بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، ޔުނިވަރސިޓީގެ ކައުންސިލް މެންބަރުން، ފެކަލްޓީގެ ޑީނުން، އިސް މަސްއޫލު މެންބަރުން، މިރޭގެ ޝަރަފުވެރި އިނާމުތަކާއި ސެޓްފިކެޓް ހާސިލުކުރި އެންމެހާ ދަސްވެނިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މީގެ 32 އަހަރު ކުރިން ޔުނިވަރސިޓީއެއްގެ މިކަހަލަ ހޯލަކުން ޑިގްރީ ހާސިލުކުރި މީހެއް އަޅުގަނޑަކީވެސް. އަދި އޭގެ ދުވަސްތަކެއްފަހުން، މީގެ ދެއަހަރެއްހާ ދުވަހުގެ ކުރިން އަޅުގަނޑަށް ލިބުނު އެންމެ ޚާއްޞަ އުފަލަކީ، އަޅުގަނޑުގެ ދަރިފުޅު ޔުނިވަރސިޓީއަކުން އެއްވަނަ ހޯދައިގެން ޑިގްރީ ހާސިލުކުރި ދުވަސް. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރާ ކުދިންނަށް އަންނަ އެންމެ އުފާވެރި ދުވަހަކީ، އެކުދިންގެ ޢީދު ދުވަހަކީ މިއަދު. އެހެންވީމާ، އެކިއެކި ކޯސްތަކުން މިރޭ އެކިއެކި ވަނަތައް އަދި އެކިއެކި ސަނަދުތައް ހޯދި ކުދިންނަށާއި، އަންޑަރގްރެޖްއޭޓް ޑިގްރީ ހޯދި ކުދިންނަށާއި، ގްރެޖުއޭޓް ޑިގްރީ ހޯދި ކުދިންނަށް ފަށްފަށުން މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

އާދެ، ޔުނިވަރސިޓީއެއްގެ ކިޔެވުން ނިމިގެންދާއިރު، ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ވިސްނާލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ފެކަލްޓީގެ މެންބަރުން ވިސްނާވަޑައިގަންނަވަންޖެހޭ ކަންތައްތަކެއް ހުރޭ. ޔުނިވަރސިޓީގެ މަސްއޫލު މެންބަރުން ވިސްނާވަޑައިގަންނަވަންޖެހޭ ކަންތައްތަކެއް ހުރޭ. ކިޔަވާ ކުދިން، ދަސްވެނިވި، ގްރެޖްއޭޓްވި ކުދިން ވިސްނަންހުރި ކަންތައްތަކެއް ހުރޭ. މަސްއޫލުވެރިންނާއި، ޔުނިވަރސިޓީގެ ފެކަލްޓީގެ ޑީނުން، ފެކަލްޓީގެ ލެކްޗަރަރުން ވިސްނާވަޑައިގަންނަވަންޖެހޭ ކަންތައްތަކުގައި، ކުރައްވަންޖެހޭ ކަމަކީ ނިމުނު އަހަރުގެ ސްޓޮކް ނެންގެވުން. ކޮބައިތޯ ކިޔެވެލީގެ ތެރޭގައި އިތުރަށް ކޮށްދެވޭނެ ރަނގަޅު ކަންކަމަކީ. އިތުރަށް ކުދިން މޮޅުކުރުމަށްޓަކައި ރިސާރޗްގެ ގޮތުން، ނޫނިއްޔާ ރިސާރޗް ކުރާނެ މެތަޑޮލޮޖީ ދަސްކޮށްދިނުމުގެ ގޮތުން، ނޫނިއްޔާ ރިސާރޗެއް ގައިޑްކޮށްދިނުމުގެ ގޮތުން ކޮށްދެވޭނީ ކޮންކަމެއްތޯ.

ކިޔަވައި ނިމުނު ކުދިން ވިސްނަންޖެހޭނީ، އެކުދިންގެ ވަނަތައް މިއަށްވުރެ ވަރުގަދަ ކުރެވޭނެތޯ. އެކުދިންގެ އިމްތިޙާނުތައް އެކުދިންނަށް މިއަށްވުރެ ރަނގަޅަށް ހެދޭނެތޯ. ޔުނިވަރސިޓީގެ ދުވަސްވަރަކީ، ޝައްކެއްވެސްނެތްގޮތުގައި، ކުއްޖެއްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސްތައް. ހަމައެހެންމެ، އެއްގޮތަކުން ވިސްނައިފި ކަމަށްވަންޏާ، ކުއްޖެއްގެ ޙަޔާތުގައި އެންމެ ޒިންމާދާރުކަމާއެކީ ހޭދަކުރަންޖެހޭ ދުވަސްތައްވެސްމެ. އެންމެ އުފާވެރި ދުވަސްތަކަށް މިވަނީ، އެކުއްޖާގެ ޙަޔާތް ރޭވުމަށްޓަކައި އެކުއްޖާއަށް ތަޢުލީމު ޙާޞިލު ކުރަން ލިބޭ އެންމެ ރަނުގެ ފުރުޞަތު ކަމަށްވާތީ. އެންމެ ޒިންމާދާރު ދުވަސްތަކެއްގެ ގޮތުގައި މިވަނީ، އެކުއްޖާގެ ޙަޔާތުގައި މިޞްރާބު ޖަހާނެ ދުވަސްތަކަކާ ދޭތެރޭގައި ވިސްނައި އަދި އެކަން ކުރުމަށްޓަކައި އެކުއްޖާ އުނގެނެންވީ ކިޔެވެލި، ދަސްކުރަންވީ މާއްދާތަކާ ދޭތެރޭގައި އެކުއްޖަކު ވިސްނައި، ކަންކަން ނިންމާ ދުވަސްކޮޅަށްވާތީ.

