بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެންމެހާ ކުޅުންތެރިން، އޮފިޝަލުން، އެފް.އޭ.އެމް.ގެ ރައީސް، ދައުލަތުގެ ނައިބު ރައީސް، ވަޒީރުން، ފުޓްބޯޅަ ފޭނުން، ދިވެހި ލޮބުވެތި ރައްޔިތުން!

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ދިވެހިރާއްޖެއަށް މިއޮތީ ފުޓްބޯޅައިގެ ޢީދެއް އައިސްފައި. އަޅުގަނޑުމެން މި ޢީދު ފާހަގަކުރުމުގެ ގޮތުން، މި މޫސުމް ފެށުމުގެ ގޮތުން، ރޭގައި އަޅުގަނޑުމެންގެ ޤައުމީ ޓީމު، ލާއޯސްގެ މައްޗަށް ހޯދި ކުރި، ހޯދިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހި ރައްޔިތުން މިތިބީ، ދިވެހި ޤައުމީ ޓީމާ އެކީގައޭ. އަޅުގަނޑުމެން ބޭނުންވަނީ، މިކަހަލަ މެޗްތަކެއްގެ ނަތީޖާ، ދިވެހި ޤައުމީ ޓީމުގެ ފަރާތުން އޭ.އެފް.ސީ. ޗެލަންޖް ކަޕްގައި ދައްކަވާށޭ.

އާދެ! އޭ.އެފް.ސީ ޗެލެންޖް ކަޕް، ދިވެހިރާއްޖޭގައި ބޭއްވުމަކީ، އަޅުގަނޑުމެންނަށް މާ ފަސޭހަކަމަކަށްނުވި. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރު އައުމާއެކީ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީ، ބަޖެޓުގައި ދަތިތަކެއް ހުރިއިރުވެސް، އަޅުގަނޑުމެން މަސައްކަތްކުރީ، ދިވެހި ޒުވާނުންނަށްޓަކައި އަދި ޤައުމު އެއްބައިވަންތަ ކުރުމަށްޓަކައި، ފުޓްބޯޅައަށްޓަކައި، ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ ވިންދު ގުޅިފައިވަނީ، ފުޓްބޯޅައާ ކަމުގައިވާތީ، އަޅުގަނޑުމެން ގަބޫލުކުރީ، މި މުބާރާތަކީ ދޫކޮށްނުލެވޭވަރުގެ މުބާރާތެއް ކަމުގައި. އެހެންވީމާ، ދިވެހި ޒުވާނުންނަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން ނިންމީ، އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްކޮށްގެން، މި ލިބުނު ކުޑަ މުއްދަތުގެ ތެރޭގައި، އޭ.އެފް.ސީ ޗެލެންޖް ކަޕް، ދިވެހިރާއްޖޭގައި ހޯސްޓް ކުރެވޭތޯ. ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެންނަށް މިކަން މިވަނީ ކާމިޔާބު ކުރެވިފައި. މިކަން ކާމިޔާބު ކުރުމުގައި، މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް، އިންތިޒާމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް، ޖުމްލަގޮތެއްގައި އިޚްލާޞްތެރިކަމާއެކީ، ޝުކުރު މި ދަންނަވަނީ، އެފް.އޭ.އެމް.ގެ ރައީސަށް، އޮފިޝަލުންނަށް، ޔޫތު މިނިސްޓަރަށް، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި މި މަސައްކަތުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ޝާމިލުވާ ގޮތެއްގައި.

