ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވިސެންތެ ވިވެންޗިއޯ ބަންޑީލޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ފިލިޕީންސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ފިލިޕީންސްގެ އާ ސަފީރުގެ ދައުރުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫއުތަކާއި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ފިލިޕީންސްގެ ސަފީރަށް ދެއްވިއެވެ.

ފިލިޕީންސްގެ ސަފީރުގެ ވާހަކަފުޅުގައި، ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ފިލިޕީންސް ސަރުކާރުން އެހީތެރިވެދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.