بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރ ޙުސައިން މަނިކު ދޮންމަނިކު، އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޞަޢުދީ، ކޮމިޝަންޑް އޮފިސަރުން، ދިވެހި ފުލުހުން އަދި ސިފައިންގެ ބޭކަލުން، މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه
އާދެ! އަޅުގަނޑުގެ އެންމެ އިސް އުފަލަކީ، މިރޭގެ މި ތާރީޚީ އަދި އުފާވެރި ޙަފްލާއަށް ހީވާގިކަމާއި ޚިދްމަތް ކުރުމުގައި ލާމަސީލު ނަމޫނާ ދައްކަވަމުން ގެންދަވާ އަޅުގަނޑުމެންގެ ހީވާގި ފުލުހުން، މިއަދާ ހަމައަށް ކުރައްވަމުން ގެންދަވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، ފުލުހުންގެ އެ ޚިދްމަތަށް 81 އަހަރު ފުރޭތީ، އަދި މިދިޔަ ދުވަސްތަކުގައި އެބޭފުޅުން ކުރައްވާފައިވާ މަތިވެރި ޚިދްމަތުގެ އަގު ވަޒަންކޮށް، ތިޔަ ހުރިހާ ލޮބުވެތި ފުލުހުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ޝައްކެއްނެތް، މިފަދަ ރެއެއްގައި، އަޅުގަނޑުމެން މި އުފާ ފާހަގަކުރަމުންދާއިރު، ހަނދާނަށް އެބަ ގެންނަންޖެހޭ، މި މުއައްސަސާ މިއަދު މިހާ ހިސާބަށް ގެނައުމުގައި، ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތް ހިމެނިފައިވޭ. އެކިއެކި ސަފުތަކުގައި ފުލުހުންގެ ފަރާތްޕުޅުން ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވޭ. ޚާއްޞަ ގޮތެއްގައި، މުއައްސަސާ މިއަދާ ހަމައަށް ގެނައުމުގައި، މުއައްސަސާގެ އިސްވެރިން ކުރައްވާފައިވާ މަސައްކަތް އަޅުގަނޑުމެން މިއަދު މިފަދަ ވަގުތެއްގައި ފާހަގަކުރަންޖެހޭ. ދިވެހި ފުލުހުންގެ ޚިދްމަތް، މިޒަމާނުގެ އައިސްފައިވާ ހިސާބަށް ގެނައުމުގައި، މި މުއައްސަސާއާ ވަކިވެގެންދިޔައިރުގައި އަދި އޭގެކުރިންވެސް އަގުނުކުރެވޭފަދަ ގިނަ ޚިދްމަތްތަކެއް ކުރައްވާފައިވާ ކުރީގެ ކޮމިޝަނަރ އާދަމް ޒާހިރު ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، އަޅުގަނޑު މި ފުރްޞަތުގައި، އާދަމް ޒާހިރަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު އަދާކުރަން. މިދިޔަ ދުވަސްތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ މާޙައުލުގައި ފެނިގެންދިޔަ އުނދަގޫ ދަތި ދުވަސްތަކުގެ ތެރޭގައި، ފުލުހުންގެ މުއައްސަސާއަށް ދިމާވި ގޮންޖެހުންތަކަށް ސާބިތުކަމާއެކު ކުރިމަތިލައްވައި، ފުލުހުންނަށް ޤިޔާދަތުގެ ނަމޫނާ ދެއްކެވި ކުރީގެ ކޮމިޝަނަރ އަދި އަޅުގަނޑުމެންގެ އަޚު ޢަބްދުﷲ ރިޔާޒް ކުރެއްވި މަސައްކަތް ފާހަގަކޮށްވެސް، މިރޭ މި އުފާވެރި މުނާސަބަތުގައި އެމަނިކުފާނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.
ޝައްކެއްނެތް، އަޅުގަނޑު ހަނދާނެއްނުނެތޭ، މިއަދު މިހާހިސާބަށް އައިއިރުގައި، ހީވާގިކަމާއި، ބުރަ މަސައްކަތާއި، މުރާލިކަމާއެކީގައި ފުލުހުންގެ މުޅި ޓީމު ޙަރަކާތްތެރިވާއިރުގައި، ކޮމިޝަންޑް އޮފިސަރުން ފެށިގެން ޚާއްޞަ ގޮތެއްގައި މިއަދުގެ ހީވާގި، މުރާލި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަދާކުރައްވަމުން ގެންދަވާ މަތިވެރި މަސައްކަތަކީ، މިއަދު ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިކަމާއެކު ބަލައިގަންނަ މަސައްކަތެއް. މިފަދަ އުފާވެރި މުނާސަބަތެއްގައި، އެމަނިކުފާނުގެ ޚިދްމަތް ފާހަގަކޮށް، އަޅުގަނޑު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަން.
މިއަދު އައްޑޫސިޓީއަށް އައުމުން، އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިބޭ. ދެންމެ އައްޑޫސިޓީގެ މޭޔަރ އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި އަދި ހިތްހެޔޮ ބަސްފުޅަށްޓަކައި އަޅުގަނޑު، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަން.
އައްޑުއަކީ އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑަށް ދުރު ފަސްގަނޑެއް ނޫން. މިރޭ މި ޙަފްލާގައި އަޅުގަނޑާއެކީގައި އަޅުގަނޑުގެ އަންހެނުން އެބަ އިންނެވި. އެއީ، އައްޑުއަތޮޅަށް އުފަން، އައްޑުއަތޮޅުގެ ބޭފުޅެއް. އަފިރިންގެ ބޭފުޅެއް. އެހެންކަމުން، އަޅުގަނޑު މިއަދު މި ފަސްގަނޑަށް އައުމުން، މި ލިބުނު އުފަލުގައި، ތިޔަބޭފުޅުންނާއެކީގައި ޙިއްޞާ ކުރަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު މި ޚިދްމަތް، ދިވެހި ފުލުހުންގެ ޚިދްމަތް ވާސިލުވެފައިވާ ހިސާބު، ޙަޤީޤަތުގައި ރަމްޒުކޮށްދެނީ ދިވެހި މުޖްތަމަޢުގެ ކުރިއެރުމޭ. ކިތަންމެ ކުޑަ ނަމަވެސް، އަދި އާބާދީ ކިތަންމެ މަދު ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް އަމިއްލަވަންތަ ކަމަށް ލޯބިކުރާ ބައެއްކަން. ދިވެހި ފުލުހުންގެ ޚިދްމަތް މިއަދު ރަމްޒުކޮށްމިދެނީ، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ފަޚްރުވެރި ރައްޔިތެއްކަން. ރާއްޖޭގެ ރައްޔިތުންނަކީ، އެމީހުންގެ އަމިއްލަ ޝަޚްޞްވަންތަކަމާއި ޝަޚްޞިއްޔަތު ކުރިއަށް ނެރެން ބޭނުންވާ ރައްޔިތެއްކަން. އަމިއްލައަށް ކަންތައް ނިންމުމުގެ ޢަޤީދާ ޤަބޫލުކުރާ ބައެއްކަން. ދިވެހިންނަކީ އަބަދުވެސް، ހުރިހާ ވަގުތެއްގައިވެސް ރީއްޗާއި ހުތުރު ވަކިކުރަން ދަންނަ ބައެއްކަން. މި ޙަޤީޤަތް މިއަދު މިހާހިސާބަށް އައިއްސަ، އަޅުގަނޑުމެންގެ ދިވެހި ފުލުހުންގެ ޚިދްމަތް ހޯދާފައިވާ މަތިވެރި ކާމިޔާބީ ފާހަގަކުރަމުންދާއިރު، އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަދި އަޅުގަނޑުމެން މިއަދު ހަނދާން ކުރަންޖެހެނީ، ދެންމެ މިދެންނެވި ގޮތަށް އަޅުގަނޑުމެން މި ޚިދްމަތް ފަށައިގަތް ކަމާއި، އެންމެ ފުރަތަމަ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައި، ޕޯޗްގީޒްގެ އަޅުވެތިކަމުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖެ މިނިވަން ކުރެއްވި ހިސާބަކީ، ޙަޤީޤަތުގައި މިއަދުގެ މި ފަޚްރުވެރި ފުލުހުންގެ ޚިދްމަތް ފެށުނު ހިސާބު.
