ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
   މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއާއި، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވައިފައިވާ ޤައުމީ އަރުޝީފާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއަކީ މިއަދުން ފެށިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ސްޓެޓިސްޓިކްސްއާ ގުޅުންހުރި މަސައްކަތްތަކަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތަކެއްގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
       މިގޮތަށް މި ހަމަޖެއްސެވީ، ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްދިނުން ހަލުވިކުރުމުގައި އިންފޮރމޭޝަން ޓެކްނޯލޮޖީގެ ބޭނުން އިތުރަށް ފުޅާކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އެއްކުރާ ތަފާސްހިސާބުތައް އެއްތަނަކަށް ޖަމާކޮށް، ބަލަހައްޓާނެ އިންތިޒާމެއް ހަމަޖެއްސެވުމުން ސަރުކާރުގެ ވުޒާރާތަކުން ކުރިއަށް ރާވަންޖެހޭ ރޭވުންތައް ރޭވުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
       ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 457 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތަކުގެ ލިސްޓު މިދެންނެވުމާއެކު އެވަނީއެވެ.
 
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް
1.     ރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތު ކަނޑައެޅުމާއި، ތަފާސްހިސާބުގެ ޤަވާޢިދުތައް ހަދައި އާންމުކުރުމާއި، ޤައުމީ ތަފާސްހިސާބުގެ ނިޒާމު ވިލަރެސްކުރުން.
2.     ތަފާސް ހިސާބު އެއްކުރުމަށްޓަކައި ރާއްޖޭގައި ސަރވޭކުރުމުގެ ގަވާއިދުތައް ހަދައި ހިންގުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން އާންމުންނަށް އަމާޒުކޮށްގެން ކުރާ ތަފާސް ހިސާބާބެހޭ ސަރވޭތަކަށް ހުއްދަ ދިނުމާއި، ރާއްޖޭގައި ހިންގޭ ތަފާސް ހިސާބާބެހޭ ސަރވޭތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
3.     ތަފާސްހިސާބު އެއްކުރުމުގެ ކަންކަން އެއް އުސޫލަކުން ކުރަމުން ގެންދިއުމަށް ބާރުއެޅުމާއި، ސަރުކާރުގެ އިދާރާތަކުން އެއްކުރާ ތަފާސްހިސާބަކީ އެންމެ ފަހުގެ އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރުކުރުން.
4.     މުޅި ރާއްޖޭގައި އެއް އުސޫލަކުން އާބާދީގެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުމާބެހޭ ތަމްރީނުދީ އެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުމުގައި ކަމާބެހޭ މުއައްސަސާތަކަށް އެހީތެރިވުން.
5.     ސަރުކާރުގެ އެކި އިދާރާތަކުން ކުރާ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތުގެ ތަކުރާރުވުން ކުޑަކުރުމުގެގޮތުން، ސަރުކާރުގެ އެކި އިދާރާތަކުން ހިންގާ ތަފާސްހިސާބު އެއްކުރުމުގެ ކަންކަން ވިލަރެސްކުރުން.
6.     ދިވެހިރާއްޖޭގެ އާބާދީއާއި، ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޤައުމީ ތަފާސްހިސާބު އެއްކުރުމާއި، ދިރާސާކޮށް އެނަލައިޒްކުރުމާއި، ޝާއިޢުކުރުން.
7.     ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުން.
8.     ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ހާލަތު ވަޒަންކުރުމަށް ބޭނުންވާ ތަފާސްހިސާބުތައް އެއްކުރުމާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުތައް އެކުލަވާލައި އާންމުކުރުން.
9.     ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ޑޭޓާބޭސްއެއް ޤާއިމުކޮށް ސިވިލް ރަޖިސްޓްރޭޝަނާބެހޭ އިދާރީ އެންމެހާ މަސައްކަތްކުރުން.
10.ސަރުކާރުން އެކި އިދާރާތަކުން ހޯދާ ތަފާސްހިސާބު އެއްކުރުމާއި، ދިރާސާކޮށް އެނަލައިޒްކުރުމާއި، ޝާއިޢުކުރުން.