بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ޢިއްޒަތްތެރި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު، ޑެޕިއުޓީ ކޮމިޝަނަރ އަޙްމަދު ސަޢުދީ، ޕޮލިސް އޮފިސަރުން، ކުރީގެ ހޯމް މިނިސްޓަރު، ކުރީގެ ޕޮލިސް ކޮމިޝަނަރ، ރިޓަޔަރޑް ކޮމިޝަނަރ އާދަމް ޒާހިރު، ރިޓަޔަރޑް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް، އެމް.އެން.ޑީ.އެފް.ގެ ޗީފް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، އެންމެހާ ފުލުހުން، ޢިއްޒަތްތެރި ވަޒީރުން، މި ޖަލްސާ އައްސަވަމުން، ބައްލަވަމުން ގެންދަވާ އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ ތިޔަބޭފުޅުންގެ ތިޔަ ޢާއިލާއިން އިޙްތިފާލް ކުރައްވަމުން ތިޔަ ގެންދަވާ އުފާވެރި ޢީދުގައި، އަޅުގަނޑު ބައިވެރިވުމަށް ފުރްޞަތު ދެއްވި ކަމަށްޓަކައި، ތިޔަ އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! ޝައްކެއްވެސްނެތްގޮތުގައި، މިރޭގެ ހުރިހާވެސް ޝުކުރެއް ޙައްޤުވަނީ ފުލުހުންނަށް. ފުލުހުންގެ ޢާއިލާތަކަށް އަދި ފުލުހުންގެ ތިމާގެ މީހުންނަށް. ފުލުހުންގެ ޚިދްމަތުގައި އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނާއި އަދި އެހާ ޒުވާން ނޫން ދިވެހިން ޚިދްމަތް ކުރައްވަމުން މިގެންދަވަނީ، ޢާއިލާތަކުން ތިޔަ ދެއްވާ ވަރުގަދަ އެއްބާރުލުން ދެއްވާތީ. ކޮންމެ ފުލުހަކު ނިދާފައި، އަނެއް ދުވަހު ހޭލައިގެން ނުކުންނަނީ، އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، ކޮންމެވެސްކަހަލަ ނުރައްކާތެރި މަސައްކަތަކާ. ވަޞިއްޔަތް ކުރައްވާފައި ވަޑައިގަންނަވަންޖެހޭ ފަހަރު މަދެއްނޫން. އެހެންވީމާ، ފުލުހުންނަށް ލިބޭ އެންމެބޮޑު ހިތްވަރަކީ، ޤާނޫނީ ހުވައާއި، ޔުނީފޯމްގެ ޝަރަފުގެ އިތުރުން، ޢާއިލާތަކުން ތިޔަ ދެއްވާ ވަރުގަދަ ސަޕޯޓް.

އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން މިއަދު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް، މި ސަބަބަށްޓަކައި އިލްތިމާސް ކުރަން ބޭނުންވަނީ، ފުލުހުންކުރާ މަސައްކަތުގެ އަގު ވަޒަން ކުރައްވާށޭ. ފުލުހުން ކުރައްވާ މަސައްކަތުގގެ އަގު ވަޒަން ކުރެއްވުމަކީ، ފުލުހުން ކުރައްވާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުން، ހިތްވަރު ދެއްވުން. ދިވެހިރާއްޖޭގެ ވެށިން ކުށްމަދުކުރުން. ކުށް ނައްތާލުން. މިކަން ކުރެވޭނީ، ފުލުހުންނަކަށް އެކަންޏެއް ނޫން. ފުލުހުންކުރާ މަސައްކަތްތައް ޙަޤީޤަތަކަށް ވެގެން މިއަންނަނީ، ޝަރުޢީ މަރްޙަލާއާ ހަމައަށް ގޮސްގެން. މީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ދައުރު އެބައޮތް. އަދި ހަމައެހެންމެ، ޝަރުޢީ މަރްޙަލާތަކުން މި މައްސަލަތައް އަވަސްކަމާއެކީ، އިންޞާފާއެކީ ނިމިގެން އެބަދާންޖެހޭ. މިކަންކަން އަޅުގަނޑުމެންގެ ތެރޭގައި ނުވާކަމަށްވަންޏާ، ފުލުހުންގެ ހިތްވަރު ކިތަންމެ ގަދަނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އަމަނާއި ޞުލްޙަ ޤާއިމުވެގެންދާނެކަމާ ދޭތެރޭގައި، އެއްވެސް މީހެއްގެ ހިތްހަމަޖެހުމެއް ނޯންނާނެ.

އަދި މިވާހަކަ މިހެން ދަންނަވާއިރު، އެތަކެއް ދުވަސް ވަންދެން، އަޅުގަނޑުވެސް ހޭދަކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޙައްޤުގައި ދިވެހި ފުލުހުން ކުރައްވާ މަސައްކަތުގައި، އެބޭފުޅުންނަށް ހިތްވަރު ދެއްވާށޭ. ފުލުހުން ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާ ޤާނޫނުތައް ފާސްކޮށްދެއްވާށޭ. ފުލުހުން، ފުލުހުންގެ މަސައްކަތުގައި، ޝަރަފުވެރިކަމާއެކީ މަސައްކަތް ކުރުމުގެ ހިތްވަރު ދެއްވާށޭ. ކުށުން ބަރީޢަވެފައިވާ، ކުށުން ސަލާމަތްވެފައިވާ ވެށްޓެއް އޮންނަ ކޮންމެ ޤައުމަކީ، އަޅުގަނޑު ހިތުން ހާދަ ނަޞީބުވެރި ޤައުމެކޭ. އެހެންވީމާ، މިއީ ވަކިވަކި ފުލުހުންގެ ފަރުދީ ޒިންމާއެއް ނޫން. މިއީ، އަޅުގަނޑުމެން ވަކިވަކި އިންސާނުންގެ ފަރުދީ ޒިންމާއެއްވެސް ނޫން. މިއީ، މުޅި ދިވެހި ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެން އެކި މިންވަރަށް ހުވާކޮށްގެން، އެކި ޒިންމާ، އެކި މަސްއޫލިއްޔަތު އުފުލަން އަޅުގަނޑުމެން ޙަވާލުވެ ތިބި މަސްއޫލިއްޔަތަށް އަމާނާތްތެރިކަމާއެކީ މިކަން ކުރަންޏާ، ހަމައެކަނި މިކަން ކުރަން އޮތްގޮތް.އެހެންވީމާ، މިއަދު ދިވެހި ރައްޔިތުން އެބަ ހޭލަންޖެހޭ.

ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިއަދު މިތިބީ ވަރަށް ޞުލްޙަވެރި ވެށްޓެއްގެ ތެރޭގައި. ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަލަބޮލިކަމަށް ކޮންމެވެސްވަރެއްގެ އަރާމެއް އަތުވެއްޖެ. ދިވެހި ފުލުހުންނަށް ނޭވާލުމުގެ ކޮންމެވެސް ވަގުތުކޮޅެއް ލިބިއްޖެ. އެހެންނަމަވެސް، ބައެއް ޤައުމުތަކުގައި ސިޔާސަތު ކަނޑައަޅާފައި މި އޮންނަނީ، ގޮންޖެހުމަކަށް، ޗެލަންޖަކަށް ތައްޔާރުވުމުގެ އެންމެ ރަނގަޅު ފުރްޞަތަކީ، ޞުލްޙަވެރިކަން ދެމިއޮންނަ ވަގުތު. ހަނގުރާމައިގެ ތެރޭގައި، އިތުރު ހަނގުރާމައިގެ ފިކުރުތައް ގެންނަން އުނދަގޫވާނެ. ފަހަރުގައިވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އޮޅުވާލާ އެއްޗެއް ނޫން، އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ދާއިމީ ހަމަޖެހުމެއް ކަމަކަށް. އެހެންވީމާ، އަޅުގަނޑު ޢިއްޒަތްތެރި ފުލުހުންނަށް، ފުލުހުންގެ ވެރިންނަށް، މިރޭވެސް އިރުޝާދު މި އަރުވަނީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހިގެން އޮތް ވަގުތުކޮޅު، ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށޭ، ކުރިއަށް ހުރި ގޮންޖެހުންތަކަށް ތައްޔާރުވެވަޑައިގަންނަވަން.

މިރޭގެ މި ޖަލްސާގައި، ފުލުހުންގެ މުއައްސަސާއަށް 81 އަހަރު ފުރިގެންދާއިރު، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. ޚާއްޞަ ގޮތެއްގައި، ދިވެހިންގެ ޚިދްމަތުގައި ތިޔަ ތިއްބެވި ހުރިހާ ބޭފުޅުންގެ ތެރެއިން، މިރޭ މި ސްޓޭޖްމަތިން އެކިއެކި މެޑެއްޔާއި، ސެޓްފިކެޓާއި، ކުލަ ޙާޞިލު ކުރެއްވި އެންމެހާ ފުލުހުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ ދަންނަވައި މަރްޙަބާ ދަންނަވަން.

ފުލުހުންގެ ޚިދްމަތަށް 81 އަހަރު ވެފައިވީ ނަމަވެސް، މިޒަމާނުގެ ފުލުހުންގެ ޚިދްމަތަކަށް، މި ޚިދްމަތް ބަދަލުވާން ފަށާފައި މިވަނީ 2004 ވަނަ އަހަރު. ސިފައިންގެ ޙަރަކާތުން ފުލުހުންގެ ޙަރަކާތް ވަކިވެ އަދި އޭގެފަހުން ފުލުހުންނާބެހޭ ބިލަށް، ޤާނޫނެއްގެ ސިފަޖެހި، 2008 ވަނަ އަހަރުން ފެށިގެން މިޒަމާނުގެ ފުލުހުންގެ ގޮތަށް، ފުލުހުންގެ ބުރުސޫރަށް މި ބަދަލު އަންނަން ފަށާފައި މިވަނީ. މި މަސައްކަތުގައި ވަރަށް ހީވާގިކަމާއެކީ، އޭރު އިސް މުސްތަޝާރެއްގެ ގޮތުގައި އުޅުއްވީ، އޭރުގެ ހޯމް މިނިސްޓަރ، އާދެ! އޮނަރަބްލް ޢުމަރު ޒާހިރު. އަދި އެމަނިކުފާނުގެ އަރިހުގައި، އެންމެ އިސްކޮށް މި މަސައްކަތުގައި އުޅުއްވީ، އޭރުގެ ޕޮލިސް ކޮމިޝަނަރ، މިހާރުގެ ރިޓަޔަރޑް ކޮމިޝަނަރ އާދަމް ޒާހިރު. މިބޭބޭފުޅުންގެ މަސައްކަތުގައި ކޮންމެވެސް ފެންވަރެއްގައި މަޝްވަރާ ދިނުމުގައި، ނޫނިއްޔާ ކޮންމެވެސް ފެންވަރެއްގައި، މަޝްވަރާގެ މަޖިލީހުގެ ތެރޭގައި، އޭރު ސަރުކާރުގައި ހިމެނިފައި ހުރި ޙައިޘިއްޔަތުން ބައިވެރިވުމުގެ ފުރްޞަތު އަޅުގަނޑަށްވެސް ލިބުނު. އޭރު އަޅުގަނޑުމެންނަށް އެނގިގެންދިޔަ، ސިފައިންނާއި ފުލުހުންގެ ތެރޭގައި މިހުރި ކަންކަން ހަމަޖެއްސުމަށްޓަކައި ކުރަންޖެހުނު ބޮޑެތި މަސައްކަތް. ދައުލަތުގެ ބަޖެޓަކީ އަބަދުވެސް ޙުދޫދުވެގެންވާ އެއްޗެއް. އެހެންވީމާ، ފުލުހުންނަށް ބޭނުންވާ ތަރައްޤީއާއި، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުމަށް އެތަކެއް ދުވަސް ނެގި. އެހެން ނަމަވެސް، އަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހެނީ، 2008 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޤާނޫނެއް ތަންފީޛު ކުރަންފެށި ހިސާބުން ފުލުހުންގެ ޙަރަކާތަކީ، ދުނިޔެ ޤަބޫލުކުރާ ޙަރަކާތަކަށް މިއޮތީ ބަދަލުވެގެން ގޮއްސައޭ.

