ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ޖަޕާނުގެ އެމްޕަރަރ އަކިހީޓޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. އެމްޕަރަރގެ ރަސްމީ ގެކޮޅުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަޕާނަކީ ރާއްޖެއަށް ވަރަށް ގިނަ އެހީތައް ވެދޭ ޤައުމެއްކަމަށް ވިދާޅުވެ، ޖަޕާނުން ރާއްޖެއާ ދޭތެރޭ ބަހައްޓާ ގާތްކަމަށްޓަކައި އެމްޕަރަރ އަކިހީޓޯއަށާއި، ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.