‏މިއަދު ފުލުހުންގެ ޚިދުމަތް ވާޞިލުވެފައިވާ ހިސާބު ރަމްޒުކޮށްދެނީ، މުޖުތަމަޢަށް ‏‏ލިބިފައިވާ ކުރިއެރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ‏‏ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ‏‏ފާހަގަކުރެއްވުމުގެ ގޮތުން، އައްޑޫ ސިޓީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ މުޖުތަމަޢެއްގެވެސް ‏‏ކުރިއެރުން ބިނާވެފައިވަނީ، އެތަނެއްގެ ރައްޔިތުން، އެތަނެއްގެ ޤާނޫނުތަކަށް ބޯލަނބައި، ‏‏ޙުރުމަތްތެރިކޮށްހިތާ މިންވަރެއްގެ މައްޗަށް ކަމަށާއި، އެތަނެއްގައި ޤާނޫނު ހިނގައި، ޤާނޫނަށް ތަބާވާ ‏‏މިންވަރެއްގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މިއީ، ދުނިޔޭގެ އެންމެ ތަހުޒީބު ވެފައިވާ ‏‏ތަންތަނުގައިވެސް، އެތަނެއް ތަހުޒީބު ވެފައިވާ މިންވަރު ބަލާ ނިސްބަތްކަން އެމަނިކުފާނު ‏‏ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ސިޔާސީގޮތުން ދެބަސްވުން ހިނގާ ‏‏ކޮންމެ ފަހަރަކު، ޙަޤީޤީ ތަހުޒީބުގެ މި ވާހަކަތައް ހަނދާން އެބަކުރަންޖެހޭ ކަމަށާއި، ‏‏މިއަށްވުރެ ބޮޑު ތަހުޒީބެއް، މިއަށްވުރެ ބޮޑު ކުރިއެރުމެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހި މުޖުތަމަޢުގައި "ތަހުޒީބު" ‏‏މިހާރު މާނަކުރަނީ ކިހިނެއްތޯ، އަލުން ބަލަންޖެހޭ ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް މިފަދަ މުހިންމު ‏‏ވަގުތެއްގައި، އެކި ގޮތްގޮތުން ޤައުމަށް ފާގަތިކަން ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކުން ‏‏ޤާނޫނުތަކަށް ޢަމަލުކުރަނީ ކިހާވަރަކަށްކަމާމެދު އެބަ ވިސްނަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ‏‏ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުލުހުންގެ ޚިދުމަތަކީ، ޤާނޫނު ‏‏ރައްކާތެރިކޮށް ދަމަހައްޓާ ޚިދުމަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ‏‏ޤައުމުގެ ސިޔާސީ ވެރިން، މުޖުތަމަޢުގެ ހަރުދަނާ ޤާނޫނުތަކަށް ބޯލަނބާތަން ފެނިގެން ދިޔުމަކީ، ‏‏ކުރިއެރުން ލިބިގެންދާކަން ދައްކައިދޭ ކަމެއް ކަމަށާއި، "ތަރައްޤީ" އޭ މިއަދު މި ކިޔަނީ، މި ކަންކަމަށް ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.‏

‏އެއްވެސް ފަރުދަކަށްވުރެ، އަދި ސިޔާސީ ޕާޓީއަކަށްވުރެ، ޤައުމުގެ ‏‏ސަލާމަތްތެރިކަމާއި ރައްކާތެރިކަން އަބަދުވެސް ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ހަނދާންކޮށްދެއްވިއެވެ. އަދި ސިޔާސީ ފިކުރުގެ ތެރެއިން، ޤައުމީ ފިކުރަށް އިސްކަންދޭން ‏‏ޖެހޭނެކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޤާނޫނަށް ތަބާވާ، ‏‏ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ މުޖުތަމަޢެއް ބިނާވެގެންނޫނީ، ޤައުމަށް ކުރިއެރުމެއް ލިބިގެން ނުދާނެ ‏‏ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.‏

‏މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު ‏‏މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ ފަރާތަކަށް ދެވޭ ހަނދާނީ ފިލަޔާއި، އާންމުންގެ ތެރެއިން ފުލުހުންގެ ‏‏މަސައްކަތްތަކަށް ވޭތުވެދިޔަ އަހަރު އެހީތެރިވެދީފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ‏‏ގޮތުން ދެވޭ ހަނދާނީ ފިލަޔާއި، 2013 ވަނަ އަހަރު ފާހަގަ ކުރެވޭ އިޚްލާސްތެރި ޚިދުމަތްތަކެއް ‏‏ކޮށްދެއްވާފައިވާ މުވައްޒަފުންނަށް ދެވޭ ހަނދާނީ ލިޔުން ދެއްވުން އޮތެވެ.‏