އެދުވަހު އެމަނިކުފާނުގެ އެ ހަނގުރާމަ ކާމިޔާބު ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްފަހުގައި، ދިވެހި ސަފުތައް ރުކުރުވާލިއިރުގައި، އެންމެ ފުރަތަމަ އެކުލަވައިލެއްވި އެއްބަޔަކީ، ހަނގު ބޭކަލުންގެ ޚިދްމަތް. މި ހަނގު ބޭކަލުންނަކީ، މާލޭގެ އެކި އަވަށްތަކުން ނެންގެވި ބޭކަލުން. އަދި އެބޭކަލުންނަކީ ރަސްގެފާނަށް ކަންތައް ނިންމެވުމުގައި، މުޖްތަމަޢުގެ އަމަންއަމާންކަން ބެލެހެއްޓެވުމުގައި އެހީތެރިވެދެއްވި މީހުން. އެއަށްފަހުގައި، 29 މާޗް 1933 ވަނަ އަހަރުގައި ރާއްޖޭގައި ފުލުހުންގެ ޚިދްމަތް ފެށިގެން ކުރިއަށް މިދަނީ. ކިތަންމެ ކުޑަ ގޮތަކަށް ފެށުނު ކަމުގައިވީ ނަމަވެސް، ދެންމެ މިތާނގައި، މި ޖަލްސާގައި އަޅުގަނޑު ހުރިއިރުގައި، އަޅުގަނޑަށް ފާހަގަވެގެންދިޔައީ ފަޚްރުވެރިކަން. އަޅުގަނޑަށް ފާހަގަވީ ކޮށްފައިވާ ބުރަ މަސައްކަތް. އަޅުގަނޑަށް ފާހަގަވެގެންދިޔައީ، ދިވެހިންގެ އުފެއްދުންތެރިކަން. އަޅުގަނޑަށް ފާހަގަވެގެންދިޔައީ، ކިތަންމެ ޒުވާން ބަޔަކު ކަމުގައިވީނަމަވެސް، ކިތަންމެ ޒުވާން ޚިދްމަތެއް ކަމުގައިވީނަމަވެސް، ޚިޔާލާއި، ފަންނުވެރިކަމާއި، މަސައްކަތުގެ ރޮނގުން ތަޖުރިބާ ލިބިފައިވާ މިންވަރު. މިއީ އެއްވެސް ޝައްކެއްނެތްގޮތުގައި މިއަދު ފަޚްރުވެރިކަމާއެކީގައި ފާހަގަކުރަންޖެހޭ ކަމެއް.
އެންމެ ފުރަތަމަ، އެންމެ 120 ފުލުހުންނާ އެއްކޮށް ފަށައިގަތް ޚިދްމަތް މިއަދު މިވަނީ އަޅުގަނޑުމެންނަށް ރާއްޖޭގެ އެންމެ ދެކުނަށް އައިއްސަ، ފަޚްރުވެރިކަމާއެކީގައި މިފަދަ ޙަފްލާއެއް އިޙްތިފާލް ކުރުމުގެ އުފާވެސް ލިބިފައި. އަޅުގަނޑު މިއަދު އުފަލާއެކީގައި ފާހަގަކުރަން، ރާއްޖޭގެ ފުލުހުން މިދިޔަ ދުވަސްތަކުގައި ހޯދާފައިވާ ކާމިޔާބީ. ކުރިންވެސް ދެންނެވިފަދައިން، މި ކާމިޔާބީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ރަމްޒުކޮށްދެނީ ދިވެހި މުޖްތަމަޢު ހުރިހާ ގޮތަކުން ހޯދަމުން އައި ކުރިއެރުން. 1933 ވަނަ އަހަރު ފެށުނު ޚިދްމަތް، އެ ޚިދްމަތުގައި އެދުވަހު، ޔުނީފޯމާއެކީގައި ރާއްޖޭގެ ފުލުހުން ނުކުތީ. އޭރުގެ މުޖްތަމަޢުގެ ޙާލަތު މިއަދު އަޅުގަނޑުމެންނަށް ވަޒަންވޭ. ހުދު ލިބާހާއި މުންޑު އެއީ، ޔުނީފޯމްގެ ގޮތުގައި އެދުވަހުގައި ތަޢާރުފްވެގެން ގޮސް، ގިރުވާނާއި އަތުކުރީގައި ރަތް ފޮތިކޮޅަކުން ފާހަގަކުރެވޭ ގޮތަށް ފުރަތަމަ ޔުނީފޯމެއްގެ ގޮތުގައި ފުލުހުންނަށް ތަޢާރުފްވެގެންދިޔަ ޚިދްމަތް، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، 1 ސެޕްޓެންބަރު 2004 ވަނަ ދުވަހުގައި، މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، މިއަދު މިފެންނަ މުއައްސަސާގެ ގޮތުގައި ވުޖޫދަށް އައި ތަން. އެދުވަހު ފުލުހުންނާއި ސިފައިން ވަކިވެ، ތަފާތު ދެ ޔުނީފޯމެއްގައި މި މުއައްސަސާ ވުޖޫދަށް އައި ތަން. މި ދިގު ރާސްތާ މިއަދު އަޅުގަނޑުމެން ބަލައިގަންނަންޖެހެނީ، ރާއްޖޭގެ މުޖްތަމަޢު މިއަދާ ހަމައަށް ހޯދަމުންދިޔަ ކާމިޔާބީ. މިއީ ދިވެހި މުޖްތަމަޢުގެ ކުރިއެރުން.
ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން، ދިވެހި ހީވާގި ފުލުހުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން!
އެއްވެސް ޝައްކެއްނެތް، އެއްވެސް މުޖްތަމަޢެއްގެ ކުރިއެރުން ބިނާވެފައިވަނީ، އެ މުޖްތަމަޢެއްގެ ތެރޭގައި ޤާނޫނަށް ކިޔަމަންވެ، ބޯލަނބާ މިންވަރު އޮތް މިންވަރެއްގެ މައްޗަށް. ބޯލެނބުން އޮތް މިންވަރެއްގެ މައްޗަށް. ދުނިޔެ ކުރިއެރުން ހޯދީ، މިދެންނެވި ވިސްނުމުގެ ތެރެއިން. ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމުގެ ތެރެއިން. ދުނިޔޭގެ ތަހުޒީބު މިއަދު އަޅުގަނޑުމެން އެކަމަކަށް ނިސްބަތް ކުރަނީ، އެ މުޖްތަމަޢެއްގެ ތެރޭގައި ޤާނޫނު އުފެދި، އެ ޤާނޫނަށް ތަބަޢަވަމުންދިޔަ މިންވަރެއްގެ މައްޗަށް ބިނާވެގެން. އެއީ، އެންމެ ތަހުޒީބު ޤައުމުތަކުގެވެސް ތަހުޒީބު ނިސްބަތްވާ ގޮތް. އެއީ، މިއަދު ހުޅަނގުގައިވެސް ތަހުޒީބޭ މިކިޔާ ލަފްޒު މާނަކުރެވޭގޮތް. އެއީ، އަޅުގަނޑުމެން މިދެކޭ ހުރިހާ ޙަޟާރަތެއްގައިވެސް ކުރިއެރުން ދަލީލުކުރާގޮތް. ޤާނޫނަށް ތަބަޢަވާ މިންވަރު، ޤާނޫނު އެތަނެއްގައި ހިނގާ މިންވަރު، ޤާނޫނަށް އިސްކަންދޭ މިންވަރު އަދި ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެގެންދާ ގޮތް. އެއްވެސް ޝައްކެއްނެތްގޮތުގައި، މިއީ ހުޅަނގުގެ ކުރިއެރުމުގެ ސިއްރު.
މިއަދު ރާއްޖޭގެ މި ވާދަވެރި މާޙައުލުގެ ތެރޭގައި އަޅުގަނޑުމެން ވާދަކުރަމުންދާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދޭ ކޮންމެ ފަހަރަކު، ދެބަސްވުން އުފެދޭ ކޮންމެ ފަހަރަކު، އަޅުގަނޑުމެން އެބަ ހަނދާނަށް ގެންނަމު ޑިމޮކްރަސީ. އަޅުގަނޑުމެން އެބަ ހަނދާނަށް ގެންނަމު، ދުނިޔެ ހޯދާފައިވާ ކާމިޔާބު. އަޅުގަނޑުމެން ހަނދާނަށް ގެންނަމު ދުނިޔޭގެ ތަހުޒީބު. މިވާހަކަތައް އަޅުގަނޑުމެން ދައްކަންވީ. މިވާހަކަތައް އަޅުގަނޑުމެން ހަނދާން ކުރަންވީ. އެކަމަކު މިވާހަކަތަކުގެ ތެރޭގައި އެންމެ އިސްކަމެއްދެވޭ އެއްކަމަކީ، އެ ޤައުމެއްގައި އެއްވެސް ޝައްކެއްނެތްގޮތުގައި، ޤާނޫނަށް ތަބަޢަވާ މިންވަރު. ޤާނޫނަށް ކިޔަމަންވާ މިންވަރު، މިއަށްވުރެ ބޮޑު ތަހުޒީބެއް ނެތް. މިއަށްވުރެ ބޮޑު ކުރިއެރުމެއްވެސް އިންސާނުން ނުހޯދާ. މިއީ، ހަމައެކަނި ހުޅަނގުގެ ކުރިއެރުމެއް ނޫން. މިއީ، ހަމައެކަނި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ކުރިއެރުމެއްވެސް ނޫން. މިއީ، އިސްލާމްދީންވެސް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި މަތިވެރި އުޞޫލު. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [وَمَن يُطِعِ اللَّـهَ وَرَسُولَهُ وَيَخْشَ اللَّـهَ وَيَتَّقْهِ فَأُولَـٰئِكَ هُمُ الْفَائِزُونَ.] اللّـه سبحـانـه وتعـالى މި އާޔަތުގައި ވަޙީކުރައްވަނީ، [އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި ﷲ އަށް ބިރުވެތިވެ، ކުރާ ޢަމަލުތަކަށް ރައްކާތެރިވާ މީހުންނަކީ އެއީ ކާމިޔާބު ލިބިގެންވާ މީހުންނެވެ.] މި އާޔަތުގައި ވަރަށް ސާފުކޮށް، ދުނިޔޭގެ ތަހުޒީބު، އިންސާނުން އުޅެންވާގޮތް، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެއޮތީ ބަޔާންކުރައްވާފައި. އެއީ އިސްލާމްދީން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި އުޞޫލު. އެއީ މިޒަމާނުގެ ތަހުޒީބު މުޖްތަމަޢުތަކުގައި ކަންކަން ކުރާގޮތްވެސްމެ. އެއީ ކުރިއަރަމުންދާ ޤައުމުތައް އިސްކުރާ ފަލްސަފާ. ކުރިއަރަމުންދާ ޤައުމުތަކުގެ ކުރިއެރުމުގެ ސިއްރު، ޤާނޫނަށް ތަބަޢަވުމަކީ. ޤާނޫނަށް ކިޔަމަންވުމަކީ.
