އެންމެ ފަޚުރުވެރި ސިފައިންނަކީ، މާތްވެގެންވާ އިސްލާމްދީނާއި، ސިފައިންގެ މުއައްސަސާއާއި ދިވެހި ދައުލަތް ދިފާޢު ކުރެއްވުމުގައި، ނަފްސާއި ފުރާނަ ދޫކޮށްލެއްވި ސިފައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، 122 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވުނު ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ އިޙްތިފާލުގެ ޙަޤީޤީ ފަޚުރުވެރިންނަކީ، މިފަދަ ލަޝްކަރުތަކުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންކަމަށް ވިދާޅުވެ، ޚާއްޞަ ގޮތެއްގައި ޝަހީދު ޙުސައިން އާދަމްގެ ޒިކުރާ ރައީސުލްޖުމްހޫރިއްޔާ އާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ޚިދުމަތުގައި ޝަރަފުވެރިކަމާއެކީ ކުރިއަށްދާން ބޭނުންވާ ކަމަށްވާނަމަ، އެމީހެއްގެ ހުނަރުވެރިކަމާއި ކެތްތެރިކަމާއި، ސިކުނޑީގެ ހުނަރުވެރިކަން ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ތެރޭގައި ޓީމުވަރކާއި އިސްނެގުން އޮންނަންޖެހޭ ކަމަށް ވިދާޅުވެ، ޤައުމާއި ދީން ޙިމާޔަތް ކުރުމަކީ، އަދި ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، ސިފައިން ޙުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ، ސިފައިންގެ ތެރޭގައި އޮތް އެންމެ މުޤައްދަސް ކަންތައްތައް ކަމަށާއި، މިކަމުގެ މަތީގައި ސިފައިން ތިއްބަވައިގެން ތަމްރީނާއި ހުނަރުވެރިކަން ލިބިވަޑައިގަންނަވާ ކަމަށްވާނަމަ، ދިވެހި ރައްޔިތުންގެ ފަރާތުން ސިފައިންނަށް އަބަދުވެސް އޮންނާނީ ޝުކުރުވެރިކަމާއި އިތުބާރުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިފައިންނަކީ ދައުލަތަށް ދިމާވާ އަދި ޤައުމަށް ދިމާވާ އެންމެ ބޮޑެތި ޢުދުވާނުތަކާ ކުރިމަތިލުމަށް އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސިފައިންނަކީ، ބައިނަލްއަޤްވާމީ ޑިޕްލޮމަސީގެ ތެރޭގައިވެސް ހަރަކާތްތެރިވާ އަދި އެކަމުގައި ޝާމިލުވާ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިފައިންގެ ޚިދުމަތުގެ ތެރޭގައި، ދީނާއި ޤައުމު ޙިމާޔަތްކުރުމުގެ އިތުރުން، އަވަށްޓެރި ޤައުމުތަކާއި އަދި ދުރުގައިވާ ޤައުމުތަކާ ދޭތެރޭގައި، ބައިނަލްއަޤްވާމީގޮތުން ގެންގުޅޭ މުޢާހަދާތަކަށާއި އަދި ބައިނަލްއަޤްވާމީ ގުޅުމަށް އިޙްތިރާމް ކޮށްގެން ކަންކަން ކުރިއަށް ގެންދިޔުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަލާމަތީ ބާރުތަކުގެ ޚިދުމަތަކީ، އެއްވެސް ދިވެހި ރައްޔިތަކު އެ ޚިދުމަތާ ދޭތެރޭގައި ޝައްކު އުފައްދާނޭ ޚިދުމަތެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ފަރާތުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ސިފައިންނަށް އޮންނަ އިތުބާރަކީ، ވަރަށް ނާޒުކު އިތުބާރެއް ކަމަށާއި، ހަމަ އެންމެ ހާދިސާއެއްގައި ޢަމަލުކުރެއްވޭ ގޮތަކުން ސިފައިންނާ ދޭތެރޭގައި އޮންނަ އިތުބާރު މުޖުތަމަޢުގެ ތެރޭގައި މުޅިން ނެތިގެން ހިނގައިދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ސިފައިންނަށް ހަނދާންކޮށްދެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން 2012 ވަނަ އަހަރު މިފަދަ ވަރުގަދަ މިސާލެއް ސިފައިންގެ މުއައްސަސާއިން ފެނިގެންދިޔަކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިފައިންނަކީ، ދީނާއި ދައުލަތާއި ޤާނޫނުއަސާސީ ޙިމާޔަތްކުރަން ތިބި ބައެކެވެ. ސިފައިންނަކީ، ޤާނޫނީ ޙުކޫމަތު އެމީހުންގެ މައްޗަށް ފުރިހަމައަށް ހިނގާ ބައެކެވެ. ސިފައިންނަކީ، ޤާނޫނު ދަމަހައްޓަން ތިބި ބައެކެވެ. ސިފައިންނަކީ، ޤާނޫނުގެ މަތީގައި ތިބި ބައެއް ނޫނެވެ. އަދި ޤާނޫނު އެއްފަރާތް ކުރެވޭފަދަ ޙާލަތެއްގައި ތިބި ބައެއްވެސް ނޫނެވެ.

މިރޭގެ އިޙްތިފާލުގައި، ޚިދުމަތުގެ އަގު ވަޒަންކޮށް، ސިފައިންގެ ޔުނިޓުތަކަށާއި، ޚާއްޞަ ވަނަތަކަށާއި، އެކިއެކި ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލަޔާއި ކޮމެންޑޭޝަން ލެޓަރ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި އައްޑަނަ ޓީވީ ލޯންޗް ކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.