ޝައްކެއްވެސްނެތް، މިވަރުގެ ކަމެއް، ދިވެހިރާއްޖޭގައި ވެގެން ދިޔުމަކީ، ދިވެހިރާއްޖެ ޓުއަރިޒަމްގެ ޗާޓުގައިވެސް ޖަހާލެވޭ ކަމެއް. ހަމައެކަނި ދިވެހިރާއްޖެ ޓުއަރިޒަމްގައި ތަޢާރުފްވެގެން ދަނީކީ އަޅުގަނޑުމެންނަކަށް، މިތަނަށް ކްރޫޒް ލައިނަރުތައް އަންނާތީކީވެސް ނޫން. އަދި ޓޫރިސްޓުން ގޮވައިގެން ދިވެހިރާއްޖެއަށް އުޅަނދުފަހަރު އަންނާތީކީވެސް ނޫން. ދުނިޔޭގައި ފުޓްބޯޅައިގެ މެޕްގައި ދިވެހިރާއްޖެ ޖަހާލެވިއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، މި ރާއްޖެއަށް މި ލިބެނީ ފަޚްރުވެރި، ޝަރަފްވެރި ވަނައެއް. އެގޮތުން، އަޅުގަނޑުމެން ދުށީ ކޮންމެ ގޮތަކުންވެސް މިފަހަރު ދިވެހި ޒުވާނުންނަށްޓަކައި މި އޭ.އެފް.ސީ ޗެލެންޖް ކަޕް، ދިވެހިރާއްޖޭގައި ހޯސްޓް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެ ކަމަށް.

ފުޓްބޯޅައަކީ ދިވެހިންގެ ޝައުޤުވެރިކަން އޮތް ކުޅިވަރު. ފުޓްބޯޅައަކީ ދިވެހިންގެ ހިތުގެ ވިންދާ ގުޅިފައި އޮތް ކުޅިވަރު. ފުޓްބޯޅައަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ހިނގާ ލެޔާ ގުޅިފައިވާ ކުޅިވަރު. އެހެންވީމާ، ފުޓްބޯޅައަށް މި ލިބޭ ޢީދުގެ ފުރްޞަތު، އަޅުގަނޑުމެން ދޫކޮށްލުމަކީ، އަޅުގަނޑުމެންނަށް ކުރެވޭ ޒާތުގެ ކަމަކަށްނުވަނީ. ވަރަށް ހަލަބޮލި ސިޔާސީ ދުވަސްތަކަކަށްފަހު، ސިޔާސީގޮތުންވެސް ހަމަޖެހުމެއް އައިއިރު، އަޅުގަނޑުމެންނަށް އިތުރަށް ދިވެހިރާއްޖެ ބަދަހިކުރުމަށްޓަކައި އަޅުގަނޑުމެންނަށް ދައްކައި މި ދެވެނީ، މުޙާވިރާ ބަހެއްގައި އޮވޭ، ކުޅިވަރަކީ، ޚާއްޞަކޮށް، ފުޓްބޯޅައަކީ ޕޮލިޓިކްސް އިން ބޭރުގައި ހުރިހާ އެންމެން އެއްގަލަކަށް އަރުވާ ކުޅިވަރެއް ކަމަށް. އަޅުގަނޑުމެންނަށް ﷲގެ ރަޙްމަތާއެކީ، މިކަން ތަރުތީބުވެގެން މިފަހަރު މިދިޔައީ މިގޮތް ދައްކައިދޭގޮތަށް. ސިޔާސީ ހަލަބޮލި ދުވަސްތަކެއް ނިމި، ސަރުކާރެއް އައިސް، ސަރުކާރުގެ މަސައްކަތް ފަށައި، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެ ކުރިއަށް ގެންދަން މަސައްކަތްކުރި ވަގުތެއްގައި، އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ، އަޅުގަނޑުމެންގެ ހަމަޖެހުން އިތުރަށް ތަރުތީބު ކުރުމަށްޓަކައި މިވަރުގެ ބައިނަލްއަޤްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރްޞަތު ލިބި، އެ ނަޞީބު އަޅުގަނޑުމެންނަށް ލިބިގެންދިޔަތަން.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، މި ކުޅިވަރަށް، ނޫނިއްޔާ މި ސްޓޭޑިއަމްތައް ހެދުމަށް އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓުން ހޭދަވީވަރު. ޝައްކެއްވެސްނެތްގޮތުގައި، މިއީ ކުރިއަށް ކުރެވޭ އިންވެސްޓްމަންޓެއް. މިއަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައި އެއްވެސްކަހަލަ މައްސަލައެއް އޮތީކީ ނޫން. އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އައްޑޫގައި، ހިތަދޫގައި ޒޯން ސްޓޭޑިއަމް ހެދިގެން ދިޔައީމަ، މި އަޅުގަނޑުމެން ފާހަގަ މިކުރަނީ، ދިވެހިރާއްޖޭގައި، މާލެއިން ބޭރުގައި އެންމެ ފުރަތަމަ މިކަހަލަ ބައިނަލްއަޤްވާމީ، ނޫނީ ސަރަޙައްދީ މުބާރާތެއް ކުޅެވޭ ފުރަތަމަ މެޗަކީ ނޫނީ ފުރަތަމަ ފުރްޞަތަކީ، އޭ.އެފް.ސީ. ޗެލެންޖް ކަޕްކަން. އައްޑޫ ޒޯން ސްޓޭޑިއަމްގައި ފުޓްބޯޅަ މެޗް ކުޅެވޭނެ. މިއީ އޭ.އެފް.ސީ.ގެ ޗެލެންޖް ކަޕްގެ ފުޓްބޯޅަ މެޗް ކުޅެވޭނެ. މިވަރުގެ ސްޓޭޑިއަމެއް އައްޑޫގައި އެޅިގެން ދިޔައީމަ، ޝައްކެއްވެސްނެތްގޮތުގައި، އައްޑުއަށް ތަރައްޤީތަކެއް އަންނާނެ. ހިތަދުއަށް ތަރައްޤީތަކެއް އަންނާނެ. ކުޅިވަރުގެ ދާއިރާއިން އެކަންޏެއް ނޫން. އިޤްތިޞާދީ ގޮތުންވެސް ތަރައްޤީތަކެއް އަންނާނެ.