އަޅުގަނޑުމެންގެ މުޖުތަމަޢުތައް މިއަދު ޚިޔާލު ތަފާތުވެ، އަޅުގަނޑުމެންގެ ވާދަވެރިކަމުގެ ތެރޭގައި، މިދެންނެވި ފަލްސަފާ މަތިން އަޅުގަނޑުމެން އެބަ ހަނދާންނައްތާލާ. އަޅުގަނޑުމެންގެ ތެރޭގައި މިއަދު ތަރައްޤީ ކުރުމަށާއި، ބާރަށް ކުރިއަށް ދިޔުމަށާއި އަދި ތަފާތު ގޮތްގޮތުން ކުރިއެރުން ހޯދުމަށް ސިޔާސީ އެކި ފަރާތްތަކުން ގޮވާލާ. އެ މަސައްކަތް އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީގައި ކުރަން ބޭނުންކަމަށް އެބަ ދަޢުވާކުރަމު. އެކަމަކު މިއަދު މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، މިފަދަ މުހިންމު ވަގުތެއް އަޅުގަނޑުމެންގެ ޤައުމުގެ ޙަޔާތަށް އައިއްސަ، އަޅުގަނޑުމެންނާ އަލްވަދާޢު ކިޔަމުންދާއިރުގައި، އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހެނީ، ޤާނޫނަށް ކިޔަމަންވުން، ޢަމަލުން އަޅުގަނޑުމެންގެ ތެރޭގައި ދެއްކެނީ ކިހާ މިންވަރަކަށްތޯ. އަޅުގަނޑުމެންގެ ތެރޭގައި އެކިގޮތްގޮތުން ކުރިއެރުން ހޯދައި، އެކިގޮތްގޮތުން މި މުޖްތަމަޢަށް ފާގަތިކަން ގެންނަން ބޭނުންވާ ފަރާތްތަކުން ޤާނޫނަށް ކިޔަމަންވުމުގެ ނަމޫނާ އަޅުގަނޑުމެންނަށް ދެއްކެނީ ކިހާ މިންވަރަކަށްތޯ. މިއަދު ދިވެހިން، [ތަރައްޤީ] އާއި [ތަހުޒީބު] ފަދަ ލަފްޒުތައް މާނަކުރާގޮތް އަޅުގަނޑުމެން އެބަ އަލުން ވިސްނަންޖެހޭ. އަލުން އަޅުގަނޑުމެން އިޢާދަކުރަން އެބަ މަޖުބޫރުވޭ.
ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، ހީވާގި ދިވެހި ފުލުހުން:
މިދިޔަ ދުވަސްތަކުގެ ތެރޭގައި، ތިޔަބޭފުޅުން ވަރަށް ބުރަ މަސައްކަތް ކުރެއްވި. އެޔާއެކީގައި ދެންމެ މިތާނގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުން ފާހަގަކުރެއްވި ފަދައިން، މި މުޖްތަމަޢުގެވެސް ވަރަށްގިނަ އުންމީދުތައް ތިޔަބޭފުޅުންނާ ގުޅިފައި އޮތް. އައްޑޫސިޓީ ކައުންސިލްގެ މޭޔަރުވެސް ވިދާޅުވިފަދައިން، މުޖްތަމަޢާ ގުޅިގެން މަސައްކަތް ކުރުމަށް އަދި ޒުވާން ޚިދްމަތެއްގެ ގޮތުގައި ޚިދްމަތް ކުރިއަށްދާއިރުގައި، މި ސަރވިސްތެރޭގައި ހުރި މައްސަލަތައްވެސް ޙައްލުކުރެވޭނެގޮތް ތަރުތީބު ކުރުމަކީ، މިއަދު އެއްވެސް ޝައްކެއްނެތްގޮތުގައި، މިފަދަ އުފާވެރި މުނާސަބަތެއް ފާހަގަކުރަމުންދާއިރު، ތިޔަބޭފުޅުންގެ ވިސްނުންފުޅުގައި ގެންގުޅުއްވާނެ ކަންތައްތައްކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. އެޔާއެކީގައިވެސް މިއަދުގެ މި ހަލަބޮލި މާޙައުލުގައި، މި ވާދަވެރި ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެކިފަރާތްތަކުން އެކިގޮތްގޮތަށް އެކިކަހަލަ ކުރިމަތިލުންތަކާ ތިޔަބޭފުޅުން ކުރިމަތިލަމުން ގެންދާއިރުގައި، ދެންމެ މިދެންނެވި ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމާއި، ޤާނޫނަށް ބޯލެނބުން އޮތީ، ޙަޤީޤަތުގައި ކިހާ މިންވަރަކަށްތޯ އެއީ މިއަދު ޑިމޮކްރަސީގެ ވާދަވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ބަޙުޘް ކުރަން ޖެހިފައިވާ ކަމެއް.
އެހެން މިދެންނެވީ، އަޅުގަނޑުމެން ހަނދާނަށް އެބަ އާދޭ، 23 ޖުލައި 2012 ވަނަ ދުވަހުގައި އަޅުގަނޑު އޭރު ހުރީ ހޯމް މިނިސްޓަރަކަށް. ރޭގަނޑުގެ ދަންވަރުގައި ގަޑިން 12 ޖަހާ 10 މިނެޓެއްހާއިރު ހޭދެވެގެން ފާއިތުވެގެން ދިޔައީ. އަޅުގަނޑުގެ ހަނދާނަށް އެބަ އާދޭ، އެވަގުތު އަޅުގަނޑަށް އައި ފޯނު. ކ. ކާށިދޫގައި ޕޮލިސް ލާންސް ކޯޕްރަލް އާދަމް ޙަލީމް ޑިއުޓީއަށް، ޚިދްމަތަށް ވަޑައިގަންނަވަނިކޮށް ޝަހީދުކޮށްލި ޚަބަރު. ޒުވާން ފުލުހެއް، މުރާލި ފުލުހެއް. ހީވާގިކަމާއެކު ޚިދްމަތް ކުރުމަށްޓަކައި އަދި މި ޚިދްމަތުގެ ތެރެއިން އުޖާލާ މުސްތަޤްބަލެއް، ކުރިއެރުމަކަށް ވަރަށް ފޮނި އުންމީދެއް ދެކެމުން އައި، ހަމަ އަޅުގަނޑުމެންގެ ބައްޕައަކާއި މަންމައަކަށް ލިބިފައިވާ ވަރަށް ޒުވާން ދަރިއެއް. ބައްޕައަކަށްވީތާ މާގިނަ ދުވަހެއްނުވޭ. ތުއްތު ދަރިއަކު، އަނބިމީހާގެ އުނގަށް ދޫކޮށްފައި، ކެއުން ބުއިމަށްޓަކައި، މުސްތަޤްބަލަށްޓަކައި ފަޚްރުވެރިކަމާއެކީގައި ޔުނިފޯމްގައި ނުކުތީ. ވަޅި ހަރައި އަނިޔާވެރިކަމާއެކު ޝަހީދުކޮށްލީ އެއްވެސް ކުށެއް އޮވެގެނެއް ނޫން. މި ޙާދިޘާ މިފަދަ ދުވަހެއްގައި ހަނދާންކުރަންޖެހެނީ ސަބަބަކަށްޓަކައި. މިފަދަ ޙަފްލާތަކަކީ ހަމައެކަނި އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކާއި، ފާއިތުވި ދުވަސްތަކުގެ ވާހަކަ ދައްކާފައި، އެއްކިބާވުމަށްވުރެ މުހިންމު ޙަފްލާތަކެއް. އެދުވަހުގެ އެ ޙާދިޘާ ހިނގަން ދިމާވީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ވާދަވެރި މާޙައުލުގެ ތެރޭގައި، ފުލުހުންގެ ޚިދްމަތް، އެ ޚިދްމަތާ ދޭތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ދައްކައި، ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި، މި ޚިދްމަތަކީ ތަހުޒީބު މުޖުތަމަޢުތަކުގައި، ޤާނޫނު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ގޮތުގައި ޝައްކު އުފެއްދުމުގެ ތެރެއިން ނިކުމެގެންދިޔަ ނަތީޖާއެއް.
