އިންވެސްޓްމަންޓް ފޯރަމްގައި، ރާއްޖޭގައި މިހާރުވެސް ދިގު މުއްދަތަކަށް އިންވެސްޓް ކުރައްވާފައިވާ ބޭފުޅުންނާއި އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ރާއްޖެއިން ބޭރުގެ އިސް ބޭފުޅުން، ބައިވެރިވެވަޑައިގަންނަވާކަން އެއީ، ސަރުކާރުން އެކުލަވާލައްވާފައިވާ ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ސިޔާސަތުތައް ރަނގަޅު މިޞްރާބަށް ދަތުރުކުރާކަމުގެ ހިތްހަމަޖެހުމާއި ޔަޤީންކަން ލިބިގެންދާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި މިއަދު ފެށުނު ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު އިންވެސްޓް ކުރައްވާފައިވާ ބޭފުޅުން، ކާމިޔާބުކަމާއެކު އެ ވިޔަފާރި ކުރިއަށް ގެންދަވާކަން އެއީ، ރާއްޖޭގައި އިންވެސްޓުކުރުމަށް އެހެން އިންވެސްޓަރުންގެ ޝައުޤުވެރިކަމާއި އިތުބާރު އުފެދިގެންދާނޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައި ހިނގަމުންދާ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ފެށިގެންދާއިރު، ބޭރުގެ އިންވެސްޓަރުންނަށް މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް، އެކަމުގެ މަގުފަހިކުރުމުގަޔާއި، އެކަމުގެ އަވަސް ނަތީޖާ ނެރުމުގައި، ސަރުކާރުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރަކީ، ކުރިއަރަމުންދާ ކުޑަ އިޤްތިޞާދަކުން، ހަރުދަނާ، ފުޅާ، މުއްސަނދި އިޤްތިޞާދަކަށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ބަދަލުވުންކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ މި އަމާޒަށް ވާޞިލުވުމަށްޓަކައި، ބޭރުގެ އިންވެސްޓްމަންޓްތަކާއި، އަމިއްލަ ވިޔަފާރިވެރިންގެ ބައިވެރިވުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖެ، ތަރައްޤީގެ އާ ހަރުފަތަކަށް މިހާރު އަރަމުން އެބަދާ ކަމަށާއި، މެދުފަންތީގެ، ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކުން، ހަރުދަނާ، ފުރިހަމަ ޑިމޮކްރަސީއަކަށް ރާއްޖެ މިހާރު ބަދަލުވަމުން އަންނަ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާނެ، ވަރަށް އުންމީދީ އިޤްތިޞާދީ އެޖެންޑާއަކަށް އިސްކަން ދެއްވައިގެން ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދު މި ބާއްވަވާ ފޯރަމަކީ، އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު މެދުނުކެނޑި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ މިފަދަ އެހެން ހަރަކާތްތަކުގެ ފެށުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާ ގުޅުން ހުރި ދާއިރާތައް ނޫން އެހެން ދާއިރާތަކުންވެސް ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން، މި ފޯރަމްގައި މިއަދު މި ތަޢާރުފު ކުރެވޭ މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖެ، ޤުދުރަތީ ގޮތުން އޮތް ހިސާބުގެ ފުރިހަމަ ފައިދާ ނަގައި، ދެކުނު އޭޝިޔާއާއި ދުނިޔޭގެ އެހެން ހިސާބުތަކާއެކު، ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ރޮނގުން ގުޅުވާލަދޭ މައި ނާރެހަކަށް ރާއްޖެ ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޤްތިޞާދީ ހެޔޮ ބަދަލަކީ، ސަރުކާރުގެ މުހިންމު އެއްވަޢުދުކަން ފާހަގަކުރައްވަމުން، މިކަމަށްޓަކައި ގެންނަވަންޖެހޭ ހުރިހާ ބަދަލެއް، ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ގެންނެވުމަށް މި ސަރުކާރުން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު މި ހުޅުވާލެވޭ މަޝްރޫޢުތަކުގެ ސަބަބުން، ސަރުކާރުގެ މި ވަޢުދު ފުއްދެވުމަށް ކުރެވޭ މަސައްކަތުގައި، އަމިއްލަ ވިޔަފާރިވެރިންގެ ބައިވެރިވުމާއެކީ ކުރިއަށް ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަމިއްލަ ވިޔަފާރިވެރިންގެ މި ދައުރަކީ، ރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށާއި، އިޤްތިޞާދު ފުޅާކުރުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިއަދުގެ އިޤްތިޞާދީ ޙާލަތު އިތުރަށް ރަނގަޅުކޮށް، ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށްޓަކައި، އަމިއްލަ ވިޔަފާރިވެރިންގެ ޢަމަލީ ބައިވެރިވުން ބޮޑު، ފުޅާ އިޤްތިޞާދެއް ކޮންމެހެން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އިންވެސްޓްމަންޓަކީ، ޚާއްޞަކޮށް ބޭރުގެ އިންވެސްޓްމަންޓްތަކަކީ، އިޤްތިޞާދީ ކުރިއެރުމަށާއި، ޕްރައިވެޓް ސެކްޓަރުގެ ތަރައްޤީއަށާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، އިންވެސްޓަރުންނާއެކު މަސައްކަތް ކުރެއްވުމަށް މި ސަރުކާރު ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.