އަޅުގަނޑުވެސް އުންމީދު ކުރަނީ، އެފް.އޭ.އެމް.ގެ ރައީސް ދެންމެ އެ ފާޅުކުރެއްވި ގޮތަށް، އަޅުގަނޑުމެންނަށް މި ދެ ސްޓޭޑިއަމް އަޕްގްރޭޑް ކުރެވި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތި، އޭ.އެފް.ސީ.ގެ މިންތަކަށް ފެތޭގޮތަށް، އަޅުގަނޑުމެންނަށް މިކަންކަން ކުރެވުނީމަ، އަޅުގަނޑުވެސް ގަބޫލުކުރާހިތްވަނީ، މުސްތަޤްބަލްގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެހެން މެޗްތައް ކުޅުމުގެ ފުރްޞަތު، އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް. މެޗްތައް އިތުރަށް އަޅުގަނޑުމެންނަށް ކުޅެވޭކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ފުޓްބޯޅަ ކުރިއަށްދާނެ.

ދިވެހި ސަރުކާރުން، މިއަދުގެ ސަރުކާރުން ފުޓްބޯޅައަށް އަދި ކުޅިވަރަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއްދޭ. މިހެން މިދަންނަވަނީ، ފަހަރެއްގައިވެސް ކުރީގެ ސަރުކާރުތަކުން އަހަންމިއްޔަތު ނުދޭތީކީ ނޫން. އެކަމަކު މެނިފެސްޓޯއެއްގައި ލިޔެވިގެން، ކުޅިވަރަށް އެންމެ ޚާއްޞަ އަހަންމިއްޔަތެއްދޭ ގޮތަށް އައި ބަޔަކީ، ޕީ.ޕީ.އެމް.ގެ މި ސަރުކާރު. އަޅުގަނޑުމެން ދުށިން، ޒުވާނުންގެ ވުޒާރާއަށް، ޒުވާނުންގެ ޙަރަކާތްތަކަށް، މީގެކުރީގެ އަހަރުތަކުގައި ބަޖެޓުގައި ފައިސާ ދީފައި ހުރި މިންވަރު. އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެ މިހާރު މި ކަޑައްތު ކުރަނީ، ވަރަށް އުނދަގޫ ދުވަސްތަކެއް. މިކަމާއެކުވެސް އަޅުގަނޑުމެން މިފަހަރު ހިމެނީމު. އަދި އެފައިސާ ﷲގެ ރަޙްމަތުން އަޅުގަނޑުމެން ކަށަވަރުކޮށްދޭނަން. އަޅުގަނޑުމެން ހިމެނީމު، ކުޅިވަރަށާއި، ޒުވާނުންގެ ޙަރަކާތްތަކަށް ތިންސަތޭކަ މިލިއަން ދިވެހި ރުފިޔާ. އެ ފައިސާ ހިމެނިގެން އަޅުގަނޑުމެންނަށް އޭ.އެފް.ސީ.ގެ ޗެލެންޖް ކަޕްގައި، މި ބޭނުންވާ ސްޓޭޑިއަމް އަޕްގްރޭޑް ކުރުމާ، މިކަންކަންވެސް މި ކުރެވިގެން ދިޔައީ.