މިއަދު އަނެއްކާވެސް އަޅުގަނޑުމެން މިތިބީ އުފާވެރި މުނާސަބަތެއް ފާހަގަކުރަން. 2004 އޯގަސްޓް 12، 13 މި ރާއްޖެއަށް ހަލަބޮލި ދުވަހެއްކަން، އަޅުގަނޑުމެންގެ ތާރީޚީ ޞަފްޙާތައް ހެކިވާނެ. އެހެން ނަމަވެސް، ދިވެހި ފުލުހުން މިއަދުވެސް ހީވާގިކަމާއެކީގައި ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްތެރި، އަމާނާތްތެރި، ރައްކާތެރި މުޖްތަމަޢެއް ފޯރުކޮށްދިނުމަށްޓަކައި އޭރުވެސް މަސައްކަތް ކުރެއްވީ، މިއަދުވެސް ހަމަ ތިޔަ މަސައްކަތް ކުރައްވާ ބީދައިން ސާބިތުކަމާއެކީގައި. މާފުށީ ޖަލުން ދޯންޏަކަށް އަރައިގެން ފިލަން ނިކުތް ޤަޢިދީންތަކެއް ހުއްޓުވުމަށްޓަކައި ކުރި މަސައްކަތުގެ ތެރޭގައި، ޕޮލިސް ސަރޖެންޓް ޙުސައިން މާޒީއަށާއި، އަޙްމަދު އިސްމާޢީލަށް ތޫނު ހަތިޔާރުން ޙަމަލާދިން. ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތީ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި، މިއަދު މި ސާބިތުކަމާއެކީގައި މި ޚިދްމަތް ދިނުމުގައި ރައްޔިތުންގެ ރައްކާތެރިކަމާއި، ރައްޔިތުންނަށް އަމާން ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމުގައި، ފުލުހުން ޚިދްމަތް ކުރައްވަނީ، ތަހުޒީބު މުޖްތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި ޤާއިމްކުރަން. މި މަސައްކަތް މި ކުރަނީ، ޤާނޫނު ދަމަހައްޓަން. ޤާނޫނު ރައްކާތެރިކުރަން. އެހެން ނަމަވެސް، އެދުވަހުވެސް ޤާނޫނަށް ކިޔަމަންނުވެ، ޤާނޫނަށް ޙުރްމަތްތެރިނުވުމުގެ ނަތީޖާ ތަޙައްމަލުކުރީ، އަނިޔާވެރި ޢަމަލުތަކުން ދިވެހި ފުލުހުން.
ޢިއްޒަތްތެރި ލޮބުވެތި ޙާޒިރީން، ކޮމިޝަނަރ އޮފް ޕޮލިސް، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:
ޤައުމެއްގެ ސިޔާސީ ވެރިންނާއި، އެ ޤައުމެއްގެ ސިޔާސީ ޖަމާޢަތްތަކާއި، އެޤައުމެއްގައި މަސައްކަތް ކުރައްވާ ފަރުދުންގެ ފަރާތުން ޤާނޫނަށް ޙުރްމަތްތެރިކޮށް ބޯލަނބާތަން ފެނިގެން ދިޔުމަކީ، މުޅި މުޖްތަމަޢަށް ކުރިއެރުން ލިބިގެންދާނެކަމެއް. އެތަން ފެނިގެން ދިޔުމަކީ، އެޤައުމަކަށް ވިޔަފާރީގެ އިތުބާރު ލިބިގެންދާނެ ކަމެއް. އެއީ، ދުނިޔޭގެ ޙަޤީޤަތް. ދެންމެ މިޖަލްސާގެ ތެރެއިން އަޅުގަނޑުމެންނަށް، އައްޑޫސިޓީގެ މޭޔަރުގެ ވާހަކަފުޅުންވެސް އެކަން ފާހަގަވެގެން ހިނގައްޖެ. ކުރީގައި ނެތް ވިޔަފާރިތައް އައްޑުއަށް އަތުވެއްޖެ. އަދި އައްޑޫ ރައްޔިތުންނަކީ ތަރައްޤީއަށް ވަރަށް ލޯބިކުރާ ރައްޔިތެއް. އެކަމަށްޓަކައި މަސައްކަތްކުރާ ރައްޔިތެއް. ޚާއްޞަ ގޮތެއްގައި، ވިޔަފާރިއަށްޓަކައި މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެއް. ފަތުރުވެރިކަމުގެ ވިޔަފާރީގައި ރާއްޖޭގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް މިއަދާ ހަމައަށް ޙާޞިލް ކުރަމުންދާ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެއް. މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، އައްޑޫގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުންދިޔަ އުންމީދު، ޙަޤީޤަތަކަށްވެ، އިރާދަކުރެއްވިއްޔާ އައްޑުއަތޮޅާ ހަމައަށް މިއަދު މިވަނީ ފަތުރުވެރިކަން އައިއްސަ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، ރައީސް ޔާމީނާއި އަޅުގަނޑުމެންގެ ސަރުކާރުން އައްޑުއަތޮޅުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި އައްޑޫގެ އެއަރޕޯޓް ތަރައްޤީކުރުމާއެކީގައި، އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމީ، اِنْشا الله އަޅުގަނޑުމެންގެ ސަރުކާރުން ކުރިއަށް ގެންދާނެ ކަމެއް ކަމުގެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
އެޔާއެކީގައި، ދެންމެ މޭޔަރުގެ ވާހަކައިގައިވެސް ފާހަގަވެގެންދިޔަ ފަދައިން، މިފަދަ ކޮންމެ ވިޔަފާރިއަކާއެކީގައި، އެބަ ބޭނުންވޭ ރައްކާތެރިކަން، ސަލާމަތްތެރިކަން. ފަތުރުވެރިންނަކީ އަޅުގަނޑުމެންގެ މުޖްތަމަޢަށް، ޚާއްޞަކޮށް، ރާއްޖެއަށް، ރާއްޖޭގެ ޞުލްޙަވެރިކަމަށް، ރާއްޖޭގައި އޮންނަ ރައްކާތެރި މާޙައުލަށް އިތުބާރުކޮށްގެން، މި ރާއްޖެއަށް އަންނަ ބައެއް. ވަރަށް ދުރަށް މި އަންނަނީ. އެއީ ހުރިހާ ހިސާބެއްގައިވެސް މިފަދަ ކަންތައްތައް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ކުރިއެރުވުމަށްޓަކައި ޢަމަލުކުރަމުންދާގޮތް. އެހެންވީމާ، ސިޔާސީ ފަރާތްތަކުންނާއި، ސިޔާސީ ޖަމާޢަތްތަކުންނާއި، ފަރުދުންނަކީ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށް ވާންޖެހެނީ. ތަރައްޤީއޭ އަޅުގަނޑުމެން މިކިޔަނީ މިއަދު އެކަންތަކަށް. މިއަކީ ހަމައެކަނި ރާއްޖޭގެ ނައިބު ރައީސެއްގެ ޙައިޘިއްޔަތުން އައްޑޫސިޓީގައި އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، އެކަންތައް އޮތްގޮތް. އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރި ކޮންމެ ވަގުތެއްގައި، ދުނިޔޭގެ ކަންކަން ހިނގާގޮތަށް އަޅުގަނޑުމެން ޙަވާލާ އެބަދެން. އަޅުގަނޑުމެން އެބަ ބުނަން، ކުރިއަރާފައިވާ ޤައުމުތަކުގައި މިހެންނޭ، ހުޅަނގުގައި މިހެންނޭ، އިނގިރޭސިވިލާތުގައި މިހެންނޭ، އެމެރިކާގައި މިހެންނޭ ކަންތައްތައް އޮންނަނީ. މިއަދު ބެލިކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އިވިގެން ދަނީ އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި ޙަރަކާތްތެރިވާ ބައެއް މެންބަރުން ހޭދަކުރި ޚަރަދުތައް، ޤާނޫނުގެ އިމުގެ ބޭރުން ކޮށްފައިވާތީ، އެބޭފުޅުން މަޤާމު ދޫކުރައްވަން ޖެހިވަޑައިގެންފައިވާ ޚަބަރު. އެއްވެސް މީހަކު ޤާނޫނަށްވުރެ މައްޗަކަށް ނުދާނެކަން، ތަރައްޤީވެފައިވާ ޤައުމުތަކުގައި އަބަދުވެސް އެބޭފުޅުން ތަމްސީލުކޮށްދެއްވާ. އިނގިރޭސިވިލާތުގައި މިގޮތަށް ފެނިގެންދާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، ރާއްޖެއާ އެއްވައްތަރަކަށް، އެއް ނިޒާމެއް، ވެރިކަމެއް ހިންގަމުންގެންދާ އެމެރިކާގައި، ހަމަ މިގޮތަށް އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީގައި ޙަރަކާތްތެރިނުވާތަން ދައްކާތަން. ކުރީގެ ރައީސްކަން ކުރެއްވި ބިލް ކްލިންޓަންގެ މައްޗަށް މަޤާމުން ޢަޒުލު ކުރުމަށްޓަކައި ހިންގި ޝަރީޢަތަކީ އެއީ އަޅުގަނޑުމެން އެންމެންވެސް ކަނުލާ އަޑުއަހައި، ޝައުޤުވެރިކަމާއެކީގައި ބަލަމުންދިޔަ ކަންތައްތަކެއް. އޭގެ ކުރީގައިވެސް މިފަދަ އެތައް މައްސަލަތަކެއް ހިނގާފައިވޭ.
