بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އޭދަފުށީގެ ލޮބުވެތި އުޚުތުން، އަޚުން، މި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ސަލީމް، އަޅުގަނޑާއެކު ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، އަތޮޅު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ކައުންސިލް މެންބަރުން، އޭދަފުށީ ކައުންސިލްގެ ރައީސް، ކައުންސިލް މެންބަރުން،

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، ޝައްކެއްވެސްނެތްގޮތުގައި ދެންމެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުން އަޅުގަނޑަށް ދޭހަވެގެންދަނީ، އޭދަފުށީގެ އަޑަކީ، އޭދަފުށްޓަށް މި އައިސްފައި މިއޮތް ޢީދުގެ އުފަލުގެ އަޑުތައް. އަޅުގަނޑު ދަންނަވާނީ، ދ. އަތޮޅުގެ މީދޫގައިވެސް ދެންނެވި ފަދައިން، މިއަދު މިއީ އޭދަފުށި އަލުން އުފަންވާ ދުވަސް. އާދެ! އޭދަފުށްޓަކީ ބިން މިހާރު ފުރިފައިވާ ރަށެއް. އެހެންވީމާ، ބިން އިތުރަށް ބޮޑުވެގެންދާ ދިޔުމަކީ، އޭދަފުށި އަލުން އުފަންވާ އުފަންވުމެއް. އޭދަފުށި އުފަންވެގެން އޭދަފުށްޓަށް ތަރައްޤީ އައިސް، އޭދަފުށީގެ ކުރިއެރުމަށް މި އަންނަ ކަންކަމުގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވުމުގެ ފުރުޞަތު ﷲގެ ހެޔޮ ރަޙްމަތްފުޅާއެކީ އަޅުގަނޑަށް މިންވަރުކުރެއްވި ކަމަށްޓަކައި ﷲގެ ޙަޟްރަތަށް ޝުކުރު ދަންނަވަން. އަދި ތިޔަ އެންމެ ބޭފުޅުންގެ އުފަލުގައި އަޅުގަނޑު ބައިވެރިވާ ވާހަކަ ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން.

އާދެ! ޝައްކެއްވެސްނެތް. އޭދަފުށީގައި މިހާރު މިއޮތް 30 ހެކްޓަރަށް އިތުރު 28 ހެކްޓަރު ބޮޑުވެގެން މިދަނީ. ކުރިއަތް އޮތް ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫޢު ނިމިގެންދާނެ. ރަށުގެ ބިން އިތުރުވެގެން ދިޔައިމާ، ރަށުގެ ބިން ހެޔޮގޮތުގައި ބޭނުންފުޅު ކުރެއްވުމަކީ، ރަށު ކައުންސިލަރުންނާއި ރަށުގެ ރައްޔިތުންގެ ޒިންމާއެއް. މިފަދަ ތަރައްޤީ އައިސްފައި އޮތް ރަށެއް، ތަޢުލީމީ ގޮތުން މިހާ ފުންނާބުއުސް ރަށަކަށް އެދެވޭ ކުރިއެރުން، މި ބިމުގައި އަންނާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެތްނުކުރަން. އެކަމަކު ހަމައެއާއެކުގައިވެސް ދަންނަވާލަން ބޭނުންވަނީ މި ބިން ހެޔޮގޮތުގައި ބޭނުންކުރައްވާށޭ. އޭދަފުށި ދެން އިތުރަކަށް ބޮޑުކުރެވޭނެ ޖާގައެއް ހަމަގައިމުވެސް ނެތް. އެހެންވީމާ، އޭދަފުށީގެ ބިން މި ބޮޑުކުރެވޭ ބޮޑުކުރެވުމުގައި ހެޔޮގޮތުގައި ބޭނުންކުރެއްވުމަކީ އަޅުގަނޑުގެ އެދުން. އަދި ހަމައެހެންމެ، ދެންމެ ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، މިތާ ކައިރީގައި މި އަތޮޅުގައި އެބަހުރި ބައެއް ރަށްރަށް. އެރަށްރަށަކީ އެރަށްރަށުގެ މީހުން ހިޖުރަކޮށް، މިކަހަލަ އޭދަފުށި ކަހަލަ ރަށަކަށް އައުމުން މުޅި އަތޮޅަށް އޭގެ ފައިދާ ލިބިގެންދާނެ ކަމެއް. މުޅި ސަރުކާރުގެ ބަޖެޓަށް ރައްޔިތުންނަށް ލުއިވެގެންދާނެ ކަމެއް. މިކަންކަމުގެ ބޭނުން ހިފުމަކީ، ޝައްކެއްވެސްނެތްގޮތުގައި ރަނގަޅު ކަމަކަށް ވެގެންދާނެ ކަމެއް.

އާދެ! ކޮންމެ ޤައުމަކަށްވެސް ކޮންމެ ރަށަކަށްވެސް ތަރައްޤީ ގެނައުމުގައި މަސައްކަތްތަކެއް ކުރެވިގެންދޭ. އޭދަފުށްޓަށް މި ބޭނުންވާ ތަރައްޤީ ގެނައުމަށް އޭދަފުށީގެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑު ވަރަށް ގާތުން ދުށީމު. އެމަނިކުފާނާއެކީ މި ނިމެމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހޭދަކުރި ދުވަސްތަކުގައި ބަޖެޓުގައި މި މަޝްރޫޢު ހިމެނުއްވުމަށް ކުރެއްވި މަސައްކަތް އަޅުގަނޑު ދެނެހުރީމު. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ސަރުކާރު ވުޖޫދަށް އައުމާއެކީ، އެމަނިކުފާނުގެ މި ދާއިރާގެ އިންތިޚާބު ކައިރިވީމާ، އަޅުގަނޑުގެ ގާތަށް އެކިފަހަރު މަތިން ވަޑައިގެން މިމަޝްރޫޢު އަވަހަށް ފަށައިދިނުމަށް ބާރު އަޅުއްވައި ގިނަގުނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވި. އެކަމަށްޓަކައި އޭދަފުށީގެ ރައްޔިތުންގެ ނަމުގައި، ރަށުގެ ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ މިސާލު އަޙްމަދު ސަލީމް ދައްކަވާފައިވާތީ، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އެމަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑާ ދޭތެރޭގައި ވަރަށް ގާތް އެކުވެރިކަމާއެކީ އިޚްލާޞްތެރި ވާހަކަފުޅުތަކެއް ދައްކަވާފައިވާތީ، އެކަމަށްވެސް އެމަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ދެންމެ ވާހަކަފުޅު ދެއްކެވި ދެބޭފުޅުންވެސް، އަޅުގަނޑަށް ވަރަށް އޯގާތެރި ބަސްފުޅުތައް ހަދިޔާ ކުރައްވާފައިވާތީ، އެ ޢިއްޒަތްތެރި ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި ރައްޔިތުންގެ ގާތަށް އައިސް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ހުށަހަޅައި، ރައްޔިތުންގެ ތާއީދު ހޯދައިގެން ލީޑަރަކަށް އައިމާ، އެ ލީޑަރަކަށް އޮތް ހަމައެކަނި ޒިންމާއަކީ، ވާޖިބަކީ، އެމީހަކު ބުނި ގޮތަށް އެމީހަކަށް އެރަށަކަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުން. އެހެންވީމާ، އަޅުގަނޑު މިކުރާ މަސައްކަތުގައި އަޅުގަނޑުގެ މެނިފެސްޓޯގައި، ޕާޓީގެ މެނިފެސްޓޯގެ ފަރާތުން ހުށަހަޅާފައި މިހުރި ކަންތައްތައް ކިތަންމެ ކުޑަ މިންވަރަކަށްވެސް ފުރިހަމަވެގެންދާކަމަށް ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށްވަންޏާ އެއީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަށް ލިބޭ ޝަރަފެއް.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެ މިއަދު މިއޮތީ ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް ހާސިލު ކޮށްފައޭ. އެހެންނަމަވެސް، ޠަބީޢީގޮތުން ދުވަހަކުވެސް އިންސާނުންގެ ހިތް ނުފުރޭނެކަމީ، އަޅުގަނޑުމެންނަށް އެނގިގެންދާ ކަމެއް. ރައީސް މައުމޫން އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ އޮތް ހާލަތާ ދޭތެރޭގައި ވިސްނާ ކަމަށްވަންޏާ އޭރު ރާއްޖޭގެ ރައްޔިތުންނަކީ، ލިޔަންކިޔަން ނުދަންނަ ބައެއް. އޭގެވެސް އެންމެ ފުރަތަމަ އަސާސެއްގެ ގޮތުން ލިޔަންކިޔަން ދަތުމުގެ ކަންތައްތައް ހަމަޖެހިގެން ދިޔައީ. އޭގެފަހުން، ތަޢްލީމަށް ދެއްވި އިސްކަމެއްގެ ސަބަބުން، ދިވެހިރާއްޖޭގެ ހުރިހާ ދިމާއެއްގައި ތަޢްލީމީގޮތުން ފުންނާބު އުސް ދަރިންތަކެއް އުފެދިގެން ހިނގައްޖެ. އަދު އަޅުގަނޑުމެންގެ ޤައުމަށް ބޭނުންވާ ހުރިހާ ދާއިރާއެއްގެ ކަންކަން ނިންމުމުގައި ފަހުބަސް ބުނުމަށް މި ތިބީ، ދިވެހިރާއްޖޭގެ ޤާބިލު ދަރިންތަކެއް. އަޅުގަނޑުމެން ކަންކަމުގައި މަދުންނަމަވެސް ބޭރުގެ ފަރާތްތަކުގެ ކޮންސަލްޓަންސީ ނޫނީ ޚިދްމަތް ބޭނުންކުރަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދާޚިލީ ހުރިހާ ކަންކަމެއް، އޭގެ ތެރޭގައި ތިމާވެށިން ފެށިގެންގޮސް، އިޤްތިޞާދު އާރާސްތު ކުރުމާއި، މިހެންހުރި ހުރިހާ ކަންކަމަކީ، އަޅުގަނޑުމެންގެ ދަރިންގެ ސިކުނޑިން ނެރޭ ވިސްނުމުގެ ތެރެއިން އަޅުގަނޑުމެން ހާސިލުކުރާ ކަންކަން. އެހެންވީމާ، ދިވެހިރާއްޖެއަށް ބޭނުންވާ ތަޢްލީމީ ކުރިއެރުން މިއޮތީ އައިސްފައި. ދިވެހިރާއްޖެއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއަކީ، އޭދަފުށީގެ މި މަގުތަކުގައި ހިނގާލީމާވެސް އަޅުގަނޑުމެންނަށް ފެނިގެންދާ ކަންކަން. ހަމަމިއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަދިވެސް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް މަދެއްނޫނޭ. އޭދަފުށްޓަށް ދެން އިތުރަށް ބޭނުންވާ ކަންކަން ހަމަޖެހިގެން މިދަނީ.

ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ކަންކަމެއް ހަމަޖެހިގެންދާއިރު، އޭދަފުށްޓަކީ، ހަމަ އަޅުގަނޑުވެސް ދަންނަވާނީ ނަމޫނާ ރަށެކޭ. މީގެ ފަންސަވީހަކަށް އަހަރު ކުރިން، ނޫނީ ރައީސް މައުމޫނުގެ ޒަޢާމަތުގެ ކުރީކޮޅު އެމަނިކުފާނު ވިދާޅުވީ، އޭރުވެސް އެމަނިކުފާނު އެހެން ވިދާޅުވީ، މިއީ ތަޢްލީމީގޮތުން ކުރިއަރާފައި އޮތް ރަށަކަށްވާތީ، މިއީ ހޭލުންތެރި ރަށަކަށްވާތީ، އަދި މިއީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށަކަށްވާތީ. އޭރު ރާއްޖޭގައި އެންމެ ފާހަގަކުރެވޭ މަސައްކަތެއްގެ ގޮތުގައި، ނޫނީ ފަންނުވެރިންގެ ފަންނު ދައްކާ މަސައްކަތެއްގެ ގޮތުން މިއޮންނަނީ އަތްތެރި މަސައްކަތް. އަތްތެރި މަސައްކަތުގައިވެސް އޭދަފުށްޓަކީ، ވަނަތަކެއް ހާސިލުކޮށްފައިވާ އޮތް ރަށެއް. ރީތި ފަންނުތަކެއް ދިވެހިރާއްޖެއަށް ތަޢާރުފު ކޮށްދީފައި އޮތް ރަށެއް. އެކަހަލަ ސަބަބުތައް ހުރީމާ، އޭދަފުށްޓަކީ ޚާއްޞަ ރަށެއްގެ ގޮތުގައި، ނޫނިއްޔާ ލާމަސީލު ރަށެއްގެ ގޮތުގައި، މިސާލު ރަށެއްގެ ގޮތުގައި ރައީސް މައުމޫން ސިފަކުރައްވާފައިވަނީ. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ ފަންސަވީސް އަހަރުގެ އިންތިޒާރު، އިރާދަކުރެއްވިއްޔާ މިއަދު ނިމުމަކަށް އައީ. ނަމޫނާ ރަށަކަށްވެގެން ދިޔައިމާ، ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކެއް ހުންނާނެ. ރަށް ބޮޑުވުމަކީ، ޝައްކެއްވެސްނެތްގޮތުގައި އެއީ، މުހިންމު ކަންތައް. ދިގު އިންތިޒާރަކަށްފަހުނަމަވެސް އެކަން ހާސިލުވެގެން ދިޔުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން މި މަޝްރޫޢަށް ދިން އަހަންމިއްޔަތު. ދަންނަވާލަން ބޭނުންވަނީ، އޭދަފުށްޓަކީ ނަމޫނާ ރަށެކޭ، އަޅުގަނޑު މިދަންނަވަނީ ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ކަންކަމަށް ބަލާއިރު، މަދު ރަށެއްގައި ފިޔަވައި އޭދަފުށީގައި މިހިރަ ކަންތައްތަކެއް ތަނަވަސްވެފައެއް ނެތް. އޭދަފުށީގައި މިހާރު ބިން ބޮޑުވެގެން ދިޔުމާއެކީ އަޅުގަނޑުމެންގެ ރަށްރަށުގެ ނިސްބަތުން އާބާދީ ތިންހާހަށްވުރެ މަތީގެ ރަށްރަށަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް ﷲގެ ރަޙްމަތާއެކީ އޭދަފުށީގައި ދާދި އަވަހަށް ހަމަވާން ކައިރިވެފައި މިވަނީ. އިރާދަކުރެއްވިއްޔާ ދެން އޭދަފުށްޓަށް ބޭނުންވާ ކަންތައް ﷲގެ ރަޙްމަތާއެކީ މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން.

