بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މިދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ސަޙާބީން ޝާމިލު ކުރައްވާށި!

ތުލުސްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ކައުންސިލްގެ މެންބަރުން، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ މެންބަރުން، މިދާއިރާގެ އަނެއް ތިން ރަށުން މިޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަޅުގަނޑާއެކީ މިރަސްމިއްޔާތުގައި ބައވެރިވެވަޑައިގަތުމަށްޓަކައި މާލެއިން ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ކޮންމެ ފަހަރަކު އައުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. އަދި މިރަސްމިއްޔާތުގައި ކޮންމެވެސް ސިފައެއްގައި ތިޔަބޭފުޅުންނާ ބައިވެރިވުމަށް އަޅުގަނޑަށް މިރަށަށް ދަޢުވަތު ދެއްވައި, މިއައި އައުމުން އަޅުގަނޑަށް ލިބިގެންދިޔައީ ވަރަށް ޚާއްޞަ އުފަލެއް. ބަނދަރާ ހަމައިން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ މިރަސްމިއްޔާތު، ރަސްމީގޮތުން ފަށައިދިނުމުގެ ކަންކަން، މަޝްރޫޢު ފެށިގެން، ކުޑަދުވަސްކޮޅެއްގެ ތެރޭގައިނަމަވެސް، ފެށޭވަރު ވެގެން މިދިޔައީ ވަރަށް ގިނަ މަސައްކަތްތަކެއް، މިދާއިރާގެ އާ މެންބަރު، އާދެ! އަޅުގަނޑުމެންގެ ލޯޔަރު އަލްއުސްތާޛު މުޙަންމަދު ވަޙީދު އިބްރާހީމް، ވަރަށްގިނަ މަސައްކަތް ކުރައްވައިގެން، އަޅުގަނޑަށް މިދަތުރު މިގޮތަށް މި ކުރަން މިޖެހުނީ.

އާދެ! ދަންނަވާލަން ބޭނުންވަނީ، ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ވާހަކަ އަޅުގަނޑު ދައްކާއިރު، ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ ކޮންމެ ދުވަހަކީ، އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާ ބޮޑެތި ނިޢުމަތްތަކުގެ މަތިން ހަނދާންކޮށް، ﷲގެ ޙަޟުރަތަށް ދުޢާކުރަންޖެހޭ ދުވަހެކޭ.

އާދެ! ކަންކަން ޠަބީޢީގޮތުން، ޤުދްރަތީގޮތުން ނިމިގެންދާއިރުވެސް މަސައްކަތްތަކުގައި މެދުވެރިވާ ފަރާތްތަކެއްވާނެ. ޝައްކެއްވެސް ނޫން، ޝާމިލުވާ ފަރާތްތަކެއްވާނެ. އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް އެއީ، ކޮންކޮން ބޭފުޅުންނެއްކަން ސާބިތުވެގެން ހިނގައްޖެ، ކިތަންމެހާވެސް ރަނގަޅަކަށް. ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފެށިފައި މިވަނީ، 2007 ވަނަ އަހަރު. އޭރު އަޅުގަނޑުމެންގެ ޕާޓީގެ މިހާރުގެ ލީޑަރ އާދެ! އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަކީ، ތުލުސްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށެން ޖެހޭނެ ކަމަށް އެންމެ ފުރަތަމަ ކަނޑައެޅުއްވި ރައީސް. އެހެންވީމާ، އެކަމަށްޓަކައި މިއަދުގެ މިއުފާވެރި މުނާސަބަތުގައި، އާދެ! ތުލުސްދޫއަށް އައިސްފައި އޮތް ޢީދުގެ އެންމެ ބޮޑު ތަހުނިޔާއެއް ރައްދުވާ ފަރާތަކީ، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ކަމުގައި އަޅުގަނޑުވެސް ހަމަ ދަންނަވާލަމުން، އެމަނިކުފާނަށް މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.

އާދެ! އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ޝައްކެއްވެސްނެތްގޮތުގައި، ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢު، ބަޖެޓުގެ ތެރޭގައި ހިމެނުމަށްޓަކައި ޑީ.އާރު.ޕީ.އާއި ޕީ.ޕީ.އެމް.އިން އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރީމުއޭ. މަޝްރޫޢުތައް ހިމެނިން. އެހެންނަމަވެސް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ދިޔައީ. އަނެއްކާވެސް އެމަޝްރޫޢު ހިމަނައި، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް މިއަދު މިމަޝްރޫޢު ފެށިގެން މިދަނީ. މިމަސައްކަތް މިގޮތަށް ގެންދިޔުމުގައި ވަރަށްގިނަ ފަރާތްތަކަކުން އެހީތެރިކަން މިވަނީ ފޯރުކޮށްދެއްވާފައި. ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެން މިމަސައްކަތުގައި އުޅުނުއިރު، ރިޔާސީ އިންތިޚާބު ނިމި، ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ އިންތިޚާބަށް ކުރިމަތިލައިގެން އައިއިރު، ތިޔަބޭފުޅުންނަށް މިއަދު ތިޔަބޭފުޅުންގެ އިންތިޚާބީ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައި މި އިންނެވި ލޯޔަރު ވައްޑޭއަކީ، ޙަޤީޤަތުގައި މިމަސައްކަތުގައި އެންމެ އިސްކޮށް އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް. ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި، ތުލުސްދޫގެ ބިންހިއްކުމުގެ މަޝްރޫޢު، ޢަމަލީ މަޝްރޫޢަކަށް ހެދުމަށްޓަކައި. ބަޖެޓުގައި ފައިސާ ޖެހުމަކީ ކުރެވިދާނެ ކަމެއް. އެހެންނަމަވެސް ބަޖެޓުގައި ފައިސާ، އިސްކަންދޭ ތަރުތީބަކުން ބަދަލުކޮށްގެން އަހަރަކަށް ކަނޑައެޅިފައި ހުންނަ ކަންކަމުގެ ތެރެއިން، ވަކިގޮތަކަށް ރަށްތަކެއް ހަމަޖެހިގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ތުލުސްދޫއާ ދޭތެރޭގައި ހެޔޮ ވިސްނުމަކުން ވިސްނާ ބަޔަކު ކުރާނެ ކަމެއް. މިމަސައްކަތުގައި ޢަމަލީގޮތުން އެންމެ ބޮޑަށް އުޅުއްވައިދެއްވި ބޭފުޅަކީ ވައްޑޭ. އެހެންވީމާ، އިޚްލާޞްތެރިކަމާއެކީ ވައްޑޭއަށް ޝުކުރު ދަންނަވަން.

ސަރުކާރުގެ ތެރެއިން ޝައްކެއްވެސްނެތްގޮތުގައި، މިމަސައްކަތުގައި އުޅުއްވި ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑުމެންނަށް އިވިގެން އެ ދިޔައީ. ފުރަތަމަ އަޅުގަނޑުމެންގެ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒާއި، މުޢިއްޒުގެ ޓީމުގެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން، މިނިސްޓްރީގެ އިސްވެރިން ހިމެނޭގޮތަށް. އެއާއެކީ މިރަށުގެ މި މަޝްރޫޢަށާއި އަދި ތަރައްޤީގެ އެކިއެކި ކަންކަމުގައި މިރަށާ ގުޅުންހުރި ބޭބޭފުޅުންގެ ވާހަކަފުޅުތައް އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ. އޭގެ ތެރޭގައި، ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބާއި، ޑިފެންސް މިނިސްޓަރ މުޙަންމަދު ނާޒިމް ހިމެނިގެން އެބަދޭ. އެބޭފުޅުންނަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ތުލުސްދޫގައި ބިން ހިއްކިގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި ބިން ހިއްކިގެން މިދަނީ މިހާރު އޮތް ތުލުސްދޫގެ އިތުރު ތުލުސްދުއެއް އުފެދިގެން މިދަނީ. އާދެ! މީގެ ކުރީގައި ދެރަށެއްގައި ބިން ހިއްކުމުގެ ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދަންނަވަނީ، މިއީ ހަމަ އެއިން ކޮންމެ ރަށަކަށް އަންނަ ޢީދެކޭ. ޢީދަކަށްވާ ސަބަބަކީ މިރަށް އަލުން ވިހާ ކަމަށް އަޅުގަނޑު މިދަންނަވަނީ. އެއީ މިހާރު ތުލުސްދޫވެސް އަލުން މި ވިހެއީ. ތުލުސްދޫ ދެގުނަވެގެން މިދަނީ. ތުލުސްދޫ ދެގުނަވެގެން ދިޔައިމާ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޑޮކްޓަރ މުޢިއްޒު ވިދާޅުވިގޮތަށް، ތުލުސްދޫ ދެގުނަވެގެން ދިޔައިމާ، އަޅުގަނޑުމެންނަށް މިއުފެއްދެނީ ރައުސްމާލެއް، މިއުފެއްދެނީ އެސެޓެއް. އެސެޓަކީ އޭގެ ފުރިހަމަ ބޭނުން ކުރަންޖެހޭ އެއްޗެއް. އެހެން ނޫން ކަމަށްވަންޏާ، އޭގެ ބޭނުންނެތި، އޭގެ މި އަގެއްނެތި ގެއްލިގެން ހިނގައިދާނެ. އޭގެ ތެރެއިން އެއް ބޭނުމުގެ ވާހަކަ، ޑޮކްޓަރ މުޢިއްޒު އެ ފާހަގަކުރެއްވީ. މެހެމާނުންނަށް ޖާގަ ދިނުން.

