‎ ‎بســم اللّـه الرّحمـن الرّحيــم

‏އަޅުގަނޑުމެން ޖަޕާނަށް މި ކުރާ ދަތުރަކީ، ޖަޕާނުގެ ސަރުކާރުގެ ފަރާތުން ‏‏ޖަޕާނަށް ރަސްމީ ދަޢުވަތަކަށް ކުރާ ދަތުރެއް. ދެން މިއީ، ވަރަށް މަދުން ލިބޭ ފުރުސަތެއް ކަމަށް ‏‏މިވަނީ. އެހެންވީމާ، މި ޝަރަފު ލިބުނީމާ ހަމަ އަޅުގަނޑު ދިވެހިރާއްޖޭގެ ފަރާތުން ޖަޕާނު ‏‏ސަރުކާރަށް ޝުކުރު ދަންނަވަން. ‏
‏ ‏
‏ދެން މިދަތުރުގައި ޖަޕާނަށް އަޅުގަނޑުމެން ޒިޔާރަތް ކުރާއިރު ޖަޕާނަކީ ‏‏ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ވަރަށްގިނަ ކަންތައްތަކުގައި އެހީދެމުން އަންނަ ޤައުމެއް. ޚާއްޞަ ‏‏ގޮތެއްގައި އަޅުގަނޑުމެންނަށް ތިމާވެށީގެ ބޮޑެތި ކަންކަމުގައި، މާލޭގެ ސީވޯލް ކަހަލަ ވަރަށްގިނަ ‏‏ކަންކަމުގައި، ޖަޕާނު ސަރުކާރުން އެހީވެދެމުން މި އަންނަނީ. ސުނާމީގައިވެސް ވަރަށް ބޮޑެތި ‏‏އެހީތެރިކަން ވެދީފައިވަނީ. އެހެންވީމާ، މިފަހަރު އަޅުގަނޑުމެން ޖަޕާނަށް މިކުރާ ދަތުރުގައި، ‏‏ޖަޕާނުގެ ޕްރައިވެޓް ސެކްޓަރުންނާއި އަދި ސަރުކާރުގެ ފަރާތުން އެހީއަށް އެދޭނެ މަޝްރޫޢުތަކެއް ‏‏އެކުލަވާލައިގެން އަޅުގަނޑުމެން މިދަނީ. ދެން އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތައް މިނިސްޓަރ ‏‏ސަޢީދާއި އަދީބާ މިދެބޭފުޅުން ގެންދަވަނީ. މީގެތެރޭގައި، އަޅުގަނޑުމެން މިހާރު އަލަށް އަޅަން ‏‏ބޭނުންވާ އެއަރޕޯޓް ނޫނީވިއްޔާ އެއަރޕޯޓް އެކްސްޕޭންޝަނަށް ބޭނުންވާ ޓަރމިނަލްގެ ‏‏ވާހަކަދެއްކުން އަޅުގަނޑުމެން ހުށަހަޅާނަން. ހަމައެހެންމެ، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ‏‏އިޢްލާނު ކޮށްފައި އެއޮތީ އިހަވަންދިއްޕޮޅުގައި ޕޯޓެއް ހަދަން. ދެން އޭގައިވެސް ޖަޕާނުގެ ‏‏ސަރވިސް ސެކްޓަރުގެ ޝައުޤުވެރިކަން ހުރިތޯ ބަލަން އަޅުގަނޑުމެން ހަމަ އެ ޕްރޮޖެކްޓާއި ‏‏ތަފުސީލުތައް ހުށަހަޅާނަން. ދެން މީގެ އިތުރުންވެސް، ޕްރައިވެޓް ސެކްޓަރުންނާއި ސަރުކާރުގެ ‏‏ފަރާތުން ޖަޕާނުން އެހީވާ ކަންކަމުގައި އަޅުގަނޑުމެން ޖަޕާނު ސަރުކާރުގެ އެހީއަށް ދަންނަވާނަން. ‏