މިއަދު ރާއްޖޭގައި އަޅުގަނޑު ދެކޭގޮތުގައި، މިފަދަ އުފާވެރި އިޙްތިފާލު އަޅުގަނޑުމެން ފާހަގަކުރަމުންދާއިރުގައި، އަޅުގަނޑުމެން ހަނދާނަށް ގެންނަން އެބަޖެހޭ، ރާއްޖޭގެ ސިޔާސީ ޖަމާޢަތަކީ، ނުވަތަ ޖަމާޢަތްތަކަކީ ރައްޔިތުންގެ ސިޔާސީ ފިކުރު އުފައްދާ މަދްރަސާތަކަކަށްވާ ފަދައިން، އެ އުފައްދާ ފިކުރުތަކަކީ، ނުވަތަ ދޭ ފިލާވަޅަކީ، އަމާންކަމާއި، ޞުލްޙަވެރިކަމާއި، އެއްބައިވަންތަކަން އުފައްދާ ފިކުރު ކަމަށް އަޅުގަނޑުމެން ޔަޤީންކުރަން އެބަޖެހޭ. އެހެން ނަމަވެސް، އޭގެ ބަދަލުގައި ސިޔާސީ ޖަމާޢަތްތަކުންނާއި، ސިޔާސީ ފަރުދުން ދައްކާ ވާހަކަތަކަކީ، އަމާންކަމާއި ޞުލްޙަވެރިކަން ނަގާލައި، އެވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް މީގެކުރިން ފެނިގެން ގޮސްފައިވާފަދަ ހިތާމަވެރި ޙާދިޘާތަކާ ކުރިމަތިލާންޖެހޭ ވަގުތުކަމަށް ވެއްޖެ ކަމުގައިވާނަމަ، އެއްވެސް ޝައްކެއްނެތް، މުޖްތަމަޢު ހަމަ ރޯނެ، ހިތާމަކުރާނެ.
މިވާހަކަ އަޅުގަނޑު މިދައްކަނީ، މި ޤައުމަށް މިއަދު ތިޔަބޭފުޅުން ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާއިރުގައި، ތިޔަބޭފުޅުންގެ ޚިދްމަތާ އެއްވަރަށް، ހަމަ ޝަކުވާތައްވެސް ބައެއް ފަރާތްތަކުން ކުރައްވާ. އަދި އެ ޝަކުވާތަކުގެ ތެރޭގައި، ރަނގަޅު ކުރަންޖެހޭ ކަންތައްތައްވެސް އެބަހުރި. އެއީ މުއައްސަސާއެއްގެ ޙައިޘިއްޔަތުން ހަމަ ކޮންމެ މުއައްސަސާއެއްގެ ތެރޭގައިވެސް ހުންނާނެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބައިވަރު. ޝަރުޢީ ނިޒާމުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ވަރަށްގިނަ. ސަރުކާރު ހިންގުމުގެ ދާއިރާގައި، އަޅުގަނޑުމެންނަށް މިދިޔަ 100 ދުވަސް ތެރޭގައިވެސް އެތަކެއް ކަމެއް ފާހަގަކުރެވިއްޖެ. ފޯނުތަކަށް ޖަވާބުދާރީނުވުމާއި، ރައްޔިތުންނަށް ޚިދްމަތް ދިނުމުގައި، ހީވާގިކަމާއެކީގައި އެ ޚިދްމަތް ދޭތަން ފެނިގެން ނުދިޔުމާއި، ހަމައެޔާއެކީގައި، ޝަކުވާތައް އަޑުއެހުމުގައި، ރައްޔިތުންނަށް އެކަށީގެންވާފަދަ މާޙައުލެއް ފޯރުކޮށްނުދިނުންފަދަ އެތައް ކަމެއް، ވެރިކަން ހިންގުމުގެ ދާއިރާގައިވެސް ފެނިގެންދޭ. އެކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް އެބަދޭ. އެހެން ނަމަވެސް، މި ރާއްޖޭގައި ދެންމެ މިދެންނެވި ފަދައިން، ތަހުޒީބު މުޖްތަމަޢަކަށް މަސައްކަތް ކުރާތީ، އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނުގެ ޙުކުމް ދަމަހައްޓަން މަސައްކަތްކުރާ ރައްޔިތުން ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެންދާ ޚަބަރުތައް 29 މެއި 2012 ވަނަ ދުވަހު އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ.
އަޅުގަނޑު މިއަދު މިވާހަކަތައް މި ދައްކަންޖެހެނީ، މި އިޙްތިފާލަކީ އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކަށް ރާއްޖޭގެ މުޖްތަމަޢުގެ އަމަންއަމާންކަން ރައްކާތެރިކުރުމަށްޓަކައި، ޤާއިމްކުރުމަށްޓަކައި ރަނގަޅު ކުރަން ޖެހިފައި ހުރި ކަންތައްތައް އިތުރަށް ރަނގަޅު ކުރުމަށް އަޅުގަނޑުމެން އެންމެންވެސް ތެދު ނިޔަތާއެކީގައި މަސައްކަތް ކުރާނެ ވަގުތަކަށްވާނެ. އަޅުގަނޑު 2012 މެއި 29 ވަނަ ދުވަހު، މި ރާއްޖޭގެ ސިޔާސީ ވެރިއަކު، [އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ލިބުނިއްޔާ، ތަޅަން ނެރެ ހަމަ މާލެތެރެއިން ތަޅާނެ ކުދިންތަކެއް ހޯދާފައި ފުލުހުންނާ ތަޅަން ކަމަށް.] މިއީ މިއަދު ޤާނޫނަށް ޙުރްމަތްތެރިކޮށް ހިތުމުގެ ޘަޤާފަތު، ރާއްޖޭގެ މުޖްތަމަޢުގައި އަޅުގަނޑުމެން އާލާކުރަން މަސައްކަތް ކުރަމުންދާ ވަގުތުގައި، ރާއްޖޭގެ މުޖްތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ގޮންޖެހުންތަކެއް.
ހަމައެޔާއެކީގައި، ތިޔަބޭފުޅުންގެ ޚިދްމަތް، ކުރިއަށް މިއޮތް ދުވަސްތަކުގައި އަދި މިހާރުވެސް ރައްޔިތުން ވަރަށް ގާތުން ބަލަމުން އެބަގެންދޭ. މިފަދަ އިޙްތިފާލުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ކުރަންހުރި ކަންތައްތަކުގެ މައްޗަށް ވިސްނަންޖެހޭ. 5 ނޮވެމްބަރ 2012 ވަނަ ދުވަހު، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މައްޗަށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ދަޢުވާކުރަން ފޮނުވި މައްސަލައަކީ އެއީ، މިއަދު އަޅުގަނޑުމެން ވިސްނައި، އެކަމާ ދޭތެރޭގައި ފުންކޮށް ނަޒަރު ހިންގަންޖެހޭފަދަ މައްސަލައެއް. ފުލުހުންގެ ތެރޭގައިވެސް، ޚިދްމަތްތަކުގެ ތެރޭގައި ތިއްބަވާއިރުވެސް، ސިޔާސީ ނުފޫޒުގެ ތެރެއަށް ފުލުހުން ހިޖުރަކޮށް، ފުލުހުންގެ ފަރާތުން ޤާނޫނަށް އަރައިގަތުމުގެ އެއްވެސް ޢަމަލެއް ފެނުމަކީ، އެއީ މުޖްތަމަޢު އެކަމާ ދޭތެރޭގައި ހިތާމަކުރާނެ ކަމެއް. އެހެންވީމާ، 5 ނޮވެމްބަރ 2012 ވަނަ ދުވަހު، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މައްޗަށް ޖިނާއީ ކުށުގެ ދަޢުވާ ކުރުމަށްޓަކައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ފޮނުވާފައިވަނީ ސިޔާސީ ބޭނުމަކަށްޓަކައި، އެއްހަފްތާގެ ތެރޭގައި ފަސްފަހަރު މީހަކު ހައްޔަރު ކުރުމުގެ ކުށުގައި.
ޢިއްޒަތްތެރި ކޮމިޝަނަރ އޮފް ޕޮލިސް، ދިވެހި ފުލުހުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:
އެއްވެސް ޝައްކެއްނެތްގޮތުގައި، މިފަދަ އުފާވެރި ޙަފްލާއެއްގައި، ދިވެހި މުޖްތަމަޢު މިއަދު ނިންމަންޖެހެނީ، އެއްވެސް ފަރުދަކަށްވުރެ، އެއްވެސް ޝަޚްޞަކަށްވުރެ، އެއްވެސް ސިޔާސީ ޕާޓީއަކަށްވުރެ، ދިވެހި މުޖްތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން މުހިންމުކަން. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތްތެރިކަން، ސިޔާސީ ފިކުރަކަށްވުރެ ބޮޑުކަން. ސިޔާސީ ޖަމާޢަތަކަށްވުރެ ބޮޑުކަން. އަދި ސިޔާސީ ޖަމާޢަތްތަކަކަށްވުރެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް ބޮޑުވާނެކަން. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ތަހުޒީބު މުޖްތަމަޢަކަށް މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތެރެއަށް މިޒަމާނުގެ ކުރިއެރުން ގެނައުމަށްޓަކައި ތަކުރާރުކޮށް ވަކާލާތުކޮށް، އެކަމަށްޓަކައި އަޅުގަނޑުމެން ބަޙުޘްކޮށް، ބޮޑެތި ހޭދަތައްކޮށް، މިކަންތައްތައް ކުރަމުންދާ މިފަދަ ވަގުތެއްގައި މިއަދު ޤައުމީ ފެންވަރުގައި، ރާއްޖޭގެ ރައްޔިތުން، ސިޔާސީ ޖަމާޢަތްތަކުން އެބަ ނިންމަންޖެހޭ، ވަކި ފަރުދަކަށްވުރެ، ވަކި މީހަކަށްވުރެ، ވަކި ޝަޚްޞަކަށްވުރެ، ވަކި ސިޔާސީ ލީޑަރަކަށްވުރެ، ޤައުމީ ސަލާމަތްތެރިކަން މުހިންމުކަން. އެބަ ނިންމަންޖެހޭ، ރާއްޖެއަކީ ތަހުޒީބު މުޖްތަމަޢެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާ ކަމުގައިވާނަމަ، ސިޔާސީ ފިކުރުގެ ތެރެއިން ޤައުމީ ފިކުރަށް އިސްކަންދޭން. އެއްވެސް ޝަޚްޞެއްގެ ޤައުމީ ވިސްނުމުގެ މައްޗަށް، ސިޔާސީ ފިކުރު ވެރިވެ، އެ ފިކުރަކީ ޤައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ފިކުރެއް ކަމުގައި ވެއްޖެ ކަމުގައިވާނަމަ، ސިޔާސީ ޕާޓީތައް އެފަދަ ފަރާތްތަކަށް އަލްވަދާޢު ކިޔަންޖެހޭ. ރާއްޖޭގެ މުޖްތަމަޢަށް އެ ފިނިކަން އަންނަންޖެހޭ.
މިއަދު މިވާހަކަ މިގޮތަށް ދައްކަން މިޖެހެނީ، އަޅުގަނޑުމެން ހުއްޓި މި ތިބި މަޤާމަށް އަޅުގަނޑުމެން ނަޒަރުކުރަން ޖެހޭތީ. ރާއްޖެއަކީ ޖަޒީރާތަކެއްގެ މައްޗަށް ބެހިފައިވާ ޤައުމެއް. ދެންމެ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، ވަސީލަތްތައް ބޭނުން ވާހަކަ. ރާއްޖޭގެ ރައްޔިތުން އެކަމަށް އެބަ އެދޭ. އަޅުގަނޑުމެން ދަތުރުކުރާ ކޮންމެ ހިސާބެއްގައި، އަޅުގަނޑުމެންގެ ރައްޔިތުން އެބަ އާދޭ، ފުލުހުންގެ ޚިދްމަތް ބޭނުންކަމާއި، ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމާއި، ކުށްކުރާ މީހުންގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އަނިޔާތަކުން ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް އާދޭސް އެބަކުރޭ. މިއަދު މިތާނގައި އަޅުގަނޑުމެން މި ޙަފްލާ ފާހަގަކުރަމުންދާއިރުގައި، މިއަދާއި ރެޔާއި އިއްޔެއިން ފެށިގެން އަޅުގަނޑުމެންނަށް ހިތާމަޔާއެކު އަޑުއެހީ، ހިތަދޫގައި ޢުމުރުން ދުވަސްވެފައިވާ، އަޅުގަނޑުމެންގެ ދުވަސްވީ ރައްޔިތަކު އަނިޔާވެރިކަމާއެކީގައި މަރާލާފައި އޮތް ކަމަށް. މިއީ، މިއަދު އަޅުގަނޑުމެން ކުރިއަށްދާ މުޖްތަމަޢު. އެހެންވީމާ، އަޅުގަނޑުމެން ސަލާމަތާއި ރައްކާތެރިކަމަށް މި އެދެނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނެ ޚިދްމަތްތެރިންތަކެއް ޙަރަކާތްތެރިވާން.
އެކަމަކު މިއަދު ހީވާގިކަމާއެކީގައި މަސައްކަތް ކުރަމުންދާ ފުލުހުންނަށް، އައްޑޫސިޓީގައި ޙަރަކާތްތެރިވަމުންދާއިރުގައި ހަނދާނަށް އަންނާނެ، 8 ފެބްރުއަރީ 2012. ދެންމެ ފަޚުރުވެރިކަމާއެކީގައި ކޮމިޝަނަރ އޮފް ޕޮލިސްވެސް ވިދާޅުވެއްޖެ، އެ ވާހަކަތައް. އަޅުގަނޑު ތިޔަބޭފުޅުންގެ ވީޑިއޯ ޕްރެޒެންޓޭޝަން ބަލަން އިންއިރުގައި، އަޅުގަނޑަށް ފަހުމްވި، ރާއްޖޭގައި ފުލުހުންގެ ޚިދްމަތް ފެށިގެން ދިޔުމަށްފަހުގައި، މާލެ ފިޔަވައި އެންމެ ފުރަތަމަ ފުލުހުންގެ ޚިދްމަތް ޤާއިމްވެގެންދިޔައީ އައްޑޫސިޓީގައި ކަމަށް. އަދި އަޅުގަނޑަށް ފެނިގެންދިޔަ، ވަރަށް ރީތި ޢިމާރާތްތަކެއް. އެންމެ ފުރަތަމަ ޤާއިމުކުރެވުނު ޕޮލިސް ސްޓޭޝަން، މާލެއިން ބޭރުގައި، އައްޑޫގައި ޤާއިމްވި ވާހަކަ، ޕްރެޒެންޓޭޝަންގައި ވިދާޅުވި. މިއަދު ސުވާލުކޮށްލަން އެބަޖެހޭ، އެ ޕޮލިސް ސްޓޭޝަން ކޮބައިތޯ؟ މިއަދު ސުވާލުކުރަން އެބަޖެހޭ، އަޅުގަނޑުމެން ތިޔަ ހުރިހާ ފުލުހުން، އަދި ޚިދްމަތަށް އަލަށް ވަޑައިގަންނަވާ ކުދިންނަށްވެސް މިއަދު އަސާސީ ތަމްރީނުތައް ހޯދުމަށްޓަކައި ޖެހިފައިވާ ތަކުލީފު މި ދިމާވީ ކީއްވެގެންތޯ؟ ރާއްޖޭގައި ހުރި އެންމެ ފުރަތަމަ ހެދުނު ޕޮލިސް އެކަޑަމިކް ޤާއިމްވެފައި ހުރީ މި ފަޚުރުވެރި ފަސްގަނޑުގައި، އައްޑޫގައި، ހިތަދޫގައި. އެންމެ ކްލާސްރޫމެއްގެ ކުލަ ބަދަލުކުރުމަށް، މި ފަޚުރުވެރި ސްކޫލްގައި މިތާނގައި މިހާރު ތިބެވޭއިރުވެސް މިތަނުގެ ހޫނު ވާހަކަ އަޅުގަނޑު މިދައްކަނީ. އެކަމަކު މިއީވެސް ހަމަ ބަޔަކު ބޭނުންވާނެ، މާދަމާވެސް މިތަން އެއަރ ކޮންޑިޝަން ކޮށްފައި ހުންނަން. އެކަމަކު ނުވެ ހުރި ތަނެއް. އެއީ މިއަދު ރާއްޖޭގައި ކުރަން ޖެހިފައިވާ ކަންތައްތައް ގިނައީ. ދުއިސައްތަ އެތައް ރަށެއް، މީހުން ދިރިއުޅޭ. ކޮންމެ ރަށެއްގައި ނަރުދަމާ ބޭނުންވޭ. ސާފު ބޯފެން ބޭނުންވޭ. ގިރަމުންދާ މައްސަލައަށް ޙައްލު ބޭނުންވޭ. ވަރަށް ޙާލުގައި ރާއްޖޭގެ ރައްޔިތުން އެބައުޅޭ. އަޅުގަނޑުމެން ދަތުރުކޮށްފީމު، ރާއްޖޭގެ އުތުރު، ދެކުނު ހުރިހާ ހިސާބަކަށް. ސާފު ބޯފެން، ސާފު ފެން ނުލިބޭ ރައްޔިތުން ވަރަށްގިނަ. ރަށް ގިރުމުގެ މައްސަލަ އިންތިހާ. އެކަމަކު މިގޮންޖެހުމުގެ ތެރޭގައި، މިއަތޮޅަށް އައިސްފައިވާ ތަރައްޤީ ހަނދާންކޮށްލަން އަޅުގަނޑުމެންޖެހޭ.