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ތުލުސްދޫގެ ރައްޔިތުންގެ އުންމީދުތަކެއް، ތުލުސްދޫގެ ބިން ހިކިގެންދާއިރު އޮންނާނެޔޭ. ތުލުސްދޫގެ ރައްޔިތުންގެ އުންމީދު ވެގެންދާނީ، ތުލުސްދުއަށް އިތުރު ކުރިއެރުން ގެނެސްދޭ މަސައްކަތްތަކެއް، ތުލުސްދޫގެ މި ހިކިގެންދާ ބިމުގައި ހަމަޖެހިގެން ދިޔުން. ޝައްކެއްވެސްނެތްގޮތުގައި އޭގައި ތުލުސްދޫގައި މިހާރު ދިރިއުޅެން ދަތިވެފައި ހުރި ފަރާތްތަކަށް ގޯތި ދިނުމަކީ، ނޫނީ އުޅެވޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ އޭގެ ތެރެއިން އެއްކަމެއް. އަނެއްކަމަކީ މާލެއަތޮޅުގައި، ތުލުސްދުއަކީ ދަތުރުފަތުރުކުރާ ނޫނީ ދަތުރުވެރިން ދަތުރުކުރާ މަގުގައި އޮތް ރަށަކަށްވާތީ އޭގެ ބޭނުން އެބަ ހިފަންޖެހޭ. މިހާރުން މިހާރަށްވެސް ތުލުސްދުއަކީ ވަރަށްގިނަ ޓޫރިސްޓުން އަންނަ ރަށަކަށް ހަމަޖެހިގެން ގޮސްފައި މިއޮތީ. އަދި މިއަދު މި ރަސްމިއްޔާތަށްފަހު އެޅިގެން މިދާ ބިންގަލަކީވެސް ތުލުސްދުއަށް އިތުރު ފަތުރުވެރިން ގެންނާނެ ކަމެއް ހަމަޖެހިގެންދާ ގެސްޓްހައުސްއެއް އެޅުމުގެ، ނޫނީ ކުޑަކުޑަ ސިޓީ ހޮޓަލެއް އެޅުމުގެ ބިންގާ، މި ރަސްމިއްޔާތަށްފަހު މިއޮތީ. މީގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންނަށް ކުރެވޭ މި ހުރިހާ މަސައްކަތެއް، އިޤްތިޞާދީ ގޮތުން ކުރެވޭ ހުރިހާ މަސައްކަތެއްގައި މިއަދު އަޅުގަނޑުމެންގެ ނާރެހެއްގެ ގޮތުގައި މިއޮތީ ޞިނާޢަތު. މި ޞިނާޢަތަކީ ޓޫރިޒަމްގެ ޞިނާޢަތު. އެހެންވީމާ، މިރަށަށް އަންނާނެ ތަރައްޤީއަކީވެސް، ބިން ހިއްކައިގެން އަންނާނެ ތަރައްޤީއަކީވެސް، މުއްސަނދިކަމަކީވެސް މި ޞިނާޢަތާ ގުޅުންހުރި ކަމަކަށް ވެގެންދާނެ. މީގެ ފުރިހަމަ ބޭނުން ކުރެއްވުމަކީ، ތުލުސްދޫގެ ރައްޔިތުންގެ އަތްޕުޅުމަތީގައި އޮތް ކަމެއް. އަޅުގަނޑު ޝައްކެއްނުކުރަން، ފަހަރުގައިވެސް މީގެ ފުރިހަމަ ބޭނުން ނުހިފިދާނެ ކަމަކަށް. އެހެން ނަމަވެސް، އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ދައުލަތުން ރައްޔިތުންގެ ފައިސާއިން އެހާބޮޑު ހޭދައެއްކޮށްގެން މިކުރެވޭ މަސައްކަތްތަކުގެ ފުރިހަމަ ބޭނުން، ކައުންސިލްގެ މެންބަރުންނާއި އަދި ރައްޔިތުން ހިއްޕެވުމަކީ، އަޅުގަނޑު އިލްތިމާސްކުރާ ކަމެކޭ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ކަމެކޭ.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތުލުސްދޫގެ ފަރާތުން ކައުންސިލްގެ ރައީސް އަނީސްގެ ވާހަކަފުޅުގައި، ތުލުސްދުއަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ ވިދާޅުވި. ޝައްކެއްވެސްނެތް، މިގޮތަށް އަޅުގަނޑުމެން ރަށްރަށަށް ދަތުރުކުރާ ކޮންމެ ޒިޔާރަތެއްގައި، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އަންނާނެ، އެ ރަށްރަށަށް ދަތިވެފައި ހުރި ކަންކަން. އަދި މިދާއިރާގައި ހުރި ރަށްރަށަށް، މިސާލަކަށް، ދިއްފުށި، ހިންމަފުށި ކަހަލަ ރަށްރަށަށް ދަތިވެފައި ހުރި ކަންތައްތަކުގެ ވާހަކަވެސް އަޅުގަނޑުމެންނަށް އިވިގެންދާނެ. މިކަންކަމަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން އިސްކަމެއްދީގެން، މިރަށްރަށަށް ދަތިވެފައި ހުރި ކަންތައްތައް، ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައި ދެކެން.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިހުރިހާ ރަށެއްގައި، މި ދަތިތައް ހުންނައިރުވެސް މަސައްކަތްތަކެއް މިކުރެވެނީ، މި ދަތިތައް ފިލުވަން މަސައްކަތްތަކެއް ކުރަނީ އިޤްތިޞާދަށް އިސްކަންދީގެން. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ހިނގާ 5 އަހަރު ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިއެރުން ގެންނަ 5 އަހަރެއްގެ ގޮތުގައި. އިޤްތިޞާދީ ގޮތުން ކުރިއެރުން އަންނަ 5 އަހަރެއްގެ ގޮތުގައި ވެގެންދާއިރު، އަޅުގަނޑުމެން އެހެން ބައެއްކަހަލަ ޚަރަދުތައް އެބަ ހިފަހައްޓަންޖެހޭ. މިއަހަރުވެސް އަޅުގަނޑުމެންނަށް ނިންމިއްޖައިސް، އަޅުގަނޑުމެން ބޭނުންނަމަ، ވިއްސަކަށް ރަށުގެ ބަނދަރު ހެދުމާއި، ވިއްސަކަށް ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު. އެހެންނަމަވެސް، މި ނުކުންނަ މައްސަލައަކީ، ބިން ހިއްކައިދީ އަދި ބަނދަރު ހަދައިދިނުމަކުން، މިކަންކަން ޙައްލުވެގެނެއްނުދޭ. މިރަށުގައިވެސް ދިމާވާ އެންމެބޮޑު މައްސަލައަކީ، މި ބިން ހިއްކުމަކީ ދާދި ފަސޭހަ ކަމަކަށްވޭ. ފައިސާ ލިބޭ ކަމަށްވަންޏާ، އެކަންކަން ކުރެވޭ. އެކަމަކު ދެން އެޔާއެކީ، ބޭރުތޮށިލުމާއި، އެއްގަމުތޮށިލުމާއި، ބަނދަރު ހެދުމާއި، ދެން އަދި އެ ސަރަޙައްދަށް ބޭނުންވާ އެހެން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަކީ ޙަޤީޤަތުގައި އެންމެ ބޮޑެތި ޚަރަދުތައް. ތުލުސްދޫގެ ބިން ހިއްކުމަށްވުރެ، ބޮޑު ޚަރަދު ހިނގާނެ ކަންކަމަކީ، މިދެންނެވި ކަންކަން. އެހެން ނަމަވެސް، އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މި މަޝްރޫޢު ނިމިގެންދާއިރު، ބޭރުތޮށިލުމުގެ މަޝްރޫޢު މިއޮތީ ހަމަ މިއާ އެކުލަވައިލެވިފައި. ﷲގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ، މިކަން ނިމިގެންދާނެ. އަދި މިއަހަރުގެ ނިޔަލާ ހަމައަށްދާއިރު، މިރަށުގައި މި ބޭނުންވާ ބަނދަރުވެސް ހެދުމުގެ މަސައްކަތް ޓެންޑަރ ކުރެވޭނެ ކަމަށް އަޅުގަނޑަށް މިހާރު މިއޮތީ ކަށަވަރުކޮށް ދަންނަވަން ކެރޭ ހިސާބުގައި. އިރާދަކުރެއްވިއްޔާ، މި މަސައްކަތަކީވެސް ހަމަ މިރަށަށް ހަމަޖެހިގެންދާނެ ކަމެއް.

ދެން ފެނާއި ނަރުދަމާގެ ވާހަކަ، ޢާންމުކޮށް ހުރިހާ ރަށަކުންވެސް އަޅުގަނޑުމެންނަށް އަންނާނެ. މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ، ފެނާއި ނަރުދަމާގެ މަސައްކަތަކީވެސް މިހާރު މިރަށަށް ހަމަޖެހިފައި ހުރި މަސައްކަތް. މީގެ ކޮންސަލްޓަންސީގެ މަސައްކަތް، އެ ޑިޒައިން ސުޕަވިޜަން ކޮންސަލްޓަންސީގެ މަސައްކަތް މިހާރު މިއޮތީ ޓެންޑަރ ކުރެވިފައި. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، އޮކްޓޫބަރު މަސް ދުރުވި ނަމަވެސް، ގަބޫލު ކުރައްވާ، ރޯދަމަސް ނިމިގެންދާއިރު، ޑިސެންބަރު މަސްވެސް އޮންނާނީ ވަރަށް ކައިރީގައި. އެހެންވީމާ، މާލަސްތަކެއްނުވެ، ތިޔަބޭފުޅުން ތިޔަ ކުރައްވާ އިންތިޒާރަށްވެސް ނިމުމެއް އަންނާނެ. އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިރަށުގައި ހަލުއިކަމާއެކީ ދާނެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރަށްރަށް ތަރައްޤީ ކުރަން ކުރާ މަސައްކަތޭ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދައުލަތުން ރައްޔިތުންނަށް ތަނަވަސްކަން ގެނެސްދޭން ކުރެވޭ މަސައްކަތް. މިމަސައްކަތް ކުރާއިރު، އަޅުގަނޑު މިއަދު އިލްތިމާސް ކޮށްލަން ބޭނުންވަނީ، ސިޔާސީ ފިކުރު ދޫކޮށްލައްވާށޭ. ސިޔާސީ ފިކުރު ދޫކޮށްލައްވާފައި، ރަށެއްގެ މުޖްތަމަޢުގައި ހިމެނޭ ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހެނީ، އެރަށަކަށް ބޭނުންވާ ކަންކަމުގައި ސަރުކާރުން ރަނގަޅު ކަންތައްތަކެއް ކުރާ ކަމަށްވަންޏާ، އެއަށް އެއްބާރުލުންދީގެން، އެއަށް ހިތްވަރުދީގެން މަސައްކަތް ކުރުން. ކޮންމެ ފިކުރެއްގައި ހުރި މީހަކުވެސް، ތުލުސްދޫންވެސް އަޅުގަނޑު ދަންނަވާނީ، ކާކުހޭ، ބިން ހިއްކަން ބޭނުންނުވާނީ. ކާކުހޭ، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވާން ބޭނުންނުވާނީ. ކާކުހޭ، މިތާހުރި ކްލާސްރޫމްގެ އިތުރަށް އަޅަން އުޅޭ ކްލާސްރޫމް ޢިމާރާތްތައް، ސްކޫލްގެ ޢިމާރާތްތަކުގައި ކްލާސްރޫމް ހަދަން ބޭނުންނުވާނީ. މިއިން ކޮންމެ ކަމަކީ ހަމަ ކޮންމެ ފިކުރެއްގައި ހުއްޓަސް، ކޮންމެ ކުލައެއްގެ ސިޔާސީ ލެއެއް، އެމީހާގެ ހަށިގަނޑުގެ ތެރޭގައި ދައުރުވިނަމަވެސް، ބޭނުންވާނެ ކަންކަން.

