މި ސަރުކާރަކީ، ޒުވާން ކެބިނެޓަކާއެކު މަސައްކަތްކުރާ، ޢަޒުމް ވަރުގަދަ ސަރުކާރެއް ކަމަށާއި، މި 5 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭފަދަ ތަފާތު ބޮޑެތި ބަދަލުތަކެއް ރާއްޖެއަށް ގެންނެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް، ސިންގަޕޫރުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ ކޭ ޝަންމުގަމް، މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގައި ހުންނަވާ ހޮޓެލްގައި މިއަދު ހަވީރު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ސިންގަޕޫރުގައި ބޭއްވެވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަކީ، ވަރަށް ކާމިޔާބު ފޯރަމެއްކަން ފާހަގަކުރެއްވިއެވެ. އަދި، މި ފޯރަމަށް ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އިޤްތިޞާދީ އެހެން ދާއިރާތަކެއް ތަރައްޤީ ކުރެއްވުން ކަމަށާއި، މިކަމުގައި ސިންގަޕޫރު، ނަމޫނާ ޤައުމެއްގެ ގޮތުގައި ބައްލަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެވަނީ، ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިކަން ފާހަގަކުރައްވަމުން، ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ، ދުނިޔޭގެ އެންމެ މަޤުބޫލު އެއްމަންޒިލަށް މިއަދު ވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަތޮޅުތަކަށް ތަރައްޤީ ގެންނެވުމަށްޓަކައިވެސް ފަތުރުވެރިކަން ފުޅާކުރެއްވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ކުރިއަށް އޮތްތާނގައި ފަތުރުވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ ތަޞައްވުރު، ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތުވެސް، ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ފޮރިން މިނިސްޓަރަށް ދެއްވިއެވެ. އަދި ޢުމްރާނީ ތަރައްޤީ ގެނައުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ދެ ދާއިރާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ ފޮރިން މިނިސްޓަރ މިސްޓަރ ކޭ ޝަންމުގަމް، ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވިޔަފާރީގެ ގޮތުންނާއި، އިންވެސްޓްމަންޓްގެ ގޮތުން ހުރި ފުރުޞަތުތައް ބޭރު ދުނިޔެއަށް ހުޅުވައިލެއްވުމަށް، ދިވެހި ސަރުކާރުން އިސްނަންގަވައިގެން ހިންގަވާ ޙަރަކާތްތަކަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ސަރުކާރުން ކުރައްވަމުން މިގެންދަވާ ތަރައްޤީގެ މަސައްކަތްތަކަށް ޚާއްޞަކޮށް، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ދާއިރާއިން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް، ސިންގަޕޫރުގެ ފޮރިން މިނިސްޓަރު އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ އެއްވަނަ ސެކްރެޓަރީ މުންޢިމް އަނީސާއި، ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޗުއާ ޔޮންގ ހައި ބައިވެރިވެވަޑައިގެންނެވިއެވެ.