް ނޫން. ހުރިހާ ލޮބުވެތި ދަރިވަރުންނަށް ‏‏އަދި ލޮބުވެތި ދަރިވަރުންގެ ޓީޗަރުންނަށް، މަންމައިންނަށް، ބައްޕައިންނަށް އިޚްލާޞްތެރިކަމާއެކީ ‏‏މަރްޙަބާ ދަންނަވައި، ތަހުނިޔާ ކިޔަން.‏

‏އާދެ! ތަޢުލީމުގެ ފުރަތަމަ މަރްޙަލާ މިވަނީ ކަޑައްތު ކުރެވިފައި. ތިޔަކުދިންނަށް ‏‏އެކިއެކި ހުނަރުތައް މިވަނީ އުނގެނިފައި. ތިޔަކުދިންގެ އިންތިޒާރުގައި ވަނީ ފުރްޞަތުތައް. ‏‏ތިޔަކުދިންގެ އިންތިޒާރުގައި ވަނީ ގޮންޖެހުންތައް. ތިޔަކުދިންގެ އިންތިޒާރުގައި ވަނީ ‏‏އުފާވެރިކަން. ހަމައެހެންމެ، ތިޔަކުދިންގެ އިންތިޒާރުގައި، މަދުން ނަމަވެސް ހިތްދަތި ‏‏ކަންތައްތަކާ ކުރިމަތިލާންޖެހޭނެ. މިއީ ޙަޔާތުގެ ދަތުރު. ތިޔަކުދިންނަށް އެތަކެއް ހުނަރުތަކެއް، ‏‏ދުނިޔޭގައި އުޅުމުގެ، ތިޔަކުދިން ކުރަން ބޭނުންވާ މަސައްކަތެއް، ކާމިޔާބުކަމާއެކީ ކުރުމުގެ އަދި ‏‏މަތީ ތަޢުލީމާ ހަމައަށް ވާސިލުވާން ތިޔަކުދިން ބޭނުންވާ އެތަކެއް ހުނަރުތަކެއް، މި ސްކޫލްގެ ‏‏ފިލާވަޅުތަކުން ތިޔަކުދިންނަށް ދަސްކޮށްދޭ. މަދްރަސާގެ ފުރަތަމަ މަރްޙަލާ ނިމިގެންދާއިރު، މަތީ ‏‏ޘާނަވީ ތަޢުލީމަށް، ނޫނިއްޔާ ޔުނިވަރސިޓީ ތަޢުލީމަށް، ނޫނިއްޔާ އަދި އެއަށްވުރެ މައްޗަށްދާ ‏‏ކަމަށްވަންޏާ، ތިޔަކުދިންނަށް ޝައްކެއްވެސްނެތްގޮތުގައި ހުނަރުތަކެއް ލިބޭނެ. ތަފާތަކަށްވަނީ ‏‏މިއަދު ތިޔަކުދިން ތިޔަ ފަށަނީ، ތިޔަކުދިންގެ ޙަޔާތުގެ އަމިއްލަ ދަތުރު. ތިޔަކުދިންނަކީ، ލޮބުވެތި ‏‏މަންމައިންނާއި ބައްޕައިންގެ ހިޔާވަހިކަމުގެ ދަށުގައި މިއަދު މިހާ ހިސާބަށް އައިއްސަ ތިބި ‏‏ކުދިން. އެހެން ނަމަވެސް، މަތީ ޘާނަވީއާ ހަމައަށްދާއިރު، ހުރިހާ ކުދިންނަކީ މި އުފާވެރި ‏‏ކަމުގައި ތިބޭނޭ ކުދިންނަށްނުވެ ހިނގައިދާނެ. ވަރަށްގިނަ ކުދިންނަކީ، އެކި ދިމަދިމާލުން ‏‏އެކިގޮތްގޮތަށް ލިބޭ ސްކޮލަރޝިޕްގައި ކިޔަވާ ކުދިންނަށް ވެދާނެ. ރާއްޖޭގައިވެސް އަދި ‏‏ރާއްޖެއިން ބޭރުގައިވެސް. އެހެން ނަމަވެސް، ތިޔަކުދިންނަށް ހުރި ފުރްޞަތުތަކާ ދޭތެރޭގައި، ‏‏ތިޔަކުދިން ވިސްނާއިރު، ތިޔަކުދިން ގަބޫލުކުރަންޖެހެނީ، ތިޔަކުދިން މިހާރު ކުރިމަތިލައި ‏‏ތިޔަތިބީ، ނޫނިއްޔާ ނޭވާ ތިޔަލަނީ ޙަޤީޤީ ދުނިޔެއާކަން. ތިޔަކުދިން ކިޔަވަން ރާއްޖެއިން ‏‏ބޭރަށްދާކަމަށްވަންޏާ، ދުނިޔޭގެ އެކި ޘަޤާފަތްތަކާ ތިޔަކުދިން ބައްދަލުކުރާނެ. ދުނިޔޭގެ ތަފާތު ‏‏ނަސްލުތަކުގެ މީހުން ދިރިއުޅޭގޮތް، ތިޔަކުދިންނަށް ފެންނާނެ. ދުނިޔޭގެ އެކި ހިސާބުގައި، ތަފާތު ‏‏މީހުންގެ ވިސްނުން ހުންނަގޮތާއި އަދި ތިޔަކުދިން މިހާތަނަށް ކިޔަވާފައި ހުރި އެއްޗަކާއި، ‏‏ތިޔަކުދިންގެ ޢަޤީދާއާ ސުވާލުކުރާ އެތަކެއް ކަމެއް، ތިޔަކުދިންނާ ކުރިމަތިލާނެ. އެހެންވީމާ، ‏‏އަޅުގަނޑުމެން އިނގިރޭސިބަހުން ކިޔާ ކަމަށްވަންޏާ، މި ބުނަނީ، ‏welcome to the real ‎world‏ އޭ. އާދެ! ޙަޤީޤީ ދުނިޔެއަށް ތިޔަކުދިންނަށް މަރްޙަބާ ކިޔޭ ފުރަތަމަ މަރްޙަލާ، ‏‏ތިޔަކުދިން މިރޭ ތިޔަ ފަށްޓަނީ. އެހެން ނަމަވެސް، ތިޔަކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ‏‏އަދިވެސް ލޮބުވެތި މަންމަޔަކާއި ބައްޕައެއްގެ އޯގާތެރި ބެލުމުގެ ދަށުގައިވާ ކުދިން، ހިޔާވަހިކަމުގެ ‏‏ދަށުގައިވާ ކުދިން. އެހެން ނަމަވެސް، މިކަމެއް މާގިނަދުވަހަކު ދެމިނޯވެ ހިނގައިދާނެ. ‏