އަދި އަޅުގަނޑުމެންގެ ސްޕޯޓްސް މެނިފެސްޓޯގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދެހާހަށްވުރެން އާބާދީ ބޮޑެތި ރަށްރަށުގައި އަޅުގަނޑުމެން ސްޕޯޓިންގ ކޮމްޕްލެކްސްތަކެއް ޤާއިމުކުރުމަށް އެއޮތީ އެކަށައަޅާފައި. އޭގެ މަސައްކަތްތައް ފެށިފައި އެވަނީ. މިއިން ކޮންމެ ސްޕޯޓްސް އެރީނާއެއްގެ އެންމެ ކީ ފީޗަރއަކަށް މިއުޅެނީ، ޓަރފް ދަނޑެއް ނޫނީ ފުޓްސަލް ދަނޑެއް. ދެން އެޔާއެކީ މި އަންނަ އެހެން ކޮމްޕޮޒިޓް ކުޅިވަރުތައް، މީގެތެރޭގައި މިއުޅެނީ. އެހެންވީމާ، ދިވެހިރާއްޖޭގައި ޒުވާނުން ދެން ގަބޫލުކުރަންވީ، ކޮންމެ ރަށެއްގައި އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، ފުޓްބޯޅަ ކުޅެވޭނެ ފުރްޞަތު މިއޮތީ ތަނަވަސްވެފައި. އަޅުގަނޑުމެން އެ ހިސާބުތަކަށް ބަލާފައި، އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ، އަޅުގަނޑުމެންގެ މި ސަރުކާރުގައި ފަސް އަހަރު ނިމިގެންދާއިރު، ދިވެހި ޒުވާނުން އިތުރަށް، ކުރިއަށް އޮތް ދިހަ އަހަރަށް ބޭނުންނުވާވަރަށް، ފުޓްބޯޅައިގެ ވަސީލަތްތައް ދިވެހިރާއްޖޭގައި ޤާއިމްވެފައި ހުންނާނެ ކަމަށް އަޅުގަނޑުމެން ކަށަވަރު ކުރަން.