ދުނިޔޭގައި ތަންކޮޅެއް ކުރީ ޒަމާންތަކުގައި، ފުލުހުންގެ ޙަރަކާތަކީ، ހަމައެކަނި ބާރުގެ ބޭނުން ހިފުން. އެހެން ނަމަވެސް، އަދު ފުލުހުންގެ ޙަރަކާތަކީ ބާރުގެ ބޭނުން ހިފުމެއް ނޫން. ބާރު އޮތީ ޤާނޫނީ ބާރު ލިބުނީމާ. ބާރު އޮތީ ފިޒިކަލް ފިޓްނަސްގެ މަތީގައި ތިބީމަ. އެހެންނަމަވެސް، ބާރަކީ ކޮންމެހެން އެގޮތަށް ދައްކަންޖެހޭ އެއްޗެއް ކަމަށް، މިހާރުގެ ވިސްނުންތެރިންނެއް ޤަބޫލެއްނުކުރޭ. މުޅި ދުނިޔޭގެ ފުލުހުންގެ ޕޮލީސިން ބަދަލުވެފައި މިއޮތީ ޑިމޮކްރެޓިކް ޕޮލިސިންނަށް. އެހެންވެގެން، 2008 ވަނަ އަހަރުން ފެށިގެން މި މުއައްސަސާއިން މިކުރާ މަސައްކަތް، ދިވެހި ރައްޔިތުން، އެހާ އީޖާބީ ގޮތެއްގައި ބަލައިގެންފައި މިވަނީ. ފުލުހުންގެ ޚިދްމަތަކީ ހަމައެކަނި އަނިޔާވެރި ވެރިން ޙިމާޔަތް ކުރުމެއް ނޫން. ފުލުހުންގެ ޚިދްމަތަކީ، އޭގެ ބަދަލުގައި އިންސާނިއްޔަތަށް ޚިދްމަތް ކުރުން. ފުލުހުންނަކީ އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމާއެކީ، މީހުންގެ ފުރާނަ ސަލާމަތްކުރާ ބައެއް. މީހުންގެ މުދަލަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތްކުރާ ބައެއް. މުޖްތަމަޢަށް ލިބޭ ބޮޑެތި ގެއްލުންތައް ސަލާމަތްކުރާ ބައެއް. އިންސާނިއްޔަތަށް ޚިދްމަތް ކުރުމަކީ، އެންމެ ބޮޑެތި ޚިދްމަތެއް ކަމަށްވާތީ، ދުނިޔޭގައި މިހިރަ މަސައްކަތުގެ ތެރެއިން ފުލުހުންގެ މަސައްކަތަކީ، އެންމެ މުޤައްދަސް، އެންމެ ކަމޭހިތާ ޕްރޮފެޝަނަށްވެގެން މިއުޅެނީ. ފުލުހުންނަކީ އިންސާނިއްޔަތަށް ޚިދްމަތްކުރާ ބައެއް.

ފުލުހުންގެ ކާމިޔާބީއަކީވެސް، އެމީހަކު އެ އަދާކުރާ ވަޒީފާއެއްގައި، އެމީހެއް ޖަޖުކުރަން މިތިބެނީ، އެމީހެއްގެ ޚިދްމަތް ލިބޭ ރައްޔިތެއް. އެތަނެއްގައި އޮންނަ ކޮމިއުނިޓީއެއް. އެ ކޮމިއުނިޓީން އެމީހުންގެ ޚިދްމަތް ބަލައިގެންފި ކަމަށްވަންޏާ، ފުލުހުންގެ ޚިދްމަތް އެއީ އެކަށީގެންވާ ޚިދްމަތަކަށް މިވަނީ. ޝަރަފްގެ މެޑެއްޔެއް ލިބުން އެއީކީއެއް އެއްގޮތަކަށްވެސް އެ ޚިދްމަތް ލިބުނީކީ ނޫން. ޝަރަފްގެ މެޑެއްޔަކީ، އޭނަގެ މުއައްސަސާގެ ތެރޭގައި، އޭނަ ކުރާ މަސައްކަތް ބަލައިގަތުން. އެކަމަކު ޙަޤީޤީ ފަނޑިޔާރުންނަކީ، އެ ފުލުހަކު ޚިދްމަތްކުރާ ކޮމިއުނިޓީގައި މަސައްކަތްކުރާ ރައްޔިތުން. އެމީހުންގެ ފުރާނަ ސަލާމަތް ކުރުން، އެމީހުންގެ މުދާ ސަލާމަތް ކުރުން، އެކަހަލަ ރައްޔިތަކަށް ދިމާވާ ބޮޑެތި މައްސަލަތައް ޙައްލުކޮށްދޭން ތިބި ބަޔަކީ ފުލުހުން. އެހެންވެގެން، ބޮޑެތި، ބިޔަ ޤާނޫނީ ބާރުތައް ފުލުހުންނަށް ދެވިފައި މިވަނީ.

ފުލުހުން އަދު މަސައްކަތް ކުރަންޖެހެނީ، އިންސާނިއްޔަތުކަމާއެކީ. ފުލުހުން މިއަދު މަސައްކަތް ކުރަން މިޖެހެނީ، އިޙްސާންތެރިކަމާއެކީ. ފުލުހުން މަސައްކަތް ކުރަންޖެހެނީ ކަރޓެސީއާއެކީ. ފުލުހުންނަކީ ފަރުދުންނާ މުޢާމަލާތް ކުރާއިރު، އެއްގޮތަކަށްވެސް ބޭއަދަބީ ބަސް ބޭނުންކުރަންޖެހޭ ބައެއް ނޫން. ފުލުހުންގެ ބާރަކީ، ފުލުހުންގެ ޔުނީފޯމްގެ ބާރު. ފުލުހުންގެ ބާރަކީ، ފުލުހުންގެ ޤާނޫނުން ފުލުހުންނަށް އަރުވާ ބާރު. މިޒަމާނުގެ ޑިމޮކްރަސީއެއްގައި، އެންމެ ބާރުވެރި ފަރާތަކީ ޤާނޫނާ އެކުގައި ހުންނަ ފަރާތެއް. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވީނަމަވެސް އަދި އެއީ އުއްތަމަ ފަނޑިޔާރު ކަމުގައިވީނަމަވެސް، ޤާނޫނުން ލިބިވަޑައިގަންނަވާ ބާރަކުން، މިއިން ކޮންމެ ބޭފުޅަކަށް ބާރު މި ލިބެނީ. އެއްގޮތަކަށްވެސް މުއައްސަސާއިން ލިބޭ ބާރަކުންނެއް ނޫން، ބާރު ލިބިގެންވަނީ. ފުލުހުން އަދު ޤަބޫލުކުރަންޖެހެނީ، ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދްމަތް، ދިވެހި ރައްޔިތުން ވަރަށް ގާތުން ބަލައިގަނެއޭ. ފުލުހުންގެ ޚިދްމަތަކީ މިހާރު ރައްޔިތުންނާ ގާތްވެފައި އޮތް ޚިދްމަތެއް. ފުލުހުންގެ ގިނަގުނަ މަސައްކަތްތަކުގައި، ރިއަލް ޓައިމްގައި، އޮން ޓައިމްގައި، ބޮޑެތި ކުށްކުށުގެ ވާހަކަ، ނޫސް މެދުވެރިކުރައްވައި، ފުލުހުން ރައްޔިތުންނާ ހަމައަށް އެބަ ގެނެސްދެއްވާ. މީގެ ތަންކޮޅެއް ކުރީ ޒަމާނުގައި މައްސަލަތައް އުފެދި، އެ މައްސަލަތައް ވަނީ ކީއްކަން ނޭނގި، ރައްޔިތުންގެ ކެތްތެރިކަން ކުޑަވެގެންދާއިރުވެސް ފުލުހުންގެ ތެރޭގައި، މިއީ ކޮންމެހެން ދިވެހިރާއްޖޭގެ ވާހަކަ އެކަންޏެއް ނޫން މިދަންނަވަނީ. މުޅި ދުނިޔޭގައިވެސް އެކަން އޮތްގޮތް. އެކަންކަން ހިނގަނީ ކިހިނެއް ކަމެއް ނޭނގެ. އެހެންވީމާ، ރައްޔިތުންނަކަށް ފުލުހުންގެ އަގު ވަޒަންކުރާކަށް އޭރަކު ނޭނގެ. އެކަމަކު އަދު ދިވެހިރާއްޖޭގައި އެކަން މިއޮތީ ބަދަލުވެފައި. އެއީ މިދެންނެވި ގޮތަށް، ޑިމޮކްރެޓިކް ޕޮލީސިންނަށް ފުލުހުންގެ ބުރުސޫރަ ބަދަލުވެގެން ދިޔައީމަ، އޭގެ ނަތީޖާ.