އެހެންވީމާ، މިކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަކީ، ރަށަށް، ރަށުގެ ރައްޔިތުންނަށް އެއްބާރުލުން ދެއްވުން. އެޔާއެކުވެސް މިވާހަކަ ދަންނަވާއިރު، އަޅުގަނޑަށް ފެނިގެންދޭ، ތުލުސްދޫގެ ޖައްވުން ފެނިގެން މިދަނީ، ތުލުސްދުއަކީ ހަމަ މިހާރު ފިޔާތޮށި ކުލައިގެ ސާލަކުން ޒީނަތްތެރި ކުރެވިފައި އޮތް ރަށެކޭ. އެކަމަށްޓަކައި ތުލުސްދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ތުލުސްދޫގައި، މިކަން އަޅުގަނޑުމެންނަށް ނަމޫނާއެއްގެ ގޮތުގައި ފެނިގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާނީ، މިހާރު މާލެއަތޮޅުގެ ހުރިހާ ރަށަކީވެސް ﷲގެ ރަޙްމަތާއެކީ ހަމަ ފިޔާތޮށި ކުލަޔަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ކުރިމަތިލައިގެން އައިއިރު، މިއަދު ތުލުސްދޫގެ ރައްޔިތުންގެ އަރިހުގައި ހުއްޓި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ އަދިވެސް އިތުރު ދެކަމަކަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. ޝައްކެއްވެސްނެތްގޮތުގައި، މި އުފެދިގެންދާ ބިން ބޮޑުވެގެންދާތީ، ބިން ބޮޑުކުރުމަށް މިކުރެވޭ މަސައްކަތުގައި ޝާމިލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭވެސްމެ. އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވައި، އަދި އަޅުގަނޑާ ދޭތެރޭގައި ކަމޭހިއްތަވައިގެން، ކަންތައްތަކެއް ކޮށްދީފާނެ މީހެއް ކަމުގައި ގަބޫލު ކުރައްވައިގެން ވޯޓް ދެއްވުމަކީ، އިޚްލާޞްތެރިކަމާއެކީ ވޯޓް ދެއްވުމަކީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް އަޅުގަނޑަށް ފުރްޞަތު ލިބުނު ކަމެއް. އެހެންވީމާ، މިއަދުވެސް ތިޔަބޭފުޅުންނަށް އެކަމަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ސިޔާސީގޮތުން ދަންނަވާ ދެވަނަ ޝުކުރަކީ، އަޅުގަނޑުމެންގެ ޕާޓީން ލޯޔަރު ވައްޑޭ މި ދާއިރާއަށް ކުރިމަތިލެއްވީމާ، ލޯޔަރު ވައްޑޭއަށް، މުޙަންމަދު ވަޙީދު އިބްރާހީމަށް، އަޅުގަނޑުމެންގެ އިލްތިމާސާ ގުޅިގެން ނަމަވެސް، ތިޔަބޭފުޅުން ތިޔަ ދެއްވި މަތިވެރި ތާއީދު. ލޯޔަރު ވައްޑޭ ހޮއްވަވައިދެއްވުމަކީ، ޝައްކެއްވެސްނެތްގޮތުގައި، މި ދާއިރާއަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ތަރައްޤީ ކަށަވަރުވެގެންދާނެ ކަމެއް. އެއީ، އިންތިޚާބުގެ ކުރިންވެސް އަޅުގަނޑު އެވާހަކަ ދެންނެވި ގޮތް. މިހާރުވެސް މި ދަންނަވަނީ، ހަމަ އެކަން ވެގެންދާނޭ. އެއީ އެއްގޮތަކަށްވެސް އެހެން މެންބަރުން، ނޫނިއްޔާ އެހެން ފިކުރުގައި ތިއްބަވާ މެންބަރުންގެ ދާއިރާއަށް އަޅުގަނޑުމެންގެ ސަރުކާރުގެ އަޅާލުންތެރިކަން ކުޑަވާ ވާހަކަ ދަންނަވާކަށެއް ނޫން. އެކަމަކު މިރަށުގެ ބިން ހިއްކުމާ ބެހޭގޮތުންވެސް އަޅުގަނޑު ހަމަ މިސާލަކުން ތިޔަބޭފުޅުންނަށް މިކަން ސާފުކޮށްދޭނަން. މިރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު، އެއްބޭފުޅަކު އެބަ ވިދާޅުވޭ، ތިމަންނައޭ އެކަމުގައި އެންމެ އިސްކޮށް އުޅުއްވީ. ރައްޔިތުންގެ މަޖިލީހުގައި އެންމެ މެންބަރަކު އިނދެގެން، އޭނައަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ ދެން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރަންޖެހޭ ކަމެއް.

މިރަށަށް ބިން ހިއްކުމުގެ މަޝްރޫޢު ގެންނަން އެންމެ ވަރުގަދަ މަސައްކަތެއް އޭރު ކުރެވުނީ، ޕީ.ޕީ.އެމް.ގެ ފަރާތުން. އޭރު އަޅުގަނޑަކީ ޕީ.ޕީ.އެމް.ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު. ދެން ހަމަ އެޔާއެކީ، ޝައްކެއްވެސްނެތްގޮތުގައި، ޑީ.އާރު.ޕީ. އިން މިރަށުގެ، މިއަތޮޅުގެ، ނޫނިއްޔާ މިދާއިރާގެ މިހާރުގެ މެންބަރު ވައްޑޭގެ ވާހަކައެއް ނޫން މިދަންނަވަނީ. މިހާރު އަދި މި މެއި މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ހުންނެވި މެންބަރު މަސައްކަތްތަކެއް ކޮށްދެއްވި. އެހެން ނަމަވެސް، އެކަމަނާގެ މި މަސައްކަތަކަށް، އެމް.ޑީ.ޕީ.ގެ ފަރާތުން މިހާރު އެކަމަނާ ހިޖުރަ ކުރެއްވި ޕާޓީގެ ފަރާތަކުން ނޯންނާނެ އެއްވެސް ވޯޓެއް ލިބިފައެއް. އެއްވެސް ވޯޓެއް ލިބިފައެއް ނޯންނާނެ. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، މި ދާއިރާއަށް ތަރައްޤީ ގެންނެވުމަށް، މިދާއިރާގެ ބިން ހިއްކެވުމަށް އެކަމަނާ މަސައްކަތް ކުރައްވާފައި، ދެން އެޔަށް ތާއީދު ނުދިން ބަޔަކާ ދިމާއަށް، އެކަމަނާގެ ސިޔާސީ ވިސްނުމާއެކީ ޤާފިލާ ބަދަލުކޮށްލަން މިޞްރާބުޖަހާލާ ހިސާބުން އެބަ އެނގޭ، ކިހާވަރަކަށްކަން މި ދާއިރާއަށް ޝައުޤުވެރިކަން އޮތީ. ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ފިކުރުގައި، ފިކުރު ތަފާތުވީމަ، ރަށްރަށަށް އަންނަން އޮންނަ ތަރައްޤީއަށް ހުރަސްއެޅުމަކީ، ހަމަގައިމުވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި، ޕީ.ޕީ.އެމް.އިން ކުރާނެ ކަމެއް ނޫން. ޕީ.ޕީ.އެމް. އިން މަސައްކަތް ކުރާނީ، ކޮންމެ ދާއިރާއެއްގައި، ކޮންމެ ދާއިރާއެއްގައިވެސް އޮންނަ ތަރައްޤީއަށް ޕާޓީގެ ފަރާތުން މަސައްކަތް ކުރާނީ ބަޖެޓްގައި މަޝްރޫޢު ހިމަނައިދެވޭތޯ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކަށް އެކަން އެހެނެއް ނޫން ފެނިގެން ގޮއްސަ އޮތީ. އެހެންވީމާ، މިހާރަކު އަޅުގަނޑުމެން އެއްވެސް ބަޔަކު މިކަމުގެ ވާހަކަ ދެއްކުމުގެ، ނޫނީ މިކަމަށް ކްރެޑިޓް ނަގަން މަސައްކަތް ކުރުމުގެ ޖާގަ އޮތް ކަމަކަށް، ދެންމެ ވަޙީދު ވިދާޅުވިގޮތަށް، ލޯޔަރު ވައްޑޭ ވިދާޅުވިގޮތަށް އުޅުމަކީ، އެހާ ރަނގަޅު ކަމަކަށްނުވެ ހިނގައިދާނެ. މި މަސައްކަތަކީ އެތައް މެންބަރުންގެ މަސައްކަތެއް. ޕީ.ޕީ.އެމް.ގެ ފަރާތުން، ޑީ.އާރު.ޕީ.ގެ ފަރާތުން މި މަސައްކަތަށް ތާއީދުކުރި. މިއީ އޭރުވެސް 2008 ވަނަ އަހަރު ރައީސް މައުމޫން ފަށްޓަވާފައި އޮތް މަޝްރޫޢެއް. އަދި އެޔާއެކީ ޠަބީޢީގޮތުން މިރަށަށް ބިން ހިއްކެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ، އަޅުގަނޑުމެން މި ބަޖެޓްގައި ހިމަނަން ތާއީދުކުރީ. މީގެކުރީގައިވެސް ބަޖެޓްގައި ހިމެނުނު. އެހެން ނަމަވެސް، ޢަމަލީ މަޝްރޫޢު މިއޮތީ ނުފެށިފައި.

އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ތިންވަނަ ސިޔާސީ ޝުކުރެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ޕާޓީ އުފެދިގެން، ޕާޓީގެ ކޮންގްރެސްއާ ހަމައަށް އައިސް، ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރި މަސައްކަތުގައި، ތުލުސްދޫގެ ވަރަށްގިނަ ރައްޔިތުން، އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގެންނެވި. އެހެން ނަމަވެސް، އޭރުވެސް ތުލުސްދޫގެ ހިފެހެއްޓުންތަކެއް ހުރި. ޑީ.އާރު.ޕީ. އެހާބޮޑަށް ޙަރަކާތްތެރިވާތީއާއެކީ، ހިފެހެއްޓުންތަކެއް ހުރި. މި މަސައްކަތުގައި ކެރިގެން އެންމެ ވަރުގަދައަށް ޕީ.ޕީ.އެމް.އާއެކީ، އަޅުގނޑާއެކީ، ރައީސް މައުމޫނާއެކީ ނުކުމެވަޑައިގެން ތުލުސްދޫގައި، މިއީ އެއްވެސް ގޮތަކަށް ބޭފުޅެއްގެ ނަންފުޅު ވައްޓާލެވިއްޖެ ކަމަށްވަންޏާ، އިހާނެތިކޮށް ކަންކުރުމުގެ މަޤްޞަދުގައި ދަންނަވާ ވާހަކައެއް ނޫން. އެހެން ނަމަވެސް، ޝައްކެއްނެތްގޮތުގައި އަޅުގަނޑަށް އޭރު އެންމެ ވަރުގަދައަށް މި މަސައްކަތުގައި އިސްވެ އުޅުއްވި ލީޑަރުންގެ ތެރޭގައި ފާހަގަކުރެވޭ ޔޫޝަޢު ޖަމީލް. ވަރަށް ކެރިގެން ނުކުމެ، ޕީ.ޕީ.އެމް. އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އޭނަ ކޮށްދެއްވި. އެހެންވީމާ، މި މުނާސަބަތުގައި، ސިޔާސީގޮތުން ތިންވަނަ ފަރާތަކަށް، ތުލުސްދޫގެ ވެށިން ޝުކުރު ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ޔޫޝަޢުއާއި ޔޫޝަޢުއާއެކީ، އަޅުގަނޑުމެންގެ ޕާޓީއަށް މެންބަރުން ވެއްދުމަށް ކުރެއްވި މަސައްކަތަށް، އޭނަގެ ޓީމަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތްތައް ބިނާވެފައި މިއޮތީ، އިޤްތިޞާދު ކުރިއަށް ގެންދަން، އިޤްތިޞާދު ވަރުގަދަކުރަން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ކުރެވެންހުރި ބޮޑެތި މަސައްކަތްތައް ކުރެވެން އޮތް ގޮތަކީ، ބިން ހިއްކައިގެން ބިން ބޮޑުކޮށްގެން ކުރެވޭ މަސައްކަތްތައް. ހުޅުމާލޭގެ ރައްޔިތުންނާ ދޭތެރޭގައި، ރައްޔިތުންގެ އުންމީދާ ދޭތެރޭގައި ވިސްނާލިކަމުގައިވީ ނަމަވެސް، ހުޅުމާލެއަކީ ޝައްކެއްވެސްނެތްގޮތުގައި، މިހާރުވެސް ތިރީހަކަށްހާސް މީހުން ދިރިއުޅެމުންދާ ރަށެއް. އެކަމަކު އެރަށުގައި ދިރިއުޅެމުންދާ މީހުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދީ، އަދި އެރަށަކީ އާބާދީވެވޭ ރަށެއްގެ ގޮތުގައި ހަމަޖެހިގެން ދާން މިއޮތީ އިޤްތިޞާދީ މަސައްކަތްތަކެއް އެރަށާ ހަމައަށްވެސް އައިސްގެން. މިކަން ކުރުމަށްޓަކައި އަނެއްކާ ހުޅުމާލޭގެ ބިންވެސް އެބަ ހުޅުވާލަންޖެހޭ. ޝައްކެއްވެސްނެތްގޮތުގައި، މިއީވެސް ހަމަ ވަރަށް ބިޔަ ބޮޑު މަޝްރޫޢެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގައި ނިންމާފައި މިއޮތީ، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫޢުވެސް ފެށިގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުން އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ ނަތީޖާއަކީ، އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގައި ކުދިކުދި އާބާދީތަކުގައި އެބަތިބި، އެރަށްރަށުގައި އަޅުގަނޑުމެން ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް، އޭގެ ޒާތުގައި އިޤްތިޞާދީ ބޮޑެތި މަސައްކަތްތަކެއް އެތާ ނުހިންގޭގޮތަށް އެ ރަށްރަށް ހަމަޖެހިފައި ހުރި ރަށްރަށް އެބަހުރި. އެއީކީ އެރަށްރަށުގެ ރައްޔިތުންގެ މައްސަލައެއްވެސް ނޫން. އަދި އެއީކީ ސަރުކާރުގެ މައްސަލައެއްވެސް ނޫން. އެއީ ޤުދްރަތީގޮތުން، ޠަބީޢީގޮތުން އެކަން ހަމަޖެހިފައި އޮތްގޮތް. ނޫނިއްޔާ، ރަށްރަށުގެ ސައިޒް ކުޑަވެ، ބިން ބޮޑުކުރެވެން ނެތީމަ، އެކަންކަން އޮތްގޮތް. އަޅުގަނޑުމެންގެ އުންމީދަކަށްވާނީ، މިހެން ބިން އުފެދިގެންދާ ރަށްރަށަށް މީހުން ހިޖުރަކޮށް، މިތަންތަނުގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިގެން ދިޔުން.

ތުލުސްދޫގައި ކިތަންމެ ރަނގަޅަކަށްވެސް ދައްކަވައިދެއްވައިފި، އެހެން ރަށްރަށުގެ މީހުން މިތަނަށް އައިސް، ހަމަ މިރަށުގައި އާބާދީގެ ބައެއްގެ ގޮތުގައި ބަލައިގަނެގެން، މިރަށުގެ ބައެއްގެ ގޮތުގައި ބަލައިގަނެގެން، މެހްމާނުންނަށް ކަމޭހިތައިގެން އުޅުމަކީ ތުލުސްދޫގެ ރައްޔިތުންގެ ޤާބިލުކަން ހުރި ކަމެއްގެ ގޮތުގައި. އެހެންވީމާ، އެއީ ޝައްކެއްވެސްނެތްގޮތުގައި، ތުލުސްދޫގެ ރައްޔިތުންނަށް ޝުކުރު ދަންނަވަންޖެހޭ ކަމެއް. ސުނާމީގައި އެންމެ އަޅުގަނޑުމެންނަށް ދަތިވި ދުވަހު، ރިނބުދޫގެ ރައްޔިތުން ތުލުސްދުއަށް އައިމަ، މިކަން ތުލުސްދޫގެ ރައްޔިތުން މެހްމާންދާރީ އަދާކުރައްވާފައިވަނީ، އަޅުގަނޑުމެން އެންމެންގެ ޝުކުރު ޙައްޤުވާ މިންވަރަކަށް. ހުޅުމާލޭގައިވެސް މި މަޝްރޫޢު ފެށިގެންދާއިރު، އަޅުގަނޑުމެންގެ ބޭނުމަކަށްވަނީ، އަތޮޅުތެރޭގައި އެކިއެކި ރަށްރަށުގައި، ކުދިކުދި އާބާދީ އުޅޭއިރު އަދި އަމުދުން އިޤްތިޞާދީ ގޮތުން އެއްވެސްކަހަލަ އުންމީދެއް ނެތް ގޮތަށް ހިމެނިފައި ހުރި ތަންތަނުގައި ޒުވާނުން އިރާދަކުރެއްވިއްޔާ ހުޅުމާލެއަށް ބަދަލުވެގެން ދިޔުމަކީ އަޅުގަނޑުމެން ދެކޭ އުންމީދު. ހުޅުމާލެއަށް ބަދަލުވުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅުނުއިރު އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެން ކުރާ އުންމީދަކީ، ހުޅުމާލެއަކީ ފަންސާސްހާސް ޒުވާނުންނަށް އާބާދީވެ އުޅެވޭވަރުގެ ރަށަކަށް ހެދުމޭ. އަދި ހުޅުމާލެއަކީ ޔޫތު ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދާ ރަށަކަށް ހެދުމޭ. އަޅުގަނޑުމެންގެ ސަރުކާރުން އިންވެސްޓްމަންޓް ފޯރަމްތަކުގައި އަދި މިނޫން އެހެން ގޮތްގޮތުން މިކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑަށް ކުރެވޭ މަސައްކަތަކީ، ހުޅުމާލެއަކީ މިދެންނެވި ކަހަލަ ޒުވާނުންގެ އުންމީދާއެކު އޮތް ރަށެއްގެ ގޮތުގައި ހެދިގެން ދިޔުން. އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި އަދި އޭގެކުރިން އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީގެ ތެރޭގައި އޮތް ވާދަވެރި އިންތިޚާބުގައިވެސް އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޒުވާނުންނަށް އުންމީދު ދިނުމޭ. ޒުވާނުންނަށް އުންމީދު ލިބޭނެގޮތެއް ނެތް، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަވެގެން ނޫނިއްޔާ. ސިޔާސީ ޙަރަކާތްތަކުން އެކަންޏެއް އަޅުގަނޑުމެންނަކަށް ޒުވާނުންނަށް އުންމީދެއް ނުދެވޭ. އަޅުގަނޑުމެން އޭރު ދެއްކި ވާހަކަތަކުގެ ތެރެއިން ބައެއް ކަންކަން އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ޙަޤީޤަތަކަށް އަޅުގަނޑުމެންނަށް ހަދައިދެވިއްޖެ. ކިތަންމެވަރަކަށް އޭރު ފާޑުކިޔުނު ކަމުގައިވިނަމަވެސް، ކިތަންމެވަރަކަށް އެކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމުގެ ޖާގަ އޭރު އޮތް ނަމަވެސް، ﷲގެ ރަޙްމަތާއެކީ މިކަންކަން ޙަޤީޤަތަކަށްވާތަން އެބަ ފެނޭ. ހަމަގައިމުވެސް ތުލުސްދުއަށް އަރާއިރު، ތުލުސްދޫގެ ބަނދަރުމަތިން ދަމާފައި ހުރި ފޮތިތަކުންވެސް ތުލުސްދޫގެ ރައްޔިތުން މިކަން ޤަބޫލުކުރައްވާކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އަޅުގަނޑުމެން ސަރުކާރުން އޭރުވެސް އިދިކޮޅުގައި ތިބެގެންވެސް އަދި ސަރުކާރެއް ހޯދަން ކުރި މަސައްކަތުގައިވެސް އަޅުގަނޑުމެން ޕީ.ޕީ.އެމް.ގެ ފަރާތުން ވާހަކަ ދައްކަމުންދިޔައީ، އެއްގޮތަކަށްވެސް ފުއްދައިނުދެވޭވަރުގެ ވަޢުދުން ރައްޔިތުންގެ ހިތްތައް އަޅުގަނޑުމެންނަށް ޝައުޤުވެރި ކުރުމުގެ މަސައްކަތެއް ނޫން. އަޅުގަނޑުމެން ކުރަމުންގެންދިޔަ މަސައްކަތަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މިންވަރަށް، ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް. އަދި ދިވެހިރާއްޖެއަކީ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތެއް ކޮށްފި ކަމަށްވަންޏާ، ރާއްޖެއަށް ބޭނުންވާ ކުރިއެރުން އަންނާނެކަން ކަށަވަރުވާތީ، އަޅުގަނޑުމެން ދައްކަމުން ގެންދިޔަ ވާހަކަތަކެއް.