ނެތްވަރުގެ ޕޮލިސް އެކަޑަމީއެއް ޤާއިމުކޮށް، އާރޯ ތާޒާކަމާއެކީގައި އޮތް ހަތްދިހަ ވެރިކަން އެ އެކަޑަމީގެ ތެރޭގައި އޮތް. ފުލުހުންގެ ފުލް އެކޮމޮޑޭޝަން ބްލޮކެއް ހުރި. ހިތަދޫގެ ޕޮލިސް ސްޓޭޝަން ހުރި. މިއަތޮޅުގެ އެކިތަންތާނގައި އެންމެ މިޒަމާނުގެ، އެންމެ ބޮޑެތި، އެންމެ ބިޔަ ޕޮލިސް ސްޓޭޝަންތައް ހުރި. އޭގެ ބޭރުން ރާއްޖޭގެ ޤާނޫނުގެ ޙުކުމާއި ޝަރީޢަތުގެ ޙުކުމަށް ބަލައިލި ކަމުގައިވާނަމަ، އައްޑުއަތޮޅަކީ މުޅި ދިވެހި ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަސްގަނޑެއް. މިއަތޮޅަކީ އައްޑޫ ބޮޑު ފަނޑިޔާރުން ފެށިގެން ފަޚްރުވެރި ދަރިން އުފެއްދި ފަޚްރުވެރި ފަސްގަނޑެއް. އައްޑުއަތޮޅުން ފަނޑިޔާރުކަން ކިޔަވައި ވިދާޅުވެގެން މާލެއަށް ބޭބޭފުޅުން ވަޑައިގެން ވާހަކައަކީ، ތާރީޚުގައި އޮޅުމެއްނެތްގޮތަށް ސާފުކޮށް ލިޔެފައި ހުރި ވާހަކަ. އެއީ މި ފަސްގަނޑު. މިތަނުން އުފެއްދީ ޢާލިމުން. މިތަނުން އުފެއްދީ ފަނޑިޔާރުން، ޤާޟީން، ނައިބުން، ރާއްޖޭގައި ނެތްވަރުގެ ޖުޑީޝަލް ވިސްނުންތައް އުފެއްދި ފަސްގަނޑު. އެޔާއެކީގައި މި ފަސްގަނޑުގައި ރައްކާތެރިވެފައި އޮތީ އެންމެ ދުވަސްވީ ލިޔެކިޔުންތައްވެސް. މަޙްކަމަތުއް ޝަރްޢިއްޔާ، އަދި އޭގެ ކުރިއްސުރެ ފެށިގެން ހުރި ރާއްޖޭގެ އަގުހުރި ތަރިކަތައްވީ މި ފަސްގަނޑުގައި. އެކަމަކު މިއަދު މިދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރުގައި، އަޅުގަނޑުމެން ހަނދާންކޮށްލަން އެބަޖެހޭ، މި ތަރިކަ މިއަދު ވީހިސާބު. 8 ފެބްރުއަރީ 2012އާ އެކީގައި، އެތަކެއް ޒަމާންވީ ތަރިކަ، ދާއިމަށްޓަކައި ކަފުންވެ، ޒަޚަމްވެގެން ހިނގައްޖެ. އެ ކޯޓުތައް އަންދާލުމާއެކީގައި، މި ރާއްޖޭގެ ތާރީޚުގެ އަގުހުރި ލިޔެކިޔުންތައް އަބަދަށްޓަކައި އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފި. ޢިމާރާތްތައް ފަހުގެ ތާރީޚެއްގައި އަނބުރާ ގެނެވިދާނެ. ތާރީޚީ ލިޔުންތަކާއި، ތާރީޚުގެ އަގުހުރި ތަރިކަތަކަކީ އިޢާދަނުކުރެވޭނެ ބޮޑެތި އަގުހުރި ގެއްލުންތައް، އޭގެތެރެއިން ލިބިގެންދިޔައީ. މިއިން ކޮންމެ ކަމެއް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ ކަމެއް. އެއީ ޤާނޫނަށް ތަބަޢަވާ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ މުޖްތަމަޢެއް ބިނާވެގެން ނޫނީ، އެތަނަކަށް ކުރިއެރުމެއް ނާންނާނެކަން. ޤާނޫނަށް ކިޔަމަންތެރިވެ، ޤާނޫނުގެ ޙުކުމް ދަމަހައްޓައި، ޤާނޫނަށް ތަބަޢަވެ، ޤާނޫނަށް ބޯލަނބަނީ ވަކި ފަރުދެއްގެ ރައްކާތެރިކަމަކަށް ނޫން. ވަކި މީހެއްގެ މަޞްލަޙަތަށްޓަކައެއް ނޫން. ވަކި ގްރޫޕެއްގެ މަޞްލަޙަތަކަށްވެސް ނޫން. ވަކި ސަރުކާރެއްގެ މަޞްލަޙަތަކަށްވެސް ނޫން. ވަކި ސިޔާސީ ޖަމާޢަތެއްގެ މަޞްލަޙަތަކަށްވެސް ނޫން. އެއީ މުޅި މުޖްތަމަޢުގެ ސަލާމަތަށްޓަކައި. ކޮންމެ މީހެއްގެ ރައްކާތެރިކަމަށްޓަކައި.
މިއަދު 8 ފެބްރުއަރީން ފެށިގެން މިއަދާ ހަމައަށް މިވީ 788 ދުވަސް. އަދިވެސް ޕޮލިސް އެކަޑަމީ ވުޖޫދަށް ނާދޭ. އަޅުގަނޑުމެންގެ ފުލުހުން ނިދާ ތަންތަން އަޅުގަނޑުމެންނަކަށް އަދިވެސް ހަމައެއްނުޖެއްސޭ. އަޅުގަނޑުމެންނަށް ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުން ތިބޭނެ ތަނުގެ ގޮންޖެހުމަކަށް އަދިވެސް ޙައްލެއް ނުލިބޭ. މިއަދު ތަހުޒީބުގެ ވާހަކައާއި، ކުރިއެރުމުގެ ވާހަކައާއި، ތަރައްޤީ އަޅުގަނޑުމެން ބޭނުންވާ ވާހަކަ ދައްކާއިރުގައި، މިއީ އަޅުގަނޑުމެން މިފަދަ ދުވަހެއްގައި ހަނދާންކޮށްލަންޖެހޭ ކަމެއް. އެންމެ ކްލާސްރޫމެއް އަޅުގަނޑުމެންނަށް، އެއަރކޮންޑިޝަން ނުކުރެވިގެން އެތަކެއް އަހަރު ހޭދަކުރަންޖެހޭއިރުގައި، މި ލިބިދިޔަ ބޮޑެތި ގެއްލުންތައް ފޫބެއްދުމަށްޓަކައި ކިތައް އަހަރު ނަގާނެތޯ، ކިތައް ދުވަސް ނަގާނެތޯ މިއަދު މި އިޙްތިފާލު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ވިސްނުމަށް އަޅުގަނޑުމެން ގެންނަން އެބަޖެހޭ.
ޢިއްޒަތްތެރި ކޮމިޝަނަރ އޮފް ޕޮލިސް، ކޮމިޝަންގެ އޮފިސަރުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:
މިއަދުގެ ސަރުކާރު މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ރާއްޖޭގެ އަމަންއަމާންކަން ޤާއިމުކުރުމަށްޓަކައި މުއައްސަސާއަށް ބޭނުންވާ މިޒަމާނުގެ ވަސީލަތްތައް ފޯރުކޮށްދޭނެ. މިޒަމާނުގެ ވަސީލަތްތަކުގެ އަލީގައި، ކުށުގެ މާޙައުލު ހޯދައި، ކުށްވެރިން ހޯދުމަށްޓަކައި، އެ ވަސީލަތްތައް މި ސަރުކާރުން ޤާއިމްކޮށްދޭނެ. އައްޑޫސިޓީގެ ބައެއް ސަރަޙައްދުތަކުގައި އަދި ފުވައްމުލަކުގައި މިހާރުވެސް މިވަނީ މިޒަމާނުގެ ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރެވިފައި. މިއީ މިޒަމާނުގެ ވަސީލަތްތައް. ދެންމެ އަޅުގަނޑަށް ވީޑިއޯ ޕްރެޒެންޓޭޝަނުންވެސް ފެނިގެންދިޔަ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، މި ސަރުކާރު ވުޖޫދަށް އައުމުގެ ކުރިންވެސް ވަކާލާތު ކުރަމުންދިޔައީ، ރާއްޖެ ޖިއޮގްރަފީގޮތުން ބެހިފައިވާ ގޮތަށާއި، ރާއްޖޭގެ ރަށްތައް އެކުލެވިފައިވާ ގޮތަށް ބަލާއިރުގައި، ހުރި ގޮންޖެހުންތައް އެއީ، ވަރަށްބޮޑު ގޮންޖެހުންތަކެއް. ކޮންމެ އަތޮޅަކަށް، ކޮންމެ ރަށަކަށް، އެހާ ގިނަ ޢަދަދެއްގެ ފުލުހުން އަދި މިވަގުތު ހޯދުމަކީ، އެއީ މި މުއައްސަސާއަށް އަދި ދައުލަތަށް ކުރެވޭނެވަރުގެ ކަމެއް ނޫން. އެހެންނަމަވެސް، މިޒަމާނުގެ ކުރިއަރާފައިވާ ޤައުމުތަކުގައި މި މަސައްކަތްކުރާ އުޞޫލުން ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ވިސްނުމާއި ކަންކަން އިސްކޮށްގެން، ކުށް މަދުކުރުމާއި، ކުށްވެރިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަންޖެހޭ. އިރާދަކުރެއްވިއްޔާ، މިއަހަރު، ކުރިއަށް މިއޮތް އަހަރު އައްޑޫސިޓީއަށް، ފުވައްމުލަކަށް އަދި ރާއްޖޭގެ އާބާދީ ބޮޑެތި އެހެން ސަރަޙައްދުތަކުގައި، މިޒަމާނުގެ ވަސީލަތްތައް ޤާއިމްކޮށް، ޚާއްޞަ ގޮތެއްގައި ސީ.ސީ.ޓީ.ވީ ކެމެރާއާއި މިފަދަ ވަސީލަތްތައް އިތުރަށް ފުޅާކޮށް ޤާއިމްކުރެވިގެންދާނެ ވާހަކަ އަޅުގަނޑު އުފަލާ އެކީގައި ދަންނަވާލަން.
