بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު ސިންގަޕޫރަށް މިއަދު މިކުރާ ދަތުރަކީ، ސަރުކާރުގެ ފަރާތުން ޕްރައިވެޓް ސެކްޓަރާ ގުޅިގެން، އިންތިޒާމުކުރި ވިޔަފާރި ފޯރަމެއްގައި ތަޤުރީރު ކުރުމަށްޓަކައި ކުރާ ދަތުރެއް. ދެން މީގެ ބޭނުމަކަށްވަނީ، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ވިސްނުން ހުރި ގޮތް، ދިވެހި ދައުލަތުގެ ވިސްނުން ހުރި ގޮތް، ބޭރުގެ ފަރާތްތަކަށް އޮޅުންފިލުވައިދިނުމާއެކީ، ރާއްޖޭގައި ފަށަން އަޅުގަނޑުމެން ޚިޔާލުކޮށްފައި މިހިރަ ބޮޑެތި މަޝްރޫޢުތަކަށް ޝައުޤުވެރިކަން ހޯދުން. ދެން މި ޖަލްސާ އިންތިޒާމުކުރައްވަމުން ގެންދަވާތާ ދުވަސްކޮޅެއްވެއްޖެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އަޅުގަނޑު ބަލައިލިއިރު ސިންގަޕޫރު ފިޔަވައި، ސިންގަޕޫރުގެ އިތުރުން، 16 ޤައުމަކުން ގާތްގަނޑަކަށް 200 ވަރަކަށް މަންދޫބުން މި އިވެންޓްގައި އެބަ ޕާޓިސިޕޭޓް ކުރައްވާ. އަދި ދިވެހިރާއްޖެއިންވެސް ހަމަ ވަރަށް ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން އެބަ ވަޑައިގަންނަވާ. މީގެ ތެރޭގައި ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި، ބޭންކުތަކުގެ އިސްވެރިންނާއި، މިކަހަލަ މާލީ އިދާރާތަކުގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވާނެ.

އެހެންވީމާ، އަޅުގަނޑު މި އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ މިއީ، ދިވެހިރާއްޖެ އަލަށް ތަޢާރުފުވުމަށް، އިޤްތިޞާދީ ދާއިރާއިން އަލަށް ތަޢާރުފުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު މަސައްކަތް ކުރަންވެސް ޖެހޭނެ. ހަމައެއާއެކު، މި ދަތުރުގައިވެސް އެކަށީގެންވޭ، އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ޝައުޤުވެރިކަން ހުރެގެން، ހުޅުމާލޭގެ ޔޫތު ވިލެޖުގެ ކަންތައްތައް ކުރަން ނަމަވެސް، ނޫނިއްޔާ އައިހޭވަން ޕްރޮޖެކްޓްގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ނަމަވެސް، ނޫނިއްޔާ ދެންހުރި ބޮޑެތި އެހެން މަޝްރޫޢުތަކަށް ކޮންމެވެސް ވަރެއްގެ ޝައުޤުވެރިކަމެއް އުފެދިގެންދާނެކަމަށް އަޅުގަނޑު މި ދަތުރުގައިވެސް އަޅުގަނޑު އުއްމީދުކުރަނީ. ދެން އިރާދަކުރެއްވިއްޔާ މިދަތުރަކީ ހަމަ ރަނގަޅު، ކާމިޔާބު ދަތުރަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވޭ.

ދެން އެއީ ވިޔަފާރީގެ ބައި. ދެން އޭގެ އިތުރުން ސިންގަޕޫރުގައި، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު އެދިވަޑައިގަންނަވައިގެން އަޅުގަނޑު އެބަ ބައްދަލުވެސް ކުރަން. އެހެންނަމަވެސް، މިއީ އަޅުގަނޑުގެ ރަސްމީ ދަތުރަކަށް، މިދެންނެވި ހައިސިއްޔަތުން ސްޓޭޓް ވިޒިޓަކަށް ނުވާތީއާއެކީ، ސިންގަޕޫރުގެ ބޮޑުވަޒީރުގެ އަރިހަށް ނުވަތަ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް އަޅުގަނޑެއް ނުކުރަން. ޚާރިޖީ ވަޒީރު ބައްދަލުކުރައްވަން އެދިވަޑައިގަތީ. މިހާރު މިއޮތް ސަރުކާރާއި، ސިންގަޕޫރު ސަރުކާރާ ދޭތެރޭގައި މިއޮތް ގާތްގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިތުރު ވާހަކަތައް ދެއްކޭނެ.