އަދި ހަމައެޔާއެކީ ދަންނަވާލަން. މާލޭގައި ޤައުމީ ދަނޑު، އަޅުގަނޑުމެން އަޕްގްރޭޑް ކުރުމާ އެކީގައިވެސް، މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ފަށަނީ، ހުޅުމާލޭގައި ސްޕޯޓިންގ ކޮމްޕްލެކްސްއެއް ހިންގުމުގެ މަސައްކަތް. މިތަނުން ފެނިގެންދާނީ، އެންމެ މިޒަމާނީ ފުޓްބޯޅަ ދަނޑު. އަދި އެޔާ ގުޅިފައި ހުރި އެކިއެކި ކޮމްޕޮޒިޓް ނޫނީ އިންޓަރގްރޭޓަޑް ޚިދްމަތްތައް ލިބިގެންދާތަން ފެންނާނެ. ހަމައެޔާއެކީ އިއްޔެ އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދައްކާފައި، ކުޅިވަރު އެކުވެނި ހުރި ސަރަޙައްދަކީ، ސްޕޯޓިންގ ސިޓީއެއްގެ ގޮތަށް ތަރައްޤީ ކުރުމުގެ ޚިޔާލުތަކެއް ކުރެވި، އެކަމަށް ބޭނުންވާ މަގުފަހިކުރުމުގެ މަސައްކަތްތައް މިހާރު މިއޮތީ ފެއްޓިފައި. އެކުވެނި ވަރަށް ހާލުގައި އޮތީ. އެކުވެނި އެހެރީ ހަލާކުވެފައި. އެހެންކަމާއެކީ އެ ސަރަޙައްދުން އިތުރު ބިމުގެ ޖާގަ ކްރިއޭޓް ކުރުމާއެކީ، އުފެއްދުމާއެކީ، އަޅުގަނޑުމެން މިދަނީ ކޮންމެވެސްވަރެއްގެ ސްޕޯޓްސް ސިޓީއެއް އެތާ ޤާއިމުކުރުމަށް. މީގެ ބޭނުމަކަށްވަނީ ދިވެހި ޒުވާނުންނަކީ ކުޅިވަރު ކުޅޭ ޒުވާނުންނަށް ހެދުން.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މެޗްތަކުން، އަޅުގަނޑުމެންގެ ތެރޭގައި ހަމަ އިންޑިވިޖުއަލް، ޔުނީކް ނޫނީ ޓެލަންޓް ހުރިކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އަޅުގަނޑުމެން ދެން ކުރަންވީ ކަމަކީ، އަޅުގަނޑުމެން މި ޓެލަންޓް އެބަޖެހޭ، ދުނިޔޭގައި ދައްކާލަދޭން. އަޅުގަނޑުމެން ބޭރަށް މިކުރާ ބައެއް ދަތުރު ދަތުރުގައިވެސް. ޝައްކެއްނެތްގޮތުގައި، ޖަޕާނަކީ ވަރަށް އެކުވެރި ޤައުމެއް. ޖަޕާނުގެ ބޮޑުވަޒީރާއެކު ބޭއްވުނު ރަސްމީ ވާހަކަތަކުގައި އަޅުގަނޑު ދެންނެވިން، ޖަޕާނަކީ އެއްވަނަ ދުނިޔޭގެ ޤައުމެކޭ. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަކަށް ފައިހަމަކުރެވޭވަރުގެ ޤައުމެއް ނޫނޭ. އެހެން ނަމަވެސް، އަޅުގަނޑު ދެކޭހިތްވެޔޭ، އަޅުގަނޑުމެންގެ ޤައުމީ ޓީމާއި ޖަޕާނުގެ ނެޝަނަލް ޓީމް ކުޅޭ މެޗް، ކުޅޭ ތަން. ދެން އެކަމަށް އޮތީ އެމަނިކުފާނުވެސް އެއްބަސްވެވަޑައިގެންފައި. އަޅުގަނޑު އުންމީދު ކުރަނީ، ކޮންމެވެސްކަހަލަ ކުޅިވަރުގެ ޙަރަކާތެއް އަޅުގަނޑުމެން ދެޤައުމުގެ ދޭތެރޭގައި ހިނގާނެ ކަމަށް. އަޅުގަނޑުމެންގެ ކުޅިވަރުގެ ޙަރަކާތްތަކަށް ޖަޕާނު ސަރުކާރުން މިހާރު އެވަނީ އެހީދޭން ފަށާފައި. ހަމައެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މީގެކުރީގައި ރައީސް މައުމޫންގެ ސަރުކާރުގައިވެސް ސްރީލަންކާގެ ކްރިކެޓް ޓީމުވެސް މިތަނަށް ގެންނެވި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެން ހަމަ ކްރިކެޓްގެ ދާއިރާއިންވެސް ހަމަ ސްރީލަންކާގެ ޓީމާއެކީ ކުޅުމުގެ ފުރްޞަތު ދިވެހި ކްރިކެޓަރުންނަށް ހޯދައިދިނުން. މީގެ ބޭނުމަކަށްވަނީ، ދިވެހި ޒުވާނުން ގަބޫލުކުރަން އެބަޖެހޭ، ހަށިގަނޑުގެ ތަރުބިއްޔަތާއި، އެމީހުންގެ އިންޑިވިޖުއަލް ސްކިލްސްތައް ދައްކައިދިނުމުގެ ފުރްޞަތު، ދިވެހި ސަރުކާރުން ތަނަވަސްކޮށްދޭކަން.

