‏އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރައުލް އިގްނާސިއޯ ‏‏ގުއަސްޓަވީނޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ‏‏ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އާޖެންޓީނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ‏‏ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ.

‏ރާއްޖެއާއި އާޖެންޓީނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ‏‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުންނާއި، ޚާއްޞަކޮށް، ޒުވާނުން ބިނާކުރުމާއި، ތަޢުލީމާއި، ތިމާވެށީގެ ‏‏ދާއިރާއިން މިގުޅުން އިތުރަށް ‏‏ތަރައްޤީކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ. އަދި އާޖެންޓީނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ‏‏އާޖެންޓީނާގެ އާސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