އާދެ! އޭދަފުށްޓަކީ މި ސަރަޙައްދުގައި އޮތް އެންމެ މުހިންމު އެއް ރަށަށްވާތީއާވެސްއެކީ އޭދަފުށީގެ ބިމުގެ މަސައްކަތް، ނޫނީވިއްޔާ އޭދަފުށީގެ ކުރިން ހެދިފައި މިއޮތް ބިމުގައި މަގުތައް ހެދުމުގެ މަސައްކަތަކީ، މިހާރު އޭދަފުށްޓަށް ނުނިމިހުރި ކަންތައްތަކުގެ ތެރޭގައި އޮތް އެންމެ މުހިންމު އެއް ކަންތައް. އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރުގައި މަގުތައް ހެދުމުގެ މަސައްކަތް މި އަންނަ އަހަރު އޭދަފުށީގައި ފެށިގެންދާނެ. އޭރުން ތިންހާސް މީހުންގެ އާބާދީއަކަށްވާއިރު އަދި މި އަތޮޅު އެންމެ މުހިންމު ރަށަށްވެގެންދާއިރު، މި އަތޮޅުގެ ޒުވާނުންނަށް މި އަތޮޅުގައި މަސައްކަތް ކުރާ ޢުމުރުގެ މީހުންނަށް، އެންމެ މުހިންމު ކަންތައްތަކަށް ބޭނުންވާ ވަސީލަތްތައް މިރަށުގައިވެސް ފުރިހަމަވެގެން ދިޔައީ. މިއަތޮޅަށް ބަލާކަމަށްވަންޏާ މިއަތޮޅުގައި ޒުވާނުންނަށް ވަޒީފާ ލިބިދެވޭ ގޮތަށް އޮތް އަށެއްކަ ރިސޯޓު އެބައޮތް. އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދނުން. ޒުވާނުންނަކީ އިޤްތިޞާދީގޮތުން ބާރުވެރި ބަޔަކަށް ހެދުން. އަޅުގަނޑުމެންގެ މުސްތަޤްބަލަކީ، ޒުވާނުންގެ އަތްމަތީގައި އޮތް މުސްތަޤްބަލެއް. ރާއްޖޭގެ އާބާދީގެ 52 އިންސައްތައަކީ ދިވެހި ޒުވާނުން. އެހެންވީމާ، މިއޮތް 8 ރަށުގައި އަޅުގަނޑު ބޭނުންވޭ، މިއަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދިޔުން.

މިހާރު އަޅުގަނޑުމެން މިވާހަކަ ދައްކަމުންދާއިރުވެސް ޓުރިޒަމް މިނިސްޓްރީގައި ކުރެވެމުންދާ މަސައްކަތަކީ، ދާއިރާތަކުގައި މިހިރަ ރަށްރަށުގައި ހުރި ރިސޯޓުތަކުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދިޔުން. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، މިއަތޮޅުގެ ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު އަދި މިއަތޮޅުގައި އިތުރު ރިސޯޓެއް ނުހުޅުވިނަމަވެސް، 8 ރިސޯޓުން މިއަތޮޅަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް ހަމަޖެހިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ހިތުގައި އެއްވެސް ކަހަލަ ޝައްކުކަމެއް ނެތް.

ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކަންކަމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުގެ މެނިފެސްޓޯގައި ހާމަކުރިން، އާބާދީ ދެހާސް އިތުރުވާ ކޮންމެ ރަށެއްގައި ކުޅިވަރު ކުޅުމަށްޓަކައި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް ޤާއިމު ކުރާނަމޭ. އިރާދަކުރެއްވިއްޔާ އޭދަފުށީގައި ސްޕޯޓްސް އެރީނާ ޤާއިމު ކުރުމުގެ މަސައްކަތް މިހާރު އެ އޮތީ ފެށިފައި. ސްޕޯޓްސް އެރީނާ ޤާއިމު ކުރުމަށް ބިން އޭދަފުށިން އެއޮތީ އަޅުގަނޑުމެންނަށް ދައްކަވާފައި. އޭދަފުށީގައި ސްޕޯޓްސް އެރީނާ ޤާއިމުކުރުމުގެ މަޝްރޫޢުގައި ފުރަތަމަ އެ ހަދާ ފުޓްސަލް ދަނޑުގެ ކަންތައް އެއޮތީ ޢިޢުލާން ކުރެވިފައި. މިއަހަރުގެ ތެރޭގައި އެކަން ޤާއިމުވެގެން ދިޔުމާއެކީ، ސްޕޯޓްސް އެރީނާއަށް ބޭނުންވާ އެހެން ކުޅިވަރުގެ ހަރަކާތްތައް މި ސްޕޯޓްސް ކޮމްޕްލެކްސްގެ ތެރެއިން ހިމެނިގެންދާނެ.

ޒުވާނުން ދެން ކުރައްވަންޖެހޭ ކަމަކީ، ސަރުކާރާއެކީ އިޤްތިޞާދީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުން. އަޅުގަނޑު ދަންނަވާނީ، ޒުވާނުންގެ ތެރޭގައި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ މީހުން، ފިކުރުގެ ގޮތުން ޚިޔާލު ތަފާތުވާ މީހުން ތިބުމަކީ، އަޅުގަނޑު މަރްޙަބާ ކިޔާ ކަމެކޭ. އެހެންނަމަވެސް، އެކަން ބޭނުން ނުކުރައްވާށޭ ރަށަށް އަންނަން އޮތް ތަރައްޤީއަށް ހުރަސް އެޅުމަށްޓަކައި. ރަށަށް އަންނަން އޮތް ތަރައްޤީއަކީ، ހަމަ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް. ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ޙައްޤެއް. އެ ޙައްޤުން އެހެން ރައްޔިތަކު މަޙްރޫމް ކުރުމަކީ، ކުރެވިގެންވާނެ ކަމެއްނޫން. މިނިވަންކަން ފެށޭ ހިސާބާއި ނިމޭ ހިސާބަކީ، ދެފަރުދުންގެ ދޭތެރޭގައި ދަމާލެވޭ ރޮނގު، ނޫނިއްޔާ ލައިދެވޭ އިންފާރު.