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މީހެއްގެ ޢުމުރުގައި އެންމެ މުހިންމު ދުވަސްތަކަކީ، އެމީހެއްގެ ޔުނިވަރސިޓީގައި ހޭދަކުރާ ދުވަސްތައް. ޔުނިވަރސިޓީއާ ބެހޭގޮތުން ނޫނިއްޔާ، މިރޭގެ ދަސްވެނިންނާ މުޚާޠަބުކޮށް އެއްޗެއް އިތުރަށް ދެންނެވުމުގެ ކުރިން، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިރޭގެ ޖަލްސާގައި، ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން އަޅުގަނޑާ ދޭތެރޭގައި ވަރަށް ގާތް، އެކުވެރި، އޯގާތެރި ބަސްފުޅުތަކެއް ވިދާޅުވިކަމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، ޔުނިވަރސިޓީގެ ކުދިންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަތައް އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަކުދިން ތިޔަ ތިބީ 21 ވަނަ ޤަރުނުގެ ތެރޭގައޭ. ތިޔަކުދިން ތިޔަ ތިބީ ޢިލްމުގެ ޚަޒާނާއެއްގެ ތެރޭގައޭ. ތިޔަކުދިން ތިޔަ ތިބީ މުއްސަނދި މަޢުލޫމާތުގެ ދަރުސްޤާރުގެ ތެރޭގައޭ. ތިޔަކުދިންނަށް އިންޓަރނެޓްގެ ޛަރީޢާއިން އެކިއެކި މަޢުލޫމާތުތައް ތިޔަކުދިންގެ އިނގިލިކުރިއާ ހަމައަށް އަންނަނީ ދާދި ހަލުވިކަމާއި ފަސޭހަކަމާއެކީ. އެހެން ނަމަވެސް، ޔުނިވަރސިޓީ ކުދިން ދަސްކުރަންޖެހޭ މެތަޑޮލޮޖީގެ ތެރޭގައި، އެޕްލައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ދަސްކުރަންޖެހޭ ކަންކަމަކީ، އިންޓަރނެޓް މެދުވެރިކޮށް ލިބޭ ވަރަށްގިނަ މަޢުލޫމާތަކީ، ބައެއްފަހަރު ލިބޭ ވަރަށްގިނަ މަޢުލޫމާތަކީ އޮޕީނިއަން. އެއަކީ ޝައްކެއްވެސްނެތްގޮތުގައި، ކޮންމެހެން ހުރިހާ ކަމަކީ ފެކުޗުއަލް މަޢުލޫމާތެއް ނޫން. އޮޕީނިއަނަށް ބޭސްކޮށްފައި އިތުރަށް ރިސާރޗް ކުރަންވީ، އޭގެ ފެކްޓްސްއާ ހަމައަށް ދާން. މިއީ އަޅުގަނޑުމެންގެ ދީނުގައި ކަންކަން ހުރިގޮތާ ދޭތެރޭގައި ވިސްނި ކަމުގައިވި ނަމަވެސް، ހިއުމެނެޓީޒްއާ ބެހޭގޮތުން ކަންކަން ހުރިގޮތަށް ވިސްނި ކަމުގައިވީނަމަވެސް، އަދި ނޫނީ އެހެން ކަންކަމާ ބެހޭގޮތުން ކަންކަން ހުރިގޮތާ ބެހޭގޮތުން ނަމަވެސް. އިންޓަރނެޓުން އަޅުގަނޑުމެންނަށް ލިބޭ ވަރަށްގިނަ މަޢުލޫމާތަކީ، އޮޕީނިއަން.

ޝައްކެއްވެސްނެތްގޮތުގައި، ހުރިހާ ކްރިޓިކަލް ތިންކަރުން ވިސްނަންޖެހެނީ، މި ލިބޭ އޮޕީނިއަންއަކީ، ކޮންމެހެން ފެކްޗުއަލް މަޢުލޫމާތެއް ނޫނޭ. އެ ފެކްޗުއަލް މަޢުލޫމާތު އެސަރޓެއިން ކުރުމަށްޓަކައި، ކަށަވަރު ކުރުމަށްޓަކައި އިތުރު ރިސަރޗް ކުރަންޖެހޭ. އަދި އެ މައުޟޫޢަކާ ބެހޭގޮތުން ތަފާތު އެކިއެކި ނަޒަރިއްޔާ ހޯދުމަށްޓަކައި، އެކިއެކި ޢިލްމުވެރިން ލިޔުއްވާފައި ހުންނަ ވާހަކަތައް ދިރާސާ ކުރަންޖެހެނީ، ނޫނިއްޔާ މައުޟޫޢުތައް ދިރާސާ ކުރަންޖެހެނީ އެ ސަބަބަށްޓަކައި.

