ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މައިނަރ އިންޓަރނޭޝަނަލް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ޗެއަރމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ވިލިއަމް ހެއިނެކާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރުގައި މި ބޭއްވެވި އިންވެސްޓްމަންޓް ފޯރަމްގެ މައިގަނޑު ބޭނުންފުޅުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި އެހެން ބައެއް ޤައުމުތަކުގައިވެސް އިންވެސްޓްމަންޓް ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރާއްޖޭގައި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބައްލަވާލައްވަމުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޔޫތު ސިޓީ، ތަރައްޤީ ކުރެއްވުމަށް ގެންގުޅުއްވާފައިވާ ވިސްނުންތައްވެސް މައިނަރ އިންޓަރނޭޝަނަލް ޕަބްލިކް ލިމިޓެޑުގެ ޗެއަރމަނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކުންފުނީގެ ޗެއަރމަން މިސްޓަރ ވިލިއަމް ހެއިނެކް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ފަރާތުން އިސްނަންގަވައިގެން، ސިންގަޕޫރުގައި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމެއް އިންތިޒާމު ކުރެއްވީތީ އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މިފަދަ އިތުރު ފޯރަމްތައް މުސްތަޤްބަލުގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އެކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައްވެސް އޭނާ، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.