ޙައްޤުތައް ފާހަގަކުރެވެނީވެސް ހަމަ މިގޮތުގައި. ރަށަށް އަންނަ ތަރައްޤީއަށް އެއްވެސް ހުރަހެއް ނޭޅުއްވުމަކީ، އަޅުގަނޑު އެދޭ އެދުމެއް. ސިޔާސީގޮތުން ޚިޔާލު ތަފާތުވުމަކީ، އަޅުގަނޑުމެންގެ ރަށުގެ ވިސްނުން، އަޅުގަނޑުމެންގެ ދައުލަތުގެ ވިސްނުން މުއްސަނދިވެގެންދާނެ ކަމެއް. އެހެންނަމަވެސް، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެގެން މިދިޔަ ދެދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންގެ ޒުވާނުންނަށް މިޞްރާބު ޖަހައިދިނުމަށްޓަކައި، ރާއްޖޭގައި ހިމެނޭ ވަރުގަދަ ސިޔާސީ ޝަޚުޞުތަކުން ދައްކަވާ މިސާލުން ޒުވާނުން ހިނގީމާ، މި އަންނަ އަދި އުފުލަން މިޖެހޭ ބޮޑެތި ޒިންމާތައް އުފުލާއިރު، މައިންބަފައިން ލޮލުން ކަރުނަ އަޅާ. މިއަދުވެސް އަޅުގަނޑުމެން މިދެންނެވި ކަހަލަ ހިތްދަތި ކަމެއްގައި އެތަކެއް ޒުވާނުން އެތިބީ ހައްޔަރުވެފައި. އެހެންނަމަވެސް، މިނުކުންނަ މައްސަލައަކީ މިއީ، އަޅުގަނޑުވެސް އެދޭ ކަންކަމެއް ނޫން. ކިތަންމެހާވެސް ހިތާމަވެރި ކަމެއް ހިނގައިގެން މިދިޔައީ. އެހެންނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާދިޔާތަކެތި ބޭނުންކޮށް ޝަރީޢަތަށް އެކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައި ހުރީމާ، ދެން ވިސްނާވަޑައިގަންނަވާ، އަޅުގަނޑު އުފުލަންޖެހޭ އުނދަގޫ ޒިންމާ. އަޅުގަނޑަކަށް ފަސޭހަކަމެއް ނޫން، ޒުވާނުންގެ އާބާދީ ރޮއްވާލުމަކީ. ޒުވާނުންގެ ޢާއިލާތައް ރޮއްވާލުމަކީ، އަޅުގަނޑަށް ފަސޭހަ ކަމެއް ނޫން. އަދި ޒުވާނުންނަށް ދަތިވާ ގޮތްގޮތަށް ކަންތައް ވެގެން ދިޔުމަކީ، އަޅުގަނޑު އެދޭ ކަމެއްނޫން. އަޅުގަނޑަކީ ޒުވާނުންނަށް ކަންތައްތަކެއް ގެނެސް ދިނުމަށްޓަކައި ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށްޓަކައި މިވާހަކަ ދައްކަމުން ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރަމުން އައި މީހެއް. ﷲގެ ރަޙްމަތާއެކީ، ޒުވާނުންނަށް މަސައްކަތް ކުރާ އަދި ދިވެހި ދައުލަތަށް ހެޔޮ ގޮތް އެދޭ، ހުރިހާ ރައްޔިތުންގެ ވޯޓާއި ތާއީދާއެކީ ﷲގެ ރަޙްމަތްފުޅުން އަޅުގަނޑަށް އެކަން މިއޮތީ މިއަދު ހާސިލު ކުރެވިފައި. ކާމިޔާބު ކުރެވިފައި. ހުރިހާވެސް ޝުކުރެއް ﷲގެ ޙަޟްރަތަށް.

އެހެންނަމަވެސް އެއާއެކީ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންކަންވެގެން ދިޔައިމާ، ދައުލަތުގައި ހިމެނޭ އިސްފަރާތްތަކުން ދައްކަވާ މަގުން ހިނގާ ޒުވާނުން ހަލާކުވެގެން ދިޔުމަކީ، އަޅުގަނޑުމެން ޒުވާނުންނަށް ދައްކަންވީ މިސާލެއްނޫނޭ. މިއަދުވެސް ޒުވާނުން ވަޑައިގަންނަވަންވީ ސަރުކާރާއެކީގައި. ޒުވާނުންނަށް މަގުން ކައްސާލައިގެންދާ އެއްވެސް ކަމަކަށް މި ސަރުކާރުން އިރުޝާދެއް ނުދޭނެ. މި ސަރުކާރުން ޒުވާނުންނަށް މި ދަންނަވަނީ ޒުވާނުންގެ ތަރައްޤީއަށް، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވާށޭ. ކައުންސިލްތަކުގައިވެސް އަދި ރައްޔިތުންގެ ކަންކަން ނިންމާ ބަސްބުނާ މަރްޙަލާތަކުގައި ތިބޭ އެކިއެކި މުއައްސަސާތަކުގައިވެސް ޚިޔާލު ތަފާތުވާ ބޭފުޅުން ތިއްބެވުމަކީ، އަޅުގަނޑުމެންގެ ވިސްނުމަށް އަންނަ މުއްސަނދިކަމެއް. އެކަމު އެއާއެކީގައިވެސް ކޮންމެ ރަށެއްގައިވެސް މަޞްލަޙަތު އިސްކުރައްވާ. ކޮންމެ މުޖުތަމަޢެއްގެ މަޞްލަޙަތު އިސްކުރައްވާ. އަދި މުޅި ރަށެއްގެ ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވާ. މުޅި ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވާ ކަމަށްވަންޏާ، އަޅުގަނޑުމެން ޒުވާނުން މަގުން ކައްސާލައިގެންދާނެ ފުރުސަތެއް ނޫނިއްޔާ ދާނެ މިޞްރާބެއް އަޅުގަނޑުމެންނަށް ފެނިގެނެއް ނުދާނެ. އަޅުގަނޑު ރައްޔިތުންނާ ހަމައަށް އައިސް މިހިރީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑުގެ ޢަޒުމަކީ، އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ މިކަންކަން ކޮށްދިނުން. ޝައްކެއްވެސްނެތް، އަޅުގަނޑު މިކުރާ ދަތުރުތަކަކީ، ދިވެހިރާއްޖެއަށް ތަރައްޤީއަށް އެދި އަޅުގަނޑު ކުރާ ދަތުރުތަކެއް. މިދަތުރުތަކުގެ ނަތީޖާވެސް ﷲގެ ރަޙްމަތާއެކީ ރަނގަޅު. އަޅުގަނޑުމެންނަށް ކުރިން ހުޅުވިފައިނުވާ ދޮރުތަކެއް ﷲގެ ރަޙްމަތާއެކީ ފުޅާމިނުގައި ހުޅުވިގެންދާ ކަމަކީ، ﷲއަށް ޝުކުރުކުރުން މިއަދުވެސް އަޅުގަނޑު ކުރަންޖެހޭކަމެއް. މިކަންކަމުން އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ދިވެހިރާއްޖެއަށް ގެންނަން ބޭނުން.