ޔުނިވަރސިޓީގެ ޙަޔާތުގައި ދިމާވާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ދަންނަވާލާނަން، ތިޔަކުދިންނަށް އެއް ވާހަކައެއް. އެއްކަމަކީ ބައެއްފަހަރު އަޅުގަނޑަކަށް ނޭނގެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިކަން ދިމާވަނީ ކިހާ މިންވަރަކަށް ކަމެއް. އެހެންނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި، ބޭރުގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ކުދިންނަށް މިކަން އެނގިވަޑައިގަންނަވާނެ. އިޙްސާސް ކުރައްވާފައި ހުންނާނީ. ތަޖުރިބާ ކުރައްވާފައި ހުންނާނީ. ބައެއްފަހަރު ނަގަންޖެހޭ ކޯސްތަކުގެ ތެރޭގައި، އިޚްތިޔާރީ މާއްދާތައް ހުރޭ. އިޚްތިޔާރީ މާއްދާތަކުގެ ތެރޭގައި، އިލެކްޓިވްސް، ސައިންސް ކިޔަވާ ކުއްޖަކު ފަހަރެއްގައި ސައިކޮލޮޖީ މާއްދާއެއް ނަގަން ޖެހިދާނެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނޫނިއްޔާ ހިއުމެނިޓީގެ ކޮންމެވެސް މާއްދާއެއް ކިޔަވާ ކުއްޖަކު، ފަހަރެއްގައި ސޯޝިއޮލޮޖީގެ މާއްދާއެއް ނަގަން ޖެހިދާނެ. މި މާއްދާތަކަށް ތަޢާރުފު ނުވާއިރު، އެންމެ ފުރަތަމަ އެ ކުއްޖާގެ ހިތަށްއަރާނީ، ތިމަންނަ އެންމެ ބޭނުންވީ މާއްދާ ކިޔެވުމުގެ ފުރްޞަތު ނުލިބުނޭ، އެ އިޚްތިޔާރީ މާއްދާއެއް ނެގުމުން. އެހެންނަމަވެސް، އިޚްތިޔާރީ މާއްދާ ނަގައިގެން ޔުނިވަރސިޓީގައި ގްރެޖްއޭޓް ޕުރޮގުރާމަކަށް، ނޫނީ އަންޑަރގްރެޖްއޭޓް ޕުރޮގުރާމަކަށް ބޭނުންވާ ކްރެޑިޓް ހަމަވާން އަންނަނީ. އެހެންވީމާ، ކިޔަވާހިތްނުވާ މާއްދާއެއް އަދި އަމުދުން އަޑުއަހާހިތްނުވާ ލެކްޗަރަރއެއްގެ ލެކްޗަރ ހޯލަށް މި ވަންނަނީ.

އަޅުގަނޑުމެން ޔުނިވަރސިޓީގައި ކިޔަވަން އުޅުނުއިރު، އަޅުގަނޑުމެންގެ އެއް ޕްރޮފެސަރަކު ވިދާޅުވި ވާހަކައެއް، މިއާ ގުޅިގެން މިދަންނަވާލަނީ. އަޅުގަނޑުމެން ކިޔަވަން އުޅުނުއިރު، ލުބުނާނުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގައި ސިވިލައިޒޭޝަން ސީކުއަންސް ކިޔާ ޕުރޮގުރާމެއް އޮވޭ. ސިވިލައިޒޭޝަން ސީކުއަންސް ޕުރޮގުރާމުގައި ކޮމްޕެރެޓިވް ރިލިޖަންއާއި، މެޓަފިޒިކްސްއާއި، ފިލޯސަފީއާ، މިކަހަލަ މާއްދާތަކެއް މި ކިޔަވައިދެނީ. އަޅުގަނޑުމެން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާ ކުދިން، އިކޮނޮމިކްސް ހަދާ ކުދިންނަށް، އިބްނު ރުޝްދާ، ކާންޓާ، ޖެކާޓުގެ ވާހަކަ އައީމާ، އެއީ އަޅުގަނޑުމެން އަހާހިތްވާ ވާހަކަތަކެއް ނޫން. ޕަރގެޓަރީގެ ވާހަކަ އައީމާ، އެއީ އަޅުގަނޑުމެން އަހާހިތްވާ ވާހަކަތަކެއް ނޫން. އެހެން ނަމަވެސް، މިވާގޮތަކީ، ސިވިލައިޒޭޝަން ޕުރޮގުރާމަކީ، އަޅުގަނޑުމެންގެ ޔުނިވަރސިޓީގައި ހުރި މާއްދާތަކުގެ ތެރޭގައި، އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި އޮތް ނަމަވެސް، މަޖުބޫރު އިޚްތިޔާރީ މާއްދާއަކަށް މިވަނީ. އެހެންވީމާ، އަޑުއަހަން ބޭނުންވިޔަސް، ނުވިޔަސް، މި އޮޑިޓޯރިއަމަށް އަޅުގަނޑުމެން ދާންޖެހޭ.