‏މިޞްބާޙް ޢައްބާސް - ސީ.އެން.އެމް‏

‏ކިހިނެއްތޯ އެއަރޕޯޓަށް އިންވެސްޓަރަކު ހޯއްދެވުމުގައި މަސައްކަތް ކުރައްވާނަންތޯ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏

‏އެއަރޕޯޓަށް އަޅުގަނޑުމެން މިހޯދަނީ އެންމެ އިންވެސްޓަރަކު ނޫން އިނގޭތޯ. އެއީ، އެއަރޕޯޓަކީ ‏‏ވަރަށް ބޮޑު މަޝްރޫޢަކަށް ވެގެންދާނެ. އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ، އެއަރޕޯޓަކީ ‏‏އަޅުގަނޑުމެން އަލަށް ޤާއިމުކުރާ އެއަރޕޯޓް ނޫނީވިއްޔާ މީގެ އެކްސްޓެންޝަނެއް ނޫން. ‏‏އަޅުގަނޑު ބޭނުންވަނީ، ހަމަ އާ އެއަރޕޯޓެއްގެ ވާހަކަ ދައްކަން އިނގޭތޯ. އިތުރު ރަންވޭއަކާއި ‏‏ޓަރމިނަލްވެސް އާ ޓަރމިނަލް ފެސިލިޓީޒްތަކާ ހަމަ ވަރަށް ހައިކޯނިކް ވަރުގަދަ ‏‏ބިލްޑިންގއަކަށްވާން މި ބޭނުންވަނީ. އަނެއްކާ މިއެއަރޕޯޓަކީ ފަސްމިލިއަނަށްވުރެ އިތުރު ‏‏ފަސިންޖަރުން ކެރީ ކުރެވޭ ވަރުގެ އެއަރޕޯޓަކަށް ހެދޭތޯ ބަލަން އަޅުގަނޑުމެން ވިސްނަނީ. ‏‏ކުރިއަށްއޮތް 50 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ގްރޯތަށް ކޭޓަރ ކުރާވަރުގެ ‏‏އެއަރޕޯޓަކަށް މިއެއަރޕޯޓް ހަދަން ބޭނުންވަނީ. އެހެންވީމާ، މިއީ ގާތްގަނޑަކަށް 600، 800 ‏‏މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކަށްވާނެ ކަންނޭނގެ ކުޑަވެގެން. އެހެންވީމާ، އެއަރޕޯޓުގެ އެކި ‏‏ކޮމްޕޯނަންޓް މިހިރީ ހަމަ ޖަޕާނާ އަޅުގަނޑުމެން މިހުށަހަޅަނީ އެ ޓަރމިނަލް ފެސިލިޓީ، ޓަރމިނަލް ‏‏ބިލްޑިންގގެ ކަންތައް. އެހެންވީމާ، މިއީ، އެއްފަރާތަކުން މިކަން ކުރާނެ ބައެއް ހޯދަން ކުރާ ‏‏ދަތުރެއް ނޫން ދޮއެއްތޯ. ތަފާތު ގްރެފިކްތައް މީގައި ހުންނާނެ. ދެން ހަމަ ޖަޕާނުގެ ފަރާތުން އެހީ ‏‏ހޯދާ ކަމުގައިވީނަމަވެސް ޖަޕާނުން މިޕްރޮމޯޓަރުން ހަމަ ޖަޕާނުގެ ތަފާތު ކުންފުނިތައް ހޯދުމަކީވެސް ‏‏ހަމަ އެމީހުންގެ އަތްމަތީގައި އޮތް ކަމެއް.‏

