ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތެރިވާ ފަންނާނުން ކުރާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުންގެންދާ މޯލްޑިވްސް ފިލްމް އެވޯޑު ދިނުމަށް ރޭ ބޭއްވުނު ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި މި ޙަފްލާގައި، މޯލްޑިވްސް ފިލްމް އެވޯޑް 2014 އިގެ އެންމެ މޮޅު ފީޗަރޑް ފިލްމަކަށް ހޮވުނީ، ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ ފިލްމް އިނގިއްޔެވެ. މި އެވޯޑު ރަވީ ފާރޫޤާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ފީޗަރޑް ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވުނީވެސް މި ފިލްމުން ރަވީ ފާރޫޤެވެ. އެންމެ މޮޅު އަންހެން އެކްޓްރެސްއަކަށް ހޮވުނީ ފިލްމް ދިލަކަނިން ނިޢުމާ މުޙަންމަދެވެ.

އެންމެ މޮޅު ކުރު ފިލްމަކަށް ހޮވުނީ ފަރިހިބެ 4 އެވެ. މި އެވޯޑު ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ، ފަރިހިބެ 4 އިން މުޙަންމަދު ޢަބްދުﷲ އެވެ. ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ، ފާޠިމަތު ޢާޒިފާއެވެ. އެއީވެސް ފަރިހިބެ 4 އިންނެވެ.

އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑު 2014 އިގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ޙާޞިލުކުރި ކޮކޯ ޙަސަން ޙަލީމަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.