އަޅުގަނޑުމެންގެ ޕްރޮފެސަރަކު ވިދާޅުވި ވާހަކައަކީ، ތިމަންނަ ކޮންމެވެސް އެއަރޕޯޓެއްގައި ޓްރާންޒިޓް ކުރިއިރު، ބެއިރޫތު ޔުނިވަރސިޓީގެ ކުއްޖަކާ ދިމާވިއޭ. އެކުއްޖާގެ ފްލައިޓް ޑިލޭވީ، ފްލައިޓް ކަނެކްޓް ނުކުރެވިގެން. އެކުއްޖާ ނަގަން ބޭނުންވި އިޚްތިޔާރީ މާއްދާ ނުނަގައި، ނަގަން މަޖުބޫރުވި މާއްދާއާބެހޭ ގޮތުން މި މުދައްރިސާއެކީ، ޔުނިވަރސިޓީ ޕްރޮފެސަރާއެކީ، މިއީ ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަން އެކުއްޖާއަށް ނޭނގި، ގާތްގަނޑަކަށް ދެގަޑިއިރެއްހާއިރު ވަންދެން، މި ވާހަކަ ދެއްކީ. ސިވިލައިޒޭޝަން ސީކުއެންސް ޕުރޮގުރާމާ ބެހޭގޮތުން. އެކުއްޖާ ފުރަތަމައިންވެސް މިބުނީ މިއީ ވަރަށް ފޫހި މާއްދާއެކޭ. ވަރަށް ފޫހި މާއްދާއެކޭ، އެއްގޮތަކަށްވެސް ކިޔަވާހިތްވާ މާއްދާއެއް ނޫނޭ. އެހެން ނަމަވެސް، މަޖުބޫރު އިޚްތިޔާރީ މާއްދާއަކަށް، މި މާއްދާވީމާ، ތިމަންނައަށް ކޮންމެ ދުވަހަކު ޔުނިވަރސިޓީގައި ހަފްތާއަކު ދެދުވަހު މި އޮޑިޓޯރިއަމަށް ހާޒިރުވާންޖެހެޔޭ. އެކުއްޖާގެ ފްލައިޓް ލިބެންދެން، ގާތްގަނޑަކަށް ދެގަޑިއިރު ނުވަތަ ތިންގަޑިއިރެއްހާއިރު ވަންދެން މި ދެއްކި ވާހަކައަކީ، ސިވިލައިޒޭޝަން ޕުރޮގުރާމުގައި ނަގައިދީފައި ހުރި އެކިއެކި ލެކްޗަރުތަކުގެ ވާހަކަ. ޖެކާޓުގެ ވާހަކަ ދެއްކުނު. އިބްނި ޚަލްދޫންގެ ވާހަކަ ދެއްކުނު. އިބްނު ރުޝްދުގެ ވާހަކަ ދެއްކުނު. އަދި މިހެންގޮސް އޭރުގެ އިސްލާމިކް ފިލޯސަފަރުންނާއި، އެހެން ފިލޯސަފަރުންގެ ވާހަކަ ދެއްކުނު. ކާޓް، މިހެންގޮސް އެތަކެއް މީހުންނެއްގެ ވާހަކަ ދެއްކުނު. އެހެންވީމާ، މި ޕްރޮފެސަރު ވަޑައިގެން އަޅުގަނޑުމެންނަށް ކިޔަވައި ދެއްވަމުން ވިދާޅުވި، ތިމަންނައަށް އެނގެއޭ، ކަލޭމެން ކުދިން އަޑުއަހާހިތްނުވާ، ކިޔަވާހިތްނުވާ މާއްދާއެކޭ މިއީ. އެހެންނަމަވެސް، ކިޔަވާހިތްނުވާ މާއްދާ، ކިޔަވާހިތްނުވާ ކުއްޖަކު ތިންގަޑިއިރު ވަންދެން ވަރަށް ޢިލްމީ ނަޒަރިއްޔާއަކުން މި މާއްދާ ތިމަންނައާއެކީ މުޠާލިޢާކުރިއޭ. އެހެންވީމާ، ކިޔަވާހިތްނުވާ މާއްދާތަކަށް ބައެއްފަހަރު ކުދިން ހާޒިރުވީމާ، އެކުދިންގެ ޝައުޤުވެރިކަން އަންނަގޮތް އެބަވޭ.

