‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ސްރީލަންކާ ‏‏ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑަބްލިޔޫ.ޑަބްލިޔޫ. އެމް. އާރު. ޑިކްސަން ‏‏ސަރަތުޗަންދްރަ ދޭލާ، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ‏‏އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށާއި، އެކި ގޮތްގޮތުން ‏‏ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިސްޓަރ ދޭލާއަށް ޝުކުރު އަދާކުރެއްވިއެވެ.‏

މިސްޓަރ ދޭލާގެ ވާހަކަފުޅުގައި، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ‏‏ބޮޑު ހިތްޕުޅު ހަމަޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ‏‏ރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކުރެވިފައިވާ ކަމުގައިވެސް ސްރީލަންކާގެ ‏‏ސަފީރު ވިދާޅުވިއެވެ.‏