ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ރައީސް ޓޮޝިއަކީ ހިގަޝިހަރާއާއި، ޖަޕާން ބޭންކް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭ.ބީ.އައި.ސީ) ގެ ގަވަރުނަރު ހިރޯޝީ ވަތަނަބޭއާއި، އަދި ޖައިކާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޑެއަކީ ޑޮމިޗީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ހިޓާޗީ ކުންފުނީގެ ރައީސް މިސްޓަރ ޓޮޝިއަކީ ހިގަޝިހަރާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިޓާޗީ ކުންފުނީގެ ފަރާތުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް، އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ގެނެސްދިން ތަރައްޤީއާއި ކުރިއެރުން ފާހަގަކުރެއްވިއެވެ. އަދި، ހިޓާޗީ ކުންފުނިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ދެމުން ގެންދާ އެއްބާރުލުމަށްޓަކައި، އެކުންފުނީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ހަކަތައިގެ ދާއިރާއިން ތަފާތު މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި އެފަދަ ޝައުޤުވެރިކަމެއް އެ ކުންފުނިން ގެންގުޅޭތީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަޕާން ބޭންކް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭ.ބީ.އައި.ސީ)ގެ ގަވަރުނަރު މިސްޓަރ ހިރޯޝީ ވަތަނަބެއާ ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ފަންޑު ހޯއްދެވުމާ ގުޅޭ ގޮތުންނެވެ. ޚާއްޞަކޮށް، ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢަށާއި، އިހަވަންދިއްޕޮޅުގެ މަޝްރޫޢަށް ބޭނުންވާ މާލީ އެހީތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ޖައިކާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް، މިސްޓަރ ހިޑިއާކީ ޑޮމިޗީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގައި މި ހިންގަވާ ހުރިހާ މަޝްރޫޢުތަކެއްގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ ޖައިކާގެ ފަރާތުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޚާއްޞަކޮށް މާލޭގައި ޖަޕާނުގެ ސަރުކާރުގެ އެހީގައި ހިންގާފައިވާ އެކިއެކި މަޝްރޫޢުތަކުގައި ޖައިކާއިން އަދާކޮށްފައިވާ ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.