އަޅުގަނޑުމެން ހިއުމެނިޓީޒް ހެދިއިރު، އަޅުގަނޑު ހިތުން އަޅުގަނޑަކަށް ސޯޝިއޮލޮޖީއަކީ އެހާ މުހިންމު، ނޫނިއްޔާ އެހާ ޝައުޤުވެރިކަން ހުރި މާއްދާއަކަށްނުވޭ. ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާއިރު، އަޅުގަނޑު ހިތަށްއަރަނީ، ސޯޝިއޮލޮޖީ ނުހެދިޔަސް ފުދޭނެއޭ. އެހެންނަމަވެސް، އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ސޯޝިއޮލޮޖީގެ ފުރަތަމަ ކޯސް، ބޭސިކް ކޯސް، ނޫނިއްޔާ މުޤައްދިމާ އިންޓްރޮޑަކްޓަރީ ކޯސް ހެދިއިރު، އޭގެފަހުން އޭގެ ސޯޝިއޮލޮޖީގެ އެތައް ކޯހެއް އަޅުގަނޑު ހެދިން. ކޮންޓްރެކްޓް ރެޒޮލިއުޝަންގައި އަދި ވަޒީފާގެ މާޙައުލުގައި ދިމާވާ އެކިއެކި ކަންކަމަށް، ޢިލްމީގޮތުން ނަޒަރިއްޔާއެއް ހިންގާ ކަމަށްވަންޏާ، ސޯޝިއޮލޮޖީ އެބަ ހަދަންޖެހޭ. އަދި އޭގެފަހުން ސޯޝިއޮލޮޖީއާ ވަރަށް ތިމާގެ، އެއް ޢާއިލާއެއްގެ މާއްދާއެއްގެ ގޮތަށް މިއޮންނަނީ، ނަފްސާނީ ޢިލްމު ނޫނީ ސައިކޮލޮޖީ. ސައިކޮލޮޖީ ހަދާހިތްނުވާ ކުދިން ގިނަވާނެ. އެހެންނަމަވެސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާއިރު، މެނޭޖްމަންޓް ހަދާއިރު، ސައިކޮލޮޖީއަކީ މަސްޓެއް، އިމްޕެރެޓިވް، މަޖުބޫރު. އެހެންވީމާ، ހަދާހިތްނުވާ މާއްދާ، ދިމާވާގޮތަކުން، އެކުއްޖަކު ހަދާހިތްނުވާ މާއްދާއަކަށް އެކުއްޖަކު އޮންރޯލް ކުރެވުނު ނަމަވެސް، އެކުއްޖާ ލޯހުޅުވިގެން މިދަނީ، މުޅިން އާ ޑިސިޕްލިނަކަށް. ބައެއްފަހަރު، މި ދިމާވަނީ އެކުއްޖާ ހަދާހިތްނުވާ މާއްދާއިން އެކުއްޖާ ކުރިއަށްދާތަން.

ޔުނިވަރސިޓީ ކުދިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޔުނިވަރސިޓީ ކުދިންގެ ތެރެއިން ކިޔެވުމުގައި ކުރިއަށްދާން ބޭނުންވާ ކުދިންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަމޭ. ހަމައެއާއެކީ، ކިޔެވުން ދޫކޮށްލާފައި، ޢަމަލީ މައިދާނަށް ނުކުންނަ ކުދިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެންމެ ވަރުގަދަކަމަކީ، ނޫނިއްޔާ އެންމެ ވަރުގަދަ މަފްހޫމަކީ ޕަރސިވިއަންސް. ކުރާ ކަމެއްގައި ގަދައަޅައި، ދޫނުކޮށް މަސައްކަތް ކުރުން. މިހާރު އަޅުގަނޑުމެން މި ދަންނަވަންޖެހެނީ، ޙަޤީޤީ ދުނިޔެއަށް ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވަމޭ. އަޅުގަނޑަށް އެނގޭ، މި ޔުނިވަރސިޓީގެ ކުދިންނަކީ މެޗްއަރ ކުދިން. ޢާންމުކޮށް ޔުނިވަރސިޓީގެ ފެންނަ ކުދިންނަށްވުރެ މެޗްއަރ ކުދިން، މަސައްކަތުގައި އުޅެމުން ތަޢުލީމު ހާސިލުކުރާ، ނޫނީ ކޯހަށް އެޓެންޑްކުރާ ކުދިން ދެންމެ ސެޓްފިކެޓްތައް މިގެންދިޔައީ. ޚާއްޞަކޮށް، އަންޑަރގްރެޖްއޭޓް ޑިގްރީ ޕުރޮގުރާމު، މާސްޓަރޒް ޑިގްރީ ޕުރޮގުރާމު. އެހެންނަމަވެސް، އަލަށް ކިޔަވައިގެން ޑިގްރީ ނިންމާ ކުދިންނަށް އަޅުގަނޑު މިދަންނަވަނީ، ޙަޤީޤީ ދުނިޔެއަށް މަރްޙަބާ ދަންނަވަމޭ. ޔުނިވަރސިޓީގެ ހިޔާވަހިކަމުން ދުރަށް ނުކުމެ، މަސައްކަތުގެ މައިދާނުގައި މަސައްކަތް ކުރާއިރު، ފޫހިވާނެ. އަދި ތިޔަކުދިން ހިތްދަތި ތަޖުރިބާ ކުރަންޖެހޭ އެތަކެއް ކަންތައްތަކަކާ ދިމާވާނެ. ޔުނިވަރސިޓީ ކުދިންގެ ހިތުގައި ބިންވަޅު ނެގެންވީ މަފްހޫމަކީ ޕަރސިވިއަންސް. ރިލަންޓްލެސްނަސް. ގޮތްދޫނުކޮށް، ގަދައަޅައި ކަމެއް ހާސިލު ކުރުމަށް މަސައްކަތްކުރުން.

