‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނަށް ކުރައްވާ ރަސްމީ ‏‏ދަތުރުފުޅުގައި، ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ، ޖަޕާނުގެ ބޮޑުވަޒީރު މިސްޓަރ ‏‏ޝިންޒޯ އަބޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.‏

‏މި ދަތުރުފުޅުގައި ޖަޕާނުގެ އެމްޕަރަރއާއި، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި، ‏‏ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާ ‏‏ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ‏‏ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ‏‏މީގެއިތުރުން، ޖަޕާނުގެ ވިޔަފާރިވެރިންނާއި ‏‏އިންވެސްޓަރުންނާ ބައްދަލުކުރައްވައި، އިޤްތިޞާދީ ގޮތުން ‏‏ޖަޕާނުން ލިބެންހުރި ފުރުޞަތުތައް ‏‏ފުޅާކުރުމާ ބެހޭގޮތުން ރައީސް މަޝްވަރާ ކުރައްވާނެއެވެ.‏