بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އަޅުގަނޑުމެންގެ އާބާދީގައި ހިމެނޭ އެންމެހާ ލޮބުވެތި އަންހެން ކަނބަލުން، އަންހެން ކުދިން، އަންހެނުންގެ ކަންތައްތައް ބަލަހައްޓަވާ ވަޒީރު ޑޮކްޓަރ މަރްޔަމް ޝަކީލާ، ދިވެހި އެންމެހާ އަޚުން، އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، އެންމެ ޚާއްޞަ އުފަލަކީ، އަންހެނުންގެ ދުވަހުގެ ތަހުނިޔާ، ހުރިހާ އަންހެން ކަނބަލުންނަށް ދެންނެވުން. އަދި ހަމައެހެންމެ، އަންހެން ކަނބަލުން، ދިވެހި ދައުލަތް ބިނާކުރުމަށް ކޮށްދެއްވާފައިވާ މަތިވެރި ޚިދްމަތުގެ އަގު ވަޒަންކޮށް، އެ އެންމެހާ ކަނބަލުންނަށް މަރްޙަބާ ދަންނަވައި، ތަހުނިޔާ ދަންނަވައި، ޝުކުރު ދެންނެވުން.

އާދެ! ކުޑަދުވަސްކޮޅެއްގެ ފަހުން ނަމަވެސް، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް، ދިވެހިރާއްޖޭގައި އަންހެން ކަނބަލުންނާ ވަރަށް ގުޅޭ ދުވަހެއްގެ ގޮތުގައި ފާހަގަވެގެން މިދަނީ. އާދެ! އަޅުގަނޑުމެން އަންހެނުންގެ ދުވަސް ފާހަގަކުރާ ދުވަސް މި ދިމާވަނީ، ބައިނަލްއަޤްވާމީ ޢާއިލާގެ ދުވަހާވެސްމެ. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ޢާއިލާތައް ރަނގަޅު ގޮތެއްގައި ތަރުބިއްޔަތު ކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތެއް، އެންމެ އިސް ޒިންމާއެއް އުފުލާ ބަޔަކީ އަންހެނުން. އެހެންވީމާ، މިއަދުގެ މުނާސަބަތުގައި، ހުރިހާ އަންހެން ކަނބަލުންނަށް އަނެއްކާވެސް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ތަހުނިޔާ ދަންނަވަން.

އާދެ! ހިސާބު ޖެހުމަކީ ވަރަށް ފާޑެއްގެ ކަމެއް. ހިސާބު ޖަހާއިރު މިސާލަކަށް، އިކޮނޮމިކް ސްޓެސްޓީޝަނުން، އެމީހުން ބޭނުންވާ ނަތީޖާއެއް ނެރުމަށްޓަކައި، އެމީހުން ބޭނުންކުރާ މޮޑެލެއް ބޭނުންކުރެވިދާނެ. އެ މޮޑެލްގެ ނަތީޖާއަކީ، އެހެން އިކޮނޮމިސްޓަކު ޚިޔާލު ތަފާތުވެދާނެ ނަތީޖާއެއް. އެހެން ނަމަވެސް، އޭގެ ނަތީޖާއަކީ ނުބައި ނަތީޖާއެކޭ ނުދެންނެވޭނެ. އަންހެނުން، އަންހެނުންގެ ދަރިން، އަޅުގަނޑުމެންގެ ދަރިން، ޑޭ ކެއަރ ސެންޓަރަކަށް ފޮނުވައިގެން، ޑޭ ކެއަރ ސެންޓަރަކީ ފައިސާ ނަގާ ތަނެއްގެ ގޮތުގައި ދޭ ޚިދްމަތެއް ކަމަށްވަންޏާ، ޑޭ ކެއަރ ސެންޓަރުން ދޭ ޚިދްމަތް މި ވަންނަނީ، އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުގެ ޢަދަދުތަކުގެ ތެރެއަށް. އަންހެނުން، އަޅުގަނޑުމެންގެ ކުޑަކުދިން، އެދުރުގެތަކަށް ފޮނުވައިގެން، މަދްރަސާތަކަށް ފޮނުވައިގެން ކިޔަވައިދޭއިރު، މިތަންތަނުން ފީ ނަގައިގެން، މިކަން ކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤައުމީ ހިސާބުތަކުގެ ތެރެއަށް، މި ޢަދަދުތައް ވަދެގެންދޭ. އެހެން ނަމަވެސް، އަންހެނުން ގޭގައި ތިބެގެން، ކުދިންނަށް ކިޔަވައިދެވޭ ކަމަށްވަންޏާ، މި ޢަދަދު ޤައުމީ ހިސާބުތަކަކު ހިމެނިފައެއް ނޯވޭ. އަންހެނުން، ކުޑަކުދިން ބަލަހައްޓަން، ޑޭ ކެއަރ ސެންޓަރަށް ނުފޮނުވައި، ތުއްތުކުދިން ދެކެ ލޯބިވެ، ޒިންމާދާރުކަމާއެކީ، ޢާއިލާގެ މި މަތިވެރި މަސްއޫލިއްޔަތު އުފުލާ ކަމަށްވަންޏާ، މި ހިސާބުތަކަކީ މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ޤައުމީ ހިސާބުތަކުގެ ތެރެޔަކު ހިމެނޭ ހިސާބުތަކެއް ނޫން. އަޅުގަނޑުމެން މިހާރު ދިރިއުޅޭއިރު، ދެމަފިރިޔަކު ކުޑަކުއްޖަކު ގޮވައިގެން އުޅޭއިރު، މަންމަ އޮފީހަށް ދަނީ، ބައްޕަ އޮފީހަށް ދަނީ. ގެ ބަލަހައްޓާ ސާފުކުރަން ކޮންމެވެސް ހިސާބަކުން، އަވަށްޓެރި ޤައުމަކުން މެއިޑަކު ބޭނުންކުރާ ކަމަށްވަންޏާ، އޭނައަށްދޭ އުޖޫރައާއި، އެހެން ޢިނާޔަތްތަކަކީ، ޤައުމީ ހިސާބުތަކުގެ ތެރެއަށް ވަދެގެންދާ ޢިނާޔަތްތައް. އެހެން ނަމަވެސް، އޭގެ ބަދަލުގައި، ޚަރަދު ކުޑަކުރުމުގެ ގޮތުން، އަންހެނުން އެމަސައްކަތް ގޭގައި ކުރާކަމަށްވަންޏާ، މިއީކީ ހިސާބުތަކުގެ ތެރެއިން ދައްކާ ނަންބަރުތަކެއް ނޫން.

އެހެންވީމާ، މިއިން މި ދައްކައިދެނީ، އަޅުގަނޑުމެންގެ އަންހެނުންގެ މަސައްކަތްތެރިކަން ނެތް ކަމެއް ނޫން. އަދި ޤައުމީ އުފެއްދުންތެރިކަމުގައި އަންހެނުންގެ ޙިއްޞާ ކުޑަކަމެއް ނޫން. ޢަދަދުތަކަށް ބަލާ ކަމަށްވަންޏާ، ތަނަކަށް ގޮސްގެން، ވަޒީފާއެއް އަދާކޮށް، މުސާރައެއް ލިބޭކަމަށްވަންޏާ، އަންހެނުންގެ ޚިދްމަތް، އަޅުގަނޑުމެން މި ފާހަގަކުރަނީ، ޤައުމީ ހިސާބުތަކުގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުމެން އަންހެނުން، ޤައުމީ އުފެއްދުންތެރި ކަމުގައި 40 ޕަސެންޓް ޙިއްޞާ ކުރާކަމަށް، ބުނާކަމަށްވަންޏާ، މި ޢަދަދުގެ ތެރެއަށް ހިސާބުން ނުދައްކާ އެތައް ބޮޑު ޢަދަދެއް އިތުރުކުރަން އެބަޖެހޭ. އެއީ އެކަން ނުކުރާ ކަމަށްވަންޏާ، އޭގެ ބަދަލުގައި ހިސާބުތަކަށް އެބަ ވަދޭ، އެހެން މީހުން މެދުވެރިކޮށް، މި ކުރާ މަސައްކަތްތައް. އެހެންވީމާ، މިއީ ވަރަށް ބޮޑެތި ޑިސްޓޯޝަންސް ހިމެނޭ، ނޫނިއްޔާ ވަރަށްބޮޑެތި އޮޅުވާލުމެއް ނޫން، އެހެން ނަމަވެސް، ވަރަށް ބޮޑެތި ޙަޤީޤަތް ހާމަނުކޮށްދެވޭ ކަންކަން، މީގެތެރޭގައި މި ހުންނަނީ. އެހެންވީމާ، ޙަޤީޤަތަކީ، ދިވެހިރާއްޖޭގައި އަދި ދުނިޔޭގެ އެހެން ރަށްރަށުގެވެސް އަންހެނުންގެ ޙިއްޞާ، ޤައުމީ އުފެއްދުންތެރިކަމުގައި، އެ އޮންނަނީ ޙިއްޞާ ތަމްސީލުކޮށްދޭ ފުރިހަމަ މިންވަރުގައި ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. މިއީ މިކަމުގެ ޙަޤީޤަތް އޮތްގޮތް. އެހެންވީމާ، އަޅުގަނޑު ދަންނަވާލީ، ހިސާބު ޖެހުމުގައި، ސްޓެޓިސްޓީޝަނުން، އެމީހަކު ބޭނުންވާ ނަތީޖާއެއް ނެރޭނެ. އެހެން ނަމަވެސް، އެއްވެސް ގޮތެއްގައި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުގައި، މިދެންނެވި ހިސާބުތައް ހިމަނައިގެން، ދުނިޔޭގައި އެއްވެސް ތަނެއްގައި ކަންކުރާ އުޞޫލެއް ނޫން. އެހެންވީމާ، އަންހެނުންގެ ޙިއްޞާ، ޤައުމު ތަރައްޤީ ކުރުމުގައި، މި ހިސާބުތަކުން އަޅުގަނޑުމެންނަށް ފެނިގެން ނުދަނީ.