ދެން ރާއްޖެއަށް މިދެންނެވި އިޤްތިޞާދީ ކުރިއެރުން އަންނަ ކަމަށްވަންޏާ، އޭގެ އެންމެ ބޮޑެތި ޙިއްޞާދާރުންގެ ތެރޭގައި ޒުވާނުން ޝާމިލްވާން އެބަޖެހޭ. އަދި ހަމައެހެންމެ، ރާއްޖެއަށް އަންނަ ތަނަވަސްކަމުގެ ތެރޭގައި، އެބަޖެހޭ ދޮށީ ރައްޔިތުންނަށް، އަޅުގަނޑުމެންނަށް ޚިދްމަތްތަކެއް ކޮށްދެއްވި ރައްޔިތުންނަށް، ކަންކަމެއްވާން އެބަޖެހޭ. އެ ސަބަބަށްޓަކައި ދޮށީ ބޭފުޅުންނަށް، 65 އަހަރުގެ ބޭފުޅުންނަށް އަޅުގަނޑުމެން ޢިނާޔަތްތެރިކަމާއެކީ ކަމޭހިތަމުން މިގެންދަނީ. އަދި އެޔާއެކީ ޒުވާނުންނަށް ކޮށްދޭންހުރި ކަންތައްތައް މިކުރަމުން ގެންދަނީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގައި ފުރްޞަތުތަކެއް އޮތީމަ. ދިވެހިރާއްޖޭގައި އޮތް ފުރްޞަތުތަކުގެ ތެރޭގައި، ފުރްޞަތުގެ ބޭނުން ހިފެން މި އަންނަނީ، ރާއްޖެއަކީ ހަމަޖެހޭ ރާއްޖެއެއްގެ ގޮތުގައި އޮވެގެން. ދިވެހިރާއްޖޭގައި، މި ހިނގާ ހައެއްކަ މަސްދުވަހުގެ ތެރޭގައި، ހަތްމަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންވެސް އަދި ބޭރުން ރާއްޖެއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުންވެސް އެބަ ގަބޫލުކުރޭ، އިރާދަކުރެއްވިއްޔާ، މިހާރުގެ ސަރުކާރު މިއޮތީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން ހޯދައިދޭން މަސައްކަތްކުރާ ސަރުކާރެއްކަން. އަދި ސިޔާސީގޮތުން އެކިއެކި ހަނގުރާމަތަކުގެ ތެރޭގައި ގެނބިގެން ސިޔާސީގޮތުން ސަރުކާރަށް އުނދަގޫތަކެއް އުފުލަންޖެހޭ ގޮތަކަށް، މި ސަރުކާރުގެ މިޞްރާބު ދޫނުކޮށްލާނެ ކަމަށް ކަށަވަރު އެބަވޭ. އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގެ ކުރިން ވާހަކަ ދައްކަމުންދިޔައިރު، ޚުދު ރައީސް މައުމޫންވެސް ދެފަހަރުމަތިން ވިދާޅުވި. އަޅުގަނޑު އެތަކެއްފަހަރު މަތިން ދަންނަވާފައި އޮންނާނެ، އަޅުގަނޑުމެންނަށް ސަރުކާރެއް އަތުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރަކުން އެއްގޮތަކަށްވެސް އަޅުގަނޑުމެންނާ ވާދަވެރި ސިޔާސީ ފަރާތްތަކާ ދޭތެރޭގައި އެއްވެސްކަހަލަ ކުޑައިމީސްވާކަހަލަ ކަންކަމެއް އަޅުގަނޑުމެން ނުކުރާނަމޭ. އަދި އެބޭފުޅުން ކުރައްވާފައި ހުރީ ޤާނޫނީގޮތުން ކޮންކަހަލަ ބޮޑެތި ކަންތައްތަކެއްތޯ ބަލައި، އެކަންކަމާ ދޭތެރޭގައި ފާރަލައިގެން އުޅުމަކީ ސަރުކާރުން ކުރާނެ މަސައްކަތެއް ނޫނޭ. ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށްވަންޏާ، އެންޓި ކޮރަޕްޝަނުން ކުރައްވާ މަސައްކަތަކީ އެއްގޮތަކަށްވެސް ސަރުކާރުން ކުރާ މަސައްކަތެއް ނޫން. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓަކީ ސަރުކާރުން ހިތްވަރުދީގެން ނެރުއްވާ ރިޕޯޓެއް ނޫން. އޮޑިޓަރ ޖެނެރަލް، އެ އުފުއްލަވަނީ އޭނަގެ ޤާނޫނީ މަސްއޫލިއްޔަތު. އެ ޤާނޫނީ މަސްއޫލިއްޔަތު އުފުއްލަވާއިރު، އެތަނަކާ ބެހޭގޮތުން އޭނައަށް ފާހަގަކުރެއްވޭ ކަންތައްތައް، އޭނަ ހާމަކުރައްވާނެ. އަދި އަޅުގަނޑުގެ ސަރުކާރުގައި، ސަރުކާރުގެ ވުޒާރާތަކާއި، ޚުދު ރައީސް އޮފީހާއި، މުލީއާގޭ ބަޖެޓް އޮޑިޓް ކުރައްވާފައި ނެރުއްވާ ރިޕޯޓަކީ، އޭގެ ޒިންމާ އަޅުގަނޑު އުފުލަންޖެހޭނެ ކަންކަން. އޭގެތެރޭގައި، ޤާނޫނާ ޚިލާފަށް ޚަރަދު ކުރެވިފައި ހުރެއްޖެނަމަ، އަދި އޭގެތެރޭގައި، ރައްޔިތުން ހިތްނުރުހޭގޮތަށް ކަންކަން ހުރެއްޖެ ކަމަށްވަންޏާ، އެއީ އަޅުގަނޑު ބަލައިގަންނާނެ ކަންކަން. އެކަންކަން އިޞްލާޙުކުރާނެ ކަންކަން.