ފުލުހުންނަކީ އަދު ދިވެހިރާއްޖޭގައި ރައްޔިތުން ބަލައިގަންނަ ބައެއް. ފުލުހުންނަކީ ޒުވާން، ފިޓް ފޯސްއެއް. ފުލުހުންނަކީ އިންސާނިއްޔަތަށް، ދިވެހި މުޖްތަމަޢަށް ޚިދްމަތް ކުރަންތިބި ބައެއްގެ ގޮތުގައި، ދިވެހި ރައްޔިތުން އަދު ބަލައިގަނޭ. މީގެ ވިއްސަކަށް އަހަރު ކުރިން، ފުލުހުންގެ ޚިދްމަތަށް ވަންނަން ބޭނުންވާނޭ، ޝައުޤުވެރިކަން ހުންނަ ކުދިންނެއް ނޫޅޭ. އޭރު ޖެހެނީ ކޮންމެވެސް ޤާނޫނަކުން، ނޫނިއްޔާ ކޮންމެވެސް އަމުރަކުން އެކުދިން ޑްރާފްޓް ކުރަން. އަދު އެ ޚިދްމަތަށް އެދި އިސްނަގައިގެން އަންނަ ޒުވާން ކުދިން މަދެއް ނޫން. ބޭރުން ކިޔަވައިގެން އަންނަ ކުދިންވެސް ފުލުހުންގެ ޚިދްމަތަށް މިއަންނަނީ، އެމީހުން ހަމަ އެދިގެން. އެހެންވީމާ، މިއީ ދިވެހި ފުލުހުންގެ ބުރުސޫރައަށް މިއަދު އައިސްފައި އޮތް ބަދަލު.

ޕޮލިސް އެކަޑަމީއެއް އުފެދިގެންދިޔަ. އަދި އެ ޕޮލިސް އެކަޑަމީ އައިލްސްއަށް ބަދަލުވެ، މިހާރު ފުލުހުންގެ އެކަޑަމީން ނޫނިއްޔާ އައިލްސް އިން ދެވޭ ތަމްރީނަކީ، ޑިގްރީ ކޯހާ ހަމައަށް ނަގައިދެވޭ ތަމްރީނު. މީގެތެރޭގައި، ފުލުހުން މި ތަމްރީނު ވެގެންދަނީ، ހަމައެކަނި ފިޒިކަލް ފިޓްނަސްއަކަށް ނޫން. ފުލުހުން ތަމްރީނުވާންޖެހޭ އެންމެ މުހިންމުކަމަކީ ޓޮލޮރެންސަށް، ޕޭޝަންސަށް، ކެތްތެރިކަމަށް، އިންސާނިއްޔަތާ ދޭތެރޭގައި އަޅާލުމަށް. ފުލުހުންނަށް ލިބިފައި އޮންނަ ބާރަކީ، ސަރޖަނެއްގެ އަތުގައި އޮންނަ ތޫނު ހަތިޔާރެއްގެ ބާރުފަދަ ބާރު. އެ ހަތިޔާރު ބޭނުންކުރެވޭ ގޮތަކުން ފުރާނަ އޮތުމާއި ނެތުން އެބަ މިންވަރުވޭ. ފުލުހުންނަށް ލިބޭ ވަރަށް ވަރުގަދަ ބާރެއް. ފުލުހުންނަށް ޙަވާލުވެފައި މިއޮންނަނީ ވަރަށް ވަރުގަދަ އަމާނާތެއް. ފުލުހަކު ކަމެއް ކުރާއިރު، ޤާނޫނުގެ އެއްކޮޅުގައި ހުރެއްޖެ ކަމަށްވަންޏާ، ފުލުހަކު އެކައުންޓެބްލް ކުރާއިރު، ފުލަހަކަށް ޖަވާބުދާރީ އެބަވެވޭ. އަދުގެ ފުލުހުންނަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޤަބޫލުކުރާގޮތުން، ޕަބްލިކްލީ އެކައުންޓެބްލް ބައެއް. ފުލުހުން ކުރާ މަސައްކަތަކީ، ޤާނޫނާ އެއްގޮތަށް ހިނގާ މަސައްކަތެއް ކަމުގައި ކޮންމެވެސް ދުވަހަކުން އެބަ ބެލޭ. ފުލުހުންނަށް ފާޑުކިޔާނެ. ފުލުހުންނަށް ފާޑުކިޔަންވެސްވާނެ.

