ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓޯކިޔޯގައި ހުންނަވާ ހޮޓެލުގައި، މިއަދު ހެނދުނު އޮތް މި ބައްދަލުކުރެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދޭތެރޭ އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޕާލަމެންޓޭރިއަނުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އެކުވެރިކަން އިތުރަށް ބަދަހިވެގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެއްވެސް ބަދަލެއް ނައިސް އޮތުމުގެ މައިގަނޑު އެއް ސަބަބަކީ، ޖަޕާނު ސަރުކާރާއި ރައްޔިތުންގެ ހިތުގައި ރާއްޖެއަށްޓަކައި އޮންނަ އިޙްތިރާމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޕާލަމެންޓްރީ ލީގު މެދުވެރިކޮށް، ރާއްޖޭގެ ތަރައްޤީގެ ދާއިރާގައި، ކުރިއަށް އޮތްތާނގައި ގިނަގުނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި 5 އަހަރަށް ރާއްޖޭގެ ރައްޔިތުން، އެމަނިކުފާނުގެ ޕާޓީއަށާއި ކޯލިޝަނަށް ވަރަށް ބޮޑު ތާއީދެއް ދެއްވާފައިވާ ކަމާއި، އެއީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަސޭހައެއްކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ބޭފުޅުންނަށް ދަޢުވަތު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ފްރެންޑްޝިޕް ލީގުގެ ރައީސް މަސަހިކޯ ކޮއުމުރާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޕާލަމެންޓޭރިއަނުންގެ މެދުގައި މިހާރުވެސް ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.