އެހެންވީމާ، އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓަކީ އަޅުގަނޑުމެން ހިތްހަމަނުޖެހެންވީ ރިޕޯޓެއް ނޫން. އަދި އެއީކީ މިހާރު ހަމަގައިމުވެސް މިހާރު މިއޮތް ސަރުކާރުން ސިޔާސީގޮތުން އޭނައަށް މިޞްރާބު ދައްކައިގެން އޭނަ ކުރައްވާ މަސައްކަތެއް ނޫން. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކިއެކި މަޝްރޫޢުތައް ހިފެހެއްޓެވީމާ، ސަރުކާރަށް އުނދަގޫވޭ. ސަރުކާރަށް ދަތިވޭ. ރައްޔިތުންނަށް ޚިދްމަތްދޭން ދަތިވޭ. އެހެން ނަމަވެސް، އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުރައްވާ މަސައްކަތަކީވެސް ޤާނޫނީގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަރުންނަށް ލާޒިމުކުރާ ކަންކަމޭ. ބޮޑު މަޝްރޫޢެއް ހިނގަމުންދާއިރު، އެ މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށްވަންޏާ، އެ މައްސަލަ ބައްލަވައި ނިމެންދެން، އެ ނިންމަވާ ގޮތްތަކަކަށް އަޅުގަނޑުމެން ތަބާވެ، އަޅުގަނޑުމެން ސަރުކާރުން މަރްޙަބާ ދަންނަވަމު. އެކަމަކު އެޔާއެކީވެސް ހަމަ އޭ.ސީ.ސީ. އަށް މިއަދުވެސް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، އެތަކެއް ސަތޭކަ މިލިއަންގެ ޕްރޮޖެކްޓްތައް، މިގޮތަށް ހިފެހެއްޓިގެން ދިޔައީމަ އަދި އެ މަޝްރޫޢުތައް ހުއްދަ ނުދެއްވައި ލަސްވާކަމަށްވަންޏާ، ސަރުކާރަށް އޭގެ ގެއްލުންތަކެއް އުފުލަންޖެހެޔޭ.

އެހެންވީމާ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވާ މަސައްކަތުގައިވެސް މިހެން ހިފެހެއްޓޭ ބޮޑެތި މަޝްރޫޢުތައް ހިފެހެއްޓޭއިރު، އެޔަށް ކުރިއަށް ދެވޭނޭ ގޮތްތަކެއް ކަނޑައަޅުއްވައި، މުއްދަތެއްގެ ތެރޭގައި އެކުރައްވާ ޕްރިލިމިނަރީ ތަޙުޤީޤު ކުރައްވައި ނިންމަވަން އެބަޖެހޭ. އެސެސްމަންޓް އެބަ ނިންމަވަންޖެހޭ. މިސާލަކަށް، އައި.ޖީ.އެމް.އެޗް ބިލްޑިންގ އަޅާ އެޅުމުގެ ތެރޭގައި، ކޮރަޕްޝަނަށް މަގުފަހިވާކަހަލަ މައްސަލަތަކެއް ހުރެގެން، އެއްފަހަރަށްވުރެ ގިނަފަހަރު މަސައްކަތް ހުއްޓުވާލެވޭ ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ އެކަން ނުވާނެ ގޮތަކަށް ދެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަން ކޮށްދެއްވުމަކީ، އަޅުގަނޑުމެން އެދޭ އެދުމޭ. އެ ޢިމާރާތް ފުރިހަމަވެގެން ނޫނިއްޔާ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ހޮސްޕިޓަލްގެ ތެރެއިން އަޅުގަނޑުމެންނަށް ކޮށްދިނުމަށް ދަތި އެބަވޭ. އެހެންވީމާ ޝައްކެއްވެސްނެތްގޮތުގައި، މި މަސައްކަތް ކުރާއިރު، ކޮރަޕްޝަނަށް ފަހިވާގޮތަށް، މަގުފަހިވާގޮތަށް ކަންކަން ހުރެދާނެކަންނޭނގެ. އެކަމަކު އެއީކީ އަޅުގަނޑުމެންގެ ސަރުކާރުގައި އެކަމަށް ހިތްވަރުދީގެން އަޅުގަނޑުމެން ކުރާނެ ކަންކަމެއް ނޫން. އެހެން ނަމަވެސް، ކުރިއްސުރެ ކުރެވެމުން އަންނަ ކަންކަންވީމަ، މިދެންނެވީ ޢިމާރާތް ކުރުމުގެ މަސައްކަތްވީމަ، މިކަންކަމަށް ޖާގަނެތެކޭ ދަންނަވާކަށްވެސް ނޫން އަޅުގަނޑު މިއުޅެނީކީ. އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުންނަ ކަންތައްތައް ނުހުއްޓުވާކަށްވެސް ނޫން އަޅުގަނޑު މިދަންނަވާ ވާހަކަ މިދަންނަވަނީ. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވާ މަސައްކަތުގައިވެސް މިކަހަލަ ބޮޑު މަޝްރޫޢެއް ހުއްޓާލެވިއްޖެ ކަމަށްވަންޏާ، އެބޭފުޅުން އެބަ ނިންމަވަންޖެހޭ ޓައިމްލައިނެއްގެ ތެރޭގައި، އެބޭފުޅުން އެ ހައްދަވާ އެސެސްމަންޓެއް ނިންމަވާފައި، މަސައްކަތް ކުރިއަށް ގެންދެވޭނެގޮތަށް ޖާގަ އެބަ ދެއްވަންޖެހޭ. މިސާލަކަށް، އަންނަ މަޢުލޫމާތުތައް ބައްލަވާފައި، 7 ދުވަހުގެ ތެރޭގައި އެބޭފުޅުންގެ ޕްރިލިމިނަރީ ފައިންޑިންގްސްގެ މައްޗަށް ބިނާކުރައްވައި، އެ މަޝްރޫޢު އަލުން ރީ ޓެންޑަރ ކުރަންޏާ، ރީ ޓެންޑަރ ކުރަން އެންގުން. ނޫނިއްޔާ އެ މަޝްރޫޢަށް ހުއްދަދޭ ކަމަށްވަންޏާ، އެ މަޝްރޫޢަށް ހުއްދަދޭން އެބަޖެހޭ. އެކަމަކު ވާއެއްނުވާއެއް ނޭނގި، ދެމަސް ތިންމަސްވެގެން ދިޔައީމަ، މީގެ ދަތިތައް އުފުލަންޖެހޭ ބަޔަކީ ޙަޤީޤަތުގައި ރައްޔިތުން. މިއިން ގެއްލުންވާން ތިބީ ރައްޔިތުން. ދަންނަވަން މިއުޅޭ ވާހަކައަކީ، މިއިން ކޮންމެ މުއައްސަސާއަކުން ކުރައްވާ މަސައްކަތަކީ، އަޅުގަނޑުމެން ސަރުކާރުން މަރްޙަބާކިޔާ މަސައްކަތްތަކޭ.

އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިކުރެވޭ މަސައްކަތްތަކަކީ، ހުރިހާ މުއައްސަސާތަކެއް ހިމެނިގެންވެސް ރައްޔިތުންނަށް ޤާނޫނުއަސާސީގަޔާއި އަދި ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ކަށަވަރުކުރެވޭ މަސައްކަތްތަކަށް ވެގެންދިޔުން. އެކަމަކަށް އަޅުގަނޑުމެންގެ ސަރުކާރަކުން ފާޑެއް ނުކިޔާނަން. އެހެން ނަމަވެސް، އެކުރައްވާ މަސައްކަތް ހަލުވިކަމާއެކީ ދިޔުމަކީ، އަޅުގަނޑުމެން އިލްތިމާސް ކުރާނެ ކަންކަން. އަދި އިރާދަކުރެއްވިއްޔާ، އަންނަ ދައުރަށް، ރައްޔިތުންގެ މަޖިލިސް، 28 ވަނަ ދުވަހު ހުޅުވިގެންދާއިރު، މިދެންނެވި ކަހަލަ މަސައްކަތްތަކަށް މަގުފަހިވާ ބިލްތައް އަޅުގަނޑުމެން ހުށަހަޅާނަމު. އޭގެ ބޭނުމަކަށްވެސްވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންނަކީ، ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގައި ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި، އެބޭފުޅުންވެސް ނިންމަވާ ޤާނޫނުތަކެއްގައި، މިދެންނެވި ކަހަލަ ބަދަލުތަކެއް އައިސް، އެކަންކަން ނިމިގެން ދިޔުން.

މި ދާއިރާއަށް ލޯޔަރު ވައްޑޭ ހޮއްވަވައިދެއްވީމަ، އަޅުގަނޑު ޝުކުރު އަދާކުރާ ވާހަކަ، އޭރުވެސް އެ ސަބަބު ދަންނަވާލިން. މިއަދު އެއަށްވުރެ ބޮޑަށް އެކަން ޙަޤީޤަތަކަށް ވެގެންދާތަން ތިޔަބޭފުޅުން ގަބޫލުކުރައްވާނެ. މީގެ ބޭނުމަކަށްވާގޮތް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންނަކީވެސް ކޯލިޝަނެއް ހަދައިގެން އުޅޭ ބައެއް. ކޯލިޝަނެއް ހަދައިގެން، އަޅުގަނޑުމެން ދެޕާޓީ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި 85 ގޮނޑީގެ ތެރެއިން 60 ގޮނޑި އަޅުގަނޑުމެން ނަގައިގެން މިހާރު މިތިބީ. 60 ގޮނޑި ނަގައިގެން ތިބެއްޖެ ކަމަށްވަންޏާ، ރައްޔިތުން ބޭނުންވާ ހުރިހާ ޤާނޫނުތަކެއް ހެދެންވާނެ. އަދި ރައްޔިތުންނަށް އިޤްތިޞާދީ ފައިދާ ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން އެކަށައަޅާ ހުރިހާ ބޮޑެތި މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތައް ޝައުޤުވެރިކުރުވާފަދަ ހުރިހާ ޤާނޫނުތަކަށް ޖާގަ ލިބެންވާނެ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާއިރުވެސް އަދި ޕާޓީތަކުގެ ތެރޭގައި އުޅޭ އެކިއެކި ކަންކަމުގެ ތެރޭގައިވެސް ހިތްޕުޅުހަމަނުޖެހިގެން މިކަހަލަ ބިލްތަކަށް ހުރަސްއެޅޭ ކަމަށްވަންޏާ، އަނެއްކާވެސް ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެ އެޅެނީ. ކާކުތޯ ބޭނުންވާނީ، ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅުގައި، މިސާލަކަށް، އައިހެވަން ޕްރޮޖެކްޓް ޙަޤީޤަތަކަށް ނުވާން ކާކުތޯ އެދޭނީ. ކޮންމެ މީހަކުވެސް ބޭނުންވާނެ. ކާކުތޯ ބޭނުންނުވާނީ، ހުޅުމާލޭގައި ފަންސާސްހާސް ދިވެހި ޒުވާނުންނަށް ޔޫތު ވިލެޖެއް، ނޫނިއްޔާ ޔޫތު ސިޓީއެއް ހެދިގެން ގޮއްސަ، އެމީހުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތަކާއި އަދި ރާއްޖޭގައި، މާލޭގައި، މާލޭގެ ބައިބޯވެގެން، މާލޭގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތްތައް ނެތިއްޖެ ކަމަށްވަންޏާ، އެމީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ މަޝްރޫޢެއް ހުޅުމާލޭގައި ރޭވިގެންދާއިރު، އޭގެ ތަރައްޤީއާއި އޭގެ މަންފާ ހޯދަން ބޭނުންނުވާނެ ދިވެހި ރައްޔިތަކު ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، ކާކުތޯ ބޭނުންނުވާނީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އެޅެން. ކާކުތޯ ބޭނުންނުވާނީ. ދިވެހިރާއްޖޭގެ އިޤްތިޞާދީގެ މައި ބަދައެއްގެ ގޮތުގައި، ނާރެހެއްގެ ގޮތުގައި އަޅުގަނޑުމެން މި ކަނޑައަޅަނީ ޓުއަރިޒަމްގެ ޞިނާޢަތު. އެއީ އަޅުގަނޑުމެން ސިޔާސީގޮތުން ކަނޑައަޅާތީކީ ނޫން. ތުލުސްދޫގެ ރައްޔިތުން ހެކިވާނެ، މާފުށީގެ ރައްޔިތުން ހެކިވާނެ. މާލެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ހެކިވާނެ. ދިވެހިރާއްޖޭގައި އާމްދަނީ ގެނެސްދޭ އެންމެ ވަރުގަދަ އެއް ޞިނާޢަތަކަށް މިއޮތީ ޓުއަރިޒަމް. އަދި ޓުއަރިޒަމްގެ ޞިނާޢަތުން މިރަށްރަށުގައި ގެސްޓް ހައުސް ހެދިގެން، ނޫނީ ސިޓީހޮޓާ ހެދުނީމަ، މިރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވެގެންދަނީ. އަދި ހަމައެހެންމެ ތަނަވަސްކަން އިތުރުވެގެންދަނީ އެހެންވެގެން.