ދެން އިރާދަކުރެއްވިއްޔާ މި ދަތުރަކީވެސް ހަމަ ކާމިޔާބު ދަތުރަކަށްވާނެކަމަށް އަޅުގަނޑު އުއްމީދުކުރަން. ބޮޑެތި މަޝްރޫޢުތަކަށް ޝައުޤުވެރިކަން އުފެއްދޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. ތަފާތު ވަރަށް ގިނަ ދާއިރާތައް، މި މަޝްރޫޢުތަކުގެ އިތުރަށް، ހަކަތަ އުފެއްދުމާއި، އަދި ގްރީން އެނަރޖީގެ މަޝްރޫޢުތަކާއި، މަސްވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކާއި، މިހެން ހުރި ތަފާތު މަޝްރޫޢުތައްވެސް އެބަހުރި. ވަޒީރުންގެ ޓީމެއްވެސް މިހާރުވެސް އެކޮޅުގައިވެއްޖެ. ދެން އަޅުގަނޑާއެކު މިއަދު ޑޮކްޓަރ ޝައިނީވެސް އެބަ ވަޑައިގަންނަވާ. އެހެންވީމާ، ފުދޭވަރެއްގެ ރަނގަޅު ޕްރެޒެންޓޭޝަނެއް މިބޭފުޅުން ހައްދަވާނެ. ދެން ޝައުޤުވެރިކަން އުފެދިގެންދާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.

އަޙްމަދު ނާއިފް – ހަވީރު:

އެންމެ ބޮޑަށް މި ސަރުކާރުން ކޮން ދާއިރާއަކުން އިންވެސްޓަރުން ހޯއްދަވަންތޯ މި އިންވެސްޓްމަންޓް ފޯރަމްގައި މަސައްކަތް ކުރައްވާނީ.

ރައީސުލްޖުމްހޫރިއްޔާ:

މީގައި، އަޅުގަނޑުމެން މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި މަސައްކަތްކުރާނީ، އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ޝައުޤުވެރިކަން އުފައްދަން. އަޅުގަނޑުމެން ޓެންޑަރކުރީ ބްރިޖް. ދެން އިރާދަކުރެއްވިއްޔާ ބްރިޖަށް ލިބުނު ތަރުޙީބު ވަރަށް ރަނގަޅު. ދެން މިއޮތީ އިހަވަންދިއްޕޮޅުގައި ހަދާ ޓްރާންސްޝިޕްމަންޓް ބަނދަރެއް. އަޅުގަނޑުމެން އެ ޕްރޮޖެކްޓަށް މި ކިޔަނީ "އައިހޭވަން". އައިހޭވަން ޕްރޮޖެކްޓް. މިއީ ވަރަށް ވަރުގަދަ، ވަރަށް ބިޔަ މަޝްރޫޢަކަށްވާނެ. މިއީ، ގާތްގަނޑަކަށް ދެ ބިލިޔަނާއި، ހަތަރު ބިލިޔަނާ ދޭތެރޭގެ އިންވެސްޓްމަންޓަކަށް ވެގެންދާނެ. މިއީ، ހަމައެކަނި ބަނދަރެއް ހެދުމެއްނޫން. މިއީ، ހަމަ ވަރަށް ބޮޑު އިންފްރާސްޓްރަކްޗަރެއް. އެހެންވީމާ، މި މަޝްރޫޢުގެ އެކިއެކި ކޮމްޕޯނަންޓްތައް ނަގާނެ ކޮންސޯޓިއަމްތަކެއް، ސިންޑިކޭޓްތަކެއް އުފެދިގެން ދިޔަނަމަވެސް އަޅުގަނޑުމެން އުފާވާނެ.