‏އަޅުގަނޑު ތިޔަކުދިންނަށް ކުރާ އިލްތިމާސަކީ، ޙަޤީޤީ ދުނިޔެއާ ކުރިމަތިލާއިރު، ‏‏ޙަޤީޤީ މައްސަލަތަކާ ކުރިމަތިލާއިރު، ގޮންޖެހުންތަކާ ކުރިމަތިލާއިރު، ތިޔަކުދިންގެ ‏‏އިންތިޒާރުގައިވާ ފުރްޞަތުތަކާ ތިޔަކުދިން ކުރިމަތިލާއިރު، މީގެ އެންމެ ފުރިހަމަ ބޭނުން، ކޮންމެ ‏‏ކުއްޖަކުވެސް ހިފާށޭ. މަދްރަސާއިން ދަސްވެނިވެގެން ނުކުންނާނީ، ބައެއްކަހަލަ ހުނަރުތައް ‏‏ލިބިގެން. ހުރިހާ ކަމަކީ ދަސްކޮށްދޭނެ ކަންކަމެއް ނޫން. ހުރިހާ ކަންކަމާ ދޭތެރޭގައި ޓެކްސްޓް ‏‏ފޮތްތަކެއް ލިޔެފައެއް ނުހުންނާނެ. ވަރަށްގިނަ ކަންކަމަކީ، ތިޔަކުދިންނަށް ނަގައިދީފައި މިހިރަ ‏‏އަސާސީ ހުނަރުތަކުގެ އަލީގައި، ތިޔަކުދިންގެ ވިސްނުމާއި، ތިޔަކުދިންގެ އިންޓަރރެކްޝަނާއެކީ، ‏‏ތިޔަކުދިން ތަރައްޤީ ކުރާނެ ތިޔަކުދިންގެ ކެރެކްޓަރ. އެކަން ތިޔަކުދިންނަށް ކާމިޔާބުކަމާއެކީ ‏‏ކުރެވިއްޖެ ކަމަށްވަންޏާ، ތިޔަކުދިންނަށް ދަސްވެނިވުމުގެ ނަޞީބު ލިބުނު ކަމަށް ތިޔަކުދިން ‏‏ގަބޫލުކުރާނެ. އުފާވެރި ޙަފްލާއަކުން މޮޅު ކުދިންތަކެއް ފެނިގެންދާނެ. އެހެން ނަމަވެސް، ‏‏އެކުދިންގެ ޙަޤީޤީ މޮޅުކަން ފެނިގެންދާނީ، އެކުދިން ކިޔެވި އެއްޗެއް އެކުއްޖަކަށް، އެކުއްޖަކަށް ‏‏ދިމާވާ ޙާލަތްތަކުގައި ބޭނުންކުރަން އެނގޭ މިންވަރުގެ މޮޅުކަމުން. މަދްރަސާގައި ‏‏ކިޔަވައެއްނުދޭނެ، އެކުއްޖާ ކިޔެވި ކޮންމެ އެއްޗެއް އެޕްލައިކުރާނެ ގޮތެއް. އެޕްލައި ކުރާނެގޮތް، ‏‏އެކުއްޖާ ދަސްކުރަންޖެހެނީ، މަސައްކަތުގެ ވެށިން. ނޫނިއްޔާ އަޅުގަނޑު މިދެންނެވި ކަހަލަ ‏‏ތަފާތު އިންޓަރރަކްޝަންތަކުން. ދިވެހިރާއްޖެއަށް ބޭނުންވާ ފަންނުތައް ވަރަށް ތަފާތު. ‏‏ދިވެހިރާއްޖެއަށް ބޭނުންވާ ފަންނުތައް ވަރަށްގިނަ. ‏

