ޖަޕާނަށް ކުރެއްވި ދަތުރުފުޅަކީ، ‏‏ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ޖަޕާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް، ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ ރާއްޖެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މިދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވަމުންނެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން، ‏މިދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ، ޖަޕާނާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ކަމާބެހޭ މަޝްވަރާތައް ކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޭނުންވާ ‏‏މަޝްރޫޢުތައް ގެނައުމަށް ޖަޕާނުގެ ޝައުޤުވެރިކަން ހޯއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏‏‏މިދަތުރުފުޅު އެހާ މުހިންމު ދަތުރުފުޅަކަށް ވެގެންދިޔައީ، މިދަތުރުފުޅަކީ ރާއްޖެއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ‏‏ޖަޕާނު ސަރުކާރަށް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ދަތުރުފުޅަކަށްވާތީ ކަމުގައި ވިދާޅުވިއެވެ. އަދި ޖަޕާނު ސަރުކާރާއި، ޖަޕާނުގެ ޕްރައިވެޓް ‏‏އިންޑަސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް އިންތިޒާމު ކުރެވުނު ބިޒްނަސް ފޯރަމުގެ ސަބަބުން، ޖަޕާނުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ރާއްޖޭގެ އިޤްތިޞާދީ ‏‏ބޮޑެތި މަޝްރޫޢުތަކަށް ‏‏ޝައުޤުވެރިކަންހުރި ފަރާތްތަކަށް ކަމާބެހޭ މަޢުލޫމާތުތައް ދެއްވައި، އަދި އެކަމަށް ‏‏ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯއްދެވުނުކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަޕާނު ރައްޔިތުންނާއި ‏ދިވެހިންނާ ދޭތެރޭގައި އޮންނަ ގާތްކަން ޖަޕާނުގެ ބޮޑުވަޒީރާއި އެހެން ބައެއް ވަޒީރުންނާއި، އަދި އެމަނިކުފާނު ބައްދަލުކުރެއްވި އެކި ބޭފުޅުން ފާހަގަކުރެއްވި ކަމުގައި ‏‏ވިދާޅުވިއެވެ. އަދި ޖަޕާނަށް ކުރިމަތިވި ބިންހެލުމާއި އަދި ބިންހެލުމާ ގުޅިގެން އައި ސުނާމީގައި ޖަޕާނަށް ލިބުނު ބޮޑު ގެއްލުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެއްވި ހަދިޔާ، އެބޭފުޅުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި، ‏ޖަޕާނުގެ އެމްޕެރަރއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމީ، ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހި ސަރުކާރުން ހުށަހެޅުއްވި މަޝްރޫޢުތަކަށް، ވެވަޑައިގެން ދެއްވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުއްވައިދެއްވާނެކަމުގެ ޔަޤީންކަން ޖަޕާން ބޮޑުވަޒީރު ދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.