ތިމާގެ އެންމެ ގާތް ރަޙްމަތްތެރިއަކީ ތިމާ. އެމީހެއްގެ ޙަޔާތުގައި، އެންމެ ގިނަދުވަހު އެމީހަކު ހޭދަކުރާނީ އެމީހަކާ އެކީގައި. އެމީހެއްގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ ކަމަށްވަންޏާ އަދި ކުރިއަށްދާން ބޭނުންވާ ދާއިރާއެއްގައި ނާކާމިޔާބު ދިމާވާ ކަމަށްވަންޏާ، އިސާހިތަކު ނަފްސުގެ މަތިން ފޫހިވެ، ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ. އެހެންވީމާ، މިވާގޮތަކީ އެމީހާގެ ނަފްސުގެ މައްޗަށް ކުރާ އިތުބާރު ގެއްލުނީމާ، އެމީހަކު މި ރައްޓެހިވަނީ މުޅިން އެހެން މީހަކާ. އެހެންވީމާ، އެމީހެއްގެ މައްޗަށް އޮންނަ އިތުބާރަކީ، އެމީހަކު އެންމެ ވަރުގަދައަށް ދަސްކުރަންޖެހޭ ފިލާވަޅު. އަދި މަދްރަސާ ކުދިންނަށް، ޔުނިވަރސިޓީ ނިންމާ ކުދިންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޔުނިވަރސިޓީ ނިންމާ ކުދިންނަށް އެނގޭނެ، "ސަކްސަސް"، "ފެއިލިއަރ"، މިއީ ވަރުގަދަ ދެ މަފްހޫމް.

މިރޭ ކާމިޔާބުކުރި ހުރިހާ ކުދިންނަށް އަޅުގަނޑު މަރްޙަބާ ކިޔާއިރު، ކާމިޔާބުނުވި ކުދިންނަށްވެސް އަޅުގަނޑު މަރްޙަބާ ކިޔަން. ޢާންމު ވިސްނުމުން އަޅުގަނޑުމެން ވިސްނާއިރު، ކާމިޔާބު، ފެއިލިއަރ، މި ދެއެއްޗަކީ އިދިކޮޅު ދެ މަފްހޫމް. އެކަމަކު ޔުނިވަރސިޓީ ކުދިންގެ ވިސްނުމުގައި ބިންވަޅު ނަގަންވީ، މިއީ އިދިކޮޅު ދެ މަފްހޫމެއް ނޫނޭ. ފެއިލިއަރއަކީ މިދެންނެވި ގޮތަށް ޕަރސިވިއަރ ކުރާކަމަށްވަންޏާ، ގަދައަޅާ މަސައްކަތް ކުރާކަމަށްވަންޏާ، ފެއިލިއަރ އަކީ ސަކްސަސްއާ ހަމައަށް ދިޔުމަށް އެޅޭ އެއް ފިޔަވަޅު ކަމަށް ވިސްނާވަޑައިގަންނަވާ. ފެއިލިއަރއަކީ ސަކްސަސްގެ އެންޓެނިމްއެއް ނޫން. އޮޕޮސިޓެއް ނޫން. އިދިކޮޅު މަފްހޫމެއް ނޫން. ޔުނިވަރސިޓީ ކުދިންގެ ހިތުގައި ބިންވަޅު ނަގަންވީ، ފެއިލިއަރއަކީ ސަކްސަސްގެ ފުރަތަމަ މަރްޙަލާއޭ. ފުރަތަމަ މަރްޙަލާގައި ތިމަންނަ ފެއިލްވީއޭ. އެކަމަކު އެތައް މަރްޙަލާއެއް އެބައޮވެއޭ. އެންމެ ވަރުގަދައަށް ފޮތްލިޔެ، ޕަބްލިޝްކޮށްފައި ހުންނަ އޯތަރުންނާ ދޭތެރޭގައި، މުޞައްނިފުންނާ ދޭތެރޭގައި ތިޔަކުދިން ވިސްނާ. އެންމެ މޮޅަށް ފޮތްލިޔެ، ޕަބްލިޝްކުރާ މުޞައްނިފުންނަށް އެބަހުރޭ، 15 ފަހަރު، ނުވަތަ 15 ޕަބްލިޝަރުން ކައިރިއަށް ގޮސްގެން ފޮތް ބަލައިނުގެންފައި. އެކަމަކު 16 ވަނަ، 17 ވަނަ، 25 ވަނަ ޕަބްލިޝަރުން، އޭނަގެ ފޮތް ބަލައިގަނެފައި، އެ ފޮތް އެބަ ޗާޕްކޮށްދޭ. އެ ޗާޕްކޮށްދިނީމަ، އެ ފޮތް ދާދި އަވަސް މުއްދަތެއްގެ ތެރޭގައި، ބެސްޓް ސެލަރަކަށް އެބަވޭ. އެއީ، ޔުނިވަރސިޓީ ކުދިންގެ ޢަޒުމަކީ. ކުރާ މަސައްކަތެއްގައި ގަދައަޅާ މަސައްކަތްކުރުން. ޕަރސިވިއަރ ކުރަން ޖެހެންޖެހޭނެ. ކުރާ މަސައްކަތެއްގައި ރިލެންޓްލަސް ވާންޖެހޭނެ. އެމަސައްކަތެއްގައި އަމިއްލަ ނަފްސަށް އިތުބާރު އޮންނަންވާނެ. އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ނޯންނަ ކަމަށްވަންޏާ، އެކުއްޖާ ރަޙްމަތްތެރިވާނީ އެކުއްޖާގެ ނަފްސަކާ ނޫން. މުޅިން އެހެން މީހެއްގެ ނަފްސަށް. އެއީ އެކުއްޖާ ފެއިލްކޮށްލާނެ އެއްޗަކީ.