އަޅުގަނޑުގެ ސަރުކާރެއްގައި، އަޅުގަނޑު ބޭނުންވަނީ، ފުލުހުންނަކީ ޒިންމާދާރުކަމާއެކީ އަދި އެމީހުން ކުރާ މަސައްކަތުގައި، ފުންނާބު އުސް ބައެއްގެ ގޮތުގައި، ދިވެހި ރައްޔިތުން ދެކެން. ކޮންމެ ބައެއްގެ މަސައްކަތަށްވެސް ކުރިއެރުމެއް އަންނާނީ، އެބަޔަކު ކުރާ މަސައްކަތާ ދޭތެރޭގައި، ކޮންމެވެސްކަހަލަ ކްރިޓީކެއް، ކޮންމެވެސް ކަހަލަ ފާޑުކިޔުމެއް އަމާޒުވެގެން. ފާޑުކިޔަން އެންމެ ދޯޅު ފަރާތަކީ، ޝައްކެއްވެސްނެތްގޮތުގައި، މުޅި މުޖްތަމަޢު އެކައުންޓެބްލް ކުރާ ފަރާތަކީ މީޑިއާ. އެހެންވީމާ، މީޑިއާގެ ފާޑުކިޔުން ފުލުހުންނަށް އަންނާނެ. އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އަދުގެ ޙަޤީޤަތް. ފުލުހުން މަސައްކަތް ކުރައްވާއިރު، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރައްވަން، ރައްކާތެރި ކުރައްވަން މަސައްކަތް ކުރައްވަންވާނެ. އެކަމަކު އޭގެ މާނައަކީ، އަޅުގަނޑުގެ ސަރުކާރުގައި، އަޅުގަނޑު އެންމެ އެދޭ ކަމަކީ، ޔުނީފޯމްގައި ތިބޭ ފުލުހުން، ނޫނިއްޔާ ޔުނީފޯމްގައި ނޫން ގޮތެއްގައިވެސް ފުލުހުން ތިއްބަވާއިރު، ފުލުހުންނަށް އަނިޔާނުވުން. ފުލުހުންނަކަށް އަނިޔާކޮށްގެން ނުވާނެ. ރަސްމީ މަސައްކަތުގައި އުޅުއްވާއިރުވެސް އަދި ރަސްމީ މަސައްކަތުން ބޭރުގައި އުޅުއްވާއިރުވެސް ފުލުހުންނަށް އަނިޔާ ކުރުމަކީ، އަޅުގަނޑުގެ ސަރުކާރެއްގައި ޓޮލޮރޭޓް ކުރާނެ ކަމެއް ނޫން.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އައިސް، އަޅުގަނޑުމެން އެކިއެކި މަރްޙަލާތަކުގައި ވާހަކަ ދެއްކިއިރު، އަޅުގަނޑުމެން މިވާހަކަ ދެއްކިން. އަދި ހުރިހާ ފުލުހުންނަށް އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރަށް، ޤާނޫނުލްޢުޤޫބާތަށް މިކަމަށް ބޮޑެތި އަދަބު ކަނޑައަޅައި ވާނީ ސަރުކާރުން ބިލް ފޮނުވާފައި. ޤާނޫނުލްޢުޤޫބާތު އިޞްލާޙުވެގެން އަންނައިރު، ފުލުހުންނަށް ފުރައްސާރަކުރާ ފަރާތްތަކަށާއި، ފުލުހުންނަށް، ފުލުހުންގެ ޑިއުޓީގައި އުޅޭއިރު އަނިޔާކުރާ ފަރާތްތަކަށް، ހަރުކަށި އަދަބު ދެވިގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ބޭނުންވަނީ އެގޮތަށް ނިމިގެންދާން.

އަދި ހަމައެޔާއެކީ، ފުލުހުންނަކީ މިވަރުގެ މަތިވެރި ޚިދްމަތެއް ކުރާ ބަޔަކަށްވާތީ، ފުލުހުންގެ ވެލްފެއަރާ ދޭތެރޭގައި އަޅުގަނޑުމެންގެ ސަރުކާރު އިހުމާލެއް ނުވާނެ. ފަހަރުގައިވެސް މިއުޅެނީ ހަނދާންނެތިގެނެއް ނޫން. ފުލުހުންނަށް ބޭނުންވާ ގެދޮރުވެރިކުރުމުގެ ވަސީލަތްތައް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ޤާއިމްވެގެންދާނެ. އެކަން އަޅުގަނޑުމެން ކުރާނަމު. އަދި ހަމައެހެންމެ، ފުލުހުންނަށް ދިމާވާ ދެންހުރި ބޮޑެތި މައްސަލަތަކުގައިވެސް އަޅުގަނޑުމެންގެ ސަރުކާރުގެ އެހީތެރިކަން އޮންނާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެން ޤަބޫލުކުރަނީ، ފުލުހުން ކުރާ މަސައްކަތުގައި، އެންމެބޮޑު އެހީތެރިކަމެއް ދެވޭނީ، މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ކަމަށް. އެހެންވީމާ، ސްޓޭޓް އޮފް ދި އާރޓް ޓެކްނޯލޮޖީގައި އިންވެސްޓް ކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން އަހަންމިއްޔަތުދޭ ކަމެއް. އަދި ހަމައެހެންމެ، ފުލުހުން، މިދެންނެވި ގޮތަށް ނުރައްކަލަށް ހުށަނޭޅި، މިކަންކަން ކުރެވޭނެގޮތަކީ ފުލުހުންގެ އިންޓެލިޖަންސް ވަރުގަދަކުރުން. އެހެންވީމާ، ފުލުހުންގެ ބަޖެޓްގައި، އަޅުގަނޑުމެންގެ ސަރުކާރެއްގައި އަމާޒުވެގެންދާނީ، މިދެންނެވި ކަންކަމަށް އަމާޒުކުރެވިގެން.