ހަމައެޔާއެކީގައި، މިއަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ޙައްލު ފޯރުކޮށްދޭނަން. ދެންމެ މޭޔަރުގެ ވާހަކަފުޅުގައި އިޝާރާތް ކުރައްވައިފި. އަޅުގަނޑުމެންވެސް މިދިޔަ ދުވަސްތަކުގައި ކަންބޮޑުވުމާއެކީގައި އަޑުއަހާ އެއްކަމެއް. ޚާއްޞަ ގޮތެއްގައި، އައްޑޫގައި ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން، ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ދުނިޔެ ދޫކޮށްފައި ހިނގައްޖެ، އައްޑޫގައި މި ބޮޑު ލިންކް ރޯޑް ޤާއިމްވުމާއެކީގައި. މިއީ އަޅުގަނޑުމެން ކަންބޮޑުވުމާ އެކީގައި މިއަދާ ހަމައަށްވެސް އަޑުއަހަމުން އަންނަ ވާހަކައެއް. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އެބަޖެހޭ، ފުރާނަތައް ނެތިދިޔުން ހުއްޓުވޭނެ ގޮތްތައް ހޯދަން. އެކަމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރަން. ޚާއްޞަ ގޮތެއްގައި، އާބާދީ ބޮޑު މި އަތޮޅުގައި އަޅުގަނޑުމެން މިކަމަށް ފަރުވާތެރިވާން އެބަޖެހޭ. މޭޔަރުގެ ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވައިފި. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، މާލެ ފިޔަވައި ފުރަތަމަފަހަރަށް ވަކިން ޓްރެފިކް ބެލެހެއްޓޭނެ ޓްރެފިކް ޕޮލިސް، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އައްޑުއަތޮޅުގައި، އައްޑޫސިޓީގައި ޤާއިމްކުރެވިގެންދާނެ، މާތްﷲގެ ރަޙްމަތާއެކީގައި.
ހަމައެޔާއެކީގައި 8 ފެބްރުއަރީ 2012 ގައި ހަލާކުވެ ގޮސްފައިވާ ތަންތަން، އަލުން އެތަންތަން ހުރި ޙާލަތަށް އިޢާދަކުރުމަށް، އައްޑޫގައި ޕޮލިސް އެކަޑަމީއެއް ޤާއިމްކުރުމަށް އަދި އައްޑޫގައި ހުރި ވެހިކަލްތައް ނެތިދިޔުން، އިރާދަކުރެއްވިއްޔާ، އިޢާދަކުރުމަށްޓަކައި ބޭރުގެ ހިލޭ އެހީދޭ ފަރާތްތަކާއި އަދި މީގެއިތުރުން ކުރިންވެސް މިކަމަށް އެހީ ފޯރުކޮށްދެއްވާނެ ކަމަށް އެއްބަސްވެފައިވާ ޤައުމުތަކާ އެކީގައި، އެވާހަކަ ދައްކައި، ލަސްނުވެ އަޅުގަނޑު އުންމީދު މިކުރަނީ، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް އެކަން ތިޔަބޭފުޅުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް.
މިއަދު މި އުފާވެރި ޙަފްލާ އަޅުގަނޑުމެން މި ފާހަގަކުރަނީ، ފުރަތަމަފަހަރަށް މާލެއިން ބޭރުގައި އަތޮޅުތެރޭގައި. މިއީ އެއްވެސް ޝައްކެއްނެތްގޮތުގައި، ވަރަށްގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް. އަޅުގަނޑު ފާހަގަކުރަން، މި ވިސްނުން މިގޮތަށް ނެރުއްވައި، މާލެއެކޭ އެއްފަދައިން އަތޮޅުތެރެއަށް ޚިދްމަތްކުރާނަމަ އަދި މި ޚިދްމަތުގައި އުޅުއްވާ އަޅުގަނޑުމެންގެ ހީވާގިކަމާއެކީ މަސައްކަތްކުރާ އަތޮޅުތެރޭގެ ފުލުހުން، އަތޮޅުތެރެއަށް ނިސްބަތްވާ ފުލުހުންނަށް އަޅުގަނޑުމެން އެބޭފުޅުންގެ ޚިދްމަތްތަކަށް އާއެކޭ ބުނެ، އެ ޚިދްމަތް ބަލައިގަތުމުގެ ގޮތުންވެސް މިފަދަ ދުވަހެއް މިގޮތަށް ފާހަގަކުރާކަމީ އަދި އެކަން އެންމެ ފުރަތަމަ އައްޑުއަތޮޅުގައި، މި ސިޓީގައި ފާހަގަވެގެންދާކަމީ އަޅުގަނޑު ދެކޭގޮތުގައި މިއީ ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް.
އެޔާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއަށް ހަމަޖެހުން ގެނެސްދިނުން. އަޅުގަނޑުމެންނަކީ ހަމަޖެހުމަށް ވަކާލާތުކުރާ ބައެއް. އަދި ހަމަޖެހުން ގެނެސްދިނުމަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެ ބައެއް. އަދި ހަމަޖެހުން ގެނެސްދިނުމަށްޓަކައި، ޞުލްޙަވެރިކަން ރާއްޖެއަށް ހޯދައިދިނުމަށްޓަކައި ބުރަ މަސައްކަތްކުރި އެތަކެއްހާސް ރައްޔިތުން ރާއްޖޭގައި އެބަތިބި. އެކަމަށް މަސައްކަތްކުރާ ރައްޔިތުން މިއަދުވެސް އެބަތިބި. އެކަމަށްޓަކައި މަސައްކަތްކޮށް، އެ މަސައްކަތުގައި ޖަލަށްދިޔަ މީހުން އަޅުގަނޑުމެންނަކީ. ﷲގެ ތަނަވަސް ރަޙްމަތާއެކީގައި، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް މި ސަރުކާރުން ޙައްލު ފޯރުކޮށްދޭނަން.
އަޅުގަނޑު މީގެކުރީގައި ވާހަކަ ދައްކަމުން، މީހަކު މަރުވެދިޔައީ ހިތަދޫގައޭ ބުނެވިފައިވާ ކަމުގައިވާނަމަ އެއީ ކުށެއް. ތިނަދޫ، ދާދި އެއްގޮތަށް މި ދެރަށުގެވެސް ނަންތައް ކިޔަން މިޖެހެނީ. އެހެން ނަމަވެސް، އެއީ ހުވަދޫބަހުން އެހެން ބުނާކަށެއް އަޅުގަނޑަކަށް ނޭނގެ. އައްޑޫބަހުންވެސް އަޅުގަނޑަށް ވާހަކަ ދެއްކެނީ ތަންކޮޅެއް ކޮށިކޮށް. އެހެން ނަމަވެސް، މި އަފިރިންގެ މާޙައުލަށްވުރެ ދުރުން ތިނަދޫގައި ހިނގާދިޔަ ކަމެއް ކަމުގެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ.
އަޅުގަނޑު މިފަދަ ދުވަހެއްގައި، މި އިޙްތިފާލު ނިންމާލަމުން، އަޅުގަނޑުމެންގެ ޛިކުރާ އަޅުގަނޑުމެން އާކުރަން އެބަޖެހޭ. މި މުއައްސަސާގެ ޚިދްމަތުގައި ދުނިޔެ ދޫކޮށްފައި ދިޔަ ހީވާގި ފުލުހުން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ޚިދްމަތުގައި ދެމިތިއްބަވައި، ދުނިޔެ ދޫކުރައްވާފައި ދިޔަ ޚިދްމަތްތެރިން ހީވާގި ފުލުހުންގެ ފުރާނަފުޅަށް اللّـه سبحـانـه وتعـالى ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން. އާމީން. އަދި ރާއްޖޭގެ ރައްޔިތުންނަކީ ރާއްޖޭގެ ފުލުހުންގެ ޚިދްމަތް ބަލައިގަނެ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތަން، ޤާނޫނަށް ލޯބިކުރާ ރައްޔިތެއް ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. މި މަތިވެރި ޚިދްމަތުގައި ހޭދަކުރައްވާ، ޚިދްމަތުގައި ތިއްބަވަނިކޮށް އެކިވަރުގެ އަނިޔާ ލިބި، އެ އަނިޔާ ތަޙައްމަލުކުރި ފުލުހުން، އެ ކުރައްވަމުން ގެންދަވާ މަތިވެރި ޚިދްމަތް، اللّـه سبحـانـه وتعـالى ޤަބޫލު ކުރައްވައި، އެފަރާތްތަކަށް ހެޔޮ ޖަޒާ އެކަލާނގެ މިންވަރު ކުރެއްވުން. ދިވެހިރާއްޖޭގެ މުޖްތަމަޢަކީ ޞުލްޙަވެރި އަމާން މުޖްތަމަޢެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه