ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާބެހޭގޮތުން މަޢުލޫމާތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ފެށިގެންދާއިރު، އެ މަޝްރޫޢުތައް ހިންގުމުގައި ބޭރުގެ އިންވެސްޓަރުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރުމުގެ ފުރުޞަތު އެބަ އޮތް ކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ އިސް ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެ ކުންފުނީގެ މައިގަނޑު މަސައްކަތްތަކުގެ މައްޗަށާއި، ޗައިނާގަޔާއި އަދި އެހެން ޤައުމުތަކުގައި ކުންފުނީގެ ފަރާތުން ހިންގާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް އެ ކުންފުނިން ޝައުޤުވެރިވާކަން ހާމަކުރައްވައި، ކަމާބެހޭ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ.