‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އެމެރިކާ ‏‏ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު ‏‏އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ‏ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން ‏‏އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ. ‏

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ‏‏ސަރުކާރުގެ ‏‏މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި، އިޤްތިޞާދީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ‏‏ދެއްވާނެ ‏‏ކަމުގައި ވިދާޅުވިއެވެ. އަދި ‏ޤައުމުގެ އިޤްތިޞާދީ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި ‏‏ސަރުކާރުން އަޅުއްވަމުން ‏‏ގެންދަވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު، އެމެރިކާ ސަފީރާ ‏‏ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.‏

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ‏‏މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، އަދި މުސްތަޤްބަލަށް ރޭވިފައިހުރި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ‏‏ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މީގެއިތުރަށް، ރާއްޖެއިން ބޭނުންވާ ކަންކަމުގައި ‏‏އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.‏