މާލޭ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކުން ކޮންޓެއިނަރެއް ބާލަން އުޅެނިކޮށް، ކޮންޓެއިނަރު ވެއްޓުނު ހާދިސާގައި ރޭ ނިޔާވި، ނ. ކުޑަފަރީ ޗާންދަނީވިލާ މުޙަންމަދު ނާޝިދާއި، މާފަންނު ޕެރިސްވިލާ އިބްރާހީމް ޝަރީފުގެ ޢާއިލާގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު މިރޭ ބައްދަލުކުރައްވައިފިއެވެ. އެ ދެ ގެއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ވަޑައިގެން، ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ، ހިތްވަރު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވައި، އެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.