ދިވެހި ސަރުކާރުގެ ކޮމިޓްމަންޓާއެކީ، ރާއްޖޭގެ ކޮންމެ އަހަރެއްގެ ބަޖެޓެއްގައި ތިންސަތޭކަ މިލިއަން ރުފިޔާ ހިމެނުމަކީ މިއީ އާދައިގެ ކަމެއް ނޫން. އަޅުގަނޑުމެންނަށް މިހާރުން މިހާރަށްވެސް ދަތިވެފައި ހުރި ކަންތައްތައް މަދެއް ނޫން. އެހެން ނަމަވެސް، އެޔާއެކީވެސް އަޅުގަނޑުމެން ބޭނުންވަނީ، ދިވެހި ޒުވާނުންނަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި މާޒީ ހަނދާންނައްތާލުމަށްޓަކައި، އެކުވެރިކަމާ އަޅުގަނޑުމެން އެއްބައިވުމުގެ ގޮތުން، ކުޅިވަރަކީ ޕޮލިޓިކްސް ބިޔޯންޑް، ޕޮލިޓިކްސް ބިޔޯންޑް އޮންނަ ޙަރަކާތެއްގެ ގޮތުގައި ހެދުން. ޕޮލިޓިކްސް ޓްރާންސެންޑް ކޮށްފައި ދާ ޙަރަކާތެއްގެ ގޮތުގައި ކުޅިވަރު ހެދުން. ކުޅިވަރުގެ ރާނީއަކީ ނޫނީ ރަސްގެފާނަކީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިންގެ ހިތުގައި ފުޓްބޯޅަ. އެހެންވީމާ، ފުޓްބޯޅައަށް ދެވޭ ޤަދަރާއި، ފުޓްބޯޅައަށް ދެވޭ ޝަރަފަކީ، ﷲގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ، އޭ.އެފް.ސީ. ޗެލެންޖް ކަޕްގެ މެޗްތަކުގައި، ތިޔަ ދިވެހި ޒުވާން ޓީމުން އަޅުގަނޑުމެންނަށް ޑިސްޕްލޭ ކޮށްދޭންޖެހޭ ކަންތައްތައް.

އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ހުރިހާ އުންމީދުތައް ގުޅިފައި މިވަނީ ދިވެހި ޤައުމީ ޓީމާ. ޚާއްޞަކޮށް، މިފަހަރު އޭ.އެފް.ސީ. އޭގެކުރިން ސާފް ގޭމްސް، އަޅުގަނޑުމެން ވަރަށް ފަޚްރުވެރިކަމާއެކީ ކުޅެ، އެވަނީ ކާމިޔާބުކޮށްފައި. އަޅުގަނޑުމެންނަށް މި ލިބޭ ފުރްޞަތަކީ އޭ.އެފް.ސީ. ޗެލެންޖް ކަޕްގެ ފުރްޞަތު. ޝައްކެއްވެސްނެތް، މިއީ ވަރަށް ކޮމްޕެޓެޓިވް މުބާރާތެއް. އެހެން ނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑު ހިތްވަރުދޭން ބޭނުންވަނީ، ދިވެހި ޤައުމީ ޓީމަކީ އިރާދަކުރެއްވިއްޔާ، އޭ.އެފް.ސީ ޗެލެންޖް ތަށި ހިފާލާނެ ޤައުމީ ޓީމަށްވާނޭ. އަޅުގަނޑުމެންގެ ހުރިހާ ދިވެހިންގެ އުންމީދަކަށްވާނީ، ހުރިހާ ދިވެހިންގެ އުންމީދަކަށްވާނީ، އެއްވެސްކަހަލަ ފިކުރުގެ ތަފާތެއްނެތި، އަޅުގަނޑުމެންގެ ޤައުމީ ޓީމަށް ހިތްވަރު ދިނުން.

