ސިންގަޕޫރުގައި ބޭއްވުނު ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަކީ، ޖުމްލަގޮތެއްގައި ވަރަށް ކާމިޔާބު، އަދި ބޭރުގެ ފަރާތްތަކުގެ ޝައުޤުވެރިކަން އުފެދިގެންދިޔަ ވިޔަފާރީގެ ބައްދަލުވުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސިންގަޕޫރުގައި ބޭއްވުނު ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފޯރަމަށް ހާޒިރުވި ފަރާތްތަކުގެ ނިސްބަތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ މަޝްރޫޢުތައް އިޝްތިހާރު ކުރުމަކީ، އަބަދުވެސް ކުރަންޖެހޭނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދީ ޞިނާޢަތްތައް އިޝްތިހާރު ކުރެއްވުމަށާއި، އެކި ދާއިރާތަކުން ބޭރު ދުނިޔޭގައި ރާއްޖެއަށް މާކެޓް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ކުރިއަށް ރާއްވަވާފައިވާ ބައެއް ކަންކަމާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.