ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ކަމުގެ މަޤާމަށް، މައްޗަންގޮޅި ރޮޒޭރިއަމް ޑޮކްޓަރ ޢަޒީމާ އާދަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ގަވަރނަރކަމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ޑޮކްޓަރ ޢަޒީމާ އާދަމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު 11 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑޮކްޓަރ ޢަޒީމާ އާދަމަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ، އެސިސްޓެންޓް ގަވަރނަރު، އަދި ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަޤާމުގައެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1991 ވަނަ އަހަރުގެ މޭ މަހުއެވެ.

ޑޮކްޓަރ ޢަޒީމާ އާދަމް ޕީ.އެޗް.ޑީ ހާސިލު ކުރެއްވީ، އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެއިސެސްޓަރގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.