ޝައްކެއްވެސްނެތްގޮތުގައި ފުލުހުންގެ ޓްރެއިނިންގއަކީ ފިޒިކަލް ޓްރޭނިންގ. އެކަމަކު ފުލުހުންގެ ޓްރޭނިންގއަކީ، މިނޫން އެތައް އަޚްލާޤެއްގެ މައްޗަށް އެކުލެވޭ ޓްރޭނިންގއެއް. ޕޮލިސް އެކަޑަމީއަކުން، އައިލްސްއިން ކުދިން ޓްރެއިން ކުރަނީ މިދެންނެވި ކަހަލަ ކަންކަމަށް. ހަމައެކަނި ފިޒިކަލް ފިޓްނަސްއަކީ އެއްގޮތަކަށްވެސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ދެވޭ ހަމައެކަނި ޓްރޭނިންގ އެއް ނޫން. ފުލުހުންނަށް ބޭނުންވާ އެންމެ މުހިންމު ޓްރޭނިންގގެ ތެރޭގައި، އެމީހުންގެ ވިސްނުންތޫނުކުރުން ހިމެނިގެންދޭ. އަދި ނުރައްކާތެރި ޙާލަތްތައް ކުރިމަތިވީމާ، އިންސާނެއްގެ ހުންނަ އެންމެ ރަނގަޅު ސިފަތަކާއި، އެންމެ ސްމާރޓްކަން ކުރިއަށް ނެރޭނެގޮތް، މިކަހަލަ އެކަޑަމީތަކުން އެބަ ގެނެސްދޭންޖެހޭ. ފުލުހުންނަކީ ކެތްތެރިވާންޖެހޭ ޙާލަތްތަކުގައި ކެތްތެރިވާންޖެހޭ ބައެއް. އަދި ފުލުހުންނަކީ، ޤާނޫނު ދަމަހައްޓަންޖެހޭ ވަގުތު، ގާނޫނު ދަމަހައްޓަން ކެރެންޖެހޭވެސް ބައެއް. ފުލުހުންނަކީ، ޤާނޫނު ދިފާޢުކޮށް، ޤާނޫނު ދަމަހައްޓަން ތިބި ބައެއް. ފުލުހުންނަކީ، ދިވެހިރާއްޖޭގައި މިއޮތް ތިން ނިޒާމު، އެ ހިންގަނީ ރަނގަޅަށްތޯ ބަލައި، ފާރަވެރިވާންޖެހޭ ބައެއްވެސްމެ.

އެހެންވީމާ، ފުލުހުންގެ އެކަޑަމީއެއްގައި، ފުލުހުން ތަމްރީނު ވެގެންދާއިރު، ފުލުހުން ތަމްރީނު ވެގެންދަނީ، ހަމައެކަނި ހަށިގަނޑުގެ ތަރުބިއްޔަތަކުން ނޫން. އަދުގެ ފުލުހުން ތައްޔާރުވާން މިޖެހެނީ، އެންމެ އުނދަގޫ ޙާލަތްތަކުގައި، ކެތްތެރިކަމާއެކީ މުޢާމަލާތް ކުރަން. އަޅުގަނޑުމެންނާ ކުރިމަތިލާ މީހުންނަކީ، ކެތްތެރި މީހުންނަކަށް ނުވާނެ. އެހެން ނަމަވެސް، އެއީ އެބައެއްގެ ޚިދްމަތުގައި އަޅުގަނޑުމެން ތިބި ދިވެހި ރައްޔިތުން. އަންނާނީ މައްސަލަ ހިފައިގެން. އަންނާނީ ރުޅިގަދަވެގެން. އެހެން ނަމަވެސް، ފުލުހުންނަކީ ކެތްތެރިކަމާއެކީ މުޢާމަލާތްކުރާ، އިޙްސާންތެރިކަމާއެކީ ކަންކަން ނިންމަންޖެހޭ ބަޔަކަށްވެ، ފުލުހުންނަކީ އިންސާނިއްޔަތަށް ޚިދްމަތް ކުރަން ތިބޭ ބައެއް. މުޅި ދުނިޔޭގައިވެސް މިއަދު ޤަބޫލުކުރާ ކޮންސެޕްޓަކީ، އިސްޠިލާޙަކީ ފުލުހުންނަކީ އިންސާނިއްޔަތަށް ޚިދްމަތްކުރާ، އެންމެ މުޤައްދަސް މަސައްކަތްކުރާ ބައެއް ކަމަށް. އެހެންވީމާ، އަޅުގަނޑުމެންގެ ފުލުހުންވެސް ތަމްރީނު ވެގެންދާއިރު، މިދެންނެވި އުޞޫލުތަކުގެ މައްޗަށް އަޅުގަނޑުމެންގެ ފުލުހުން ތަމްރީނު ވެގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.

އާދެ! މި ދޭތެރެއިން އަޅުގަނޑު އަޑުއެހީމު، އަދި މިރޭ ކޮމިޝަނަރގެ ވާހަކަފުޅުގައިވެސް ގެންނެވި. ފުލުހުން ނުރައްކަލާ ކުރިމަތިލަނީ، ކޮންމެ ވަގުތެއްގައި، ކޮންމެ އިރެއްގައި. ފުލުހުން ކުރިމަތިލާއިރު، ފުލުހުން މިދަނީ ކުށުގެ ވެށީގައި، ތޫނު ޚަންޖަރާއި، ކަނޑިއާ، މިކަހަލަ ސާމާނު ހުންނަ ވެށްޓަކަށް މިވަންނަނީ. ކުށެއް ރިޕޯޓް ކުރެވިއްޖެ ކަމަށްވަންޏާ، ތުހުމަތެއް ކުރެވިއްޖެ ކަމަށްވަންޏާ، ފުލުހުންދާއިރު، މިދަންނަވާހެން ފުލުހުންނާ ކުރިމަތިލަނީ ތޫނު ހަތިޔާރާއި، ކަނޑިއާ، މިފަދަ ސާމާނު. އަދި ހަމައެހެންމެ، މަސްތުވާތަކެތީގެ ރިޕޯޓެއް ކުރެވިއްޖެ ކަމަށްވަންޏާ، ފުލުހުން އެދަނީ، ބޭރުގެ އުޅަނދަކަށްވެސް އެ އަރަނީ، ދެންމެ ޙުސައިން ވަޙީދުގެ ވާހަކަފުޅުގައި، އެ ވިދާޅުވިގޮތަށް ހަމަ ފިސާރި ކެރުމާއެކީ. އެހެން ނަމަވެސް، ފުލުހުން އެދަނީ ހަތިޔާރާ އެކީއެއް ނޫން. ހަމައެކަނި ވާހަކަފޮތަކުންކަންނޭނގެ ފުލުހުން ކިޔާނީ އަޅުގަނޑު މިދަންނަވާ ވާހަކަ. ފުލުހުން ހިތްޕުޅަށް ގެންނަވާ، ޗަރުކޭސް. ޗަރުކޭހެއްގައި ސިންގާއެއް ދޯޅުކޮށްގެން، ސިންގާގެ ކުޅިވަރު، ޗަރުކޭސް ބަލަން ތިބޭ މީހުންނަށް ދައްކާ މީހަކު، ސިންގާ ކޮށްޓަށް ވަނުމުގެ ކުރިން، ޗަރުކޭހަށް ވަނުމުގެ ކުރިން އޭނަ ހުންނާނީ އެތަނަށް ވަދެ. އެއީ، ސިންގާ ޓޭމް ކުރުމަށްޓަކައި، ދޯޅު ކުރުމަށްޓަކައި. އެކަމަކު ފުލުހުން މިވާހަކަ ކިޔާނީ ހަމައެކަނި ފޮތުން. ފުލުހުން މިޖެހެނީ، އޭގެ އަނެއްކޮޅަށް މަސައްކަތްކުރަން. ފުލުހުން މިވަންނަނީ ކުށުގެ ވެށްޓަށް. ކުށުގެ ވެށްޓަށް ވަންނައިރު، ފުލުހުން މިވަންނަނީ ހަތިޔާރާއެކީއެއް ނޫން. އެކަމަކު އެމީހުންނަށް ލިބިފައި ހުންނަ ތަމްރީނާއި އަދި އެމީހުންގެ ކޮންވިކްޝަނާ ޢަޒުމުގައި، ބަދަލެއްނުވާފަދަ ވަރުގަދަ ޢަޒުމެއްގައި ތިބޭތީ. ރައްޔިތުންނަށް ޚިދްމަތް ކުރަން ތިބޭތީ. އެކަން ނުކޮށް ދޫކޮށްލައިފި ކަމަށްވަންޏާ، މުޖްތަމައުގެ އިތުރު އެތައް ބަޔަކަށް ގެއްލުން ލިބިދާނެތީ. މިދެންނެވި ގޮތަށް ތަފާތަކީ މިއީ. އެކަކު ވަންނާނީ ޖަނަވާރުގެ ކުރިން. އެކަމަކު ފުލުހުން މިވަންނަނީ ޖަނަވާރު ދިރިއުޅޭ ތަނަށް، ނުރައްކާތެރި ހާއްޔަކަށް. މިއީ ފުލުހުންނާ، ދުނިޔޭގައި ޙަޤީޤަތުގައި ކަންކަން ދިމާވާގޮތާ އޮތް ތަފާތު.