‏ދިވެހިރާއްޖެއަކީ ޒުވާނުންގެ އާބާދީ އޮތް، ޒުވާނުންގެ ދިވެހިރާއްޖެއެއް. ‏‏ދިވެހިރާއްޖެ ކުރިއަށް ގެންދަން ބޭނުންވަނީ، މިދެންނެވި ތަފާތު ޚިޔާލުތައް އެޕްލައިކޮށްގެން، ‏‏އަޅުގަނޑުމެން މިހާރު މިއޮތް މަރްޙަލާއިން މައްޗަށް ޖައްސާލެވޭނެ މަރްޙަލާއަކަށް އަމާޒުކުރާނެ ‏‏ހީވާގި، ހުނަރުވެރި އަދި މަސައްކަތް ކުރަން ކެރޭނެ ޤާބިލު ޒުވާން ކުދިންތަކެއް، މި ‏‏މަސައްކަތަށް ނުކުމެގެން. މިވާހަކަ ދަންނަވާއިރުވެސް، އުފާވެރިކަމާއެކީ، އަޅުގަނޑު އުފަލާއެކީ ‏‏މިރޭ ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މިއަހަރުގެ ތެރޭގައި، ‏‏ދިވެހިރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމްވެގެންދާނޭ. މަދްރަސާ ކުދިންނަށް ބޭނުންވާ ‏‏ތަފާތު އެތަކެއް ކަންތައްތަކެއް ދިވެހިރާއްޖޭގައި ހުރިހާ ސަރުކާރުތަކަކުންވެސް ވަނީ ‏‏ކޮށްދެއްވާފައި. މިއަދު މިކަހަލަ އުފާވެރި ޙަފްލާއެއްގައި، މިހުރިހާ ސަރުކާރުތަކަކުން އަދި ހުރިހާ ‏‏ސަރުކާރުތަކެއްގެ ރައީސުންނާއި އަދި ތަޢުލީމާބެހޭ ދާއިރާތަކާ ޙަވާލުވެ ތިއްބެވި ވަޒީރުން ‏‏ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ ނަތީޖާ، އަޅުގަނޑުމެންނަށް ދުނިޔޭގެ ޗާޓުން ފެނިގެން ‏‏މިދަނީ. އެހުރިހާ ބޭފުޅުންނަށް، ދިވެހިރާއްޖެއަށް، ހިއުމަން ރިސޯސް ތަރައްޤީ ކުރުމަށް، ‏‏އިންސާނީ ވަސީލަތްތައް މިހާ ފުޅާ ދާއިރާއެއްގައި ޤާއިމުކުރެއްވުމަށް ކުރައްވާފައި ހުރި ‏‏މަސައްކަތްތައް، މިކަހަލަ ކޮންމެ އުފާވެރި ޖަލްސާއެއްގައި، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެސް، ‏‏ހަނދާނަށް ގެނެސް، މިހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. ‏

‏އަދި ދިވެހި ކިޔަވާ ކުދިންނަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ‏‏އަޅުގަނޑުމެން ދަސްވެނިވަނީ ހަމައެކަނި ފޮތްތަކަކުންނެއް ނޫން. އަޅުގަނޑުމެން ވާންޖެހެނީ ‏‏ތަރުބިއްޔަތު. އަދި އެޔާއެކީ ސްކޫލްތަކުން ނޫނިއްޔާ ސަރުކާރުން، ސްކޫލްތައް ހިންގާ ފަރާތުން ‏‏ކުދިންނަށް ކޮށްދެވޭނެ ކަންތައްތަކުގެ ތެރޭގައި، ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތާއި އަދި ‏‏ކުދިންނަށް ބޭނުންވާ ކަންކަން ޙާޞިލުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރާ ތަފާތު ކަންތައްތަކެއް ‏‏އެބަހުރި. މިކަންތައްތަކަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅުނުއިރު، އަޅުގަނޑުގެ ‏‏ޕާޓީގެ ފަރާތުން އަޅުގަނޑުގެ މެނިފެސްޓޯގައި، އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯގައި، ދިވެހި ‏‏ކިޔަވާ ކުދިންނަށް ކޮށްދޭން ކަނޑައަޅާފައި ހުރި ކަންކަން. މީގެތެރޭގައި ވަރަށްގިނަ ‏‏ކަންތައްތަކަކީ، މިހާރު އިރާދަކުރެއްވިއްޔާ، ޢަމަލީގޮތުން ފެށިފައި ހުރި ކަންކަން. މީގެތެރޭގައި ‏‏ވަރަށް އަވަސް ފުރްޞަތެއްގެ ތެރޭގައި، ޚާއްޞަކޮށް، އަންހެން ކުދިންނަށް އަމާޒުކޮށްގެން، ‏‏އަންހެން ކުދިންނަށް އަމާޒުކޮށްގެން ހެލްތް ސްކްރީނިންގ މަސައްކަތް، ރާއްޖޭގެ އެކި ހިސާބުގައި ‏‏ފެށިގެންދާނެ. ﷲގެ ރަޙްމަތާއެކީ، އެކިއެކި ކަންތައްތައް ދެނެގަތުމަށް، ނޫނިއްޔާ ނުރައްކާތެރި ‏‏ބަލިތަކުން ސަލާމަތްވުމަށް، ނޫނިއްޔާ އެކިއެކި ބަލިތައް، އޭގެ އެންމެ ކުރީކޮޅުގައި ‏‏ދެނެގަތުމަށްޓަކައި، މި ހެލްތް ސްކްރީނިންގގެ މަސައްކަތްތައް، މިއަހަރުގެ ތެރޭގައި، ‏‏އަތޮޅުތަކުގައި ހުރި ހުރިހާ ސްކޫލްތަކެއްގައި، އަދި މާލޭގެ ސްކޫލްތަކުގައިވެސް ފެށިގެންދާނެ ‏‏ކަމަށް އަޅުގަނޑަށް އުންމީދު ކުރެވޭ. ‏

