ސީލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި ހިންގާ 3000 ހައުސިންގ ޔުނިޓާއި، އޮފީސް ކޮމްޕްލެކްސް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އަޅުއްވައިދެއްވައިފިއެވެ.

އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއަށް މިއަދު އެންމެ ބޮޑަށް ދަތިވެފައިވާ އެއްކަމަކީ، އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުގެ އިތުރަށް ގެދޮރުވެރިކަން ނެތުމުގެ މައްސަލަ ކަމުގައި ވިދާޅުވިއެވެ. ގެދޮރު އެޅުމުގެ މަޝްރޫޢަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން، ދިވެހި ޒުވާނުން، ގެދޮރުވެރިކަމުގެ ހިޔާވަހިކަމުގައި ތިބޭއިރު، ގެދޮރަށް ބޭނުންވާ ފައިސާއާއި ކުލި ދެއްކުމުގެ ވަސީލަތްތައް ޤާއިމު ކުރެވެން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތާއި އާމްދަނީ ލިބޭނެ ގޮތްތައް ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދު، ޙަޤީޤަތަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލެއާ ދޭތެރޭގައި މި ސަރުކާރުން ކުރައްވާ ތަޞައްވުރުގެ މައްޗަށް ބައްލަވާލައްވަމުން، ހުޅުމާލޭގައި ޒުވާނުންގެ ސިޓީއެއް ހެއްދެވުމަކީ، މި ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޔޫތު ވިލެޖެއް ހެދޭއިރު ހަމައެކަނި އަންނާނީ ގެދޮރުވެރިކަމެއް ނޫންކަމަށާއި، ޔޫތު ވިލެޖާ ގުޅުން ހުރި އެހެން މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އިރާދަކުރެއްވިއްޔާ 5 އަހަރުގެ ތެރޭގައި ސަރުކާރުގެ މި ތަޞައްވުރު ހާސިލު ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސީ.އެސް.އާރު މަޝްރޫޢުތަކަށް ރިޒޯޓް ހަދަން ރަށްރަށް ދޫކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، މާލެއާއި ހުޅުމާލެއަށް އަމާޒުކޮށްގެން އެ މަޝްރޫޢުތަކުގައި ގެދޮރުވެރިކަން ހިމެނުއްވުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ﷲގެ ރަޙްމަތްފުޅާއެކީ، ބްރިޖަކުން މި ދެ ރަށް ގުޅޭ ހިސާބަށް ދިޔުމުން، ހުޅުމާލެއަކީ ޝައްކެއްވެސްނެތްގޮތުގައި އިޤްތިޞާދީ ފުރުޞަތާއި، އިޖުތިމާޢީ ކަންކަން ތަނަވަސްވެގެންދާނެ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އުއްމީދުތައް ހާސިލުކޮށްދެއްވުމަށްޓަކައި ބޭރުގެ ފަރާތްތަކާ ގުޅިގެން މި ކުރައްވާ މަސައްކަތުގައި، އަދި ސައްތައިންސައްތަ ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގައި، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައިސް، ދިވެހިރާއްޖޭގައި މި ކުރަމުން މިގެންދާ މަސައްކަތްތައް ހިންގަމުން މިދަނީ. ދިވެހިރާއްޖޭގައި ހަމަޖެހުން އޮތުމާއެކީ، ދިވެހިރާއްޖޭގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، އަދި ދިވެހިރާއްޖޭގައި ހުރި ފުރުޞަތުތަކަށް އިތުބާރު ކުރާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.