އެހެންވީމާ، ޔުނިވަރސިޓީގެ ކުދިންނަށް ދަންނަވާލަން އޮތް ވާހަކައަކީ، މިއަދުގެ އެންމެމޮޅު ފޮތް ލިޔުންތެރިންނަކީވެސް، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ފޮތް ލިޔަން ފެށިއިރު، ދިހަ، ބާރަ ޕަބްލިޝަރުން ކައިރިއަށް ގޮސްގެން، ދިހަ، ބާރަ ޕަބްލިޝަރުން އެމީހުން ޓަރންއައުޓް ކޮށްފައޭ ހުރީ. ޔުނިވަރސިޓީ ކުދިންނަށް ނަގައިދޭ ފިލާވަޅަކީ، ޔުނިވަރސިޓީ ނިންމާފައި، ޢަމަލީ މައިދާނަށް ނުކުންނައިރު، ޓަކިނުޖަހާ ދޮރެއް ނުބަހައްޓާށޭ. އަދި މޮއްކޮޅު ގޭނެންދެން ދޮރުގައި ޓަކިޖަހާށޭ. ކާމިޔާބާ ހަމައަށް ދެވޭނީ އެހިސާބުންނޭ. ކާމިޔާބާ ހަމައަށް ދެވުނީމާ، ދެން ތިޔަކުދިން ކިޔެވި އެއްޗެއް އެޕްލައި ކުރަން ދަސްކުރާށޭ.

އަޅުގަނޑު، ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ކިޔަވައިދޭ ތަންތަނާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، މިއީ ފެކަލްޓީތަކުގެ ޑީނުންނަށް، ފެކަލްޓީތަކުގެ ލެކްޗަރަރއިންނަށް އަޅުގަނޑު ދަންނަވާލާ ވާހަކައެއް.

ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކުގައި މި ކިޔަވާ ކުދިންނަކީ، ވަރަށް ބޮޑަށް ހިއުމެނެޓީޒްގައި އުޅޭ ކުދިން. އާޓްސްގައި އުޅޭ ކުދިން. އެޕްލައިޑް ސައިންސްގައި އުޅޭ ކުދިން ވަރަށްމަދު. އަޅުގަނޑަށް އެނގޭ، ފަހަރުގައި ވެދާނެކަންނޭނގެ، އެޕްލައިޑް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ނޫނިއްޔާ، މަސައްކަތުގެ ބާޒާރުގައި މާބޮޑެތި މަސައްކަތް ކުރާނެ ފުރްޞަތު ނެތީމާކަމަށް. އެހެން ނަމަވެސް، ތަނެއް ކުރިއަށްދާނީ، އެޕްލައިޑް ސައިންސްވެސް އެނގިގެން، ދަސްކުރެވިގެން. އަދި ކިޔަވާ އެއްޗެއް ރަނގަޅަށް އެޕްލައި ކުރަން އެނގިގެން. ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ޞިނާޢަތްތަކުގެ ތެރޭގައި އެބަ ހިމެނޭ މަސްވެރިކަމުގެ ޞިނާޢަތު. އެހެންވީމާ، ފުޑް ޓެކްނޮލޮޖިސްޓުންނަށް ދިވެހިރާއްޖެ ބޭނުންވޭ. އަދި ހަމައެހެންމެ، މިނޫން އެހެން ދާއިރާތަކުގައި އެޕްލައިޑް ސައިންސްގެ މާއްދާތަކުގެ ކުދިން އެބަ ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންގެ މުދައްރިސުން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންގެ ކުދިންގެ ތެރޭގައި ކިހިނެއްތޯ، އެޕްލައިޑް ސައިންސަށް ކުދިންގެ ޝައުޤުވެރިކަން ދަމައިގަންނާނީ. ދިވެހިރާއްޖެ ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، ހިއުމެނިޓީޒްގެ ދާއިރާއިން އަޅުގަނޑުމެން ހަމަ ފެކްޓްރީއަކުން ޕްރޮޑިއުސްކުރާ ގޮތަށް އަޅުގަނޑުމެން މި ޔުނިވަރސިޓީގެ ގްރެޖުއޭޓުން މި ޕްރޮޑިއުސް ކުރަނީ.