އެހެންވީމާ، އަޅުގަނޑުމެން ދިވެހިރާއްޖެއަށް އިތުރު ޓުއަރިސްޓުން ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައް ނުކުރަންވީ ކީއްވެގެންތޯ. ދިވެހިރާއްޖޭގެ އެއަރޕޯޓަކީ، ރާއްޖޭގައި މިހާރު އޮތް އެއަރޕޯޓަކީ، 30 އަހަރަށްވުރެ ދުވަސްވެފައި އޮތް އެއަރޕޯޓެއް. އެއީ ރައީސް މައުމޫން ހޯއްދެވި އެންމެ ފުރަތަމަ އެންމެބޮޑު ޝަރަފް އެއީ. ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެވަރުގެ ވަރުގަދަ އެއަރޕޯޓެއް ހެދިގެން ދިޔުން. އެކަމަކު އެއަރޕޯޓްގެ ނަން ބަދަލުކޮށްލުން ފިޔަވައި އަޅުގަނޑުމެންނަކަށް އެ އެއަރޕޯޓަށް ތަރައްޤީ އައިއްސަ އޮތްތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އޭރު އަޅުގަނޑުމެންނަށް ދިޔައީ އެއަރޕޯޓާ ބެހޭގޮތުން އެކިއެކި ވާހަކަ ދެކެވެމުން. މިއަދު ކޮން ތަފާތެއްތޯ އައީ؟ އެހެންވީމާ ކާކުތޯ ބޭނުންނުވާނީ، މިހާރު މި އެއަރޕޯޓަކީ އެއްމިލިއަން ފަސިންޖަރުން ދަތުރުކުރާ އެއަރޕޯޓަކަށްވާ ކަމަށްވަންޏާ، އަހަރެއްގެ ތެރޭގައި ކީއްވެގެންތޯ، މި ޢަދަދު ފަސްގުނަކޮށްލަން ބޭނުންނުވަނީ. މި ޢަދަދު ފަސްގުނަ ކޮށްލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން އަތޮޅުތެރޭގައި، ހުރިހާ އަތޮޅުތަކެއްގައި އަޅުގަނޑު އޭރު ދެންނެވި ގޮތަށް، ކޮންމެ އަހަރަކު އިތުރު 10 ރިޒޯޓް އުފެދިގެންދާނެ. ކީއްވެގެންތޯ، އަޅުގަނޑުމެންގެ 5 އަހަރެއް ނިމިގެންދާއިރު، 50 ރިޒޯޓް ނޯންނަންވީ. ކާކުތޯ މި ތަރައްޤީއަށް ހުރަސްއަޅާނީ. ކާކުތޯ ހުރަސްއަޅަން ބޭނުންވާނީ. އެހެންވެގެން އަޅުގަނޑުމެން މިކަހަލަ މަޝްރޫޢުތައް މި ރާވަނީ.

މީގެ ބޭނުމަކަށް މިވަނީ، މިވާހަކަ ދެންނެވުމުގެ ބޭނުމަކަށް މިވަނީ، ތުލުސްދޫގައިވެސް އަޅުގަނޑުމެންގެ ޕާޓީއަށް މެންބަރުން އިތުރުކުރެއްވުމުގެ މަސައްކަތް އަދި ވަރުގަދަކޮށްދެއްވާށޭ. މި ދާއިރާގެ ދެން މިއޮތް ތިން ރަށުގައިވެސް އެ މަސައްކަތް ކޮށްދެއްވާށޭ. މުޅި ދިވެހިރާއްޖޭގައި މި މަސައްކަތް ކޮށްދެއްވާށޭ. ޢާންމު މެންބަރުން ޕާޓީއަކަށް ލިބުމަކީ، ޕާޓީއަށް ސިޔާސީގޮތުން ލިބޭ އެންމެ ވަރުގަދަ ކުރިއެރުން. ޢާންމު މެންބަރުން ގިނަވީމަ، ޕާޓީއަށް އެއްވެސްކަހަލަ ދިރުމެއް އަންނާނީ. ޕާޓީން ކުރާ ކަންކަން ރަނގަޅު ކުރުމުގެ ޚިޔާލު އަންނާނީ ޢާންމު މެންބަރުންގެ ތެރެއިން. ޕާޓީއަށް ގިނަ މެންބަރުން އައިއްސި ކަމަށްވަންޏާ، ޕާޓީގެ ކައުންސިލް ތަމްސީލު ކުރަންވެސް ހަމަ މިދާއިރާތަކުން މެންބަރުން ތިއްބަވާނެ. ޕާޓީގެ ކޮންގްރެސްއެއް ބާއްވާ ކަމަށްވަންޏާ، މި ދާއިރާތަކުން ގިނަ މަންދޫބުންތަކެއް، ދާއިރާގެ ރައްޔިތުންގެ ވިންދާ ގުޅުންހުރި ކަންކަން ޕާޓީގެ ތެރެއިން، ސަރުކާރުގެ ތެރެއިން ޙާޞިލް ކުރުމަށްޓަކައި ޚިޔާލު ގެނެވޭނެ ހަމައެކަނި ވަސީލަތަކީ، ޕާޓީގެ މެންބަރުން ގިނަވެގެން، އަންނަ މަންދޫބުން އިތުރުވެގެން. މިއީ ޕާޓީގެ މެންބަރުން އިތުރުވާންޖެހޭ ސަބަބަކީ.

ޕާޓީގެ މެންބަރުން އިތުރުވާންޖެހޭ އަނެއް ސަބަބަކީ، މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ހޯދައިދޭން އުޅޭ އިޤްތިޞާދީ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި މުޅި ދިވެހި ރައްޔިތުންގެ ތާއީދު އޮތްކަން މި ސަރުކާރަށް ދެއްކެވުން. ޕާޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އިތުރުވާންޖެހޭ ސަބަބަކީ، ޤާނޫނު ހަދާ މަޖިލީހަކީ، ސިޔާސީ މީހުން ބޭނުންވީމަ، ރައްޔިތުން ބޭނުންވާ ޤާނޫނުތައް ނަހަދައި، ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށް، މަޖިލިސް ބަންދުކޮށްލައިގެން، އެކި ދުވަސްވަރު ދައުރު ނިމެންދެން މަޖިލިސް ހައްޔަރުކޮށްގެން އޮތުމެއް ނޫން. އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން އިތުރުވުމުން، އަޅުގަނޑުމެން އިއްތިޙާދުގައި ތިބޭ މެންބަރުން އިތުރުވުމުން، ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހެނީ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ހިތި ކަންތައްތައް، ރައްޔިތުން ގަބޫލުނުކުރާ ކަންކަން، 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޢަމުދުން ފެނިގެން ނުދާނެކަން. އެއީ، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން، މި ރައްޔިތުންގެ މަޖިލީހަށް އިތުރުކުރަން ބޭނުންވާ ސަބަބަކީ. އަޅުގަނޑުމެން މިދެންނެވި ކަހަލަ ތަރައްޤީ ގެނައުމަށްޓަކައި، ޤާނޫނުތަކަށް އަންނަ ބަދަލު އެބަ އަންނަންޖެހޭ. ޤާނޫނުއަސާސީ އެބަ ހުއްދަކުރޭ، ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށް، ބޭރު މީހުންނަށްވެސް އަދި ދިވެހި ރައްޔިތުންނަށްވެސް، ޤާނޫނުގައި ކަނޑައެޅިފައި އޮންނަ އުޞޫލެއްގެ މަތިން، 99 އަހަރުގެ ދިގު މުއްދަތަށްދޭން. މިހާރަކު ދިވެހިރާއްޖެއަކަށް އަދި އެހެން ޤައުމަކަށްވެސް ނާންނާނެ މީހުންނެއް، އަށްޑިހަ މިލިއަން، ސަތޭކަ މިލިއަން، ދުއިސައްތަ މިލިއަން، ނޫނިއްޔާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިފައިގެން ނާންނާނެ، 30 އަހަރު ހުއްދަ ލިބޭނެކަމަށް ގަބޫލުކޮށްގެންނެއް. އިހަވަންދޫގެ ބަނދަރުގެ މަޝްރޫޢުގެ ވާހަކަ ދައްކާކަމަށްވަންޏާ، މިއީ އެންމެ މަދުވެގެން ހަތަރުހާސް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. ހަތަރު ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. މި މަޝްރޫޢަށް ދުނިޔޭގެ ކޮންސޯޓިއަމަކުން، ދުނިޔޭގެ އިޤްތިޞާދީ ވަރުގަދަ ކުންފުނިތަކުން ކީއްކުރަންތޯ ދިވެހިރާއްޖެއަށް އަންނަންވީ، އެންމެ 30 އަހަރު ހޯދަން. އެމީހުންގެ މަޝްރޫޢުގެ ޚަރަދު ދެކޮޅުޖެއްސޭނެ ކަމެއްވެސް ނޭނގެ، އެ މުއްދަތާ ހަމަޔަށްދާންވާއިރަށް.