‏ދެން އަޅުގަނޑުމެންނަށް އެއަރޕޯޓުގެ ފައިނޭންސް ކަންތަކުގައި މި ދޭތެރެއިން ނައިބު ރައީސް ‏‏ޑޮކްޓަރ ޖަމީލް ކުވެއިތަށް ވަޑައިގެންނެވިއިރު ކުވޭތު ސަރުކާރާ މިވާހަކަ ދެއްކެވި. އެހެންވީމާ، ‏‏ކުވޭތު ފަންޑުގެ ފަރާތުންވެސް އަޅުގަނޑުމެންނަށް މިއެއަރޕޯޓަށް އެހީތެރިކަން ލިބޭނެކަމަށް ‏‏އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. ދެން ހަމަ އެގޮތަށް މިފަހަރު ސަޢޫދީ ޢަރަބިއްޔާއަށް އަޅުގަނޑު ‏‏ކުރި އަމިއްލަ ދަތުރުގައި ސަޢޫދީ ޢަރަބިއްޔާގެ ހަމަ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ‏‏އެއީ، ބިންލާދިން ގްރޫޕް. އޭގެ އިސްބޭފުޅުންނާ އަޅުގަނޑު ވާހަކަ ދެއްކިން. ދެން ‏‏އެބޭފުޅުންގެވެސް ޝައުޤުވެރިކަން އެބަހުރި އެއަރޕޯޓުގައި. އެއްގޮތަކީ ހަމަ ޕީ.އޯ.ޓީ ބޭސިސްގައި ‏‏އެބޭފުޅުން އެކަން ކުރެއްވުން. ދެން އަނެއްގޮތަކީ ހަމަ ސިންޑިކޭޓް ކުރައްވައިގެން މިކަން ކުރުން. ‏‏އެހެންނަމަވެސް މިކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެ ފުރަތަމަ މިދެންނެވި ގޮތަށް ‏‏ފަންސާސް އަހަރަށް ބޭނުންވާ އެއަރޕޯޓެއްގެ ކޮންސެޕްޓް ޑިޒައިނާއެކީ، ސްޓެޕްސް ތަކަކަށް ހަދަން ‏‏ބޭނުންވޭ ޑީޓެއިލް ފީސިބިލިޓީ ހަދަން. ދެން ޑީޓެއިލް ފީސިބިލިޓީ ހެދުނީމާ، އެއަރޕޯޓަށް ދާނެ ‏‏ޚަރަދާ ކަންތައް އަޅުގަނޑުމެންނަށް އެނގޭނީ. ދެން ކޮންސެޕްޓް ޑިޒައިނާ މިކަންކަން ކުރުމުގެ ‏‏މަސައްކަތް މިހާރު މިނިސްޓަރ ސަޢީދާއި އަދީބާ މިދެބޭފުޅުން އެބަކުރައްވާ. ‏

‏މިއަދު އަޅުގަނޑުމެން މިވާހަކަ ދައްކާއިރު ހަމަ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓްގައި ހަމަ ‏‏އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ކޯޕްރޭޓް ލީޑަރުން މާލޭގައި އެބަތިބި ދޮއެއްތޯ. އަޅުގަނޑާވެސް ‏‏މިއަދު ބައްދަލުކުރެއްވި. ދެން އެބޭފުޅުން އަޅުގަނޑުމެން މިބަލަނީ އެންގޭޖް ކުރަން ‏‏ކޮންސަލްޓަންޓުން ގޮތަށް. އަދި ޕްރޮޖެކްޓް ކުރިއަށްދާ ކަމަށްވަންޏާ މެނޭޖްމަންޓްވެސް އަދި ‏‏ޕްރޮޖެކްޓްގެ މެނޭޖްމަންޓްވެސް އެބޭފުޅުންގެ ޝައުޤުވެރިކަން އެބަހުރި ނަންގަވަން. އެހެންވީމާ، ‏‏ބޭނުންވަނީ ވަރަށް ވަރުގަދަ ކެޕޭސިޓީއަށް ކޭޓަރ ކުރާވަރުގެ އެއަރޕޯޓެއް. ‏

‏މިޞްބާޙް ޢައްބާސް - ސީ.އެން.އެމް‏

‏ތަންކޮޅެއް ކުރިން ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އާބިޓްރޭޝަންގައި އޮތް ‏‏މައްސަލަ ކޯޓުން ބޭރުގައި ޙައްލު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި. ކިހިނެއްތޯވީ ‏‏މިހާރު އާބިޓްރޭޝަން މަރުޙަލާ ފަށާފައި މިވަނީ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏

‏މަރުޙަލާ ފެށިއްޖެ ދޮއެއްތޯ. އަޅުގަނޑުމެންގެ ހަމަ ވިޓްނަސަސްގެ ގޮތުގައި އިއްޔެ ނޫން އިހަށް ‏‏ދުވަހު ޑިފެންސް މިނިސްޓަރ ނާޒިމްވެސް އަދި ކުރީގެ ބަންޑާރަ ނައިބު ޢާޒިމާވެސް ވަޑައިގެންފައި ‏‏އެވަޑައިގަތީ. އާބިޓްރޭޝަންގެ މަސައްކަތް ފެށިއްޖެ. އެހެންވީމާ، ފުރަތަމަ ސެޝަންގެ ‏‏ހިއަރިންގއަށް ބޭނުންވާ މަޢްލޫމާތުތައް އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން އޭރު އެކަން ‏‏ހެންޑްލް ކުރެއްވި ބޭފުޅުން މަޢްލޫމާތު ދެއްވާފައި އެވަޑައިގަތީ. ‏

 މިޞްބާޙް ޢައްބާސް - ސީ.އެން.އެމް‏

‏ކިހިނެއްތޯވީ އޭރު ފާހަގަކުރެއްވިމ ކޯޓުން ބޭރުގައި އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް ދިޔުމަށް ‏‏މަޝްވަރާ ކުރައްވާނެ ކަމަށް. ކިހިނެއްތޯވީ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏

‏އެ މަޝްވަރާތައްވެސް އެބަކުރެވޭ ޖީ.އެމް.އާރު.އާއެކީ އަޅުގަނޑުމެން ހަމަ އައުޓް އޮފް ކޯޓް ‏‏އާބިޓްރޭޝަނުން ބޭރުގައި މިކަން ކުރެވޭނެ ގޮތެއް އެބަކުރެވޭ. އެހެންނަމަވެސް، މީގައި މިވާ ގޮތަކީ ‏‏ޖީ.އެމް.އާރު.ގެ ވިސްނުމުގައި އެމީހުން ހަމަ ވަރަށްބޮޑު ކޮމްޕެންސޭޝަނަކަށް، ބަދަލަކަށް މިއަހަނީ. ‏‏ދެން އެވަރުގެ ބަދަލެއް ދެވިދާނެ ކަމަކަށްވެސް އަދި ކޮންމެހެން ދޭންވާ ކަމަށްވެސް ސަރުކާރަކަށް ‏‏ޤަބޫލެއް ނުކުރެވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިއުޅެނީ އަދަދުގެ ތެރޭގައި މިއަދަދު ‏‏ދިމާނުވާތީ. އެހެންވީމާ. އެމީހުންގެ ޝައުޤުވެރިކަން މިހާރު އޮތީ ބޮޑަށް އާބިޓްރޭޝަނުން ގޮތެއް ‏‏ނިމެންދެން މަޑުކޮށްލާނީއޭ. އެހެންވީމާ، އާބިޓްރޭޝަނުން ގޮތެއް ނިމުނީމާ ދެން ކުރިއަށް ‏‏ގެންދާގޮތަށް. ‏

‏މިޞްބާޙް ޢައްބާސް - ސީ.އެން.އެމް‏

‏އިތުރު ދިމާއަކުން އަދި ސުވާލެއް. އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ކޯލިޝަންގެ ބައެއް ‏‏ޕާޓްނަރުންގެ ވާހަކަތަކުން ފާހަގަކުރެވޭ ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމެއް ކޯލިޝަން ތެރޭގައި ‏‏ހުރި ކަމަށް. ކިހިނެއްތޯ! އެކަހަލަ އެއްވެސް ކަމެއް އެބައުޅޭތޯ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏

‏މިހާރު އަޅުގަނޑުމެން ކޯލިޝަންގެ ދެވަޒީރުން މިތިއްބެވީ ދޮއެއްތޯ. އަޅުގަނޑުމެން މިދަނީ މުޅި ‏‏ސަރުކާރަށް މުޅި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކުރަން. ދެން އަޅުގަނޑުމެންގެ ތެރޭގައި ‏‏އިންޓަރނަލް ޑައިނަމިކްސްގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ނޫނީ ހުށަހެޅުންތަކެއް ‏‏ހުރިނަމަވެސް އަޅުގަނޑުމެން ކޯލިޝަން ހަމަ އިރާދަކުރެއްވިއްޔާ އަދިވެސް ހަމަ ވަރަށް ‏‏ސްޓްރޯންގްކޮށް މިއޮތީ އިނގޭތޯ. މީގައި ނުކުންނަ މައްސަލަތަކަކީ، ޙަޤީޤަތުގައި މި ނުކުންނަ ‏‏މައްސަލަތަކަކީ އެހާ ކުރުމުއްދަތެއްގައި ސަރުކާރަށްވެސް ޙައްލު ކުރަން ފަސޭހަ ކަމެއްނޫން. ‏‏ކޯލިޝަންގެ ތެރޭ އެންމެ ބޮޑު ކަމަކަށް މި އޮންނަނީ، ހަމަ ހުރިހާ ޕާޓީއަކުން ބޭނުންވާ ‏‏އަދަދުތަކަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން ހަމަޖެއްސުން. ދެން އެހެންނަމަވެސް މި ‏‏ސިޔާސީ މަގާމުތަކަށް މީހުން ހަމަޖައްސާއިރު ދެތިން ކަމެއް މިއުޅެނީ. އެއްކަމަކީ، އަޅުގަނޑެއް ‏‏ބޭނުމެއްނުވޭ، ސަރުކާރަކީ އެހާގިނަ ސިޔާސީ މަގާމު އޮތް ސަރުކާރަކަށެއް ވާކަށެއް. އަޅުގަނޑު ‏‏ބޭނުންވަނީ ކޮންމެވެސް ހުދޫދެއްގެ ތެރޭގައި ސިޔާސީ މަގާމުތައް ހިފަހައްޓަން. އެންމެފަހުން ‏‏އަޅުގަނޑު ނިންމާފައި އެއޮތީ ރައީސް ވަޙީދު ވަކިވެވަޑައިގެންނެވިއިރު އޭރުހުރި ސިޔާސީ ‏‏މަގާމަށްވުރެ އަދަދު އިތުރުނުވެ ހިފެހެއްޓޭތޯ ބަލަން. އެހެންނަމަވެސް، އޭރަށްވުރެ ބޮޑަށް ‏‏އަޅުގަނޑުމެންގެ ކޯލިޝަންގެ ލިޔެފައި އޮތް އެގްރީމެންޓްގެ ދަށުން ބޮޑެތި އަދަދުތައް އެބަހުރި. ‏

‏އެހެންވީމާ، ފުރަތަމަ މި އުނދަގޫވާ މައްސަލައަކީ، މި އަދަދުތައް ހިފަހައްޓައިގެން މިކަން ‏‏ކުރަންވީމާ ދިމާވާ އުނދަގޫ. އެއީ، މިފަހަރު ކޯލިޝަންގެ ފަރާތުން މަސައްކަތް ކުރެއްވިއިރު ‏‏ވަރަށްގިނަ ބޭފުޅުން މި ސަރުކާރު ގެނައުމަށް މަސައްކަތް ކޮށްދެއްވި. ޖޭޕީގެ ފަރާތުންވެސް، ‏‏ޢަދާލަތުގެ ފަރާތުންވެސް، އަދި ރަސްމީކޮށް ޢަދާލަތާ އަޅުގަނޑުމެން ކޯލިޝަން ނެތަސް، ‏‏ޢަދާލަތަށްވެސް ހަމަ އަޅުގަނޑުމެން މަގާމުތައް ހަމަޖައްސައިދެމުން މިގެންދަނީ. އަދި އެމް.ޑީ.އޭ.ގެ ‏‏ފަރާތުންވެސް ވަރަށްގިނަ ތަފާތު ފަރާތްތައް މަސައްކަތް ކުރެއްވި. ދެން އަޅުގަނޑުމެންގެ ‏‏ވިސްނުމުގައި މިވާގޮތަކީ، މަސައްކަތްކޮށްފި ކަމަށްވަންޏާ ކޮންމެވެސް ކަހަލަ މަގާމަކަށް އިންތިޒާރު ‏‏ކުރެވޭ. އެހެންނަމަވެސް، މިދެންނެވި ގޮތަށް އަދަދު ހިފަހައްޓައިގެން މިކަން ކުރާއިރު ‏‏އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް އަރާ. އެއީ އެއް ކަންތައް.‏

‏ދެން ދެވަނަ ކަމަކީ، އަޅުގަނޑުގެ ސަރުކާރުގައި ހަމަ ވީވަރަކުން މި ބަލަނީ، ސިޔާސީ ‏‏މަގާމުތަކަށް މިސާލަކަށް ޑެޕިޔުޓީ މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކަށް އަޅުގަނޑު މިބަލަނީ، ‏‏ހަމަ ތަޢުލީމީ ބޭފުޅުން ގެނެވޭތޯ. އަދި ހަމަ އިސްކަން މި ދެނީ ތަޢްލީމީ ޒުވާނުންނަށް. ވަރަށް ‏‏އިސްތިސްނާއީ ހާލަތެއްގައި ނުހުންނާނޭ ދަންނަވަނީކީއެއް ނޫން. އެހެންނަމަވެސް ޑެޕިޔުޓީ ‏‏މިނިސްޓަރުންގެ ފެންވަރަށް ޢާންމުކޮށް ގެންނެވޭތޯ މިބަލަނީ ފަސްޓް ޑިގްރީ އެންމެ ކުޑަވެގެން ‏‏ފަސްޓް ޑިގްރީ އޮންނަ ޒުވާން ބޭފުޅުން. ‏

‏ދެން މީގައި މަގާމުތަކަށް ބޭބޭފުޅުންލާއިރު ނުކުންނަ އަނެއް މައްސަލައަކީ، ސަރުކާރުގެ ‏‏މަގާމުތަކުގެ އިތުރަށް ކުންފުނި ކުންފުނީގެ ބޯޑު މިހުންނަނީ. ވަރަށްގިނަ ބޭފުޅުން ‏‏އެދިވަޑައިގަންނަވާ ބޯޑަށް އެހެންނަމަވެސް ސަރުކާރުގެ އަތް މީގައި ބަނދެވޭގޮތެއް މިހާރު އެއޮތީ ‏‏ޕްރައިވެޓައިޒޭޝަން ޤާނޫނެއް ފާސްކޮށްފައި. ޢަމަލުކުރަން ފަށައިފި. ޕްރައިވަޓައިޒޭޝަން ‏‏ކޮމިޓީއެއް އޮވޭ. އެހެންވީމާ، ބޯޑުތަކަށް މިލާ މެންބަރުންގެ ނޫނީއްޔާ ޑިރެކްޓަރުންގެ ހަމަ މިނިމަމް ‏‏ޝަރުޠުތަކެއް ހުރޭ. އެޝަރުޠުތަކަށް ނުފެތޭ ކަމަށްވަންޏާ ސަރުކާރުން ނަން ހުށަހެޅިކަމުގައިވިޔަސް ‏‏ބޯޑުން އެ އިވެލުއޭޓް ކުރައްވާފައި އެނަންފުޅެއް ދޫކޮށްލައްވަނީ. އެހެންވީމާ، މިކަހަލަ ‏‏އުނދަގުލުގެ ތެރޭގައި މަސައްކަތް ކުރާތީ ވަގުތު ނަގަނީ. އެހެންނަމަވެސް ހަމަ މިހުރިހާ ޕާޓީތަކަށް ‏‏ވަރަށްގިނަ މަގާމުތަކެއް މިހާރު އެހެރީ ހަމަޖެހިފައި. ‏
