‏ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް، ޤައުމު ބިނާކުރުމުގެ ޚިޔާލު އެއްގޮތް ކުރުމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ‏‏ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީ ‏އޭދަފުށީ ބިންހިއްކުމުގެ ‏‏މަޝްރޫޢު، ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.‏

‏މިކަމަށްޓަކައި މިއަދު ހެނދުނު އޭދަފުށީގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ‏‏ވާހަކަފުޅުގައި، ޤައުމަށް އަންނަ ކުރިއެރުމަކީ އަދި ރަށަށް އަންނަ ދިރުމަކީ، އެކަންކަމުގައި ‏‏ރައްޔިތުންގެ ބައިވެރިވުން އޮންނަ ކަންކަންކަމަށް ހެއްދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ‏‏ސަރުކާރުގެ ހަކަތަ ހުރިހާ ދުވަހަކު، އަދި ޒުވާނުންގެ ވިންދު ދިވެހިލޭގައި ހިނގައިހާ ދުވަހަކު، ‏‏އިރާދަކުރެއްވިއްޔާ ސަރުކާރުގެ މިޞްރާބަކީ، ރާއްޖެއަށް ބޭނުންވާ އިޤްތިޞާދީ ކުރިއެރުމާއި، ‏‏ހަމަޖެހުން ހޯއްދަވައި ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޭދަފުށީގެ ބިން ބޮޑުވެގެންދާ ދިޔުމަކީ، އޭދަފުށި އަލުން ‏‏އުފަންވުން ކަމުގައި ވިދާޅުވެ، އޭދަފުށީގެ މި އިތުރުކުރެވޭ ބިން ހެޔޮ ގޮތުގައި ބޭނުންކުރުމަށް ‏‏އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި ހުށަހަޅާފައިވާ ކަންތައްތައް ‏‏ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ފުރިހަމަވެގެންދާކަމަށް ރައްޔިތުން ޤަބޫލު ކުރައްވާކަމަށްވާނަމަ ‏‏އެއީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅަކާއި ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. ‏

‏ރާއްޖޭގެ މުސްތަޤްބަލު އޮތީ ޒުވާނުންގެ އަތްމަތީގައިކަން ބަޔާންކުރައްވަމުން، ރާއްޖޭގެ އާބާދީގެ 52 ‏‏އިންސައްތައަކީ، ދިވެހި ޒުވާނުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ‏‏ތެރޭގައި ސިޔާސީ ގޮތުން ޚިޔާލުތަފާތުވާ މީހުންނާއި، ފިކުރުގެ ގޮތުން ޚިޔާލުތަފާތުވާ މީހުން ތިބުމަކީ ‏‏މަރުޙަބާ ވިދާޅުވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރަށަށް އަންނަން ‏‏އޮތް ތަރައްޤީއަށް، އެ ފިކުރެއްގެ ސަބަބުން ހުރަހެއް އެޅިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. "ރަށަށް އަންނަން އޮތް ތަރައްޤީއަކީ، ކޮންމެ ރައްޔިތެއްގެ ޒިންމާއެއް. އެއީ، ކޮންމެ ‏‏ރައްޔިތަކަށް ލިބެންޖެހޭ ޙައްޤެއް. އެ ޙައްޤުން އެހެން ރައްޔިތުން މަޙްރޫމު ކުރުވުމަކީ ‏‏ކުރެވިގެންވާނެކަމެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލުތަކުގައިވެސް އަދި ރައްޔިތުންގެ ކަންކަން ނިންމައި ‏‏ބަސްކިޔާ މަރުޙަލާއާ ހިސާބުގައިވެސް ޚިޔާލުތަފާތުވާ ބޭފުޅުން ތިއްބެވުމަކީ، އަޅުގަނޑުމެންގެ ‏‏ވިސްނުމަށް އަންނަ މުއްސަނދިކަމެއް ކަމުގައި ވިދާޅުވިއެވެ. އެއާއެކީގައި ކޮންމެ ރަށެއްގައިވެސް އަދި ‏‏ކޮންމެ މުޖުތަމަޢެއްގައިވެސް، މުޅި ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވާ ކަމަށްވާނަމަ، ޒުވާނުން ‏‏މަގުން ކައްސާލައިގެންދާނެ މިޞްރާބެއް އަޅުގަނޑުމެންނަށް ފެނިގެން ނުދާނެ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުވުން ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އާމްދަނީ ހޯދައިގެން ޢާއިލާތަކަށް ތަނަވަސްކަން ގެންނަން ‏‏މަސައްކަތް ކުރަންޖެހޭކަމަށާއި، އެހެން ނޫންނަމަ ފެނިގެންދާނީ، ލޯބިން އުފަންކޮށް، ބޮޑުކުރާ ދަރިން ‏‏މަގުން ކައްސާލައިގެން ދާތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‏

‏ރާއްޖެ ކުރިއަށްދާނީ ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަދި ބޭރުގެ ފަރާތްތަކުންވެސް ‏‏ރާއްޖޭގައި އިންވެސްޓްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް މިއަދު ‏‏އިންވެސްޓަރުން އަންނަން ބޭނުންވާކަމަށާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އައިސް ރާއްޖޭގައި ‏‏މިއޮތް ހަމަޖެހުމާއެކީ، ރާއްޖެއިން ދައްކާ ނަމޫނާ އެމީހުން ބަލައިގަންނަށް ބޭނުންވާކަމަށްވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުންގެ ތަރައްޤީއަށް އެދި ކުރާ ‏‏މަސައްކަތްތަކުގައި، އަދި ދިވެހި ދައުލަތުގެ ފަސޭހަކަމާއި ތަރައްޤީއަށް އެދި ކުރާ މަސައްކަތުގައި، ‏‏ސިޔާސީގޮތުން ޚިޔާލުތަފާތު ވީނަމަވެސް، ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވާކަމަށްވާނަމަ، ‏‏ދިވެހިރާއްޖެއަށް ކުރިއެރުމާއި ހަމަޖެހުން ނޫންކަމެއް އިރާދަކުރެއްވިއްޔާ ނެތް ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