‏އަޅުގަނޑު މިރޭ އެކިއެކި މަތީ ވަނަތައް ޙާޞިލުކުރި ކުދިންނަށް މަރްޙަބާ ‏‏ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ތަފާތު ވާހަކައެއް އެބައޮތް. ‏‏ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ ދަސްވެނިވުމުގެ ޕްރޮގްރާމެއް ނިމި، ނޫނިއްޔާ، ‏‏ސަނަދުތަކެއް ހާޞިލްވެގެންދާ ޖަލްސާގައި، ކުދިންނަށް، އެކުދިންގެ ޚިދްމަތުން ސަރުކާރު ‏‏ބިނާކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާނެ ތަފާތު އެތައް ބޭފުޅުންނެއް ތިއްބަވާނެ. މިރޭގެ ‏‏ޖަލްސާގައި، ދެންމެ މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމްވެސް މިކަހަލަ ވަރަށްގިނަ ‏‏ވާހަކަފުޅުތައް ދައްކަވައިފި. އަޅުގަނޑަށް އެނގޭ، މިއީ އަޅުގަނޑުވެސް ދައްކަންޖެހޭ ވާހަކަ. ‏‏ހަމަ ކުރުގޮތަކަށް އަޅުގަނޑު ތިޔަ ހުރިހާ ކުދިންގެ ފަރާތުން އެދެނީ، ތިޔަކުދިން ކިޔެވި ‏‏އެއްޗެއްގެ ބޭނުންހިފައިގެން، ދިވެހި ދައުލަތް އަޅުގަނޑުމެން އަމާޒުހިފަން މި ބޭނުންވާ ‏‏މިޞްރާބަށް ދިޔުމުގައި، ތިޔަކުދިންގެ އެހީތެރިކަން ބޭނުމޭ. މި ދިވެހިރާއްޖެއަކީ ތިޔަ ހުރިހާ ‏‏ކުދިންގެ ދިވެހިރާއްޖެ. މިތަނަށް ހަމަޖެހުން އައިއްސިއްޔާ، ހަމަޖެހުމުގެ ހުރިހާ ޙިއްޞާއެއްގެ ‏‏ބައިވެރިންނަށް ތިބީ ތިޔަކުދިން. މިތަން ހަލާކުވާކަމަށްވަންޏާ، އެ ހަލާކުވުމުގެ ހިތި ނަތީޖާއާއި، ‏‏ނޫނިއްޔާ ހަލާކުވުމުގައި ޙިއްޞާދާރުންގެ ގޮތުގައިވެސް ވާންތިބީ ހަމަ ދިވެހި ޒުވާނުން. ‏‏ކިޔަވައިގެން ތިބި ކުދިންނާއި، ކިޔަވާ ކުދިންނާއި، އެނޫން އެހެން ކުދިންނާ ހުރި ތަފާތަކީ، ‏‏ކިޔަވާ އެއްޗެއްގެ ބޭނުން، އީޖާބީ ގޮތެއްގައި ހިފައިގެން، އީޖާބީ ދިވެހިރާއްޖެއެއް ބިނާކުރަން ‏‏ކުރާ މަސައްކަތް. މިއީ އަޅުގަނޑުމެން އިންސާނުންނާ ހައިވާނުންނާވެސް ހުރި ތަފާތަކީ. ބުއްދީގެ ‏‏ބޭނުންކޮށްގެން އަދި އެ ކިޔެވުނު އެއްޗެއްގެ ބޭނުންގެ ބޭނުންހިފައިގެން، އީޖާބީ ގޮތެއްގައި، ‏‏އެކުދިންގެ ޙަޔާތުގެ ރާސްތާ ކަނޑައަޅައި، އެ ރާސްތާގައި ހިނގަން ކުރާ މަސައްކަތުގެ ނަތީޖާ. ‏

‏އެހެންވީމާ، އަޅުގަނޑު ވަރަށް ކުރުކޮށް، މި އިލްތިމާސްކޮށްލުމާއެކީ، އަޅުގަނޑު ‏‏ހުރިހާ ކުދިންނާ ތަންކޮޅެއް ޕްރައިވެޓްކޮށް، އަމިއްލަ ޝަޚްސީ ވާހަކައެއް ދަންނަވާލަން ‏‏ބޭނުންވޭ، ކޮންމެ ކުއްޖަކަށް އަމާޒުކޮށް. ‏