އަޅުގަނޑު ދަންނަވާލި ފަދައިން، ރައީސް މައުމޫންގެ ސަރުކާރުގައި އާރާސްތު ކުރަމުންދިޔަ ބިންގާތަކުގެ މަތީގައި، އަޅުގަނޑުމެން މިއަދު ތިބޭ ކަމަށްވަންޏާ ދިވެހި ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެހެރީ ފުރިހަމަވެފައި. އޭރުގެ ހާލަތަށް ރިޢާޔަތްކޮށް ދަންނަވާ ވާހަކައެއް އެއީ. އަޅުގަނޑުމެން ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް މިހާރު މިދަނީ ޤާއިމުވަމުން. އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަށް ހެދިގެން ދިޔައިމާ އޭދަފުށްޓަށް މިވަގުތަށް ބޭނުންވާ ތަރައްޤީ އެހެރީ އައިސް ނިމިފައި. ދެން އޮތީ އޭދަފުށީގެ ރައްޔިތުން އޭދަފުށީގައި ތިއްބަވައިގެން އާމްދަނީ ލިބޭނެ މަސައްކަތެއް ކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުން. އެކަންކަން ކުރުމުގައި ކައިރީގައި ހުރި ރިސޯޓުތަކަށް ޒުވާނުން ދަތުރުކޮށް ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރުސަތު ހޯދޭނެ.

އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ބޭނުމަކީ، ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުވުން. މިދުނިޔެ އެދި އަޅުގަނޑުމެން ކުރާ މަސައްކަތަކީ، ކޮންމެހެން އުޚްރަވީ ޙަޔާތަށް އަޅުގަނޑުމެން މަސައްކަތް ނުކުރުމެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުމެން ހެޔޮ ގޮތުގައި ތިބެން މަސައްކަތް ކުރާއިރުވެސް އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން އާމްދަނީ ހޯދައިގެން އަޅުގަނޑުމެންގެ ޢާއިލާތަކަށް ތަނަވަސް ކަމެއް ހޯދައިދޭން. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް މިފެނިގެންދަނީ އަޅުގަނޑުމެން ލޯބިން އުފަންކުރާ ދަރިން، ބޮޑުކުރާ ދަރިން މަގުން ކައްސާލައިގެން ދާތަން.

އަޅުގަނޑުމެންގެ ހިތަށް ހަމަ ކުޑަކުޑަ މިސާލެއް ގެންނަވާ. އެންމެ ތަޢްލީމީ ބައްޕައާއި މަންމަގެ ޒުވާން ދަރިފުޅުވެސް، އެދަރިފުޅަކީ މިއަދު އެކަށީގެންވާ އުޖޫރައެއް، މުސާރައެއް ނުލިބޭ ދަރިފުޅެއް ކަމުގައި ވަންޏާ އަދި ދުނިޔޭގައި ދިރިއުޅެމުންދާއިރު މައިންބަފައިން ކައިރިން މައިނުފިއްލާހުރި ކުއްޖެއް ކަމުގައިވާނަމަ އަދި އެކުއްޖަކީ ޖިސްމާނީގޮތުން ބާލިޣުވެފައި ހުރި ކުއްޖެއް ކަމުގައިވީނަމަވެސް، މައިންބަފައިންގެ ހިޔާވަހިކަމުގެ ދަށުގައި އުޅެމުން އަދި އެކުއްޖަކަށް ޒަވާޖީ ޙަޔާތެއް ފެށިގެން މިނުދަނީ މައިންބަފައިންނަށް އެފަދަ ތަނަވަސްކަމެއް އެކުއްޖާއަށް ފޯރުކޮށްދެވިފައި ނުވާތީ ކަމަށްވަންޏާ، އެކުއްޖަކު އެހެރީ ދާއިމަށް އަދިވެސް ދުނިޔަވީ ޙަޔާތުގައި ބާލިޣުނުވެ. އަމިއްލަ ޙަޔާތަށް ތެދުވުމަށް ފައިމައްޗަށް ނުތެދުވެ އެހުރީ. އެފަދަ ކުއްޖަކަށް އެފަދަ ކުއްޖެއްގެ ރަޙްމަތްތެރިއަކު ބޭނުންވާ ކަމެއް ކޮށްދިނުމަށްޓަކައި އެހާބޮޑަށް އެދޭކަމެއް ކޮށްދިނުމަށްޓަކައި ކޮންމެފަދަ ނުބައި ކަމެއްވެސް ކޮށްފާނެ. ވައްކަމެއްވެސް ކޮށްފާނެ މޯބައިލް ފޯނެއް ބޭނުންވެއްޖެއްޔާ. އަދި އެނޫން ކަމެއްވެސް ކޮށްފާނެ އެކަހަލަ ކަމެއް ބޭނުންވެއްޖެއްޔާ. މިއީ، ދޮއެއްތޯ ޒުވާނުން ބާރުވެރި ކުރަންޖެހޭ ސަބަބަކީ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ، ޒުވާނުންނަށް އާމްދަނީ ހޯދައިދީ، ޒުވާނުންނަކީ ބާރުވެރި ބަޔަކަށް ހަދަން މިކުރެވޭ މަސައްކަތަކީ، ޒުވާނުން މަގުން ކައްސާލައިގެން ދިޔަނުދިނުން. އެހެންނޫންކަމަށްވަންޏާ އަޅުގަނޑުމެން ހަމައެކަނި ހުކުރު ޚުޠުބާ އަހާފައި، ގޭގައި ތިބެގެން އަޅުގަނޑުމެން އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިކުރަން ކުރާ މަސައްކަތް އެކަނި ކުރާނަމަ، އަޅުގަނޑުމެން ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހި ޒުވާނުންނަކީ މިއަދު މުސްލިމު އަޤީދާގެ މަތީގައި ތިބި ޒުވާނުން ކަމުގައިވާނެ. އެހެންނަމަވެސް، އުޚްރަވީ ޙަޔާތެއް ބާއްޖަވެރިކުރަން ކުރާ މަސައްކަތާ އެކުގައިވެސް ދުނިޔަވީ ޙަޔާތުގައި މިދެންނެވި ކަހަލަ ކަންކަމުން އަރައިގަތުމަށްޓަކައި އަމިއްލަ ފުދުންތެރިކަމެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފަރުދީ ޒިންމާއެއްގެ ގޮތުގައި ކުރަންޖެހޭ. އަދި ރަށެއްގެ ރައްޔިތުން ރައްޔިތެއްގެ ޒިންމާއެއްގެ ގޮތުގައި އަދާކުރަން އެބަޖެހޭ. އޭދަފުށިން އަޅުގަނޑަށް ފެންނަން ބޭނުންވާ މިސާލަކީ މިއީ. ދައުލަތުގެ ފަރާތުން މި ޒިންމާ އެބައަދާކުރަންޖެހޭ. ދައުލަތުގެ ފަރާތުން މިއަދު ދިވެހި ޒުވާނުންނާއި ދިވެހި ދަޢުލަތުގައި ހިމެނޭ ރައްޔިތުން އަޅުގަނޑަށް މިއެއްބާރުލުން ދެއްވާކަމަށްވަންޏާ އަޅުގަނޑު މިހިރީ ދިވެހިރާއްޖެ ދާން ބޭނުންވާ ހިސާބަކަށް މިދެންނެވި ތަރައްޤީގެ މަޝްރޫޢުތައް ހިފައިގެން ދަތުރުކުރަން. އަޅުގަނޑުގެ އަމާޒަކަށްވެފައި މިއޮތީ ﷲގެ ރަޙްމަތުން މިކަން ކާމިޔާބު ކުރެވޭނެ. މިއީކީ ނުކުރެވޭނެ މަސައްކަތެއްގެ ވާހަކައެއް ނޫން އަޅުގަނޑު މިދައްކަނީ. އަޅުގަނޑުމެން ދައްކާ ވާހަކަ ދައްކަނީ ކޮންމެވެސް ވަރެއްގެ ދިރާސާތަކެއްގެ މައްޗަށްވެސް ރިޢާޔަތް ކޮށްގެން.