އަޅުގަނޑު ދިވެހި ރައްޔިތުންނަށްވެސް އިލްތިމާސް ކުރަނީ، ހަމަ މިއަދުން ފެށިގެންވެސް އަޅުގަނޑުމެންގެ ޖަރޒީތައް، މަގުމަތީގަޔާއި، ސްޕޯޓިންގ ސްޓޭޑިއަމްތަކުގައި ޢާންމުވެގެން ދިޔުމަށް. އަޅުގަނޑުމެންނަށް ލިބޭ އުފަލެއް، އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް، އަދި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާ ފަޚްރެއް، މި ފުޓްބޯޅަ މެޗްތައް ކުޅޭތަން ބަލަން ދިޔުން އެއީ. ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ލިބޭ ފަޚްރެއް އެއީ. އަޅުގަނޑަށް ލިބޭ ޝަރަފެއް އެއީ. އަޅުގަނޑު ދެކޭހިތްވަނީ، އަޅުގަނޑުމެންގެ ޤައުމު، ނޫނިއްޔާ އަޅުގަނޑުމެންގެ ޤައުމީ ޓީމަކީ، ފުޓްބޯޅައިގައި ދުނިޔެ ގަބޫލުކުރާ ފެންވަރަށް އިރާދަކުރެއްވިއްޔާ މާގިނަދުވަސްތަކެއްނުވެ، އާދެވޭނެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުން. އެއަށް އަޅައިދެވޭ ފުރަތަމަ ފާލަމަކީ، މި އޭ.އެފް.ސީ.ގެ ޗެލެންޖް ކަޕް.

އެހެންވީމާ، އަޅުގަނޑު، އަޅުގަނޑުމެންގެ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހިތްވަރުދެމުންވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ﷲގެ ރަޙުމަތާއެކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ތިޔަ ކުދިން ތިޔަކުރާ މަސައްކަތުގައި، ކާމިޔާބު މިންވަރު ކުރައްވާނޭ. އަޅުގަނޑުމެން އެއިމް ކުރާނީ ކުރިބޯށްޓަށް. އަޅުގަނޑުމެން އެއިމް ކުރަންވީކީ، އެއްގޭމަށްފަހު އަނެއް ގޭމަކަށް ނޫން. ޒޯންގައި، ނޫނިއްޔާ ގްރޫޕްގައި އަޅުގަނޑުމެންނަށް 5 މެޗް އޮވެދާނެކަންނޭނގެ، ފައިނަލާއެކީ. އެކަމަކު އަޅުގަނޑުމެން ކައުންޓް ޑައުނެއް ހަދަންޖެހެނީ. އަޅުގަނޑުމެން އެއްގޭމުން، ގްރޫޕްގެ އެއް މެޗުން އަނެއް މެޗަށް ދަތުރުކުރުމަކަށް، އެއް ގޭމް ކާމިޔާބުވީމަ، އަނެއް ގޭމަކާ ދޭތެރެއަކު ނޫން. އުންމީދު ވާންޖެހޭނީ އުސް އުންމީދުތަކަކަށް. އެހެންވީމާ، އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވާނީ، މިފަހަރު ޗެލެންޖް ކަޕް އުފުލައިލުން.

އެހެންވީމާ، އެ ޢަޒުމުގައި، އެ އުންމީދުގައި ތިޔަ ކުދިންނަށް ހިތްވަރު ދެމުން، އަޅުގަނޑުވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ރަމްޒީ ހަދިޔާއެކޭ އެރުވޭނީ. އަޅުގަނޑުމެން މިކުރާ ކަމަކީ، ދިވެހި ޒުވާނުންނަށް ބޭނުންވާ ކަންތައްތައް، ކޮންމެ އަހަރެއްގެ ބަޖެޓްގައި ޖަހައިގެން ޒުވާނުންނަށް ފަހިކޮށްދެނީ. އެކަމަކު މިފަހަރު، މިފަހަރު އޭ.އެފް.ސީ. ޗެލެންޖް ކަޕްގެ މި މެޗްތަކުގައި، ދިވެހި ޓީމް ސެމީއިން ޖާގަ ހޯދައިފި ކަމަށްވަންޏާ، އަޅުގަނޑު ޚިޔާލުކުރަނީ، ދިވެހި ޓީމަށް، ސެމީއިން ޖާގަ ހޯދައިފި ކަމަށްވަންޏާ، އެއް މިލިއަން ރުފިޔާގެ ހަދިޔާއެއް އަރުވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ކާމިޔާބު ކުރުމަށްފަހު، އެއަށްވުރެ އިތުރު ހަދިޔާ، ޝައްކެއްވެސްނެތްގޮތުގައި، މުޅި ދިވެހި ރައްޔިތުން، ދިވެހި ޤައުމީ ޓީމަށް އަރުވާނެ. މިއީކީ އެއްގޮތަކަށްވެސް މާއްދީ މިންގަނޑަކުން މިނޭނެ އެއްޗެއް ނޫން. އަޅުގަނޑުމެންގެ ހިތްތަކަށް ލިއްބައިދޭ އުފަލަކީ ވަޒަން ކުރެވޭނެ އެއްޗެއް ނޫން. އަޅުގަނޑުމެންގެ ޖޯޝާއި، އަޅުގަނޑުމެންގެ ހުރިހާވެސް ކަމެއް ގުޅިފައި މިއޮތީ ދިވެހި ފުޓްބޯޅައާ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ދިވެހި ޓީމް، އަޅުގަނޑުމެންގެ ޤައުމީ ޓީމް، އަޅުގަނޑުމެންނަށް އުފާވެރިކަން ހޯދައިދިނުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ މިއަދުގެ އުންމީދަށް ވާނީ. މިއަދުގެ އެދުމަށް ވާނީ.

އެހެންވީމާ .Please don’t disappoint us. Take us forward އިރާދަކުރެއްވިއްޔާ، މި މެޗްތައް ކާމިޔާބު ކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ދިވެހި ފުޓްބޯޅަ، ދިވެހި ޤައުމީ ޓީމް، މިއަންނަ ހުރިހާ ޗެލެންޖްތަކުގައި ޕަރސިވިއަރ ކުރާނެ. ޢަޒުމަށް ބަދަލެއް ނުގެންނަވައި، އެމްބިޝަނަކީ ލޮފްޓީ އެމްބިޝަނަކަށްވާންވާނެ. އެއްގޮތަކަށްވެސް މެޗަކަށްފަހު މެޗެއް ކަޑައްތު ކުރުމެއް ނޫން. އަޅުގަނޑުމެން މިދަނީ ކުރިބޯށްޓާ ހަމަޔަށް ދާން. އަޅުގަނޑުމެން މިދަނީ މި ޗެލެންޖް ކަޕް އުފުލާލަން.

އަޅުގަނޑު އެދެނީ ދިވެހި ޤައުމީ ޓީމުގެ ހުރިހާ ކުދިންނަށްވެސް، ތިޔަކުދިން ކުޅޭއިރު، އިރާދަކުރެއްވިއްޔާ އިންޖަރީ ފްރީ މެޗްތަކަކަށް ވެގެންދިޔުން. އަދި އެއް މެޗުން އަނެއް މެޗަށް ތިޔަ ކުދިންނަށް އިތުރު ތަމްރީނު ލިބުމާއި، ތަރުބިއްޔަތު ލިބުމާއި، އެހެން ކުޅުންތެރިންގެ ހުނަރު ދަސްވުމުގެ ފުރްޞަތު ލިބުމާއެކީ، ކުރިބޯށްޓާ ހަމައަށް ދިޔުމަށް، ތިޔަކުދިން ކުރާ މަސައްކަތުގައި، ކޯޗިންގގެ އިތުރަށް، އަމިއްލަ ވިސްނުމާއެކީވެސް ކުޅިވަރުގެ ސްކިލް ދެއްކުމާއެކީ، ޓީމް ޕްލޭ ފެނިގެން ދިޔުމަކީ، ނޫނީ ޓީމް ވަރކް ފެނިގެން ދިޔުމަކީ އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދޭ ކަމެއް. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ދިވެހިން ތިބޭނީ އަދި މުޅި ދިވެހިރާއްޖެ މިހާރު މިއޮތީ ދިވެހި ޤައުމީ ޓީމާއެކީ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް، ތިޔަކުދިން ތިޔަކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާނެ.

والســّلام عليــكم ورحـمــة اللّـه وبـركاتـه.