ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޖަޕާނުގެ ވިޔަފާރީގެ ދާއިރާގެ އިސްފަރާތްތަކުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝުކުރުއަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް، ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަނުން އިންތިޒާމްކޮށްގެން މިއަދު މެންދުރުފަހު ބޭއްވެވި މޯލްޑިވްސް އިންވެސްޓްމަންޓް ޕްރޮމޯޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަރައްޤީގެ މަގުގައި ރާއްޖެ މިއަދު ވާޞިލުވެފައިވާ ހިސާބަށް އައުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވާ އެއްޤައުމަކީ، ޖަޕާނު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް، ބޭރުގެ އިންވެސްޓަރުންނަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެ، އެކަންކަމުގެ މަޢުލޫމާތު ދެއްވިއެވެ. މިގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އެކިއެކި ފުރުޞަތުތަކާއި، އަދި ދެވޭނޭ ޚާއްޞަ ޢިނާޔަތްތަކާއި، ލުއި ފަސޭހަތަކުގެ މަޢުލޫމާތު ދެއްވައި، މިކަންކަމުގެ ޔަޤީންކަން އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ސަރުކާރުގެ އަމާޒަކީ، ދައުލަތުގެ އާމްދަނީ އިތުރުކުރައްވައި، ހަރުދަނާ އިޤްތިޞާދެއް ޤާއިމު ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ޙާޞިލުކުރެއްވުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި ދާއިރާތަކާއި ކަންކަމުގެ ތެރޭގައި، ޤުދުރަތީ ކާރިސާތަކުގައި ދިމާވާ ކަންކަން ޙައްލު ކުރުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ޒުވާނުން ބާރުވެރި ކުރުވުމާއި، ކުޅިވަރާއި، ދަނޑުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ފަތުރުވެރިކަމާއި، ސަލާމަތީ ކަންކަމާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާ ހިމެނެއެވެ.

ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ގުޅުމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޚާއްޞަ ރަޙްމަތްތެރިކަމަކާއި އިތުބާރެއް ޤާއިމުވެފައިވާ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ފުޅާކުރެއްވުމަށް ވޭތުވެދިޔަ ތަނުގައި ޖަޕާނު ސަރުކާރާއި ޖަޕާނުގެ ވިޔަފާރި ކުންފުނިތަކުން ވެދެއްވާފައިވާ ހިއްސާގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ފޯރަމްގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާއި، ޓޫރިޒަމް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު ޖަވާބު ދެއްވިއެވެ.