‏ދެން މިއުޅެނީ ސަފީރުންގެ މައްސަލަ. ސަފީރުންގެ މައްސަލައިގައިވެސް މި ދިމާވާކަމަކީ، ހަމަ ‏‏ހުރިހާ ޕާޓީއަކުންވެސް ސަފީރުން ފޮނުއްވަން ބޭނުންފުޅުވޭ. އެހެންނަމަވެސް، ޚާރިޖީ ދާއިރާގައި ‏‏ނޫނީއްޔާ ޑިޕްލޮމަސީ ދާއިރާއަކީ، މިކަހަލަ ޝަރުޠުތަކެއް ނޫނީވިއްޔާ ވަކިކަހަލަ ޝަރުޠުތަކެއް، ‏‏ފެންވަރުތަކެއް ހުރެގެން ނޫނިއްޔާ ސަފީރުންގެ ފެންވަރުގައި އަޅުގަނޑަކަށް ބޭފުޅުން ހިމަނާކަށް ‏‏ފަސޭހަ ދާއިރާއެއް ނޫން. އެހެންވީމާ، އެ ކެޓަގަރީއަށް އެ ފެންވަރަށް ފެތޭ ބޭފުޅުން އަޅުގަނޑު ‏‏ސަފީރުންގެ ގޮތުގައި މިފޮނުވަނީ ކޮންމެ ޕާޓިއަކުންވެސް. އެހެންވީމާ، މިކަހަލަ ދަތިތައް ‏‏ހުންނާތީއާއެކީ މަގާމު ހަމަޖެހުމުގައި ޕާޓީތަކުގެ ކޮންމެވެސް ލެވެލްއެއްގެ ބޭބޭފުޅުންގެ ތެރޭގައި ‏‏އުޅޭ މައްސަލަތައް މިއުޅެނީ. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ، ޕާޓީތަކުގެ އެންމެ އިސްވެރިންނާ ‏‏ހަމައިގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަކަށް. އެހެންވީމާ، މި އުނދަގޫ ހަމަ ދުވަސްކޮޅެއް ‏‏ވަންދެން އުޅޭނެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިއަކުންނެއް ކޯލިޝަނަކަށް މާބޮޑު އަސަރެއް ‏‏ކުރާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. ‏

‏މިޞްބާޙް ޢައްބާސް - ސީ.އެން.އެމް‏

‏ފަހު ސުވާލު. ކިހިނެއްތޯ ކުރިއަށް މިއޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާމެދު ‏‏ކޯލިޝަންގެ ތެރޭގައި މިހާރު ކޮންގޮތަކަށްތޯ ނިމުނީ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏

‏ދެން މީގައި މިވާގޮތަކީ، ކޯލިޝަންގެ ތެރޭގައި އަދި މިވާހަކައެއް ނުދެއްކޭ. ޙަޤީޤަތުގައި ‏‏މި ރައްޔިތުންގެ މަޖިލިސް އެންމެ މުހިންމު ވަނީ ސަރުކާރަށް. އެއީ ސަރުކާރުން ބޭނުންވަނީ ‏‏ރައްޔިތުންނަށް ވެފައިހުރި ވަޢުދުތައް ފުއްދައިދޭން. ސަރުކާރުން މިވަޢުދުތައް ފުއްދައިދޭން ‏‏ބޭނުންވާއިރު، ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެ ތަނެއް ދޮއެއްތޯ. ‏‏އެއީ، ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ހޯދަން ޤާނޫނަށް ގެންނަ އިޞްލާޙްތައް ނޫނިއްޔާ ‏‏އަލަށް ވުޖޫދުކުރާ ޤާނޫނުތައް ހެދުމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވޭ. ދެން ‏‏އެއަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވަނީ، މިހާރު މާލިއްޔަތު ޤާނޫނާއި ‏‏ޕްރައިވެޓައިޒޭޝަން ޤާނޫނާއި މި ވިޔަފާރިއާބެހޭ ޤާނޫނުތައް އެކަށައެޅިފައި ހުރިގޮތުން ސަރުކާރުން ‏‏ލޯނެއް ނަގާ ކަމަށްވަންޏާ މިޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން. ދެން އެހެންވީމާ، ‏‏މިކަހަލަ ކަންކަމަށް މަޖިލީހަކީ އިއްތިޙާދު ސަރުކާރުގެ އެޖެންޑާ ރައްޔިތުންނާ ހަމައަށް ‏‏ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ބަރޯސާވާ ގޮތަށް މިހާރު މިއޮތީ ‏‏އަޅުގަނޑުމެންގެ ނިޒާމު ހަމަޖެހިފައި ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑު ކަށަވަރުކުރަން ބޭނުންވޭ، ‏‏އަޅުގަނޑަށް މީގައި ފުރުސަތެއް އޮންނަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލު ކުރަން. ސަރުކާރުން ‏‏ރައްޔިތުންނަށް ދޭންވާ ސަރވިސް ޑެލިވަރ ކުރުމުގައި އެއްވެސް މީހަކަށް އެއަށް ހުރަސް އެޅިގެން ‏‏ނުވާނެ. ހުރިހާ އެންމެންވެސް މަސައްކަތް ކުރަންވާނީ ޚިދްމަތް ދެވޭތޯ. އަޅުގަނޑާ އަޅުގަނޑާއެކު ‏‏މަސައްކަތް ކުރައްވާ ކެބިނެޓްގެ ޓީމު މިމަސައްކަތް ކުރަނީ އަޅުގަނޑުމެން ހަމަ އިއްތިޙާދުގެ ‏‏ފަރާތުން ބުނެފައި ހުރި ހުރިހާ ކަންތަކެއް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް، ވީހާ ޚަރަދު ކުޑަ ‏‏ގޮތަކަށް އެފިޝެންޓްކޮށް ގެނެސްދެވޭތޯ. އެހެންވީމާ، އެކަންކަން ކުރުމުގައި ރައްޔިތުންގެ ‏‏މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން އެކިމަގާމުތަކަށް އިންތިޚާބު ކުރެވޭ ކޮމިޓީގެ މުޤައްރިރުން ‏‏ކަމުގައިވީނަމަވެސް، އިންތިޚާބު ކުރެވޭ ބޭފުޅުންނާ ހަމައިން މަޖިލިސް ސްލޯޑައުންވާގޮތް ވިއްޔާ ‏‏ނޫނީ ސަރުކާރުން ސަމާލުކަންދޭ މިންވަރަށް ކަންކަމަށް ސަމާލުކަން ނުދެވޭ ކަމަށްވަންޏާ އޭގެ ‏‏އުނދަގޫ އުފުލަން ޖެހޭނީ އެންމެ ފުރަތަމަ އަޅުގަނޑު. އަޅުގަނޑު ރައްޔިތުންނަށް ޒިންމާދާރުވާ ‏‏މީހަކަށް މިހިރީ. އެހެންވީމާ، އެ ސަބަބަށްޓަކައި އަޅުގަނޑު މިއުޅެނީ ރައްޔިތުންގެ މަޖިލީހުގެ ‏‏ރައީސްކަން އަޅުގަނޑުގެ ޕާޓީއަށް ބޭނުންވެގެން. ދެން ހަމަ އެގޮތަށް އަޅުގަނޑަށް އެނގޭ ‏‏ޤާސިމްވެސް ޝައުޤުވެރިކަން އެބަހުރި. އަދި އަޅުގަނޑުމެން ޤާސިމާއެކީގައި އިރާދަކުރެއްވިއްޔާ ‏‏ކޯލިޝަންތެރޭ އެވާހަކަ އިތުރަށް ދައްކާނަން. ‏

‏މިޞްބާޙް ޢައްބާސް - ސީ.އެން.އެމް‏

‏ޝުކުރިއްޔާ އިނގޭތޯ.‏


‏________________________‏