ދެންހަމަ އޭގެ އިތުރަށް، މިފަހަރު ހުށަހަޅާ ޕްރެޒެންޓޭޝަނުގެ ވަރަށް ބޮޑު ބައި ފޯކަސްވެގެންދާނެ ހުޅުމާލޭގައި މި އުފައްދަންއުޅޭ ޔޫތު ވިލެޖަށް. އޭގެ ތެރޭގައި އިތުރު ގެދޮރު، ނޫނިއްޔާ ފްލެޓް، ސޯޝަލް ހައުސިންގ، ޒުވާނުންނަށް އަގުހެޔޮކޮށް ފައިސާ ދެއްކޭނެ ވަރުގެ ހައުސިންގއަށް، އަޅުގަނޑުމެންގެ ހައުސިންގގައި މަސައްކަތްކުރާނެ ބަޔަކު، ލިބޭތޯ ބަލާނަން. ނޫނީ ގްރޫޕްތަކެއް ލިބޭތޯ ބަލާނަން. އަދި ހަމައެހެންމެ، ހުޅުމާލޭގައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގައި، ހުޅުމާލެ އިތުރަށް ހިއްކުމާއި، ހުޅުމާލޭގައި ކަރަންޓާއި، ފެނާއި، ނަރުދަމާޔާއި، މިކަހަލަ ކަންތައްތަކަށްވެސް އަޅުގަނޑުމެން ހަމަ މީހުން ލިބޭތޯ އަޅުގަނޑުމެންގެ ޕްރެޒެންޓޭޝަންތަކުގެ ތެރޭގައި ހިމެނިގެންދާނެ. ދެން ހުޅުމާލޭގައި ޔޫތު ވިލެޖެއް ހަދާއިރު މިއާއެކީގައި މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، މިކަހަލަ އެތައް ކަމެއް ހިމެނިގެންދާނެ. މިއިން ކޮންމެ ކޮމްޕޯނަންޓަކީ ވަކި މަޝްރޫޢެއް ގޮތަށް އަޅުގަނޑުމެން މި ހުށަހަޅަނީ.

ދެން އެހެންވީމާ، މި ދެންނެވީ ބޮޑެތި މަޝްރޫޢުތަކެއް ޙަޤީޤަތުގައި. އާދައިގެން ކުދިކުދި މަޝްރޫޢުތަކަކަށް އަޅުގަނޑުމެން ވަކިންނެއް ޝޮޕެއް ނުކުރާނަން. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މިހާރު އޮތީ ފަސޭހަކަމާއެކީ ބޭރު މީހުންނަށް އިންވެސްޓްކުރެވޭ ޤާނޫނުގެ ރައްކާތެރިކަން ލިބިދޭ މާޙައުލެއްކަން ކިޔައިދިނުމަށްޓަކައި، އަޅުގަނޑުމެން މިހާރު ކޮށްފައިހުރި މަސައްކަތްތައް ކިޔައިދޭނަން. ވަން-ސްޓޮޕް ޝޮޕިންގގެ ކޮންސެޕްޓް ގެނެވޭތޯ މިބަލަނީ. އެއީ، ސަރުކާރުގެ ކޮންމެވެސް އެއް ވުޒާރާއަކުން، އިކޮނޮމިކް މިނިސްޓްރީން ލަސްތަކެއް ނުވެ ބޭރުގެ އިންވެސްޓަރުން އެދޭ އިލްތިމާސްތަކަށް ނޫނީ ރާއްޖޭގައި އިންވެސްޓަރުން ބޭނުންވާ ދާއިރާތަކަށް ގިނަ ދުވަސްތަކެއް ނުވެ ހުއްދަ ދެވޭނެ ކަހަލަ ގޮތަކަށް ސަރުކާރުގެ ތެރޭގައި މިހާރު އިދާރީ ކަންތައްތައް އިންތިޒާމު ކޮށްފައި އެވަނީ.

އެހެންވީމާ، އެއީ އާންމު، އާދައިގެ އިންވެސްޓްމަންޓްތަކަށް ލިބޭނެ ރަނގަޅު މެސެޖަކީ އެއީ. ދެން ބޮޑެތި މަޝްރޫޢުތަކަށް ޖެހޭނީ ހަމަ މަޝްރޫޢުގެ ކޮންސެޕްޓާއެކީ، މަޝްރޫޢުގެ ހަމަ ތްރީ-ޑީ މޮޑެލްއާއެކީ ހުށަހަޅައިގެން ޝައުޤުވެރިކަން އުފައްދަންޖެހޭނީ. މި ދެންނެވި ގޮތަށް ބޮޑެތި މަޝްރޫޢުތަކަށް އަޅުގަނޑުމެންގެ މިފަހަރުގެ ފޯކަސް އަމާޒުވެގެންދާނީ.