‏އަޅުގަނޑު ދަންނަވާލިން، މިއީ ތިޔަކުދިންގެ ތަޢުލީމީ ޙަޔާތުގެ ފުރަތަމަ ‏‏މަރްޙަލާ ނިމުނީއޭ. ޝައްކެއްވެސްނެތްގޮތުގައި، ތަޢުލީމީ ޙަޔާތުގެ ނިމުމެއް ނޫން މިއީކީއެއް. ‏Far from that‏ މި އަދި ފެށުނީ މި. މަތީ ތަޢުލީމަށް ދާންތިބި ކުދިން، އިރާދަކުރެއްވިއްޔާ، ‏ﷲގެ ރަޙްމަތާއެކީ، މީގެތެރެއިން ގިނަ ކުދިންނަކީ އެ ފުރްޞަތު ތަނަވަސްވެ، މިކަން ‏‏ޙާޞިލްވާނޭ ކުދިން. އެހެން ނަމަވެސް، ތަފާތަކީ މިހާރު ތިޔަ ފަށްޓަނީ ތިޔަކުދިންގެ އަމިއްލަ ‏‏މަސައްކަތް. ދިރިއުޅުމުގެ ހަނގުރާމަޔާވެސް ކުރިމަތިލާން މިޖެހެނީ. އަބަދަކު މަންމަޔާއި އޯގާތެރި ‏‏ބައްޕައެއްގެ އެހީތެރިކަން ލިބޭނެކަމަށް އިންތިޒާރުކުރާކަށް ނުވާނެ. މަންމަޔާއި ބައްޕަގެ ‏‏އޯގާތެރިކަމާއި އަދި ބަޖެޓްގެ ފަސޭހަކަން، ތިޔަކުދިންގެ ހަގު ކޮއްކޮމެންނާ ހަމަޔަށް ދާން ‏‏އެބަޖެހޭ. ތިޔަކުދިންނަކީ މިހާރު ބޮޑެތިވެފައި ތިބި ކުދިން. އެހެންވީމާ، ތިޔަކުދިންނާ ‏‏މުޚާޠަބުކޮށް، އަމިއްލަ ވާހަކައެއް، ހަމަ ތިޔަކުދިންނަށް ކޮންމެވެސްކަހަލަ ޢިބްރަތެއް ލިބޭތޯ ‏‏ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ. ‏

‏އާދެ! ޙަޔާތުގެ ދަތުރަކީ އުފާވެރި ދަތުރެއް. ޙަޔާތުގެ ދަތުރަކީ އުންމީދުތަކެއްގެ ‏‏މައްޗަށް ބިނާކުރާ ދަތުރެއް. ޙަޔާތުގެ ދަތުރަކީ ހުވަފެންތަކެއްގެ މައްޗަށް ބިނާކުރާ ދަތުރެއް. ‏‏ބާއްޖަވެރި ޙަޔާތެއް ބިނާވެގެންދާނީ، ހުވަފެންތަކެއް ދެކޭ މީހަކަށް. ބާއްޖަވެރި ޙަޔާތެއް ‏‏ބިނާވެގެންދާނީ، ލިބިގެންދާނީ، މިދެންނެވި ކަހަލަ އުންމީދުތަކެއް ކުރާ މީހަކަށް. އުންމީދެއް ‏‏ނެތިއްޔާ، ދިރިއުޅުމުގައި ކުރިއަށްދާނެ ހުވަފެނެއް ނުފެންނަ ކަމަށްވަންޏާ، ދިރިހުރުމުގެ ބޭނުމެއް ‏‏އޮތްތޯވެސް ސުވާލު އުފެދޭ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ދިރިއުޅުމުގެ މި ޙަޔާތަކީ، ‏‏މިޙަޔާތުގެ ދަތުރަކީ، ދިގު ދަތުރެއް. އެކަމަކު މީގެ އުފަލަކީ، މިހާރު މި ފަށާ ޙަޔާތުގެ ދަތުރުގެ ‏‏މަންޒިލް ކަނޑައަޅާނީ ތިޔަކުދިން. ހުއްޓާނެ މަންޒިލްތައްވެސް ކަނޑައަޅާނީ، ތިޔަކުދިން. ދާނެ ‏‏ރާސްތާގެ ދިގުމިންވެސް ކަނޑައަޅާނީ ތިޔަކުދިން. ތިޔަކުދިންގެ އަމިއްލަ ހަޔާތުގެ ހުރިހާ ކަމެއްގެ ‏‏ކޮމާންޑް، ކޮންޓްރޯލް ނަގާ ކުދިންނަށް، މިއަދު މި ބަދަލުވަނީ ތިޔަކުދިން. މިހާ ހިސާބަށް ‏‏ތިޔަކުދިން ދަތުރު ފަށާއިރު، މައިންބަފައިންގެ ފަރާތުން އަދި މުދައްރިސުންގެ ފަރާތުން ‏‏ތިޔަކުދިންނަށް ދެނީ އަގުހުރި ހުނަރުތަކެއް. މި ހުނަރުތަކަކީ، ފޮތްތަކަކުން ކިޔަވައިދޭ އެއްޗެއް. ‏‏ކެމިސްޓްރީ ލެބްގައިވެސް ނަގައިދޭ ފިލާވަޅުތަކެއް. ފިޒިކްސް ލެބްގައި ނަގައިދޭ ފިލާވަޅުތަކެއް. ‏‏ގުނަކުރުމުންވެސް ނަގައިދޭ ފިލާވަޅުތަކެއް. އެޕްލައި ކުރުމަކީ، ތިޔަކުދިން ކުރަންޖެހޭ މަސައްކަތް. ‏‏އެ ހިފުނު ބޭނުމެއް، ރަނގަޅު ގޮތުގައި ކުރިއަށް ގެންދިޔުމަކީ، ތިޔަކުދިން ދަސްކުރަންޖެހޭ ‏‏ފަންނެއް. ދަސްކުރަންޖެހޭ ހުނަރެއް. އެހެންވީމާ، މި ދަތުރު ފަށާއިރު، ތިޔަކުދިންނަށް އެބަ ‏‏އެނގޭ، ތިޔަކުދިންނަކީ މި ދަތުރުގެ މާލިމީން. އަދި ތިޔަކުދިންނަކީ މިދަތުރުގެ ‏‏އޮޑިވެރިންވެސްމެ. އޮޑި ދުއްވަން ތިބި މީހުންވެސްމެ. އޮޑި ފަރަށްއަރާނީ، ތިޔަ ކުދިންގެ ‏‏ނާޤާބިލުކަމުން. ހިޔާވަހިކަމުގެ އައްސޭރިއަށް، ސަލާމަތުގެ އައްސޭރިއަށް ދާނީ، ތިޔަކުދިންގެ ‏‏މޮޅުކަމުން. ހުއްޓާނެ މަންޒިލްތައް، ބަނދަރުތައް ކަނޑައަޅާނީ ތިޔަކުދިން. ބަނދަރުން ފުރާނެ ‏‏ގަޑި ކަނޑައަޅާނީ ތިޔަކުދިން. ‏