އާދެ! ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރެވި، އަންހެނުންގެ ޙައްޤުތައް، ނޫނިއްޔާ އަންހެނުންނަށް ގެއްލިގެންދާ ޙައްގުތައް، އަންހެނުން ހަވާސާވެގެންދާ މައްސަލަތައް، ދުނިޔޭގެ ސަމާލުކަމަށް އައިސް، ދައުލަތްތަކުގެ ސަމާލުކަމަށް އައިސް، އަންހެނުންނަކީ ދުނިޔޭގައިވެސް އުޅޭ ބައެއްކަން ހާމަކުރުމުގެ މަސައްކަތް ފެށިފައިވަނީ، މީގެ ގާތްގަނޑަކަށް ސަތޭކަ ވަރަކަށް އަހަރު ކުރިން. ސަތޭކަވަރަކަށް އަހަރު ކުރިން ފެށިގެން މި އަންނަ ކަންތައްތަކުގައި، އަންހެނުން ގޮވާލާފައި މިވަނީ، ދުނިޔޭގެ އެކިހިސާބުތަކުގައި ގޮވާލަމުން މި އަންނަނީ އަދި މިއަދު އެކި ހިސާބުތަކުގައި އަޑުހަރުކޮށް ގޮވެމުން މި އަންނަނީ، ހަމަ އެއް ވާހަކައެއް. ޙައްޤުތަކުން މަޙްރޫމް ނުކުރާށޭ. ޑެޕްރިވިއޭޝަން، މާޖިނަލައިޒް ނުކުރާށޭ، ހަވާސާ ނުކުރާށޭ. ހަމަހަމަ ފުރްޞަތުތައް އަންހެނުންނަށް ލިބިދޭށޭ. ތަޢުލީމް އުނގެނުމުގައި، އަންހެން ކުދިންނަށް ހަމަހަމަ ފުރްޞަތުތައް ހޯދައިދޭށޭ. ޤާނޫނުހަދާ މަޖިލިސްތަކުގައި، އަންހެނުންގެ ޙައްޤު ޙިމާޔަތް ކުރުމަށްޓަކައި، އަންހެނުންގެ އަޑު އިއްވޭނެ ފުރްޞަތު، އެ ޖާގަ ދޭށޭ. އެކިއެކި މަސައްކަތްތަކަށް ނުކުންނައިރު، މަސައްކަތަށް އަހުލުވެރިވެގެން އުޅެވޭނެ ވެށްޓެއް ޤާއިމުކޮށްދޭށޭ.

އާދެ! އަންހެން ވެރިންނަށް، އަންހެން ކަނބަލުންނަށް މަސައްކަތްތަކުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ، އަންހެން ބޭފުޅުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ. އިއްޔެ ނޫން އިހަށްދުވަހު، މި ގާނޫނު، ދިވެހިރާއްޖޭގެ ޤާނޫނަކަށްވެގެން، ތަޞްދީޤު ކުރެވިގެން މި ދިޔައީ. ސެކްޝުއަލް ހެރެސްމަންޓާ ދެކޮޅަށް ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައަޅާ ޤާނޫނެއް، އިހަށް ދުވަހު މިދިޔައީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ތެރެއަށް ވަދެގެން. އަންހެނުން ގޮވާލަމުން މިދަނީ، އެއަށްވުރެ އާދައިގެ ޕްރައިވެޓް އަމިއްލަ ކަންކަމުގައި، ގޮވަމުން މިދަނީ ގެވެށި އަނިޔާތަކުން ތިމަންނަމެން ސަލާމަތްކުރާށޭ. އަންހެނުން ގޮވަމުން މިދަނީ، އެމީހުންނަށް ލިބެންވާ ޙައްޤުތައް ހޯދުމަށް ގޮވާލާ ގޮވާލުން. މިއީ، މީގެ ސަތޭކަ އަހަރު ކުރިއްސުރެ ގޮވާލަމުން އަންނަ ކަންތައް. އަދި ހަމައެހެންމެ، އަންހެން ކަނބަލުން ގޮވާލަމުން މި އަންނަނީ، ޞިއްޙީ ފަރުވާގެ ނިޒާމުން އަންހެނުން އެކަހެރި ކުރެވިފައިވާތީ، އެންމެ އަސާސީ ޞިއްޙީ ފަރުވާއަށް، އަންހެނުންނަށް ފުރްޞަތު ހޯދައިދޭށޭ. މީގެ ސަތޭކަ އަހަރު ކުރިން އަންހެނުންގެ ގޮވެލި، ނޫނިއްޔާ އަންހެނުން ގޮވަމުން އައީ މިދެންނެވި ގޮތަށް، އަސާސީ ޙައްޤުތަކަކުން އަންހެން ކަނބަލުންނަށް ލިބެންވާ މިންވަރު، އެކަނބަލުންނަށް ހޯދައިދިނުމުގެ މަސައްކަތް. ސަތޭކަ އަހަރުވެގެން މިދިޔައީ. ސަތޭކަ އަހަރު ވެގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވަނީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިކަންކަމަށް އިޖާބަދެމުން މިދަނީ އެކި މިންވަރަށް. އެކި މިންވަރަށް އިޖާބަ ދެވެމުން، ކަންކަން ޙައްލުވަމުން އެބަދޭ. އެހެން ނަމަވެސް، އެޔާއެކީ އެހެން ނަމަވެސް، އަނެއްކާވެސް މި ކޯލް ބަދަލުވެގެން މި އަންނަނީ. މި ކޯލް މިހާރު ބަދަލުވެގެން މި އަންނަނީ، އަސާސީ ޙައްޤުތަކާއެކީ. ފެށިގެން އައިއިރު، ދުނިޔޭގެ ޤައުމުތަކުގައި، ސިޔާސީ ޙަރަކާތްތަކުން އެންމެ ކުޑަމިނުން ވޯޓްލުމުގެ ޙައްޤުން އަންހެނުން ވަނީ މަޙްރޫމްވެފައި، ދުނިޔޭގެ އެއް ޤައުމެއް، ދެޤައުމަކު ނޫން. އެހެންނަމަވެސް، އަދުގެ ޙާލަތަށް ބަލާކަމަށްވަންޏާ، ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައި ނޫނިއްޔާ، އަންހެނުންނަކީ ވޯޓް ދިއުމުގެ ޙައްޤު އޮތް ބައެއް. އެހެން ނަމަވެސް، އަދިވެސް މަދުމަދުން ވޯޓް ދިނުމުގެ ޙައްޤު ނެތް ޤައުމުތައް އެބަހުރި.