އަޙްމަދު ނާއިފް – ހަވީރު:

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި، މާލޭގެ އެއަރޕޯޓްގެ މަޝްރޫޢު ކޯޑިނޭޓްކުރުމަށް ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ހިނގަމުންދާކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިއޮތީ. އެ މަޝްރޫޢުގެ ޕްރޮގްރެސް މިހާރު ކިހާ ހިސާބެއްގައިބާ އޮތީ؟ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން މިކަމަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން މިކަން ކުރުމަށްވުރެ މިއަށްވުރެ މާ ރަނގަޅަށް މިކަން ހިނގައިފި އިނގޭތޯ. އެއީ، އަޅުގަނޑުމެންގެ ބައެއް ބޭފުޅުން އެކޮޅަށް ވަޑައިގެން ކުރެއްވި ބައެއް މަސައްކަތުގައި ޗަންގީގެ ހުރިހާ ދާއިރާއެއްގެ ކޯޕަރޭޓް ލީޑަރސް ވަޑައިގެން މިދޭތެރެއިން ރާއްޖޭގައި އުޅުއްވާފައި އަދި ވަޑައިގެންނެވިތާ އަދި ދެ ހަފްތާވަރުވެސް ނުވާނެ. އަޅުގަނޑާވެސް ބައްދަލުކުރެއްވި. ހަމަ ޗަންގީ އެއާޕޯޓުގެ އެންމެ އިސް ކޯޕަރޭޓް ލީޑަރސް ވަޑައިގެންނެވީ އެކި ޑިޕާޓްމަންޓްތަކުގެ. ދެން އެބޭފުޅުން ރާއްޖޭގެ އެއަރޕޯޓް ބައްލަވާފައި، ރާއްޖޭގެ އެއަރޕޯޓްގައި ކޮމާޝަލް ހަރަކާތްތައް އިތުރުކުރާނެ ގޮތްތަކެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަޑައިގަތީ. ދެން އަޅުގަނޑުމެން އެބޭފުޅުންނާ ދެއްކި މައިގަނޑު ވާހަކައަކީ، މިހާރު އަޅުގަނޑުމެންގެ އާ ޓަރމިނަލް އެޅުމުގެ ކަންތައް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ޖަޕާނާ ގުޅިގެން. ޖަޕާނުގެ ކުންފުންނަކާ ގުޅިގެން. އެހެންނަމަވެސް، މި ހިނގާ ބޮޑެތި މަޝްރޫޢުތަކުގައި އެއަރޕޯޓުގެ ޓަރމިނަލުން ފެށިގެން އެއަރޕޯޓުގެ ހުރިހާ މަޝްރޫޢުތަކުގައި އެބަބޭނުންވޭ، ޗަންގީ ކަހަލަ ފޯވަރޑް-ލުކިންގ ނޫނިއްޔާ ކުރިއަށް ދުރުވިސްނާ ކަހަލަ ބަޔަކާ އެކީ މިކަން ކުރަން. އެހެންވީމާ، ޗަންގީގެ މެނެޖްމަންޓްވާނީ ޙަޤީޤަތުގައި ޓަރމިނަލްގައިވެސް އަޅުގަނޑުމެންގެ ކޮންސަލްޓަންޓުންނަށް. އަދި އެއަރޕޯޓަށް ބޭނުންވާ ކޮންސަލްޓަންސީތަކުގައިވެސް އަޅުގަނޑުމެންގެ ފައިނަލް ކޮންސަލްޓަންޓުންނަށް ވާނީ ޙަޤީޤަތުގައި ޗަންގީ. ޗަންގީއަކީ ސީދާ އެއަރޕޯޓަށް އިންވެސްޓްކުރާ ބައެއްނޫން. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ ޗަންގީގެ ޓެކްނިކަލް އެކްސްޕަޓީޒްއާއި ސީދާ ކަންކަން ކުރާނެ ގޮތގެ މަޢުލޫމާތު ހޯދަން. އެހެންވީމާ، އެ މަޝްރޫޢު އެއޮތީ ވަރަށް ކުރިއަށް ގޮސްފައި. ޗަންގީގެ ޝައުޤުވެރިކަން ފާޅުކުރެއްވި. އެހެންވީމާ، އަޅުގަނޑުމެންނަށް ޤަބޫލު ކުރެވެނީ މި ޓަރމިނަލްގެ ހުރިހާ ކަންތައްތަކެއްގެ ސުޕަވައިޒަރީ ކޮންސަލްޓަންސީ މަސައްކަތެއް ކޮށްދެއްވާނެކަމަށް ޗަންގީގެ ފަރާތުން.

އަޙްމަދު ނާއިފް - ހަވީރު:

ވަރަށް ބޮޑަށް އިންވެސްޓަރ ކޮންފިޑެންސް އުފައްދަން ސަރުކާރުން މަސައްކަތްކުރޭ. މި ފޯރަމްގައިވެސް ވަރަށް ބޮޑަށް އެކަމަށް މި ސަރުކާރުން ޕުޝްކުރާ ކަމަށް، ޕުޝް ކުރަމުންދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރަނީ. ވާހަކަ ދައްކާއިރު، ޖީ.އެމް.އާރު.ގެ މައްސަލައަކީ މިދޭތެރެއަށް ވަންނަ ހުރަހެއް. އާބިޓްރޭޝަނުގައި ސަރުކާރުން މި ވަކާލާތުކުރާ ކޮޅަށް ކާމިޔާބު ލިބޭނެކަމަށް މަނިކުފާނުގެ ކޮންފިޑެންސް ހުރީ ކިހާ ވަރަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ:

މީގައި އަޅުގަނޑުމެން ސަރުކާރަށް ދިވެހި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެވޭނީ ދެއްތޯ. ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ ހަމަ ސަރުކާރެއް، ސަރުކާރުގެ ފުރިހަމަ ސިޔާދަތީ ބާރު އޮވެގެން އެއޮތީ ބޭރު ބަޔަކަށް އެގްރީމަންޓް ކުރައްވައިގެން ކުއްޔަށް ދެއްވާފައި. މިވެސް ސަރުކާރެއް އިނގޭތޯ. މިދޭތެރެއިން މި ދިޔައީވެސް ސަރުކާރެއް. އެހެންވީމާ، އަޅުގަނޑުމެން ޤަބޫލުކުރަނީ މިކަމުގައި އެމީހުންނަށް ކޮންމެވެސް ކަހަލަ މާލީ ބަދަލެއް ދޭންޖެހޭނެކަމަށް. އެއަރޕޯޓް ނެގި ނެގުމުގެ ބަދަލެއް ދޭންޖެހޭނެކަމަށް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި ދޭންޖެހޭ ބަދަލަކީ ޙަޤީޤަތުގައި ބޮޑު ބަދަލަކަށްނުވެ، އާދައިގެ ބަދަލަކަށްވޭތޯ މި ކުރާ މަސައްކަތް މިއީ އިނގޭތޯ. ދެން ކުރެވިފައި އޮތް އެގްރިމަންޓްގެ ދަށުންވެސް ޑޮކްޓަރ ޖަމީލުވެސް، އަދި ބަންޑާރަނައިބު އަނިލްވެސް، އެބޭފުޅުން އަޅުގަނޑު ކައިރީގައި ވިދާޅުވި މީގައި ދެގޮތެއް އެބައޮތޭ. އެއީ، އެއްގޮތަކީ ހަމަ ނޭޝަނަލައިޒް ކުރާ އުސޫލުން ނެގުމޭ. އަނެއް ގޮތަކީ، ދައުލަތަށް ބޭނުންތެރިކަން ބޮޑުވެގެން ނަގާ ނިންމުމެއް. އެގޮތަށް އާބިޓްރޭޓަރުން ނޫނިއްޔާ އާބިޓްރޭޝަންގެ ފަނޑިޔާރުން މި ގޮތަށް ޤަބޫލުފުޅު ކުރައްވައިފި ކަމަށްވަންޏާ އަޅުގަނޑުމެން ދޭންޖެހޭ ބަދަލު، ނޫނިއްޔާ ޖީ.އެމް.އާރު.އަށް ކޮމްޕެންސޭޓް ކުރަންޖެހޭ ޢަދަދު ކުޑަވެގެންދާނެ. ކޮންމެ ޙާލަތެއްގައިވެސް ބަދަލެއް ދޭންޖެހޭނެ ދެއްތޯ. ކޮންމެ ޙާލަތެއްގައިވެސް ބަދަލެއް ދޭންޖެހޭނެ. އެހެންވީމާ، މިބަދަލު ކުޑަ ކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ. ދެން މި ދޭތެރެއިންވެސް ހަމަ ބަންޑާރަނައިބާއި ސަރުކާރުގެ ޓީމެއް ގޮސް އާބިޓްރޭޝަނުގައި އުޅުއްވާފައި މި ވަޑައިގަތީ. ދެން މީގައި މި ދިމާވާ މައްސަލައަކީ އާބިޓްރޭޝަނުގެ ޕެނަލުގައި މި ތިއްބެވީ ތިން ފަނޑިޔާރުން. ތިން ފަނޑިޔާރުން ތިއްބެވީމާ އެތަނުން ކޮންމެ ފަނޑިޔާރެއްގެ ޚިޔާލުފުޅަކީ މުހިންމު ޚިޔާލުފުޅަކަށްވާނެ. އެހެންވީމާ، އަޅުގަނޑުމެންނަކަށް، އަޅުގަނޑަކަށް ދަންނަވާކަން ނޭނގެ އަދި އަޅުގަނޑުގެ ޓީމުގައި މި ތިއްބެވި ބޭފުޅުންނަކަށްވެސް، އަނިލްމެން ބޭފުޅުންނަކަށްވެސް އެނގިވަޑައެއް ނުގަންނަވާނެ ވިދާޅުވާކަށް އަދި އެބޭފުޅުންގެ އިޙްސާސް ހުރީ މިމައްސަލަ ނިމިގެންދާނީ ކިހިނެއް ކަމެއް. އަޅުގަނޑުމެންނަށް ހުށަހެޅެންހުރި ހުރިހާ، އަޅުގަނޑުމެންގެ ކޮޅުން ހުށަހެޅި ޑޮކިޔުމެންޓްތަކާއި، މިހުރިހާ ކަމެއް ކުރެވިއްޖެ. އެހެންވީމާ، އަޅުގަނޑުމެނަށް ކުރެވޭނީ މަސައްކަތް. ދެން ހަމަ އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް މިންވަރު ކުރައްވާތޯ ހަމަ ދުޢާ ކުރެވޭނީ ދެއްތޯ. އިރާދަކުރެއްވިއްޔާ ހަމަ ކޮމްޕެންސޭޝަނަކީ، އާދައިގެ ކޮމްޕެންސޭޝަނަކަށް ވެގެންދާނީ.

