ދިވެހިރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަކީ، ވަރަށް ކާމިޔާބު ވާހަކަފުޅުތަކެއް ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރަސްމީ ވާހަކަފުޅުތަކުގެ ތަފްޞީލު މީޑިއާއާ ޙިއްޞާ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމީ ވާހަކަފުޅުތައް ބޭއްވެވީ، ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި މިރޭ އިރާކޮޅުއެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ ވެރިއަކީ، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.‏ ޖަޕާނު ވަފުދުގެ ވެރިއަކީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި އޮތީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއްކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ސާފު ހަކަތައާއި، ފަތުރުވެރިކަމާއި މުވާޞަލާތާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީގެ 10 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވި ދީލަތި އެހީ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ސުނާމީ ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދިޔަ މަސައްކަތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ލިބިވަޑައިގެންނެވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ޖަޕާނު ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ޝުކުރުއަދާކުރައްވަމުން، ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޖަޕާނުގެ ބޮޑުވަޒީރަށް ދަޢުވަތު ދެއްވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މިނިވަންކަމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ރާއްޖެއާއި ޖަޕާނުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރެއްވިއެވެ. ޞަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި ދެޤައުމުންވެސް އެއްބާރުލުން ދިނުމަށް މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި އެއްބަސްވެފައިވާ ކަމުގައި ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމުގެ ސަރުކާރުންވެސް ގުޅިގެން މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް، ރައީސް ޔާމީންގެ މި ދަތުރުފުޅުގެ އަލީގައި، މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުގެ ބޮޑުވަޒީރު ސޮއި ކުރެއްވިއެވެ. އަދި އެއަށްފަހު، ދެ ޤައުމުގެ ވެރިން ހަދިޔާ ބަދަލުކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޖަރޒީ ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް އެރުވިއެވެ. އަދި ޖަޕާނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޖަރޒީ، ޖަޕާނުގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެއިތުރުން، ޖަޕާނު ފުޓްބޯޅަ އެސޯސިއޭޝަނުން ރާއްޖެއަށް ހަދިޔާކުރި 100 ފުޓްބޯޅަ، ރަމްޒީގޮތުން ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކުރެއްވީވެސް ޖަޕާނުގެ ބޮޑުވަޒީރެވެ.