ޤައުމަށް ހަމަޖެހުން އަންނާނީ ސިޔާސީ ކަންކަމުގައި އުޅެގެން ނޫން ކަމަށާއި، އެންމެ ބޮޑު އެއް އިސްކަމެއް ދެއްވަނީ، ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން އޮތް ނުތަނަވަސްކަން ތަރައްޤީގެ ވިސްނުމަށް ބަދަލުކުރެއްވުމަށް ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖަޕާނުގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި، އަދި ޖަޕާނުގައި ކިޔަވަން ތިބި ދިވެހި ކުދިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިޔާސީ ކަންކަމުގައި އަބަދު އުޅެގެން ޤައުމުގައި ހަމަޖެހުން ޤާއިމެއް ނުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގައި ހުންނަވާ ހޮޓެލްގައި މިރޭ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމުގައި ވިދާޅުވެ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެމެންދާ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޖަޕާނުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ މަދުނަމަވެސް، ޖަޕާނުގައި އެމްބަސީއެއް ހުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންސިއުލަރގެ ކަންތައްތައް ހަރުދަނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ޖަޕާނަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އެކިއެކި މަޝްރޫޢުތައް ހިންގުމަށް ޖަޕާނުގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެއަރޕޯޓް މަޝްރޫޢާއި، އިހަވަންދިއްޕޮޅު މަޝްރޫޢަށް ޝައުޤުވެރިވާ ޖަޕާނުގެ ޕްރައިވެޓް އިންވެސްޓަރުން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.