ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނުގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާ މިރޭ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިއަދުވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައި ކަމުގައި ވިދާޅުވިއެވެ. އަދި، ފަތުރުވެރިކަމުން ރާއްޖެއަށް އެކަށީގެންވާ މަންފާއެއް ލިބެމުންދާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގައި އިންވެސްޓުކުރުމަށް އޮތް އެންމެ ރަނގަޅު އެއް ދާއިރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ތަރައްޤީކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު އޮތް އަމަންއަމާންކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި، އެހެންނަމަވެސް މިހާރު، ރާއްޖޭގެ ރައްޔިތުން އެދިއެދި ތިބީ އަމާންކަމާއި ހަމަޖެހުމާއެކީގައި ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާނުގެ ޓްރެވަލް އެޖެންސީތަކުގެ އިސް ބޭފުޅުންނާއި، ފަތުރުވެރިކަމުގެ މަޖައްލާތަކުގެ އިސްވެރިންނާއި، މިދާއިރާގައި ޙަރަކާތްތެރިވާ އިސްފަރާތްތަކާއި، ޓުއަރ ގައިޑުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަޕާނުގެ ނެޝަނަލް ޕްރެސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނަށް މި ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު، ޙިއްޞާ ކުރައްވައި ދަތުރުފުޅާ ގުޅޭގޮތުންނާއި، ރާއްޖޭގެ އެކިކަންކަމާގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިން ދެންނެވި އެކި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.