މިހާ އަސާސީ ކަންކަމަށް، މީގެ 100 އަހަރު ކުރިން ގޮވާލެވެމުން އައި ދަތުރެއްގައި، މިއަދު އަޅުގަނޑުމެންނަށް އާދެވިފައި އޮތް ހިސާބާ ދޭތެރޭގައި ވިސްނާލުމަކީ، ކޮންމެ އަހަރަކު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ އެންމެބޮޑު މަޤްޞަދު. އެ މަޤްޞަދަކަށް މިވަނީ، އަންހެނުންގެ ޝިކާޔަތާ ދޭތެރޭގައި ވިސްނުން. އަންހެނުންގެ ޙާލާ ދޭތެރޭގައި ވިސްނުން. އަދި އަންހެނުން އެކިއެކި ޤައުމުތަކުގައި، މުޖްތަމަޢުތަކުގައި އުޅޭއިރު، އަންހެނުންގެ ޙިއްޞާ އިތުރުކުރެވޭނެ ގޮތްތަކާ ދޭތެރޭގައި ވިސްނުން. 20 ވަނަ ޤަރުނު ނިމިގެން ގޮސް، 21 ވަނަ ޤަރުނާ ހަމަޔަށް އައިއިރު، އަޅުގަނޑުމެން މިހާރު މި ދައްކަނީ، ހަމަ މި ޙައްޤުތައް އަދިވެސް ހަމަހަމައަށް ނުލިބި ހުރީމަ، ތަފާތު ގޮތަކަށް، މި އަންޑަރޕްރިވިލެޖް، ނޫނިއްޔާ ހަވާސާ ކުރެވިފައިވާ ވާހަކަ އަޅުގަނޑުމެން ތަފާތު ގޮތްގޮތަށް މި ކިޔަނީ. އެ ތަފާތުގޮތްގޮތަށް ކިޔުމުގެ މާނައަކީ، ނޫނީ ކިޔުމުގެ ބޭނުމަކީ، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޤާނޫނުގެ ތެރެއިން ޙައްޤުތަކެއް ހޯދައިދިން ކަމުގައިވީނަމަވެސް، ޢަމަލީ ތަންފީޛީ ބާރު ނުލިބޭ ހިސާބަށް، ނޫނިއްޔާ ބާރު ލިބޭ ހިސާބަށް، އަންހެން ކަނބަލުންނަށް ވަޑައިނުގެންނެވޭ ކަމަށްވަންޏާ، ޤާނޫނުން، ފޮތްތަކުން ހޯދައިދޭ ބާރަކީ ތަންފީޛު ކުރެވޭ ބާރަށްނުވާތީ، އަދިވެސް ޙައްޤުތަކުން މަޙްރޫމްވުމަކީ، ކުރީގައިވެސް އޮތް ހިސާބުގައި އޮތް ކަމަކަށްވާތީ. މިއަދު އެހެންވީމާ، މި ދައްކަނީ އަންހެނުން އެމްޕަވަރ ކުރާ ވާހަކަ. އަންހެނުން ބާރުވެރިކުރާ ވާހަކަ. އަންހެނުން ބާރުވެރި ކުރުވަނީ، ހަމައެކަނި ސިޔާސީ މައިދާންތަކުގައި، އަންހެނުންގެ ފުރްޞަތު އިތުރުކުރާކަށެއް ނޫން. އަންހެނުން ބާރުވެރި މިކުރެވެނީ، އަންހެނުންނާބެހޭ އުޞޫލުތަކާއި ސިޔާސަތު ކަނޑައަޅާ ހިސާބުގައި، އަންހެނުންގެ ޙިއްޞާ އޮތުމަށް. އަންހެނުން ބާރުވެރި މިކުރުވެނީ، މިކަންކަމުގައި ތަންފީޛީ މަރްޙަލާގައި، ތަންފީޛީ މަރްކަޒުތަކުގައި އަންހެނުންގެ ޚިޔާލު، އަންހެނުންނަށް ތަންފީޛު ކުރުމުގެ ބާރު ލިބިދިނުމަށް. އަންހެނުން ބާރުވެރި މިކުރެވެނީ، އަންހެނުންނަށް ދިމާވާ އެންމެ ނިކަމެތިކަމެއް މިއަންނަނީ، ޢާއިލާ ރޫޅިގެންދާއިރު ކަމުގައިވާތީ، އަންހެނުން ބާރުވެރި މިކުރުވެނީ، އަންހެނުންނަށް އަމިއްލަ އާމްދަނީ ލިބޭނެގޮތްތަކެއް ހޯދައިދިނުމުގެ ވާހަކަ. ނޫނިއްޔާ އިޤްތިޞާދީ، މާލީ ބާރުވެރިކަމުގެ ވާހަކަ މި ދެއްކެނީ. އަންހެނުން ބާރުވެރި މިކުރެވެނީ، ސަރުކާރެއް ހިންގުމުގައި އެކި މަރްޙަލާތަކުގައި، އެކި ފަށަލަތަކުގައި، އަންހެނުންގެ ޙިއްޞާ ހޯދުމަށް، އަންހެނުންގެ ޙިއްޞާ އޮތުމަށް ގޮވާލެވޭ ގޮވާލުން.

މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް، އެއް ޤަރުނުގެ މަސައްކަތް ނިމިގެން ދިޔައިރުވެސް، ވަރަށް ކުރުގޮތަކަށް، ވަރަށް ޚުލާޞާ ގޮތަކަށް، މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން ވިދާޅުވެފައި އޮތް ވާހަކައަކުން، މިހާރުގެ ޙާލަތު އޮތްވަރު، ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން އެބަދޭ. އެކަމަނާ ވިދާޅުވަނީ، ޖެންޑަރ އީކުއަލިޓީ، ނޫނިއްޔާ، ޖިންސުގެ ހަމަހަމަކަން ނެތުން މިއީ، އަދިވެސް 21 ވަނަ ޤަރުނުގައިވެސް ނުނިމި އޮތް އެންމެބޮޑު ކަންތަކޭ. އެންމެބޮޑު Unfinished business of twenty first century is gender equality މިއީ 20 ވަނަ ޤަރުނުގައި ނުނިމި އޮތް ވާހަކައެއް ނޫން މި ދައްކަވަނީކީ. އަޅުގަނޑުމެން މިތިބީ 21 ވަނަ ޤަރުނުގެ ތެރޭގައި، 21 ވަނަ ޤަރުނު އަދި ފެށުނީ. އެހެންވީމާ، އަންހެނުންގެ ޝިކާޔަތާއި، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް މިކުރެވޭ މަސައްކަތުގައި 100 އަހަރު ވެގެންދިޔައިރު، އަނެއް 100 އަހަރާ ދޭތެރޭގައި އަމާޒުކޮށް ވިސްނާވަޑައިގެން، އަދި އަންހެނުންގެ ޙަރަކާތްތަކުގައި އެންމެ މެއިން ސްޓްރީމްކޮށް އުޅުއްވާ އެއް ބޭފުޅެއްގެ ފަރާތްޕުޅުން މި ވިދާޅުވަނީ، އަޅުގަނޑު މިދެންނެވި، މިދެންނެވި ދަތުރު ޚުލާޞާވާ ވާހަކައެއް މިދަންނަވަނީ. އަންހެނުންގެ ޙައްޤުތަކާ ދޭތެރޭގައި މިދަންނަވަނީ، 21 ވަނަ ޤަރުނުގެ ތެރޭގައިވެސް އަންފިނިޝްޑް ބިޒްނަސްގެ ތެރޭގައި އޮތް ކަމަކީ، ޖެންޑަރ އިކުއަލިޓީއޭ. އެއީ ތިމަންނަގެ އަމިއްލަ ސަރުކާރުވެސް ހިމެނޭގޮތަށޭ. ތިމަންނަގެ އަމިއްލަ ޤައުމުވެސް ހިމެނޭގޮތަށޭ. މިކަންކަމަކީ އެޓެންޑްނުވާ ކަންކަމޭ. މިކަންކަމަކީ އަދިވެސް އަޅާނުލާ ހުރެވި، އަޅާލެވިފައި ނުވާ ކަންކަމޭ.

އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، އަންހެނުން ހަވާސާވީމަ، މި ނުކުންނަ މައްސަލަތައް. އަދި މިއަދު އެމްޕަވަރމަންޓްގެ އިތުރަށް، ދެން މިހާރު މި ގޮވާލެވޭ ވާހަކައަކީ، ކުރީގައި އަޅުގަނޑުމެން އެހާ އަޑުއަހާ ވާހަކަތަކެއް ނޫން. ކުރީގައި އަޅުގަނޑުމެން އަޑުއަހަނީ، އިޤްތިޞާދީ ގޮތުން ހަމަހަމަ ފުރްޞަތު ލިބުން. ވަޒީފާގެ ފުރްޞަތު ލިބުން. ވަކި ވަޒީފާއަކުން އަންހެނުން މަޙްރޫމް ވެގެންނުވުން. ނޫނިއްޔާ، އަންހެނުންނަށް ލިބެންވާ ސިވިކް އެކިއެކި ލިބަޓީޒް ލިބުން. އެކިއެކި މަދަނީ ޙައްޤުތައް ލިބުން. އެކަމަކު މިއަދު، މިހާރު އަންހެނުންގެ ކޯލްގައި މިހާރު މިއޮތީ، ދޮށީ އަންހެނުންނާ ދޭތެރޭގައި އިހުމާލުނުވާށޭ. އެއީ އަޅުގަނޑުމެންނަށް، މިހާރު އަންހެނުންގެ ކޯލްގައި ހިމެނޭ އާކަމެއް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ގަބޫލުކުރަން ދަތިވި ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދޮށީ ޢުމުރުގެ އަންހެނުން ހަވާސާ ކުރެވޭތަން. ދޮށީ އުމުރުގެ އަންހެނުންނަށް އިހާނެތިކޮށް ހިތޭތަން. އަދި ކީއްތޯ! ދޮށީ ޢުމުރުގެ އަންހެނުންނަށް، ޖިންސީގޮތުން ގޯނާކުރެވޭތަން. މިއީ ކާކު ހިތަށްއަރާނެ ކަމެއްތޯ. އެހެން ނަމަވެސް، މިއަދުގެ ދުނިޔޭގެ ޙާލަތަކީ މިއީ. މިއަދުގެ ދުނިޔޭގެ ޙާލަތަކީ، ދޮށީ އަންހެނުން ހަވާސާ ނުކުރުމަށާއި، ދޮށީ އަންހެނުން ޙައްޤުތަކުގައި މެއިން ސްޓްރީމް ކުރުމަށް ގޮވާލާ ގޮވާލުން މިއަންނަނީ، އިޤްތިޞާދީ ގޮތުން މަސައްކަތް ކުރެވޭ އަންހެނުންގެ ޙައްޤުތައް ހޯދުމަށް، އަންހެނުންގެ ޙައްޤުތަކުގައި ވަކާލާތުކުރާ އެތައް ބައެއްގެ މަސައްކަތުގެ ފަންވަރު، އެކަންކަމުން ޑައިލިއުޓްވާ ކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނަން މި ޖެހެނީ. އެކަންކަމުން ޑައިލިއުޓްވާ ކަންކަމޭ މިދެންނެވީ، ކާކުތޯ ހިތަށްއަރާނީ، ދޮށީ އަންހެނުންނާ ދޭތެރޭގައި އިހާނެތްތެރިވާނެ ކަމަށް. އެކަމަކު އަދުގެ ޙާލަތަކީ، މިހާރު މެއިން ސްޓްރީމް ވަމުން މިއަންނަނީ، ދޮށީ އަންހެނުން ހަވާސާ ނުކުރާ ވާހަކަ. ދޮށީ އަންހެނުންނަށް ޖިންސީގޮތުން ގޯނާ ނުކުރާ ވާހަކަ. ދޮށީ އަންހެނުންގެ ޙައްޤުތައް ނިގުޅައިނުގަންނަ ވާހަކަ. އެހެންވީމާ، އަދުގެ ޙާލަތަކީ އެއީ. އަންހެނުންގެ ޙައްޤުތައް ހޯދުމުގެ މި ދިގު ދަތުރުގައި އެއް ޤަރުނު ހޭދަކޮށްފައިވާއިރު، އަންހެނުންގެ ޙައްގުތައް ހުރި ހިސާބު، ދުނިޔޭގައި، ޢާންމުކޮށް މުޅި ދުނިޔޭގެ އެކިހިސާބުގައި ހުރިގޮތް، ވަރަށް ޚުލާޞާ ގޮތެއްގައި އަޅުގަނޑު ދަންނަވާލާނަން.

އަންހެނުން ބާރުވެރި ކުރުމުގެ އެންމެ ވަރުގަދަ ވަސީލަތަކީ، ނޫނީ އެންމެ ވަރުގަދަ ވާސިޠާއެއްގެ ގޮތުގައި ގަބޫލުކުރެވިފައި މިއޮތީ، އަންހެނުންނަށް ތަޢުލީމު އުނގަންނައިދިނުން. އަންހެން ކުދިންނަށް ތަޢުލީމް އުނގެނިގެން ނޫނިއްޔާ، އަންހެނުން ބާރުވެރިނުކުރެވޭނެކަމާ ދޭތެރޭގައި، އަޅުގަނޑުމެން ހުރިހާ އެންމެންވެސް އެއްބަސްވާނެ. އަންހެނުން ބާރުވެރިކުރުވަން މިކުރާ މަސައްކަތްތަކުގެ ތެރޭގައި، 100 އަހަރު ވެގެންދިޔައިރު، ދުނިޔޭގެ އެތަން މިތަނުގައި އަންހެން ކުދިންނަށް ސްކޫލަށް ދިޔުމުގެ ފުރްޞަތު ނެތި، ސްކޫލަށް ދިޔުމުން މަޙްރޫމްވެފައި ތިބި މިއަދުވެސް 41 މިލިއަން ކުދިން އެބަތިބި. މިއަދުވެސް 41 މިލިއަން ކުދިން އެބަތިބި. އަދި ހަމައެހެންމެ، މިއަދުވެސް އަންހެނުންގެ ޝިކާޔަތުގައި އެންމެބޮޑު ވާހަކައަކަށް މިއޮތީ، އަސާސީ ޞިއްޙީ ފަރުވާއިން މަޙްރޫމް ނުކުރާށޭ. އަންހެނުން، އަސާސީ ޞިއްޙީ ފަރުވާއިން މަޙްރޫމްވާ ކަމަށްވަންޏާ، އަންހެނުންނާއެކީ ތުއްތު ކުދިން އަސާސީ ޞިއްޙީ ފަރުވާއިން މަޙްރޫމްވެގެން އެބަދޭ. އެހެންވީމާ، އަދިވެސް މިދެންނެވި ކޯލް، އޭރު ގޮވި ގޮވުން އަދިވެސް އޮތްވަރަށް ދުނިޔޭގައި މިއޮތީ. އެހެން ނަމަވެސް، އޭގެ މާނައަކީ އެއްވެސް ގޮތަކަށް، ދުނިޔޭގެ ހުރިހާ ތަނެއްގައި، ކަންއޮތީ އެއްގޮތަކަށެއް ނޫނޭ. އެކަމަކު ދަންނަވަން މިއުޅޭ އެއްޗަކީ، ދަންނަވަން މިއުޅޭ ވާހަކައަކީ، މުޅި ދުނިޔޭގެ އަންހެނުންގެ ޙާލަތަށް ބަލާ ކަމަށްވަންޏާ، މީގެ 100 އަހަރު ކުރިން ފެށި ދަތުރު އަދިވެސް މިއޮތީ ދަތުރު ފެށި ހިސާބުން ފުރަތަމަ ސްޓޮޕަށް އައިސް، އެ ސްޓޮޕުން ކުރިއަށް ނުގޮހޭ މިއޮތީ.

އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ، މީގެ 100 އަހަރު ކުރިން ގޮވާލެވެމުން އައިއިރު، އަދި މި ޤަރުނު ނިމެމުން އައިއިރު، ދެކެވޭ އެއް ވާހަކައެއްގެ ގޮތުގައި އޮތީ، މިއީކީވެސް ޔުނިވަރސަލް، ނޫނީ މުޅި ދުނިޔެއަށް ޢާންމުވެފައި އޮތް ކަމެއް ނޫން. އެހެން ނަމަވެސް، ދުނިޔޭގެ އެކި ހިސާބުގައި، އެކިމިންވަރަށް ހިނގަމުން އަންނަ ކަމެއް. މަޖުބޫރު ކައިވެނިތަކަށް އަންހެން ކުދިން ހުށަނާޅާށޭ. އަދިވެސް ދުނިޔޭގެ ޙާލަތު ބަދަލެއްނުވޭ. އަޅުގަނޑުމެން ދިވެހިންނަށް މިއީ ގަބޫލުކުރަން މާފަސޭހަ، ނޫނިއްޔާ އަޅުގަނޑުމެންނަށް ވިސްނައިގަންނަން މާފަސޭހަ މަފްހޫމަކަށް ނުވެދާނެ. އެކަމަކު ދުނިޔޭގެ އެތަން މިތަނުގައި އަދިވެސް މިކަން އޮތީ މިހެން. ޚާއްޞަކޮށް، މިކަން މިހެންއޮތީ، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި. މަޖުބޫރު ކައިވެނިތަކަށް، މައިންބަފައިންގެ ފަރާތުން އަންހެން ކުދިން ހުށަހެޅެމުންދާ ހުށަހެޅުން. އެހެންވީމާ، އަސާސީ ޙައްޤުތައް އަންހެން ބޭފުޅުން، އަންހެން ކަނބަލުން ހޯއްދަވަން ބޭނުންވަނީ ކީއްވެގެންކަން، ކޮންމެވެސް މިންވަރަކަށް، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންނަށް ފަހުމްވާން މިހާރު އެބަ ފުރްޞަތު ލިބެއޭ.

ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތައް، މުޅި މުޖްތަމަޢުގެ ސަމާލުކަމަށް ގެންނެވި އެއް ބޭފުޅަކަށް ކްރެޑިޓެއްދޭ ކަމަށްވަންޏާ، ނޫނީ ޙައްގު ޝުކުރު އަދާކުރާ ކަމަށްވަންޏާ، އެބޭފުޅަކީ ޝައްކެއްވެސްނެތްގޮތުގައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އަންހެނުންގެ ޙައްގުތަކުގެ ވާހަކަ، ދިވެހިންގެ ސަމާލުކަމަށް ގެންނެވި ބޭފުޅަކީ، ސިޔާސީ ލީޑަރަކީ، ރައީސް މައުމޫން. ރައީސް މައުމޫންގެ ޒަޢާމަތުގައި، އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ޤާނޫނުތައް އުފެދިފައި އެހެރީ. އަދި ހަމައެހެންމެ، ތަންފީޛީ ބާރު ލިބުމަށްޓަކައި، އެންމެ ފުރަތަމަ ވިމެންސް ޑިޕާޓްމަންޓެއްގެ ނަމުގައި ނޫނިއްޔާ، ޖެންޑަރ މިނިސްޓްރީއެއް، އޭގެފަހުން އައިސް މިވަނީ، ރައީސް މައުމޫންގެ ޒަޢާމަތުގައި. އެހިސާބުން ފެށިގެން އަންހެނުންގެ ޙައްޤުތަކާ ދޭތެރޭގައި، ދިވެހިންގެ ސަމާލުކަން މިހިރީ ހުއްޓިފައި. އަދި ހަމައެހެންމެ، ދާދިފަހުން ރައީސް މައުމޫންގެ ޕާޓީން ސްޕޮންސަރ ކުރައްވައިގެން، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލެއް މަޖިލީހެއް އައިސް، މަޖިލީހުން ފާސްވެގެން ގޮސްފައިވަނީ.

މިއަދު ދިވެހިރާއްޖޭގެ ޙާލަތަށް ބަލާކަމަށްވަންޏާ، ޤާނޫނީގޮތުން އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް، ޤާނޫނީގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކުގައި، އަޅުގަނޑު ދަންނަވާނީ، ހިތްހަމަޖެހުމާއެކީ ހަމަ ދަންނަވަން ބޭނުންވަނީ، އެ ޙައްޤުތައް އެބަ ހޯދައިދެވެޔޭ. ޤާނޫނުން ހޯދައިދޭންޖެހޭ ޙައްގުތައް އެބަ ހޯދައިދެވޭ. ގެވެށި އަނިޔާގެ ބިލް އަދި އަންހެނުން ހަވާސާވެގެންދާ ކަންކަން ހުއްޓުވުމަށް، ކައިވެނިތައް ރޫޅުނީމަ، އަންހެނުންނަށް ލިބެންވާ ޙައްޤު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތައް، ސަރުކާރުން މިގެންދަނީ ކުރަމުން. އަދި އޭގެ ކުރީގެ ސަރުކާރުތަކުންވެސް ވަނީ މިކަންކަން މެއިންސްޓްރީމް ކޮށްފައި. އެހެން ނަމަވެސް، އެއީ ޑީޜޫރޭ ޕަވަރ. އެއީކީ ތަންފީޛީ ބާރެއް ނޫން. އެއީ ޤާނޫނުގައި ލިޔެފައި އޮތީމަ، ލިބޭ ބާރު އެއީ. އެހެން ނަމަވެސް، ޤާނޫނު، ޤާނޫނުގެ ފުރިހަމަ އިންޓެންސިޓީގައި ހިންގުމާ ދޭތެރޭގައި ކިހާވަރަކަށްތޯ އެކަން ޢަމަލީގޮތުން ތަންފީޛުވެގެން ދަނީ އަޅުގަނޑުމެން ޖެހެނީ، އަޅުގަނޑުމެންގެ ވެށްޓަށް ރިޢާޔަތްކޮށް، އެކަންކަންވަނީ ކިހާވަރަކަށްތޯ ހަމަ ދެނެގަންނަން ޖެހޭނީ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް، މިސާލަކަށް ހިތްޕުޅަށް ގެންނަވާ. ގެވެށި އަނިޔާ ކުރުމަކީ، އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް. ގެވެށި އަނިޔާ ކުރުމަކީ، އެހެންވީމާ، ޤާނޫނީ ބާރުގެ ދަށުން، ނޫނީ ޤާނޫނުން މަނާކޮށްފައި އޮތް ކަމެއް. އެކަމަކު ތަންފީޛުކުރުމާ ހަމައިގައި، ކިހާވަރަކަށް، ކޮން އިންޓެންސިޓީއެއްގައި، ކިހާ ކާމިޔާބުކަމާއެކީ މިކަން ކުރެވިދާނެތޯ، އަޅުގަނޑުމެން ހިތާހިތާ ސުވާލުކޮށްލަން އެބަޖެހޭ. އެހެން ނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑު މިވާހަކަ މިދަންނަވަނީ، އެއްގޮތަކަށްވެސް މިކަން ކޮންޑޯން ކުރާތީކީ ނޫން. މިކަމާ ދޭތެރޭގައި އަޅުގަނޑު ދެކޭގޮތް ދަންނަވާކަށެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ގެވެށި އަނިޔާއަކީ، އަޅުގަނޑުމެންގެ މުޖްތަމަޢުން ފިލައިގެންދާންޖެހޭ ކަމެއް. އެހެން ނަމަވެސް، މިއަދުގެވެސް ޙަޤީޤަތަކީ އަދި ޤާނޫނީ ބާރު ލިބިގެން، ގެވެށި އަނިޔާ ހުއްޓުވުމުގެ ކަންކަން އޮތް ނަމަވެސް، ތަންފީޛީ އިދާރާތަކުން މިކަންކަން ކުރެއްވުމުގައި، ބޮޑެތި ދަތިތަކެއް އެބަހުއްޓޭ. ޤާނޫނުން އުފައްދާ ބާރުން އިތުރު އުނދަގޫތައް އަޅުގަނޑުމެންނަށް އުފެދިގެންދާކަން މި އެނގެނީ، މިކަހަލަ އިޖްތިމާޢީ ޙައްސާސް މައްސަލަތައް ޙައްލުކުރަން ޤާނޫނުން ބާރު ހޯދަން އުޅުނީމަ، ޖެހޭ މައްސަލަތައް. އެހެން ނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި، ޤާނޫނުން މި ބާރު އެބަ ލިބެންޖެހޭ. ޤާނޫނުން ޝަރީޢަތުން މި ބާރު އެބަ ލިބެންޖެހޭ.