‏އެހެންވީމާ، ޙަޔާތުގެ ދަތުރު ފަށާއިރު، ތިޔަކުދިން ގަބޫލުކުރަން ޖެހެނީ، ‏‏މަދްރަސާއިން މިވަނީ ފިލާވަޅުތަކެއް ނަގައިދީފައޭ. ހުނަރުތަކެއް ނަގައިދީފައޭ. ހުނަރުގެ ‏‏ބޭނުންހިފާއިރު، ތިޔަކުދިން ގަބޫލުކުރަންޖެހެނީ، އަމިއްލަގޮތުން ވިސްނަންޖެހެނީ، ދާދި ‏‏ފަސޭހައިން ތިޔަކުދިންނަށް އެނގޭނެ، ތިޔަކުދިން ކުރި ޚިޔާލުތައް، ނޫނީ ތިޔަކުދިން ‏‏ކުރަމުންގެންދާ ޚިޔާލުތައް ބަސްތަކަކަށް ބަދަލުވެގެންދާނެ. ތިޔަކުދިން ބޭނުންކުރާ ބަސްތަކަކަށް ‏‏ބަދަލުވެގެންދާނެ. އަދި އެބަސްތައް އިސާހިތަކު ތިޔަކުދިން ޢަމަލުކުރާ އުޞޫލުތަކަކަށް ‏‏ބަދަލުވެގެން ހިނގައިދާނެ. އަދި ތިޔަކުދިން ޢަމަލުކުރާ އުޞޫލުތަކަކީ، ތިޔަކުދިން ލޯބިކުރާ ‏‏އުޞޫލުތަކަކަށްވެގެން ހިނގައިދާނެ. އަދި އެ އުޞޫލުތަކަކީ، ތިޔަކުދިން ލޯބިކުރާ ކަންކަން، ‏‏ތަމްސީލުވެގެންދާ ކަންތައްތަކަށްވެގެން ހިނގައިދާނެ. ތިޔަކުދިން ލޯބިކުރާ އުޞޫލުތަކަކީ، ‏‏ތިޔަކުދިން ލޯބިކުރާ ކަންތައްތަކަކީ، ތިޔަކުދިންގެ ޠަބީޢަތު ކަމަށް، ތިޔަކުދިންގެ މިޒާޖު ކަމަށް ‏‏ކަނޑައެޅިގެން ހިނގައިދާނެ އިސާހިތަކު. ‏

‏ކޮންމެ ކުއްޖެއްގެ މިޒާޖާއި، ކޮންމެ ކުއްޖެއްގެ ސުލޫކު ބިނާވަނީ، މިދެންނެވި ‏‏މަރްޙަލާގެ މިދެންނެވި ކަންތައްތަކުގެ މައްޗަށް. ތިޔަކުދިންގެ މިޒާޖާއި، ތިޔަކުދިންގެ ޠަބީޢަތަކީ، ‏‏އިސާހިތަކު ތިޔަކުދިންގެ ކެރެކްޓަރ ދެނެގަންނަން ކަމަކަށް ބަދަލުވެގެން މިދަނީ. އަދި ‏‏ތިޔަކުދިންގެ ކެރެކްޓަރއަކީ ތިޔަކުދިންގެ ޑެސްޓިނީ ކަނޑައަޅާ އެއްޗަކަށްވެގެން މިދަނީ، ‏‏ތިޔަކުދިންގެ ކެރެކްޓަރ. މީހަކު ނުބައިވެގެންދަނީ، މީހަކު ބޮޑު މީހަކަށް ވުމަށްފަހު، އެމީހަކު ‏‏ނުބައިވެގެންދަނީ، މިދެންނެވި ގޮތަށް، އެމީހެއްގެ ކެރެކްޓަރ ޝޭޕް ކުރުމުގައި، އެމީހަކު އަޅާ ‏‏ކަތި ފިޔަވަޅު. މީހަކު ވަގަކަށްވަނީ، ވައްކަން ކުރަނީ، ނޫނިއްޔާ މީހަކު ޤާތިލަކަށްވަނީ، އެމީހާގެ ‏‏ކެރެކްޓަރ، އެމީހާ ޝޭޕްކުރާ ހިސާބުން. އެކަމަކު ކެރެކްޓަރ ޝޭޕްކުރާ ހިސާބަށް އައިސް، ‏‏އެމީހެއްގެ ކެރެކްޓަރ އިން އެމީހެއްގެ ޑެސްޓިނީ ކަނޑައަޅާ ހިސާބަށް މި އަންނަނީ ‏‏މަރްޙަލާތަކަކަށްފަހު. މި މަރްޙަލާތައް ފެށިގެން މި އަންނަނީ، އެންމެ ޒުވާން ދައުރުގައި. ‏‏ފުރަތަމަ ތިޔަ ކުދިންގެ ޚިޔާލުތައް. ފުރަތަމަ ތިޔަކުދިން ޙަޔާތާ ދޭތެރޭގައި ކުރާ އުންމީދުތައް، ‏‏ކުރާ އިންތިޒާރުތައް، ލިބެންހުރި ފުރްޞަތުތައް ބޭނުންހިފަން ބޭނުންވާގޮތް. ‏