އަޅުގަނޑުމެންނަށް މިއަދު ހަމަ ކުރުގޮތަކަށް މިވާހަކަ ދަންނަވާކަމަށްވަންޏާ މިއަދު އަޅުގަނޑުމެންނަށް ޖީބަށްލާން މި ލިބޭ އާމްދަނީއަކީ، މުޅި ދިވެހި ދައުލަތަށް ލިބޭ އާމްދަނީ، ބޯބޯމައްޗަށް ބަހާލައިފި ކަމަށްވަންޏާ، ގާތްގަނޑަކަށް އެމެރިކާ ފަސްވަރަކަށް ހާސް ޑޮލަރު. ނޫނީވިއްޔާ ހިންގަވާ ހަތްދިހަ ފަސްހާސް ރުފިޔާ ކަމުގައި ކިޔަން. އެކަމު އަޅުގަނޑުމެންގެ ފަސްއަހަރުގެ މިތަރައްޤީގެ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ ކާމިޔާބުވެގެން ރައްޔިތުންނަށް މިއިން ލިބެންވާ މަންފާ ފުރިހަމަ ގޮތެއްގައި ފުދިގެން ހިނގައްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން މިއާމްދަނީ ބަދަލުކޮށްލަން މިބޭނުންވަނީ ބާރަހާސް އެމެރިކާ ޑޮލަރަށް. ބާރަހާސް އެމެރިކާ ޑޮލަރަށް މިއަދަދު ބަދަލުވެގެން ދިޔައިމާ، ޝައްކެއްވެސްނެތްގޮތުގައި ދިވެހި ޒުވާނުންގެ އާމްދަނީ އިތުރުވެގެންދާނެ މިންވަރާ ދޭތެރޭގައި ހަމަ ކޮންމެ ބޭފުޅެއްގެ ޚިޔާލު އެކަމަށް ދޫކޮށްލައްވާ. ރަށްރަށަށް މިއަންނަ ތަރައްޤީއަކީ، މި ދެންނެވި ކަންކަން ހާސިލު ކުރުމަށްޓަކައި ގެންނަ ތަރައްޤީއެއް. އަޅުގަނޑުމެންގެ މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިޤްތިޞާދު ހަރުދަނާ ކުރަން ކުރާ މަސައްކަތުގައި ޚަރަދު ކުޑަ ކުރުމަކީ، މިއަދުން މިއަދަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، ރަށްރަށުގައި ފަޅު ބޮޑުކުރުން ނޫނީވިއްޔާ ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުމަކީ ހުރިހާ ރަށަކަށް ބޭނުންވެފައިވާ ކަމަކަށްވާއިރުވެސް އޭދަފުށްޓަށް އިސްކަން މިދިނީ މިދެންނެވި ގޮތަށް ޚަރަދު ކުޑަކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިންވެސް މިއީ ކޮންމެހެން މިރަށަށް ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރުން ދެކޭތީ.

ބިން ބޮޑުކުރަން ބޭނުންވަނީކީއެއް އޭދަފުށްޓަކު އެކަންޏެއް ނޫން. ބަނދަރު ފުންކުރަން ބޭނުންވަނީކީއެއް އޭދަފުށްޓަކު އެކަންޏެއް ނޫން. އަދި އެއަރޕޯޓެއް އަޅަން ބޭނުންވާނީކީއެއް ބ. އަތޮޅުގައި އެކަންޏެއްވެސް ނޫން. އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކީ، ދިވެހިރާއްޖޭގެ އެއްވަނަ ދަރަޖައިގެ ރައްޔިތެއް. ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް އަޅުގަނޑުމެންގެ ސަރުކާރުގައި ދިވެހިރާއްޖެއަކު ނޫޅޭނެ. އެކަމަކު ކުރީގައި ބައެއް ސިޔާސީ ފިކުރުތަކުގައި އެޕާޓިއަކާ ބައިވެރިނުވާ ކަމަށްވަންޏާ ދެން އެހެން ޕާޓީތަކުގައި އުޅޭ މީހުންނަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭއިރުވެސް ދެވަނަ ދަރަޖައިގެ ރައްޔިތުން ކަމުގައި އެޕާޓީގެ އިސްބޭފުޅުން ކަނޑައަޅުއްވާފައިވޭ. ފްލެޓްތައް ދޫކުރައްވާއިރު އެކަން އެ އޮތީ އާންމުކޮށް އިޢުލާނު ކުރައްވާފައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގައި ދަންނަވަން ބޭނުންވަނީ، އިޤްތިޞާދު ރަނގަޅު ކުރުމަށް މިކުރާ މަސައްކަތުގައި، ޚަރަދު ކުޑަކުރަން ކުރާ މަސައްކަތުގެ ތެރެއިންވެސް މިކަހަލަ ރަށްރަށަށް ކޮންމެހެން ބޭނުންވާ ކަންތައްތައް މިކޮށްދެނީ މިދެންނެވި ގޮތަށް އިޤްތިޞާދީ މަންފާ އިރާދަކުރެއްވިއްޔާ މިމަޝްރޫޢު ނިމިގެންވެސް އޭދަފުށީ ރައްޔިތުންނަށް ހާސިލުވުމަށް އެދޭ ހާލުގައި ހުރެގެންނޭ. އެހެންވީމާ މިހެން ކުރެވޭ ކަންކަމުގައި ހެޔޮ ބޭނުން ކުރެއްވުމަކީ އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާލާނީ އޭދަފުށީގެ ރައްޔިތުންގެ އަތްޕުޅުމަތީގަ އޮތް ކަމެކޭ. އޭދަފުށީގެ މިއުފާ، ދާއިމީ އުފަލެއްގެ ގޮތުގައި، ދާއިމީ ޢީދެއްގެ ގޮތުގައި ދެމެހެއްޓުމަކީ، ތިޔަބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް.