ދިވެހިރާއްޖޭގައި، މަދްރަސާއަށްދާ ކުދިންނާ ދޭތެރޭގައި، އަޅުގަނޑު ހިތަށްއަރަނީ، ދުނިޔޭގެ އެތަން މިތަނުގައި މަދްރަސާއަށް ދިޔުމުގެ ފުރްޞަތު ނެތް 41 މިލިއަން ކުދިންގެ ވާހަކަ ބުނާއިރު، ދިވެހި އެއްވެސް މަންމަޔަކަށް، ދިވެހި އެއްވެސް ބައްޕަޔަކަށް، މި ނުވާނެ އާ ވާހަކައެއް ނޫން ވާހަކައަކަށް. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑުމެންގެ އަންހެން ކުދިން މަދްރަސާއަށް ނުގޮސް ތިބެންވާނެ ކަމަކަށް. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، މަދްރަސާއަށް ދިޔުމުގެ ފުރްޞަތު ނެތިގެން، އަޅުގަނޑުމެންގެ އަންހެން ކުދިން، މި ފުރްޞަތުގެ ބޭނުން ނުހިފި ތިބި، މި ކައިރި ހަނދާނެއް އަޅުގަނޑުމެންގެ ނުހުންނާނެ. އެހެނެއް ނޫން، މީގެކުރީގައި ފުރްޞަތު ނެތިގެން، ނޫނީ އުޅުމުގެ ދަތިކަން ހުރިގޮތުން، އަންހެން ކުދިންނަށް މަދްރަސާގެ ފުރްޞަތު ނުލިބި ހިނގައިދާނެ. ދިވެހި ސަރުކާރުގައި މިހާރު އޮތް ސިޔާސަތަކީ، ތަޢުލީމ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިން ޝާމިލުވާގޮތެއްގައި އިންކްލޫސިވް ތަޢުލީމީ ނޫނީ ސްކޫލް ނިޒާމެއް. އެހެންވީމާ، ދިވެހިރާއްޖޭގެ އެއްވެސް މަންމަޔަކަށް، އެއްވެސް ބައްޕަޔަކަށް، އަންހެން ދަރިފުޅު ސްކޫލަށް ދިޔުމުގެ ފުރްޞަތު މަޙްރޫމްވާ ވާހަކަޔަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. އެހެން ނަމަވެސް، މިއަދުގެވެސް ޙަޤީޤަތަކީ، ފުރްޞަތު ނެތުމުގެ ސަބަބުން 41 މިލިއަން އަންހެން ކުދިން، މަދްރަސާތަކަށް ނުގޮސް، ދުނިޔޭގެ އެތަން މިތަނުގައި ތިބިކަން.

މަދްރަސާ ކުދިންގެ ނަތީޖާތަކަށް ބަލާކަމަށްވަންޏާ، މަދްރަސާއަށް ދިޔުމަކީ އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތް. މަދްރަސާ ކުދިންގެ ނަތީޖާތަކަށް ބަލާކަމަށްވަންޏާ، މިދިޔަ އަހަރުގެ އޯ ލެވެލްގެ ނަތީޖާއަށް ބަލާކަމަށްވަންޏާވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އޯލެވެލްގައި އިށީން ކުދިންގެ ތެރެއިން 71 ޕަސެންޓް ކުދިންނަކީ އަންހެން ކުދިން. އަދި މިހާރު ސާނަވީ ތަޢުލީމާއި، މަތީ ތަޢުލީމަށް، އެހެންވީމާ ފުރްޞަތު ލިބިގެން އެންމެ ގިނަ ޢަދަދެއް، އެންމެބޮޑު އާބާދީއެއް އޮތީ އަންހެން ކުދިންގެ. މަތީ ފާސްތައް ޙާޞިލުކޮށްގެން ދިވެހިރާއްޖެއަށް އަންނަ ކުދިންނަށް ބަލާކަމަށްވަންޏާ، މި ޢަދަދަކީ އަންހެން ކުދިން މިލްކުކޮށްފައި އޮތް ޢަދަދެއް. އެހެންވެގެން، އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމާއި، މެއިންސްޓްރީމް ކުރުމުގެ ގޮތުން، އަދި ޙަޤީޤަތް ގަބޫލުކުރުމުގެ ގޮތުން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސަރުކާރުން، މިހާރު މިއޮތް ސަރުކާރުން އަންހެނުންނަށް އެމްޕަވަރމަންޓަށް ޚާއްޞަ މަސައްކަތްތަކެއް މިކުރަނީ. އަޅުގަނޑު ގަބޫލުކުރަނީ، ޤާނޫނީ ތަންފީޛީ ބާރު ހޯދުމަށް ކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ކުރަންޖެހޭ މަސައްކަތޭ. އެހެން ނަމަވެސް، ޢަމަލީގޮތުން ތަންފީޛު ކުރުމަކީ، އެއަށްވުރެ ނަތީޖާ ފަސޭހައިން ލިބޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރާތީ، އަޅުގަނޑުގެ އެޕްރޯޗް ކުޑަކޮށް ތަފާތީ. އަޅުގަނޑުގެ އެޕްރޯޗަކީ އަންހެނުން ބާރުވެރިކުރުމަށް،އިޤްތިޞާދީ ގޮތުން އަދި ފައިސާގެ ގޮތުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްދިނުން. އަންހެނުންނަކީ ވަޒީފާތަކަށް ފުރްޞަތު ހޯދައިދޭ ބައެއްގެ ގޮތުގައި ހެދުން. އެކަމަކު މިއީކީ އެއްގޮތަކަށްވެސް އަންހެނުންނަށް ލިބެންވާ ޙައްޤުތައް އެކަށައަޅައި، ޙިމާޔަތްކުރާ، ކަށަވަރުކޮށްދޭނެ ޤާނޫނުތައް ނުފޮނުވާ ވާހަކައެއް ނޫން. އަޅުގަނޑުމެން މިދަނީ އެކަންކަން ކުރަމުން. އަދި ހުރި ޤާނޫނުތައް ފާސްވެ، ތަޞްދީޤުވެސް ކުރަމުން މިދަނީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ އިސް އަމާޒަކީ، ޢަމަލީ ޙަޤީޤީ ބާރުވެރިކަން ހޯދައިދިނުން.

ކުދިންގެ ނަތީޖާތަކަށް ބަލާކަމަށްވަންޏާ، މަތީ ތަޢުލީމް ޙާޞިލްކުރާ އަންހެން ކުދިންގެ ނަތީޖާއަކީ، އަޅުގަނޑުމެން ފަޚްރުވެރިކަމާއެކީ ފާހަގަކުރަންޖެހޭ ނަތީޖާއެއް. އަޅުގަނޑަށް އެނގޭ، މީގެ ދެރެއެއްގެ ފަހުން މިއޮތީ، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ ފާޅުކުރުން. މިއަދުވެސް ބުނަންވެސް އެނގޭ، ނަތީޖާތައް އަޅުގަނޑަށް އަދި ލިބުނީކީވެސް ނޫން. މިއަދުވެސް ބުނަން އެނގޭ، ބޮޑު ޢަދަދެއް، މަތީ ތަޢުލީމް، ނޫނިއްޔާ، ޖީ.ސީ.އޯ އޯ ލެވެލްގައި މަތީ ނަތީޖާތައް ހޯދާ ބޮޑު ޢަދަދަކަށްވާނީ، އަންހެން ކުދިން. އެކަމާ އަޅުގަނޑު ފަޚްރުވެރިވަން.

އެހެން ނަމަވެސް އެޔާއެކީ ދަންނަވާލަން ބޭނުންވޭ. މި ޙަޤީޤަތް ގަބޫލުކުރާއެކީ، އަޅުގަނޑުމެންގެ ސަރުކާރުން މި މަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ ކުންފުނިތަކުގެ ބޯޑުތަކަށް އަންހެން ބޭފުޅުން ހިމަނަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ސަރުކާރާ ޙަވާލުވީ ކޯލިޝަނެއްގެ ތެރެއިން. ސަރުކާރުގެ ހުރިހާ ކަމެއް، މިފެންވަރުގެ ހުރިހާ ކަމެއް، އަމިއްލަ އިޚްތިޔާރުގައި ނިންމުމަކީ، ސިޔާސީގޮތުން ކޯލިޝަނެއް ހަދައިގެން ރައީސް ކަމަށް އަންނަ މީހަކަށް، އަމިއްލަ އިޚްތިޔާރުގައި ކުރެވޭނެ ކަމެއް ނޫން. ހުރިހާ ޕާޓީތަކަށް ޖާގަދޭންޖެހޭ. ހުރިހާ ޕާޓީތަކުގެ ލީޑަރުން ވިދާޅުވާ ކަންކަން ކޮށްދޭންޖެހޭ. އެކަމަކު އެޔާއެކުގައިވެސް މިވާހަކަ މިދަންނަވާލީ، އަޅުގަނޑު ބޭނުންވާ މިންވަރަށް މިކަން ނުގެންދެވޭތީ. މިވާހަކަ މިދަންނަވާލީ، އަޅުގަނޑުގެ ވިސްނުމުގައި ﷲގެ ރަޙްމަތާއެކީ ސަރުކާރުގެ އަމާޒަކީ، މިހާރު ބޯޑެއްގައި ޢާންމުކޮށް، ބޯޑުތަކުގައި މި ތިއްބަވަނީ 5 މެންބަރުން. މިއަހަރު ނިމޭއިރު އަޅުގަނޑު ބޭނުންވޭ، ކޮންމެ ބޯޑެއްގައި މަދުވެގެން ދެބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް ހަދަން. އަދި ހަމައެހެންމެ، އަޅުގަނޑަށް ފުރްޞަތު ލިބުނީމަ، އަޅުގަނޑު މިފަހަރު އިޚްތިޔާރުކުރީ، އެމް.އެމް.އޭ.ގެ ގަވަރުނަރަކީވެސް އަންހެން ބޭފުޅަކަށް ހަދަން. އިރާދަކުރެއްވިއްޔާ، މިއަދު ޙަރަކާތްތެރިވަނީ ހަމަ ވަރަށް މަތީ ތަޢުލީމާއި ޤާބިލުކަން ހުރި އަދި ކަރޭޖް ނޫނިއްޔާ އެމަސައްކަތުގެ ކޮންވިކްޝަނާއި އިތުބާރު އޮތް އަންހެން ކަނބަލެއް. އަދި ހަމައެހެންމެ، އަޅުގަނޑާ ހަމައިން ނިންމާފައި، އަޅުގަނޑުމެންގެ ދިވެހި ސަރުކާރުގެ ބޭންކް އޮފް މޯލްޑިވްސްގެވެސް ޗެއަރ ޕަރސަނެއްގެ ގޮތުގައި އަޅުގަނޑު މި ހަމަޖެއްސީ އަންހެން ބޭފުޅެއް. މީގެ ބޭނުމަކަށްވަނީ، މިކަހަލަ ދާއިރާތަކަކީ ފަސޭހަކަމާއެކީ އަންހެން ބޭފުޅުންނަށް ޙަރަކާތްތެރިވެ، އަދި މިދެންނެވި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް.

އަޅުގަނޑުމެންގެ ސަރުކާރުގެ އެހެން މަސައްކަތްތަކަށް ބަލާއިރު، އަންހެން ބޭފުޅުން، އަންހެން ކަނބަލުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ، އަތޮޅުތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭ ދާއިރާއަކީ ދަނޑުވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ. މަސްވެރިކަމުގެ އަދި ދަނޑުވެރިކަމުގެ ޞިނާޢަތަށް ބަލާކަމަށްވަންޏާ، އެ ވުޒާރާއިން ނިންމަވާފައި އެއޮތީ ހަމަ މިދެންނެވި ގޮތަށް އަންހެނުން އެމްޕަވަރ ކުރުމަށް، އަންހެނުން މެއިންސްޓްރީމް ކުރުމަށް، އެތަނުން ކުރާ މަސައްކަތްތަކުގައި ހަމަ ޙަޤީޤަތުގައިވެސް ގިނަ އަންހެން ކަނބަލުންނަށް ފުރްޞަތު ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، އިފާޑުގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން މިދޫކުރާ ލޯނުގެވެސް 60 ޕަސެންޓް ޚާއްޞަ ކުރެވިފައި އެވަނީ އަންހެން ކަނބަލުންނަށް. އަދި މަސްވެރިކަމުގެ ދާއިރާއިން އާ އުފެއްދުންތެރި ކަމަށް ދޫކުރާ، ނޫނިއްޔާ އާ އުފެއްދުމަށް ދޫކުރާ ލޯނުގެވެސް 60 ޕަސެންޓް ޚާއްޞަ ކުރެވިފައި އެވަނީ އަންހެނުންނަށް. އަދި ހަމައެހެންމެ، އަޅުގަނޑުމެން އަޑުއަހަމު، ދިވެހިރާއްޖޭގައި ކޮމާރޝަލް އެގްރިކަލްޗަރ ކުރާ ހަތަރު ފަސް ރަށް، ނޫނީ އެއަށްވުރެ ގިނަ ކުންފުނި އެބަހުރި. ހަތަރު ފަސް ރަށުގައި، ނޫނީ އެއަށްވުރެ ގިނަ ކުންފުނި. މާފައްސޭ ބުނީމަ، އަޅުގަނޑުމެން ހުރިހާ އެންމެންނަށް، ޚާއްޞަކޮށް، ރަމަޟާން މަސް ކައިރިވެގެން އަންނައިރު އެނގޭނެ، މާފައްސަކީ ކިހާ މިންވަރަކަށް ދަނޑުވެރިކަމުގެ މަސައްކަތުގައި ކުރިއަށް ގޮސްފައި އޮތް ކުންފުންޏެއްކަން. މިހާރު އެ ކުންފުނިތަކުގެ މުއްދަތު ނިމުމަކާ ހަމައަށް އެ އަންނަނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުން ނިންމީ، ކުންފުނިތަކަށް ބޮޑެތި ޝަރުޠުތަކެއް ކޮށްފައި، ޚާއްޞަ ގޮތެއްގައި، އަންހެން ބޭފުޅުންގެ ޙައްޤުތައް، ނޫނީ އަންހެން ބޭފުޅުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކެއް ކުރުމުގެ ގޮތުން، މިކަހަލަ ޝަރުޠުތަކެއް މި ކަނޑައެޅީ. ޝަރުޠުތަކެއް ކޮށްފައި، އެ ޝަރުޠުތަކާއެކީ ކުރިއަށް ވަޑައިގަންނަވާ ކަމަށްވަންޏާ، އެބޭފުޅުންނަށް މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައި. އެ ޝަރުޠަކީ ސަރަޙައްދުގައި އަންހެންވެރިން ކުރާ މަސައްކަތުން، ގޭގޭގައި ކުރާ މަސައްކަތުން އުފައްދާ ދަނޑުވެރިކަމުގެ ހުރިހާ ސާމާނަކީ، އެބޭފުޅުން ހަމަޖެހޭ އަގެއްގައި، ގަބޫލުކުރެވޭ އަގެއްގައި ބައްލަވައިގަންނަވާނެ ޝަރުޠު. އެ ޝަރުޠު އެބޭފުޅުން ޤަބޫލުކުރައްވާ ކަމަށްވަންޏާ، އިތުރު ޝަރުޠަކާނުލައި، މިދެންނެވި ގޮތަށް ކޮމާރޝަލް އެގްރިކަލްޗަރުގެ މަސައްކަތުގައި އުޅުއްވާ ބޮޑެތި ކުންފުނިތަކަށް، އެބޭފުޅުންގެ ދީފައި އޮތް މުއްދަތު އަނެއްކާވެސް އިތުރު މިކޮށްދެނީ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި، އަންހެން ބޭފުޅުން، އަންހެން ކަނބަލުން އެންމެ ގިނަ މަސައްކަތެއް ކުރައްވަނީ، ދަނޑުވެރިކަމުގެ ދާއިރާގައި ކަމުގައިވާތީ، އެބޭފުޅުން އުފައްދާ ތަކެތި އުކާލަންޖެހޭތީ، އަދި ނުއަގުގައި ވިއްކާލަންޖެހޭތީ، އެކަމަށް ޙައްލެއް ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް.

