އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލަމިކް ޔުނިވަރސިޓީއާއި، ޤަޠަރާއި، ކުވޭތާއި އަދި ބޭރުގެ އެހެން ޔުނިވަރސިޓީތަކާއެކު މިކަމާގުޅޭ މަޝްވަރާތައް ހިނގަމުން އެބަދާ ކަމަށް ވިދާޅުވެ، އެކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެނިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ތަރައްޤީއާއި ކުރިއެރުން އަންނަންޖެހޭނީ، ރާއްޖޭގައި ޤާއިމުވެފައިވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން، އަދި އިސްލާމްދީނުގައި ޤާއިމުވެފައިވާ އަޚްލާޤީ ރީތި މިންގަނޑުތަކުގެ ތެރެއިން ކަމަށާއި، މިއީ މިއަދުގެ ސަރުކާރުގެ ވިސްނުން ކަމުގައި ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން ތަޢުލީމީ ނިޒާމަށް ވަރަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ބަޔާންކުރައްވަމުން، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޢަރަބި ބަސް ކިޔަވައިދިނުމާއި، ކީރިތި ޤުރްއާނުގެ ތަޢުލީމު އުނގަންނައިދީ، ތަޢުލީމީ ނިޒާމުގެ ތެރޭގައި އިސްލާމީ އަޚްލާޤިއްޔާތު ކިޔަވައިދިނުން 2015 ވަނަ އަހަރުން ފެށިގެން ތަޢުލީމީ މަންހަޖުގެ ތެރެއިން ތަޢާރުފުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން އަދި މިހާރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ދިވެހި މުޖުތަމަޢަށް އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކަމާއި، މި ދެ މުއައްސަސާއިން ވަރަށް ހަރުދަނާ މުވާޠިނުންތަކެއް އުފައްދާފައިވާކަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާގައި ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައިވެސް އަދި ސަރުކާރުގެ މުހިންމު މަގާމުތަކުގައިވެސް މަޢުހަދުގެ ދަރިވަރުން މިއަދު އެބަ ތިއްބެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މަތީ ތަޢުލީމު އުނގެނުމަށް މިއަދު ދެވިފައިވާ އަހަންމިއްޔަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލައްވަމުން، މަތީ ތަޢުލީމީ އުނގެނޭ ނިސްބަތް މިއަދު ވަރަށް ބޮޑަށް އިތުރުވެ، ތަޢުލީމު ފޯރުވައިދޭ ތަންތަނުގެ ޢަދަދުވެސް އިތުރުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިކަމުން ދޭހަވަނީ، ރާއްޖޭގެ ރައްޔިތުންނަކީ ތަރައްޤީއަށް ކެތްމަދުވެފައިވާ ބައެއްކަމެވެ. ތަރައްޤީގެ މަގުގައި ވަރަށްދުރު ރާސްތާއަކަށް އަދި ޚާއްޞަ މަންޒިލަކަށް ދަތުރުކުރުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވެފައިވާ މިންވަރެވެ. އެހެންނަމަވެސް، މިއަދު ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް މުޅި ރާއްޖެއިން ފުއްދުމަކީ، އެކަށީގެންވާ ކަމެއްކަމުގައިނުވިޔަސް، ބައެއް ދާއިރާތައް ބޭރު މީސްމީހުންނަށް މުޅިން ބަރޯސާ ކުރުމަކީ، ރާއްޖެއަށް އިޤްތިޞާދީ ރޮނގުންނާއި އަދި އިޖުތިމާޢީ ރޮނގުން ކުރިއެރުން ހޯދުމަށް ކުރާ ދަތުރުގައި ގިނަގުނަ ދަތިތައް ކުރިމަތިވެގެންދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވަޒީފާއަދާކުރާ ބޭރު މީހުންގެ ޢަދަދު އިތުރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ބޭރުމީހުންނަށް ބަރޯސާވުމުގެ އަސަރު، ރާއްޖޭގެ އިޖުތިމާޢީ ފޭރާމަށް މިއަދު ކުރަމުންދާތީ، އެކަމާމެދުވެސް ވިސްނަންއެބަޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.