އެހެންވީމާ، އެބަ ލިބެންޖެހޭ ދިގު މުއްދަތު. މިކަހަލަ ކަންކަން އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޙައްލުވެގެން ދިޔުން. އަޅުގަނޑެއް އަޅުގަނޑުގެ ޕާޓީއަށް ބޭނުންވާ ކަންކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޙައްލުކުރާކަށް ހުށައެއްނާޅާނަން. އެކަމަކު ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި، ދިވެހި ރައްޔިތުންނަށް މިއަދު ޖީބަށް ވަންނަ އާމްދަނީ ފަސްހާސް ޑޮލަރުން ބާރަހާސް ޑޮލަރަށް އުފުލައިލުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ދިވެހިރާއްޖެއަށް މި ބޭނުންވާ ބޭރުން ގެންނަންޖެހޭ މަޝްރޫޢުތަކަށް ހިތްވަރު ލިބޭކަހަލަ ކަންތައްތައް ކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެންނަން އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ދާނަން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ދާނަން، ބަޖެޓް ފާސްވެގެންދާއިރު ތާއީދު ކުރައްވައި ވޯޓް ދެއްވާނަން. އެކަމަކު އެކަންކަން ކުރަން ލޯނު ނަގަން ދިޔައީމަ، ރައްޔިތުންގެ މަޖިލީހަށް އެހާ ފަސޭހަ ކަމަކަށްނުވޭ، ހުއްދަ ދެއްވާކަށް. އެހެންވީމާ، ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް އެބަ ކަށަވަރުކޮށްދެއްވަންޖެހޭ، އާމްދަނީ ހޯދަންވެސް އެބޭފުޅުންގެ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމަށް. ހަމައެކަނި ޚަރަދު ބަޖެޓެއް ޖަހާލާފައި، އެ ޚަރަދު ހޯދަން ފައިސާ ބޭނުންވެގެން ރައްޔިތުންގެ މަޖިލީހަށް ދިޔައީމަ، އެއީ އެހާބޮޑު މައްސަލައަކަށް ހައްދަވާ ކަމަށްވަންޏާ، ރައްޔިތުންގެ މަންދޫބުން، އެ ފާސްކުރައްވާ ބަޖެޓާ އެއްގޮތަށް އެބޭފުޅުންނަށް ޢަމަލުކުރެއްވޭ ކަމަކަށްނުވެ ހިނގައިދާނެ. މިފަހަރުގެ މި ދައުރުގައި، ރައްޔިތުންގެ މަޖިލީހަށް، މިދެންނެވި ގޮތަށް ބަޖެޓެއް ފާސްކުރައްވާއިރު، އެބޭފުޅުން ޒިންމާދާރުކަމާއެކީ، ޚަރަދު ފާސްކޮށްދެއްވާ އުޞޫލުން އެ ޚަރަދަށް ފައިސާ ހޯދުންވެސް ފާސްކޮށްދެއްވާނެ ގޮތްތަކެއް އަޅުގަނޑު ހުށަހަޅާނަން. އޭގެ ބޭނުމަކަށްވަނީ، ބަޖެޓް ފާސްވެގެން ދިޔައީމަ، ދެން ރައްޔިތުންނަށް އެބަ ކަށަވަރުކަން ލިބޭ، ހިތްހަމަޖެހުން ލިބޭ، އެ އަހަރުގެ ބަޖެޓްގައި، އެ ޖަހާފައި ހުރި މަޝްރޫޢުތައް ހިނގައި ނިމިދާނެކަން. އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސަރުކާރުތަކުގައި ބޮޑެތި ބިޔަ މަޝްރޫޢުތައް އެބަ އެކުލަވާލައި. އެހެން ނަމަވެސް، އެއަށް ފައިސާ ލިބޭނެގޮތެއް ނެތިގެން، ރައްޔިތުންގެ މަޖިލީހުން އެކަންކަން ތަނަވަސްކޮށްނުދެއްވީމަ، އެފައިސާތައް ނުހިމެނުނީމަ، ތުލުސްދޫގައި ހަދަންޖެހޭ ބަނދަރު އެހެން ދެރަށަކަށް ބަދަލުވެ އަދި އެހެން ތަނެއްގައި ހިއްކަންޖެހޭ ބިން ހިއްކުން އަދި ޢަމުދުން ނެތިގެންދިޔުން މިއީ، އަޅުގަނޑުމެންނަށް މަޖިލީހުގެ ތެރެއިން ނޫނިއްޔާ ބަޖެޓްގެ ތެރެއިން ނުކުރެވިދާ ކަންކަމުގެ ގޮތަށް މީގެކުރިން ފާހަގަވެގެންދިޔައީ. އެހެންވީމާ، މިހާރުގެ ސަރުކާރުން މި މަސައްކަތް ކުރަނީ، މިދެންނެވި ގޮތަށް ރައްޔިތުންނަށް ބޭނުންވާ އިޤްތިޞާދީ ތަރައްޤީ ހޯދައިދިނުމަށްޓަކައި ކުރެވެންހުރި މަސައްކަތް ފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން މިދެންނެވި ގޮތަށް އެއްބާރުލުން ދެއްވައި، އަޅުގަނޑުމެން މި ހުށަހަޅާ ބަޖެޓްތަކަށް ތާއީދު ކޮށްދެއްވުމަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވާހަކަކޮޅު ނިންމާލާއިރުވެސް ދަންނަވާނަން، މިހާރު މިއީ އެންމެ ފަސޭހަ ވަގުތެއްވެސް ނޫންކަންނޭނގެ. އެހެން ނަމަވެސް، ތިޔަބޭފުޅުންގެ ރަށަށް ޒިޔާރަތްކޮށް، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ، ޕީ.ޕީ.އެމް.ގެ ވިސްނުން މިއޮތީ، ރައްޔިތުންނަށް އުންމީދުދޭ ވިސްނުމެއްގެ ގޮތުގައޭ. ރައްޔިތުންނަށް އުންމީދު މި ލިބެނީ، ޒުވާނުންނަށް ވަޒީފާ ލިބޭނެ، އާމްދަނީ ލިބޭނެ ފުރްޞަތުތައް އިތުރުވެގެން ދިޔައީމައޭ. އަދި ޒުވާނުންނަށް ފުރްޞަތުތަކެއް އިތުރުވެގެންދާއިރު އިތުރުވެގެން މިދަނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި އުޅޭ ޒުވާނުންނަކަށް ނޫން. މަސައްކަތެއް ކުރަން ކެރިގެން، ވަޒީފާއެއް އަދާކުރަން ބޭނުންވާ ޒުވާނުންނަށް، އެ ފުރްޞަތުތައް އެބަ ފަހިވާންޖެހޭ. އެހެންވީމާ، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަކީ އެތަކެއްހާސް ޒުވާނުންނަށް ވަޒީފާދެވޭވަރުގެ ހަކަތަ އޮތް އިޤްތިޞާދަކަށް ދިވެހިރާއްޖޭގެ އިޤްތިޞާދު ބަދަލުވެގެންދާ ކަމަށްވަންޏާ، އިންތިޚާބުގެ ކުރިން އަޅުގަނޑު ދެންނެވި ގޮތަށް، މިދެންނެވި އުންމީދު، ނޫނިއްޔާ ހޯޕް، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އަދިވެސް އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުމެން އޭރުވެސް ދެންނެވިގޮތަށް، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ސަރުކާރާއި، އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުން މިއޮތީ، އިޤްތިޞާދު ވަރުގަދަކުރުމާއެކީ، ޒުވާނުންނަށް އުންމީދު ގެނެސްދޭ ކަންތައްތަކެއް ޙާޞިލުކޮށްދޭ ވިސްނުމެއްގައޭ، އަޅުގަނޑުމެންގެ ސިޔާސީ ފިކުރު މިއޮތީ. މިއީ ވެދާނެ އިޤްތިޞާދީ މަފްހޫމަކަށް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސިޔާސީ ފިކުރަކީ މިއީ. އެހެންވީމާ، އިޤްތިޞާދާއި ޒުވާނުންގެ އުންމީދާ ގުޅިގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ، ރައްޔިތުން ބަލައިގަންނަ މަޝްރޫޢެއްކަން، މަސައްކަތެއް ކަމަށް މިހާތަނަށް ރައްޔިތުން އަޅުގަނޑުމެންނަށް ސާބިތުކޮށްދެއްވައިފި.

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި ތުލުސްދުއަށާއި، ކައިރި ރަށްރަށަށް، މުޅި ދިވެހިރާއްޖެއަށް އަދަށްވުރެ ފެހި އުޖާލާ މުސްތަޤްބަލެއް ﷲ މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه

__________________________