އަޅުގަނޑުމެން ދައުލަތެއްގެ ނަމުގައި މިކުރާ މަސައްކަތަކީ، މުޅި ދިވެހި ދައުލަތަށް ކުރިއެރުން ހޯދަން، މުޅި ދިވެހި ދައުލަތަށް ތަރައްޤީ ބޭނުންވެގެން ކުރާ ކަންތައްތައް. އަޅުގަނޑުމެންގެ ތެރޭގައި ދީނީ ޢިލްމުވެރިން އެބަތިއްބެވި. އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ވިސްނުންތައް ހުރި ބޭފުޅުން އެބަތިއްބެވި. އެކިއެކި ފަންނުތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ޚިޔާލު ފާޅުކުރެވޭވަރުގެ ޤާބިލު ބޭފުޅުން އެބަތިއްބެވި. އަޅުގަނޑުމެންގެ ތެރޭގައި ގިނަ ރަށްތަކެއްގެ މަގުތައް ހެދިފައި މިވަނީ. ބަނދަރުތައް މިވަނީ ހެދިފައި. ރަށް މުއްސަނދި ކުރުމަށް ބޭނުންވާ ބިން ބޮޑުކުރެވެމުން މިދަނީ. އަދި ޒުވާނުންނަށް ތަޢްލީމު މިހިރީ ލިބިފައި. ބޭނުންވަނީ ސަރުކާރާއެކީ ހަކަތަހުރި ޒުވާނުން ނުކުމެ، ޢިލްމީ ޤާބިލުކަން، ތަޢްލީމީ އެކިއެކި ނާރެސްތަކުން އެމީހުންނަށް ލިބުނު ޢިލްމީ ޤާބިލުކަން ބޭނުންކޮށްގެން ދިވެހި ދައުލަތަކީ އަނެއްކާވެސް އެކުވެރި ބަޔަކު އުޅޭ ދައުލަތެއްކަން ބޭރުގެ ފަރާތްތަކަށް ދައްކައިދިނުމުގެ ހިތްވަރު އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެންގެ ރާއްޖެ ކުރިއަކަށް ނުދާނެ، ރާއްޖެއަށް ހަމައެކަނި މި ލިބޭ ފައިސާ ކޮޅަކުންނެއް. އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށްދާން މިއޮތީ، ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކުރެވިގެން. ބޭރުގެ ފަރާތްތަކުންވެސް ދިވެހިރާއްޖޭގައި އިންވެސްޓް ކޮށްގެން.

އަޅުގަނޑުމެންގެ ވަށައިގެން މިއޮތް ރިސޯޓުތަކަށް ބައްލަވާ. މި ރިސޯޓުތަކުގެ ތެރެއިން ކޮން ރިސޯޓުތަކެއްތޯ ދިވެހިންގެ އަތްމަތީ މިއޮތީ. ވަރަށް ކުޑަ އެއްޗެއް. މީގެ ގިނަ ރިސޯޓުތަކަކީ ބޭރު ފަރާތްތަކުގެ އިންވެސްޓްމަންޓަށް. އެހެންވީމާ، ދިވެހިރާއްޖޭގެ ތަރައްޤީގެ ނާރެސް ކަމުގައިމިވާ ޓޫރިޒަމްގެ ޞިނާޢަތަކީވެސް ބޭރު ބައެއްގެ އަތްމަތީގައި އޮތް ކަމެއް. މިކަމުން އެކަނިވެސް އަޅުގަނޑުމެންނަށް ދަލީލު އެބަކޮށްދޭ، ދިވެހިރާއްޖޭގެ މުއްސަނދިކަން އިތުރަށް ތަރައްޤީ ކުރެވެން މިއޮތީ ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް ޝައުޤުވެރިވެގެންކަން. ދިވެހިރާއްޖެއަކަށް ބޭރުގެ ފަރާތްތަކުން ޝައުޤުވެރިއެއް ނުވާނެ، ރަށްރަށަށް އަންނަ ހެޑްމާސްޓަރުން، ރަށްރަށަށް އަންނަ ޓީޗަރުންގެ ގޭގެއިން ވައްކަން ކުރަން ވަދެ، އަދި އެމީހުންނަށް އަނިޔާކޮށް، އެމީހުންގެ ފައިސާކޮޅު ގެންދާ ކަމަށްވަންޏާ ދިވެހިރާއްޖެއާ ބެހޭގޮތުން ދިވެހިރާއްޖެއިން ނުކުންނާނީ ރީތި ބަހެއް ނޫން. ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކެއް ނާންނާނެ، ދިވެހިރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި އުޅުމަކީ އުނދަގޫ ކަމެއް ކަމުގައި ޤަބޫލު ކުރެވެންޏާ. ނުރައްކަލެއް ކަމުގައި ޤަބޫލު ކުރެވެންޏާ. ކޮންމެ ދެދުވަހުން އެއްދުވަހު އެމީހުން މަސައްކަތް ކުރާ އޮފީސް ދޮށުގައި މުޒާހަރާ ކުރާ ކަމަށްވަންޏާ ދިވެހިރާއްޖެއަކީ، ހަމަޖެހޭ ތަނެއް ކަމުގައި އެމީހުން ނުދެކޭނެ. ދިވެހިރާއްޖޭގެ މައިގަނޑު މަސައްކަތަކީ، މުޒާހަރާކުރުން ކަމުގައި މިވޭތުވެދިޔަ ދުވަސްތަކުގައިވަނީ ދައްކާފައި. އެކަމަކު ބައްލަވާ، ﷲގެ ރަޙްމަތާއެކީ ދިވެހިރާއްޖެއަށް މިހާރު ހަމަހިމޭންކަން އިޢުލާނުވެފައި އޮތުމާއެކީ ދިވެހިރާއްޖެއަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަން ހުރި މިންވަރު ބައްލަވާ. އަޅުގަނޑުމެން މިދާ ކޮންމެ ދަތުރަކުން އަޅުގަނޑުމެންނަށް ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ އެތަކެއް ފަރާތްތަކެއް އެބަހުރި. ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތައް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ކޮންމެވެސް މަސައްކަތެއް ފެށުމަށްޓަކައި އަންނަން ބޭނުންވޭ.

