‏‏ރައްޔިތުންނަށް ތަރައްޤީ ގެނައުމުގައި، ސިޔާސީ ކުލައަކަށް އަދި ވަކި ރަށަކަށް ‏‏އެއްވެސް ތަފާތުކުރެއްވުމެއް މި ސަރުކާރުން ނުގެންގުޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ‏‏ފާދިއްޕޮޅު ނައިފަރު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސިޔާސީ ފިކުރު ކޮންމެ ކުލައެއްގައި ‏‏ހުރިނަމަވެސް، ހުރިހާ ރައްޔިތުން އެމަނިކުފާނު ޤައުމު ބިނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ ‏‏މަސައްކަތްޕުޅާ ގުޅިވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ‏‏ކުރައްވާ މަސައްކަތުގައިވެސް، އެކި ފިކުރުގައި، އެކި ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެންފައި ‏‏ތިއްބެވި ބޭފުޅުންވެސް، ރައްޔިތުންނަށް، މުޅި ރާއްޖެއަށް ގެނައުމަށް ބޭނުންވާ ތަރައްޤީ ‏‏ގެނައުމަށްޓަކައި ހޯދަން ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރަށް ދަތިނުކުރެއްވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ކުރައްވާ މަސައްކަތަކީ، ‏‏ރައްޔިތުން ބޭނުންވާ ހިސާބަށް ދިވެހިރާއްޖެ ގެންގޮސްދެއްވުން ކަމަށް ބަޔާންކުރައްވަމުން، އޭގެ ‏‏ނަތީޖާއަކަށް ވެގެންދާނީ، މިއަދު އަޅުގަނޑުމެންގެ ޖީބަށް މިވަންނަ އާމްދަނީ، ފަސްހާސް ‏‏ޑޮލަރުން ބާރަހާސް ޑޮލަރަށް އުފުލިގެންދިޔުން ކަމަށް ވިދާޅުވިއެވެ. އަދި އެވަރުގެ އާމްދަނީއެއް ‏‏ވަންނަ އާބާދީއެއް ދިވެހިރާއްޖޭގައި އޮތުން ވެގެންދާނީ، ދިވެހި ދައުލަތުގެ ޚަޒާނާއަކީ، މިއަދުގެ ‏‏ޚަޒާނާގެ ތިންގުނައަށްވުރެ ތަނަވަސް ޚަޒާނާއަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ‏‏އިންވެސްޓަރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ، ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން ‏‏ކުރައްވާ މަސައްކަތްތަކެއް ނޫންކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ‏‏ދާދިފަހުން ސިންގަޕޫރުގައި ބޭއްވުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިންތިޒާމްކޮށް ‏‏ބޭއްވުމަށް ދިވެހިރާއްޖޭގެ ބަޖެޓުން ލޯ ލާރިއެއްވެސް އެ ސިމްޕޯޒިއަމަށް ޚަރަދު ކުރައްވާފައި ‏‏ނުވާނެ ކަމަށެވެ. އަދި އެ ސިމްޕޯޒިއަމަށް ޚަރަދުވެފައިވާ ދެލައްކަ ހަތްދިހަ ދެހާސް އެމެރިކާ ‏‏ޑޮލަރު ހޯއްދަވާފައިވަނީ، ދިވެހިރާއްޖޭގެ ޞިނާޢަތްތައް ހިންގަވާ ބޭފުޅުންނާއި، ރާއްޖޭގައި ‏‏އިންވެސްޓް ކުރައްވަމުން ގެންދަވާ ބޭރުގެ ފަރާތްތަކުންކަން ރައީސުލްޖުމްހޫރިއްޔާ ‏‏ހާމަކުރެއްވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަމާ ‏‏ބެހޭގޮތުންވެސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދިވެހިރާއްޖެއަށް ވުރެން ބޮޑަށް މިނިވަންކަން ‏‏އޮތް ތަނެއް ނޯންނާނެ ކަމަށާއި، މިއަދުގެ ސަރުކާރުގައި ނޫސްވެރިންނަށް މިދޭ މިނިވަންކަން، ‏‏ކޮންމެ ހިސާބަކަށް ނޫސްވެރިން ގެންދެވި ނަމަވެސް، މި ސަރުކާރަކުން ނޫސްވެރިންނާ ދޭތެރޭގައި ‏‏ފިޔަވަޅެއް ނާޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން، ދުވަހަކު ‏‏ދިވެހިން ނުދެކޭވަރަށް، ނުވަތަ ނޫސްވެރިން ދުވަހަކު ނުދެކޭވަރަށް ދިވެހިރާއްޖޭގައި އޮންނާނެ ‏‏ކަމަށާއި، ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔުން އެއީ މި ސަރުކާރަކަށް މައްސަލައަކަށް ނުވާ ‏‏ކަމުގައިވެސް ވިދާޅުވިއެވެ. ‏

ޞިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ‏‏އެދާއިރާއިން އެންމެ މުހިންމު އަދި އެންމެ ފުރަތަމަ މަސައްކަތަކަށް ސަރުކާރުން ކުރައްވާފައިވާ ‏‏މަސައްކަތަކީ، ރާއްޖޭގައި ހުރި ޞިއްޙީ ޚިދްމަތްދޭ ތަންތަން ގިންތިކޮށް ދެނެގަތުމަށް ކުރެއްވި ‏‏މަސައްކަތް ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑު ‏‏އެކުލަވައިލެވިފައިވަނީ، އެފަރާތްތަކުގެ މަޝްވަރާއާ އެކުގައިކަން ފާހަގަކުރައްވައި، ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއީ ޑޮކްޓަރުން އެދިވަޑައިގަންނަވާ އޮނިގަނޑު ކަމަށެވެ. ‏‏މީގެއިތުރުން، ސީއެމްބިއުލާންޗުގެ ޚިދްމަތް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