ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ޖަޕާނުގެ މިނިސްޓަރ ފޮރ އިންޓަރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް، ޔޮޝިޓާކާ ޝިންޑޯ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޖަޕާނުގެ މިނިސްޓަރ ފޮރ އިންޓަރނަލް އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ރާއްޖެއާ ދެމެދު މި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވުމުގެ ބޭނުންތެރިކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވެ، އެކަމުގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން އިންޓަރނަލް މިނިސްޓަރަށް ދެއްވިއެވެ. އަދި ޖަޕާނަކީ، ސަރަޙައްދީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވުމަކީ، އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ފަށްޓަވާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ އިންޓަރނަލް އެފެއާޒް މިނިސްޓަރާ ޙިއްޞާ ކުރެއްވިއެވެ.