އިއްޔެ އަޅުގަނޑާ ބައްދަލުކުރީ ޗައިނާގައި ޓައުންޝިޕް ޤާއިމުކުރަން އުޅޭ އެންމެ ބޮޑު ކުންފުންޏާ. ނޫނީވިއްޔާ އެންމެ ބޮޑު އެއް ކުންފުންޏާ. އެއީ ޗައިނާގެ މިހާރުވެސް ދިހަވަރަކަށްހާސް ކިލޯމީޓަރުގެ ޓައުންޝިޕެއް ބިލްޑް ކޮށްފައި އޮތް ބައެއް. މިމީހުން ބޭނުންވަނީ، ހުޅުމާލޭގައި ނޫނީވިއްޔާ އަޅުގަނޑުމެން ކަނޑައަޅާ ތަނެއްގައި ދިވެހި ޒުވާނުންނަށް، އަޅުގަނޑު އުންމީދު ކުރާގޮތަށް، ބޭނުންވާ ހުޅުމާލެ ސިޓީ ނޫނީވިއްޔާ ޒުވާނުންގެ ސިޓީއެއް ޤާއިމުކުރަން ހުރި މަސައްކަތް ކުރުމަށް ދިރާސާ ކުރަން އައިސް އެތިބީ. އެހެންވީމާ، ދިވެހިރާއްޖެއަށް މިއަދު އިންވެސްޓަރުން އަންނަން ބޭނުންވޭ. ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް އައިސްފައި، ދިވެހިރާއްޖޭގައި މިއޮތް ހަމަޖެހުމާއެކީ އަޅުގަނޑުމެންގެ ޤުދްރަތީގޮތުން އަޅުގަނޑުމެން މިދައްކާ ނަމޫނާ އެމީހުން ބަލައިގަންނަން ބޭނުންވޭ. ހަމަޖެހުމަކީ، ހަމައެކަނި ދިވެހިރާއްޖެއަށް ބޭނުންވާ ކަންތައް. އެހެންވީމާ، ދިވެހި ޒުވާނުންނަށް ކުރިއެރުން އެދި، މުޅި ދިވެހި ދައުލަތަށް ފަސޭހަކަމާއި ތަރައްޤީއަށް އެދި ކުރާ މަސައްކަތުގައި އަޅުގަނޑުމެންނާއެކީ ސިޔާސީގޮތުން ޚިޔާލު ތަފާތުވިނަމަވެސް، މިމަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވާ ކަމަށްވަންޏާ ދިވެހިރާއްޖެއަށް ކުރިއެރުމާއި ހަމަޖެހުން ނޫންކަމެއް އިރާދަކުރެއްވިއްޔަކާ ނެތް. އެހެންވީމާ، މިމަސައްކަތުގައި އަޅުގަނޑުމެން އެދެނީ، ހުރިހާ ފަރާތްތަކަކުންވެސް އަޅުގަނޑުމެންނާއެކީ ގުޅިގެން މިސަރުކާރަށް އެހީތެރިވެ ވަޑައިގެން ދެއްވުން.

މިނޫން ގޮތަކަށް މަސއްކަތް ކުރެވޭއިރު، ޒުވާނުންނަށްޖެހޭ މިޞްރާބު، ނޫނީ ނަގައިދެވޭ ފިލާވަޅުގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަފެނޭ. 150އަކަށް ޒުވާނުން އޭގެތެރެއިން 80 ވަރަކަށް ޒުވާނުން އަދިވެސް އެތިބީ ހައްޔަރު ކުރެވިފައި. މިއީތޯ ޤައުމުގެ އިސް މަސްއޫލިއްޔަތު އުފުލާ ފަރާތްތަކުން ދިވެހި ޒުވާނުންނަށް ނަގައިދޭންވީ ފިލާވަޅަކީ މިއީތޯ. ދެން އަޅުގަނޑު ބަލައިލަން ބޭނުންވޭ، އެބޭފުޅުން ނަންގަވައިދެއްވާ ފިލާވަޅުން ދިވެހި ޒުވާނުން ގޮސްފައި ޣަރަޤުވެގެން ދިޔައިމާ، އެޒުވާނުންގެ ޙިމާޔަތަށް ކިތައް ބޭފުޅުންތޯ ވަޑައިގަންނަވަނީ އަޅުގަނޑު ބަލައިލަން ބޭނުންވޭ. އެބޭފުޅުން ވަޑައިގެން އެ ޒުވާނުން ސަލާމަތް ކޮށްދެއްވަންވީނޫންތޯ. އެބޭފުޅުން ވަޑައިގެން ދިވެހި އެހެން ރައްޔިތުންނަށް ވިސްނައިދެއްވަންވީނޫންތޯ މަސްތުވާތަކެތި ބޭނުން ކުރުމަކީ، އެންމެ ރަނގަޅު ކަމެއް ކަމަށް. މަސްތުވާތަކެތި ބޭނުންކޮށްގެން އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެގެން އެހެން މީހުންނަށް ލިބޭ ގެއްލުމަކީ، އުފުލަން އެންމެ ރަނގަޅު ގެއްލުމެއް ކަމަށް އެގޮތަށް ވަކާލާތު ކުރެއްވި ބޭފުޅުން، މިއަދު ވަޑައިގެން އެޒުވާނުންގެ ޙައްޤުގައި ދިވެހި ރައްޔިތުންނަށް ވިސްނައި ދެއްވާ މިއީ ހުރިހާ ޒުވާނުން ކުރަންވީ ކަމެކޭ.

އަޅުގަނޑުމެން ކީއްތޯ މިކުރަނީ. ދުނިޔޭގައި ތިބެގެން ހަލާކު ހޯދައިގަތުން ފިޔަވައި އަޅުގަނޑުމެންނަށް ކުރެވޭ ކަމެއް ނެތް. އެހެންވީމާ، އޭދަފުށީގެ ޒުވާނުންނަށް، ބ. އަތޮޅުގެ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ސިޔާސީގޮތުން ފިކުރު ތަފާތުވީނަމަވެސް، ޤައުމު ބިނާކުރުމުގެ ޚިޔާލު އެއްގޮތް ކުރައްވާށޭ. ޤައުމަށް އަންނަ ކުރިއެރުމަކީ، ތިޔަބޭފުޅުންގެ ޙިއްޞާ އޮންނަ ކަމެއްގެ ގޮތުގައި ހައްދަވާށޭ. ރަށަށް އަންނަ ދިރުމަކީ ތިޔަބޭފުޅުން އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަކަށް ހައްދަވައިދެއްވާށޭ. އެހެންކަމަށްވަންޏާ މި ސަރުކާރުގެ ހަކަތަ ހުރިހާ ދުވަހަކު ޒުވާނުންގެ ވިންދު ދިވެހި ލޭގައި ހިނގާހާ ދުވަހަކު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިޞްރާބަކީ ދިވެހިރާއްޖެއަށް ބޭނުންވާ އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުން ހޯދައިދިނުން. މި މަސައްކަތް އިރާދަކުރެއްވިއްޔާ ދިވެހި ޒުވާނުންނާ، ދިވެހި ރައްޔިތުން އަޅުގަނޑުމެންގެ ސަރުކާރަށް އެއްބާރުލުން ދެއްވާކަމަށްވަންޏާ އަދި ތިޔަބޭފުޅުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރައްވާފައި ތިއްބެވި މެންބަރުންގެ އެއްބާރުލުން ދިވެހި ސަރުކާރަށް ލިބޭ ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޓީމު މިއަދު އެހެރީ މެކުހަށް ޖަހާފައި.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖެއަށް ހުރިހާވެސް ހެޔޮ ގޮތެއް. މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހެޔޮ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި.

والســّلام عليــكم ورحـمــة اللّـه وبـركاتـه