ފަޠާނާ ފާޢިޒް - ޗެނެލް 13:

މި ފޯރަމްގެ އިތުރުން އެހެން ކަމެއް ރޭވިފައި ވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ނޫން، ފޯރަމްގެ އިތުރަކަށްނޫން. މި ފޯރަމްގެ މަސައްކަތްތައް ހިނގާނެ. ވަކިވަކި ޕްރެޒެންޓޭޝަންތައް ހިނގާނެ. އެހެންނަމަވެސް، އަޅުގަނޑު މިކުރަނީ ހަމަ ދެދުވަހުގެ ދަތުރެއް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އާދީއްތަ ވިލޭރޭ، ހޮނިހިރު ދުވަހުގެ ރޭ އަޅުގަނޑު މާލެ އަންނާނަން. އަޅުގަނޑު މިޕްރެޒެންޓޭޝަން ހަދާފައި އޭގައި ތިއްބެވި ކޯޕަރޭޓް ލީޑަރޒްގެ ތެރެއިން ބައެއް އިސްބޭފުޅުންނާ ވަކިވަކިން ބައްދަލުކޮށްފައި، ޗައިނާގެ ވަރަށް ވަރުގަދަ ގްރޫޕެއް އެބައުޅޭ. އެ ގްރޫޕާ އަޅުގަނޑު ބައްދަލުކުރާނަން، ހުޅުމާލޭގެ ޓައުންޝިޕްގެ މަސައްކަތާ ބެހޭގޮތުން. ދެން ބަނދަރު، ޕޯޓުގެ ވަރަށް ބޮޑެތި ބަޔަކު އެބައުޅޭ. ޚާއްޞަކޮށް އޮސްޓްރޭލިޔާއިން އަންނަ ޓީމެއް އެބައާދޭ. އެޓީމާވެސް އަޅުގަނޑު ބައްދަލުކުރާނަން. މިހެންއައިސް މިހެން ހުރި ވަކިވަކި ކޯޕަރޭޓް ޑެލިގޭޝަންތަކާ އަޅުގަނޑު ބައްދަލުކުރާނަން. ބައްދަލުކޮށްފައި އަޅުގަނޑު އިރާދަކުރެއްވިއްޔާ އާދީއްތަވިލޭރޭ މާލޭގައި ހުންނާނީ. އެހެންނަމަވެސް، ވަޒީރުން ހަމަ ތިއްބަވާނެ އިތުރު މަސައްކަތްތައް ކުރައްވަން.