އެހެން ނަމަވެސް، މިކަހަލަ އެކަޑަމީތަކުން ފުލުހުންނަށް ދަސްކޮށްދެނީ މި ޑިސިޕްލިން. މިކަހަލަ އަޚްލާޤު. ފުލުހުންނަށް ދަސްކޮށްދެނީ، ފުލުހުންނަކީ ތަމްރީނު ލިބިފައި ތިބި ކެތްތެރި ބަޔަކަށްވާން. ފުލުހުންނަކީ އަދި އެމީހުންގެ ހަށިގަނޑުގެ ތަރުބިއްޔަތުގެ މައްޗަށް ބިނާކޮށް، ބާރުވެރިކަން ދައްކަން ޖެހިއްޖެ ކަމަށްވަންޏާ އެކަންވެސް ކުރަން. އެކަމަކު އެކަން މިކުރަންޖެހެނީ، ޤާނޫނުގައި ހުންނަ ހުރިހާ މަރްޙަލާތަކަކާއެކީ. ފުލުހުންނަކީ އެކައުންޓެބްލްވާ ބައެއް. އަބަދުވެސް ޚިޔާލުފުޅަށް ގެންނަވާ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައިވެސް 241 ކޮމިޓީއެއް އޮވޭ. 241 ކޮމިޓީއަކީ މީގެ ތަންކޮޅެއް ކުރިން، ކޮންމެ ދެދުވަހުން އެއްދުވަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަޑައިގަންނަވަންޖެހޭ ކޮމިޓީއެއް. ޗީފް އޮފް ޑިފެންސް ފޯސް ކޮންމެ ދުވަހަކު ވަޑައިގަންނަވަންޖެހޭ ކޮމިޓީއެއް.

އެހެންވީމާ، އަޅުގަނޑުމެންގެ މުއައްސަސާތަކުގައި، ޒިންމާދާރުކަމެއްނެތި ކަންކަން ކުރާކަމަށްވަންޏާ، ޕޮލިސް ކޮމިޝަނަރ، ފުލުހުންނަށް ޚިދްމަތް ކުރެއްވުމަށްވުރެ ބޮޑަށް، ގިނަފަހަރު ވަގުތު ހޭދަކުރައްވަންޖެހެނީ މިދެންނެވި ކޮމިޓީގައި. އެހެން ނަމަވެސް، ޤާނޫނުތަކުގައި މިކަންކަން ހިމެނިފައި މިހުންނަނީ ރަނގަޅު މަޤްޞަދުގައި. ރަނގަޅު މަޤްޞަދުގައި މިކަންކަން ހިމެނިފައި ހުއްޓަސް، ވަރަށް ޒިންމާދާރު ގޮތެއްގައި މިކަންކަން ބޭނުންކުރީމަ، އޭގެ ނަތީޖާ މިދެންނެވީ. އެހެން ނަމަވެސް، އެއިން ކަށަވަރުކޮށްދޭން އެއުޅެނީ، ފުލުހުންނަކީ ޒިންމާދާރު ކުރުވަންޖެހޭ ބައެއްކަން. ފުލުހުންނަކީ ބާރުގެ ބޭނުން، ހެޔޮގޮތުގައި ހިފަންޖެހޭ ބައެއް. ފުލުހުންނަކީ ކެތްތެރިވާންޖެހޭ ބައެއް. ފުލުހުންނަކީ ދިވެހި ރައްޔިތުން. ފުލުހުންނަކީ ދިވެހި ރައްޔިތުންގެ ރަޙްމަތްތެރިން. ދިވެހި ރައްޔިތުންގެ ތިމާގެ މީހުން. އެހެންވީމާ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ ޚިދްމަތަށް ސެލިއުޓް މިކުރަނީ، ތިޔަބޭފުޅުންގެ ކެތްތެރިކަމާއި، އިޙްސާންތެރިކަމާއި، އިންސާނިއްޔަތަށް ޚިދްމަތް ކުރައްވާތީ. އަޅުގަނޑުމެންގެ މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ތިޔަބޭފުޅުން ފާރަވެރިވެވަޑައިގަންނަވާތީ. އެހެންވީމާ، ފުލުހުން މަސައްކަތް ކުރައްވާއިރު، މިދެންނެވި ސުލޫކުގެ މައްޗަށް ވިސްނާވަޑައިގަންނަވައިގެން، ތަމްރީނު ޕްރޮގްރާމްތައްވެސް މި ހިނގަނީ.

ފުލުހުންނަކީ ދެންމެ ޙުސައިން ވަޙީދުގެ ވާހަކައިގައި، އަދި ހޯމް މިނިސްޓަރ ޢުމަރު ނަޞީރުގެ ވާހަކައިގައި ވިދާޅުވިފަދައިން، ވަރަށް ނުރައްކާތެރި ކަންކަމާ ކުރިމަތިލާންޖެހޭ ބައެއް. އެހެންވެގެން، އަޅުގަނޑުމެންގެ ސަރުކާރުން ފުލުހުންނަށް އިސްކަންދީ އަދި ފުލުހުން ބޭނުންވާ ޙިމާޔަތް ހޯދައިދިނުމަށްޓަކައި، މިދެންނެވި ކަހަލަ ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިކުރަނީ. އަދި ހަމައެހެންމެ، ފުލުހުންނަކީ ހަމަ ދިވެހި ރައްޔިތުން އުޅެންޖެހޭގޮތަށް، ދިވެހި ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ލިބެންޖެހޭ ބައެއް. ދިވެހި ރައްޔިތުންނަށް ހުސްނުވާ އާސަންދަ އޮވެއްޖިއްޔާ، އަޅުގަނޑުގެ ސަރުކާރެއްގައި، ފުލުހުންނަށް ހުސްނުވާ އާސަންދަ އޮންނާނެ. އެ ޚިދްމަތުގެ ބޭނުން ފުލުހުންނަށް، ފުލުހުންގެ ޢާއިލާތަކަށް ބޭނުންހިއްޕެވޭނެ. އަދި މިދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުގައި ގެދޮރުވެރިކުރުމަށް ކުރަންޖެހޭ ހުރިހާ އަހަންމިއްޔަތެއް އަޅުގަނޑުމެން ދީގެން މަސައްކަތް ކުރާނަން.

ޓްރޭނިންގ އެކަޑަމީއެއްގައި މިދެންނެވި ގޮތަށް ފުލުހުންނަކީ ވަރަށް ވަރުގަދަ މަސައްކަތަކަށް ތައްޔާރުކުރާ ބަޔަކަށްވާތީ އަދި ވަރަށް ނުރައްކަލާ ކުރިމަތިލާންޖެހޭ ބަޔަކަށްވާތީ، ފުލުހުންނާ ދޭތެރޭގައި، ފުލުހުންގެ ސްޓްރެންތް، ނޫނިއްޔާ ފުލުހުންގެ ފެންވަރާއި ފަންވަރާ ބެހޭގޮތުން އޮންނަ ކޯޓޭޝަނެއް އަޅުގަނޑު ދަންނަވާލާނަން. މިއީ މާޓިން ލޫތަރ ކިންގގެ ކޯޓޭޝަނެއް. އޭގެ ލަފްޒީ ދިވެހި ތަރުޖަމާއަށް ބަލާ ކަމަށްވަންޏާ، މިބުނާ ވާހަކައަކީ، ޢާންމު ޙާލަތެއްގައި އެއްވެސް ނުރައްކަލެއްނެތި ވެށި އޮންނަން ކަމަށްވަންޏާ، ފުލުހެއްގެ ފެންވަރާއި ފަންވަރު އެނގޭނެ ގޮތެއް ނޯންނާނެއޭ. އެކަމަކު ނުރައްކާތެރި ޙާލަތެއްގައި، ފުލުހަކު ޙަރަކާތްތެރިވާ ވެށި އޮވެއްޖެ ކަމަށްވަންޏާ، ފުލުހަކު ކަންކުރާ ގޮތުން، އެންމެންނަށް އެނގިގެންދާނެ، އެއީ ކިހާ ފެންވަރެއްގެ، ކިހާ ފަންވަރެއްގެ ފުލުހެއްކަން. އާދެ! ކޯޓޭޝަންގައި އިނގިރޭސިން މިއޮންނަނީ،

"The ultimate measure of men is not where he stands in moments of comfort, but where he stands at times of challenge and discomfort."

މިއީ ފުލުހުން ހިތްޕުޅުން ތަމްރީނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް. ކެތްތެރިވާންޖެހޭ، ޙާލަތު ނިޔާކުރާގޮތުންވެސް ކެތްތެރިވާންޖެހޭ އެންމެ އުނދަގޫ، އެންމެ ނުރައްކާތެރި ޙާލަތުގައި، ފުލުހުން ޢަމަލުކުރައްވާ ގޮތަކުން، ރައްޔިތުން، ފުލުހުން ކުރައްވާ މަސައްކަތުގައި ފަނޑިޔާރުން ފުލުހުންނަށް މާކްސްދޭނީ. މިތާ ސްޓޭޖްމަތިން އަޅުގަނޑު މިދިން މާކްސްއެއް ނޫން، ދިވެހި ރައްޔިތުން ދޭނީކީ. މިކަން ތިޔަބޭފުޅުންގެ ހިތްޕުޅުގައި ބިންވަޅު ނަންގަވައިފި ކަމަށްވަންޏާ، އަޅުގަނޑު ވަރަށް ޝުކުރުވެރިވާނަން.

އަޅުގަނޑު އެދެނީ، ފުލުހުންގެ ޚިދްމަތުގައި، ތިޔަ ކުރައްވާ މަސައްކަތަށް، އާދެ! ރައްކާތެރިކަން ހޯދައިދިނުމުގައި، ޚިދްމަތުގައި ތިއްބަވާތީ، ސަރވް އެންޑް ޕްރޮޓެކްޓް މި މަތިވެރި އިޞްޠިލާޙުތަކުގެ މަތީގައި ފުލުހުން ފައިތިލަ ސާބިތުކަންމަތީގައި ތިއްބަވާނެ ކަމަށް.

އަޅުގަނޑު އެދެނީ، ފުލުހުންނަށް އަބަދުވެސް އުފާވެރި ދުވަސްތަކެއް. ދިވެހިރާއްޖެއަށް، ފުލުހުންގެ މަސައްކަތް މެދުވެރިކޮށް، އަމާންކަމާއި ޞުލްޙަ ދެމިގެން އޮންނާނެ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން އެދެނީ، ދިވެހިރާއްޖެއަށް ފާގަތިކަމާއި މުސްތަޤްބަލަކީ އަޅުގަނޑުމެން އުޖާލާކުރާނެ މުސްތަޤްބަލެއް ކަމުގައި ﷲ މިންވަރު ކުރެއްވުން.

وَمَا تَوْفِيقِي إِلاَّ بِاللّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