އާދެ! އަޅުގަނޑުމެންނަށް މިއަދުގެ މިޖަލްސާއިން ފާހަގަވެގެން މިދިޔައީ، އަންހެން ބޭފުޅުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރައްވާ އަގުހުރި މަސައްކަތް. ޝައްކެއްވެސްނެތް، އެބޭފުޅުންގެ މިޒާޖާއި ޠަބީޢަތާ ވަރަށްގުޅޭ މަސައްކަތް، އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިސާލަކަށް، ޖުވަރިޔާ ވަޖުދީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އަމިއްލަފުޅު ތިންހާސް އެތައް ރެސިޕީއެއްގެ ވާހަކަ، އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔައީ. ފަސްދޮޅަސް އެތައް ފޮތެއްގެ ވާހަކަ އިވިގެން ދިޔައީ. ކޮންމެ ފޮތެއްގައި މަދުވެގެން ސަތޭކަ އެތައް ރެސިޕީއެއްގެ ވާހަކަ، އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ. މިއީކީ ކުޑަކުޑަ އެކޮމްޕްލިޝްމަންޓެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، މިއީ އަޅުގަނޑުމެންގެ ތަޢުރީފާއި ޝުކުރު ޙައްޤު، ވަރުގަދަ މަސައްކަތެއް. އެހެންވީމާ، ޖުވައިރިޔާ ވަޖުދީ ކޮށްދެއްވަމުން އެ ގެންދަވާ މަސައްކަތަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ޝުކުރު ދަންނަވަން. ހަމައެހެންމެ، ކޭކު އެޅުމުގެ ދާއިރާގައި އާމިނަތު ނަޝީދާ، އެންމެ ޒުވާން ޢުމުރުން ފެށިގެން މިހާތަނަށް ކުރައްވާފައި އޮތް މަސައްކަތަކީ، އަޅުގަނޑުމެން ހުރިހާ ސަރުކާރެއްގައިވެސް ފާހަގަކޮށްފައި ހުރި މަސައްކަތް. ހިތްވަރު ދިނުމުގެ އިނާމާއި، ޝަރަފްވެރި އިނާމާ، މި އިނާމުތަކަކީ ރައީސް މައުމޫންގެ ސަރުކާރުގައި ތަޢާރުފް ކުރައްވާފައިވާ އިނާމުތަކެއް. މަސައްކަތްތެރިކަމުގެ، ނޫނިއްޔާ އެކިއެކި ޞިނާއަތްތަކުގައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނަށް މިދެއްވާ އަގު ވަޒަން ކުރުމުގެ އިނާމު، އާމިނަތު ނަޝީދާ ވަނީ ޙާޞިލު ކުރައްވާފައި. އަދިވެސް އެކަމަނާ އެމަސައްކަތުގައި ކުރިއަށް އެ ވަޑައިގަންނަވަނީ. އެހެންވީމާ، އަޅުގަނޑުގެ ހިފެހެއްޓުން ނެތް ޝުކުރު، އާމިނަތު ނަޝީދާއަށްވެސް ދަންނަވާލަން. އަދި މިއަދުގެ މި ޖަލްސާގައި، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިބާއްވާ ޖަލްސާގައި، ރެހެންދި އެ ވޯޑް މި ޙާޞިލު ކުރެއްވީ ދެބޭފުޅުން، ޖުވައިރިޔާ ވަޖުދީ، އާމިނަތު ނަޝީދާއަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ތަހުނިޔާ ދަންނަވަން.

އާދެ! އަންހެން ބޭފުޅުންގެ ވާހަކަ ދައްކާއިރު، މިހުރިހާ ވާހަކަޔާއެކީވެސް އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ކަންކަން ނުވުމުގެ އިޙްސާސް. ނޫނިއްޔާ މާޔޫސްކަމުގެ އިޙްސާސް. އެހެން ނޫނިއްޔާ 100 އަހަރު، އަންހެނުންގެ ޙައްޤުތަކުގައި، އެކި ފެންވަރުގައި، ބައިނަލްއަޤްވާމީ ފެންވަރުތަކުގައި، އަންހެނުންގެ މަދަނީ ޖަމްޢިއްޔާތަކުގެ ފެންވަރުގައި، ސަރުކާރުގެ ފެންވަރުތަކުގައި، އެހާގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ކީއްވެގެންހޭ މިކަންކަމަށް ޙައްލު ނާންނަނީ. މިއަންނަނީ ކޮންމެވެސްވަރެއްގެ އަޅާނުލެވުމުގެ ނޫނިއްޔާ އޭގެ ނަތީޖާއެއްގެ ގޮތުން ކަންކަން ކުރިއަށްނުދާނެ ކަމުގެ ވިސްނުން. އަޅުގަނޑު ހަމަ ވަރަށް އުފަލާއި ފަޚްރުވެރިކަމާއެކީ ދަންނަވަނީ، ދިވެހިރާއްޖޭގައި ހުރިހާ ސަރުކާރުތަކެއްގައިވެސް ސިޔާސަތު، އެޔާ ތަފާތޭ. ހުރިހާ ސަރުކާރުތަކަކުންވެސް މިވަނީ، ރައީސް މައުމޫންގެ ޒަޢާމަތުން ފެށިގެން މިވަނީ އަންހެނުންގެ މަސައްކަތްތައް، އަންހެނުންގެ ޙައްޤު ހޯދައިދިނުމުގެ މަސައްކަތްތައް، މެއިންސްޓްރީމްކޮށްފައި. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރަކީ، އަޅުގަނޑު މިދެންނެވި ގޮތަށް ޤާނޫނީ ޙައިޘިއްޔަތު ހޯދައިދިނުމަށް، ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ އިތުރަށް، ތަންފީޛީ މަރްޙަލާގައި ނޫނީ ޕްރެކްޓިކަލީ މިކަން ކުރާނެގޮތާ ދޭތެރޭގައި އިސްވެ ކަންތައްތަކެއް ކުރާނެ ސަރުކާރެއް. މި މާޔޫސްކަން ފިލުވައިލުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ގިނަގުނަ. އެހެން ނަމަވެސް، އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ވަރަށްގިނަފަހަރު މި ގަބޫލުކުރެވެނީ މިސާލަކަށް، މި އޯޑިއެންސަކީ އެންމެ ރަނގަޅު އޯޑިއަންސެއް ނޫން. މިތަނުގައި މިތިއްބެވި ސަރުކާރުގެ ވަޒީރުންނާއި އަދި ޑިޕްލޮމެޓިކް ކޯގެ ބޭފުޅުންނާއި އަދި ކަންކަން ނިންމަވާ ބޭފުޅުން. އެހެން ނޫންކަމަށްވަންޏާ، މިހެން އަންނަ ހޯލެއްގައި ފުރާލާފައި އޮންނައިރު، އަޅުގަނޑުމެންގެ ހިތަށް މި އަރަނީ، ބާރުވެރިކަންނެތީ، ބާރުވެރިކަން އިޙްސާސް ބާރުވެރިކަން އިޙްސާސް ކުރަން ބޭނުންނުވަނީ، ތިމަންނަމެންގެ އަތްމަތީގައި ބާރުވެރިކަން ނެތީމައޭ. މިއީ އެންމެ އާދައިގެ އިޙްސާސް. އަންހެން ބޭފުޅުންނަށް ފަހަރުގައި ހީފުޅުވެދާނެ، ބާރުވެރިކަން ނެތިގެން މިއުޅެނީ، ނޫނިއްޔާ ތިމަންނަމެންގެ ބާރުވެރިކަން ނެތީމައޭ، ބާރުވެރިކަން ނެތިގެން މިއުޅެނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ދިވެހިރާއްޖޭގެ އާބާދީގެ 52 ޕަސެންޓަކީ އަންހެނުންނޭ. މަތީ ތަޢުލީމް ޙާޞިލްކޮށްގެން، މަތީ ވަނަތައް ހޯއްދަވާ ބޭފުޅުންނަކީ، އަންހެން ބޭފުޅުންނޭ. އަދި ދިވެހި ސަރުކާރުގެ މިދެންނެވި ގޮތަށް، އިޤްތިޞާދީ ދާއިރާއާއި މަސައްކަތުގެ ދާއިރާގައި، އަންހެން ބޭފުޅުން މެއިންސްޓްރީމް ކުރައްވަން މަސައްކަތް ކުރެވެޔޭ. އެހެންވީމާ، މިއަދު އަންހެނުންގެ ދުވަސް ފާހަގަކޮށް، އަންހެނުންގެ ދުވަސް ދިޔަކަމުގައިވީނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަންހެނުންގެ ބާރުވެރިކަމަކީ އޮތް ބާރުވެރިކަމެކޭ. އަންހެން ބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވަންވީ، 52 ޕަސެންޓަކީ އަންހެން ބޭފުޅުންނޭ. އެހެންވީމާ، އަންހެނުންގެ ދުވަހެއް ނުދާނެއޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه.