‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޕާކިސްތާނު ‏‏ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ މުޙައްމަދު ސަޢީދް ޚާން، ‏‏މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް އެކި‏‎ ‎‏ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ‏‏ގާތްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ‏‏ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، ‏‏ކުރިއަށް އޮތްތާނގައިވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ‏‏އުންމީދު ކުރައްވާ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ‏‎ ‎‏ވިދާޅުވިއެވެ.

ޕާކިސްތާން ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ‏‏ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައި ވިދާޅުވިއެވެ.‏ ‏އަދި ޕާކިސްތާން ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި ‏‏އެއްބާރުލެއްވުން ދެއްވާނެކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ.‏