‏ޖަޕާނު ސަރުކާރުން ރާއްޖޭގެ ކުރިއެރުމަށް ވެދެއްވާފައިވާ އެހީތައް، ރާއްޖޭގެ ‏‏ހުރިހާ ކަންކޮޅުތަކުންވެސް ‏‏ފެންނަން އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ‏‏ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޝަރަފުގައި، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ‏‏މިރޭ ބޭއްވެވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏

ޖަޕާނު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވެވި މި ޖާފަތުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަކީ ރާއްޖެއަށް އެންމެ ބޮޑެތި ދީލަތި އެހީތައް ‏‏ވެދީފައިވާ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ‏ ޚާއްޞަކޮށް ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ‏‏ތަރައްޤީއަށް ޖަޕާން ސަރުކާރުން ވެދެއްވާފައިވާ ގިނަގުނަ އެހީތަކުގެ ‏‏މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ‏‏މިގޮތުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ‏‏މަސްވެރިކަމާއި، ޒަމާނީ މުވާޞަލާތާއި ބްރޯޑްކާސްޓިންގެ ޚިދުމަތް ދިނުމާއި، ސުނާމީގެ ‏ކާރިޘާގައި ‏‏ލިބުނު ގެއްލުންތަކުން އަރައިގަނެ، ޤައުމު އަލުން އާރާސްތުކުރުމަށް ވެދެއްވާފައިވާ އެހީތެރިކަމުގެ ‏‏އިތުރުން، ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުން ބާރުވެރިކުރުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް ‏‏ވެދެއްވާފައިވާ އެހީތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސީދާގޮތުންނާއި ‏‏ނުސީދާގޮތުންވިޔަސް، ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދެއްވާފައިވާ އެހީތަކުގެ ފައިދާ ‏‏ލިބިފައިނުވާ ދިވެއްސެއް ހުރުމަކީ، ވަރަށް ނާދިރުކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ.‏

ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، ފާއިތުވެދިޔަ 30 އަހަރު ‏‏ދުވަހުގެ ތެރޭގައި އެއް މިންގަނޑެއްގައި ހިފެހެއްޓިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‏‏ފާހަގަކުރެއްވިއެވެ. އަދި ޖަޕާން ރައްޔިތުންގެ ހުވަފެނީ މަންޒިލަކަށް މިއަހަރުވެސް ރާއްޖެ ހޮވިފައިވާތީ، ‏‏އެކަމާ އުފާފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ‏‏ފަހަކަށް އައިސް ‏‏ވަރަށް ބޮޑުތަން ކުރިއަރާފައިވާކަން ހާމަކުރައްވަމުން، ފާއިތުވެދިޔަ ތިން އަހަރުދުވަހުގެ ‏‏ތެރޭގައި ރާއްޖެއިން ޖަޕާނަށް އެކްސްޕޯޓް ކޮށްފައިވާ ބާވަތްތަކުގެ މިންވަރު ދެ ގުނައަށް އިތުރުވެފައިވާ ‏‏ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގެ ޕްރޮގްރާމުތަކުގެ ތެރެއިން، މާދަމާ ބޭއްވުމަށް ‏‏ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓް ފޯރަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ރިސެޕްޝަނުގެ ‏‏ސަބަބުން ދެޤައުމުގެ ދެމެދުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ‏‏ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.‏

ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ރަމްޒުކޮށްދެނީ، ދެޤައުމުގެ ‏‏ދެމެދުގައި އުފެދިފައިވާ ގާތް ރަޙުމަތްތެރި ގުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ‏‏މިދަތުރުފުޅުން ޔަޤީންކޮށްދެނީ، ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ‏މިހާރަށްވުރެ ‏‏ވަރުގަދަކުރުމަށްޓަކައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ކަމުގައި ވިދާޅުވިއެވެ.‏