‏މިކަންކަން އެންމެ ފުރަތަމަ އަޅުގަނޑުމެންނާ ހަމަޔަށް، އެހެން އިންސާނުންނާ ‏‏ހަމަޔަށް އަންނަނީ، ތިޔަކުދިންގެ ބަސްތަކުން. ތިޔަކުދިންގެ ބަސްމަގު ބަހައްޓާގޮތުން، ‏‏ތިޔަކުދިންގެ ވިސްނާ ވިސްނުން މި އެނގެނީ. ތިޔަކުދިންގެ ސިކުނޑީގައި ދަތުރުކުރާ ކަންކަން ‏‏މި އެނގެނީ، ތިޔަކުދިންގެ ބަސްމަގު ހުންނަގޮތުން. ތިޔަކުދިންގެ ބަސްތައް، ތިޔަކުދިން ‏‏ބޭނުންކުރާގޮތުން. އިސާހިތަކު މި ބަސްތައް ބަދަލުވެގެން މިދަނީ، ތިޔަކުދިން ޢަމަލުކުރާ ‏‏އުޞޫލުތަކަކަށް. ތިޔަކުދިންގެ ބަސްމަގު ބަދަލުވެގެންދާނީ، ތިޔަކުދިން ކަންކަމާ ދޭތެރޭގައި ‏‏ތިޔަކުދިން ޢަމަލުކުރާ އުޞޫލަތަކުން. މި އުޞޫލުތައް ބަދަލުވެގެން މިދަނީ، ތިޔަކުދިންގެ ‏‏މިޒާޖަށް، ތިޔަކުދިންގެ ސުލޫކަށް، ތިޔަކުދިންގެ ޠަބީޢަތަށް. ތިޔަ ކުދިންގެ ޠަބީޢަތު، އިސާހިތަކު ‏‏ފެނިގެން މިދަނީ، ތިޔަކުދިން ލޯބިކުރާ ކަންކަން ފެނިގެން މިދަނީ، ތިޔަކުދިންގެ ކެރެކްޓަރ ‏‏ޝޭޕްކުރާ ކަންކަމުގެ ތެރޭގައި. ކެރެކްޓަރ ޝޭޕްކުރުމާއެކީ، އެ ކެރެކްޓަރ މި ކަނޑައަޅައިދެނީ، ‏‏ތިޔަކުދިންގެ ޑެސްޓިނީ. މި ޙަޔާތުގެ ދިގު ދަތުރުގައި، އެހެން ނަމަވެސް، ހުރި ކުރު ‏‏މަރްޙަލާތައް. މި މަރްޙަލާތަކަކީ، ކޮމްޕާޓްމަންޓްތަކަކަށް ބަހާލައިގެން، ކޮންމެ ކުއްޖަކަށް މިއިން ‏‏ކޮންމެ މަރްޙަލާއެއްގައި، 5 އަހަރު ހިމެނޭ ކަމެއް ކަމަކަށް ނުބުނެވޭނެ. 2 މަސްދުވަސް ހިމެނޭ ‏‏ކަމަކަށް ނުބުނެވޭނެ. މިއިން ކޮންމެ ކުއްޖެއްގެ ބެސްޓް ޖަޖަކީ ތިޔައިން ކޮންމެ ކުއްޖަކު. ‏‏އެކަމަކު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއިން ކޮންމެ ކަމެއް ރަނގަޅު ގޮތުގައި ޝޭޕް ކުރުމުގެ ‏‏ހުނަރުތައް، މިއަދު ތިޔަކުދިންނަށް ތިޔަވަނީ ޙާޞިލްވެފައި. ދަސްވެނިވުމުގެ ޕްރޮގްރާމްތަކުން ‏‏ތިޔަ ކުދިންނަށް ނަގައިދޭ ފިލާވަޅަކީ މިއީ. އެހެންވީމާ، ކަންކަން ގޯސްވީމަ، މުޖްތަމަޢު ‏‏ގޯސްކުރުމުގެ ފުރްޞަތު، ތިޔަކުދިންނަށް ނެތް ވާހަކަ ބުނެލަން، އަޅުގަނޑު މި ފުރްޞަތުގެ ‏‏ބޭނުން މި ހިފަނީ. ކަންކަން ގޯސްވީމަ، މިއީ ﷲގެ އިރާދައިގައި ތިމަންނައާ ދޭތެރޭގައި ‏‏މިންވަރުފުޅު ހުރިގޮތޭ ބުނުމުގެ ފުރްޞަތު ނެތް ވާހަކަ، އަޅުގަނޑު ތިޔަކުދިންނަށް ‏‏ހަނދާންކޮށްދޭން، މިފުރްޞަތުގެ ބޭނުން މި ހިފަނީ. ކަންކަން ގޯސްވަނީ، އެކުދިން ދުނިޔެއަށް ‏‏އަންނައިރު، ކަންކަން ގޯސްކޮށް ހުންނާތީކީ ނޫން. ކޮންމެ ކުއްޖަކީ، އެކުއްޖާގެ ޑެސްޓިނީ ޝޭޕް ‏‏ކުރުމުގައި، ފުރިހަމަ ޒިންމާތަކެއް، ބޮޑު މަސްއޫލިއްޔަތެއް، އެކުއްޖަކު އުފުލާ ކުއްޖަކަށްވެގެން ‏‏މިދަނީ. ‏

‏އާދެ! ކުދިންގެ ޑެސްޓިނީ ޝޭޕްކުރާ ވާހަކަ ދައްކާއިރު، މިދެންނެވީ ކޮންމެ ‏‏ކުއްޖަކާ ދޭތެރޭގައި ވަރަށް އަމިއްލަގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް. ‏‏ޝައްކެއްވެސްނެތްގޮތުގައި، ޖުމްލަ ގޮތެއްގައި، މިކަން މި އަންނަނީ، މުޅި ޒުވާނުންގެ މައްޗަށް ‏‏އަންނަ މެސެޖެއްގެ ގޮތުގައި، ޒުވާނުން ކުރާ މަސައްކަތުން، ޒުވާނުންގެ ކެރެކްޓަރ ‏‏ހުންނަގޮތުން، ދައުލަތެއްގެ، ނޫނިއްޔާ، ޤައުމެއްގެ ޑެސްޓިނީ ބަދަލުވެގެން މިދަނީ. ކޮންމެ ‏‏ކުއްޖަކު، އެކުއްޖެއްގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލު، އެކުއްޖެއްގެ ވާންއެބަޖެހޭ. ޖުމްލަ ‏‏ގޮތެއްގައި، އެކުދިންގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތު، އެކުދިންގެ ތެރޭގައި ހުރެއްޖެ ‏‏ކަމަށްވަންޏާ، މުޖްތަމަޢު ރަނގަޅު މިޞްރާބަކަށް އަނބުރާ މިލެވެނީ. ‏

‏އެހެންވީމާ، ކިޔަވާކުދިނާ ހަމައިގައި ހުރިހާ ކަމެއްގައި ފުރްޞަތުތައް މިއޮތީ. ‏‏ކިޔަވާކުދިން ކިޔަވަންޖެހެނީ ކީއްވެގެންކަން، މިކަމުން މި ދަސްކޮށްދެނީ. ކިޔަވާކުދިން ކިޔަވަނީކީ ‏‏ކޮންމެހެން ކެމިސްޓްރީ ލެބެއްގައި، ދެ އެލިމަންޓް އެއްކުރީމަ، ނުކުންނާކީ ކޮން މޮލިކިއުލެއްތޯ ‏‏ދަސްކުރުމުގެ ބޭނުމަކު ނޫން. ކިޔަވާކުދިން ކިޔަވަނީ، ދޭކާ ދޭކާ އެއްކުރީމަ، ފަހަރުގައި ފަހެއް ‏‏ނުކުމެދާނެތޯ، ސުވާލުކޮށްފާނެތީ، އޭގެ ޖަވާބުދޭކަށެއްވެސް ނޫން. ކިޔަވާކުދިން ކިޔަވަނީ، ‏‏އެއަށްވުރެ މާބޮޑު، މާ ބޭނުންތެރި ކަމެއް ޙާޞިލު ކުރުމަށްޓަކައި.‏

‏އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ތިޔަކުދިންނަށް ‏‏އިލްތިމާސްކޮށްލަން ބޭނުންވާ ވާހަކައަކީ، މިއީ އުފާވެރި ޖަލްސާއެކޭ. އުފާވެރި ޖަލްސާއަކަށް ‏‏މިވަނީ، ކުދިންގެ އެކޮމްޕްލިޝަމަންޓް ފާހަގަކުރާ ޖަލްސާއަކަށް، މި ޖަލްސާ ބަދަލުވެގެންދާތީ. ‏‏އުފާވެރި ޖަލްސާއަކުން މޮޅު ކުދިންގެ ނަންތައް އަޅުގަނޑުމެންނަށް އިވިގެންދާނެ. އުފާވެރި ‏‏ޖަލްސާއަކުން އިވޭނީ މޮޅު ކުދިންގެ ނަންތައް. އެހެން ނަމަވެސް، އެ މޮޅު ކުދިންގެ ‏true test ‎of character‏ އެނގޭނީކީ، މިކަހަލަ ޖަލްސާއެއްގައި، އެކުދިންގެ ނަންތައް އިޢުލާނުވީމައެއް ‏‏ނޫން. އެކުދިންގެ ‏true test of character‏ އެނގޭނީ، އުނދަގޫ ޙާލަތާއި، ނުރަނގަޅު ‏‏ޙާލަތުގައި، އެކުދިން މަސައްކަތްކުރާ ގޮތުން. އެކަމަށްޓަކައި ތިޔަކުދިންގެ ޑެސްޓިނީ ޝޭޕް ‏‏ކުރުމުގެ ފުރިހަމަ އިޚްތިޔާރު، ތިޔަކުދިންގެ އަތްމަތީގައިވާ ވާހަކަ، އަޅުގަނޑު މި ދަންނަވާލަނީ.‏

‏އަޅުގަނޑު އެދެނީ، ތިޔަކުދިން ތިޔަ ފަށާ ޙަޔާތު، އާދެ! ދަތުރުގެ ޙަޔާތު، ނޫނީ ‏‏ޙަޔާތުގެ ދަތުރަކީ ވަރަށް ކާމިޔާބު، ވަރަށް އުފާވެރި، ވަރަށް ބާއްޖަވެރި ޙަޔާތަކަށް ވެގެންދިޔުން. ‏


‏ والســّلام عليــكم ورحـمــة اللّـه وبـركاتـه

‏ _____________________________‏