އެތައް ބައިވަރު ޓީޗަރުންނެއް އަޅުގަނޑުމެން މިއުފައްދަނީ. ޝައްކެއްވެސްނެތް، މިވަގުތު ދިވެހިރާއްޖެއަށް ޓީޗަރުން ބޭނުންވެސްމެ. އެހެން ނަމަވެސް، އަޅުގަނޑު މިދެންނެވި ކަހަލަ އެހެން ދާއިރާތަކަށް، އަޅުގަނޑުމެން އެބަޖެހޭ، ޔުނިވަރސިޓީތަކުން ކުދިން އެބަ އުފައްދަންޖެހޭ. މެޗުއަރ ސްޓޫޑަންޓުންވެސް އެހެން ދާއިރާތަކުން އެބަ އުފައްދަންޖެހޭ. މިއީ ޔުނިވަރސިޓީތަކުގެ ފެކަލްޓީތަކުގައި ތިއްބެވި ބޭފުޅުން ވިސްނާވަޑައިގެން، ކިހިނެއްތޯ ޔުނިވަރސިޓީގެ ކުދިން މިކަންކަމާ ދޭތެރޭގައި ޝައުޤުވެރި ކުރުވާނީ. މިކަމަށް ވިސްނާވަޑައިގަންނަވަންޖެހޭ.

އަދު ދިވެހިރާއްޖޭގެ ޙާލަތު، މި ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގައި ހުރި ވިލާކޮލެޖާއި އަދި މިނޫންވެސް މަތީ ތަޢުލީމު ކިޔަވައިދޭ ތަންތަން، މިތަންތަނަކީ ދިވެހިރާއްޖޭގެ މިއަދުގެ ކުރިމަގާ އެންމެބޮޑަށް ގުޅިލާމެހިފައި ހުރި ތަންތަން. ދިވެހިރާއްޖެއަށް މިއަދު ބޭނުންވަނީ، ދިވެހިރާއްޖެއަކީ ޒުވާން އިޤްތިޞާދެއް ކަމުގައިވާއިރު، ދިވެހިރާއްޖެ ބޭނުންވަނީ، ދިވެހިރާއްޖޭގައި އިތުރުވަމުން މިއަންނަ ޒުވާން އާބާދީއަށް ކޮންމެވެސް ހިސާބަކުން ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދޭން. ވަޒީފާގެ ފުރްޞަތާ ހަމައަށް އާދެވެނީ، ކޮންމެވެސްކަހަލަ މާކެޓަބަލް ސްކިލްއެއް ކޮންމެ ކުއްޖަކަށްވެސް ލިބިގެން. ނޫނިއްޔާ، ތަޢުލީމީ ދާއިރާއިން މަތީ ފާހެއް އޮވެގެން. މިސާލަކަށް، މާސްޓަރޒް އޮފް އެޑިޔުކޭޝަން ހަދާފައި ހުންނަ ކުއްޖަކަށް ފަހަރެއްގައި ޓީޗިންގ ޖޮބެއް ނުލިބިދާނެ. އެކަމަކު އެކުއްޖަކީ އެހެން ކޮންމެވެސް ވިޔަފާރިއެއްގައި މަސައްކަތް ކުރެވިދާނެ ކުއްޖަކަށްވާނެ. އެހެންވީމާ، ދިވެހިރާއްޖޭގައި މިހާރުހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަށް ބަލާކަމަށްވަންޏާ، މިއީ ޔުނިވަރސިޓީގެ ޑޮމެއިންގެ ތެރޭގައި ޑިސްކަސް ކުރެވި، އެއަށް ގޮތްތަކެއް ނެރެވެންޖެހޭ މައްސަލަތައް. ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ ވަޒީފާގެ ފުރްޞަތު. ޒުވާންކުދިން ބާރުވެރިކުރުވެން މިއަންނަނީ، އަދި ޒުވާން ކުދިންނަށް މަސްތުވާތަކެތިން ދުރަށްދެވެން މިއަންނަނީ، ދެބަސްނުވެވޭނެ ގޮތުގައި، އެކުދިންނަށް ވަޒީފާގެ ފުރްޞަތުތަކާއި، އެކުދިންނަކީ މުޖްތަމަޢު ބަލައިގަންނަ ކުދިންނަށް ހެދިގެން.

އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެން ބޭނުންވެޔޭ، ފަސްއަހަރުގެ ތެރޭގައި ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދަން. އަޅުގަނޑުމެންގެ ޔުނިވަރސިޓީގެ ލެކްޗަރަރުން ކުދިންނަށް އެބަ ކިޔަވައިދޭންޖެހޭ، ދިވެހިރާއްޖޭގެ އަދުގެ ޙާލަތު އޮތް ހިސާބު. މިއީ އެއްގޮތަކަށްވެސް ކުދިން ސިޔާސީ ކުރުވާކަށެއް ނޫން. އެކަމަކު ދިވެހިރާއްޖޭގެ ޙާލަތު އޮތް ހިސާބު، ޔުނިވަރސިޓީގައި ރިސާރޗްކުރާ ބަޔަކަށްވުރެ ބޮޑަށް ތަޙުލީލީ ނަޒަރަކުން އެނގޭނެ ބަޔަކު ނޫޅޭނެ. އަދި އެހިސާބުން ކިހިނެއްތޯ، ދިވެހިރާއްޖޭގައި ހުރި ކަންތައްތައް ކުރިއަށް ގެންދެވޭނީ. މިއީ ޔުނިވަރސިޓީގެ ޝައުޤުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނެންޖެހޭ މައުޟޫޢުތައް.

ދިވެހިރާއްޖޭގެ ބަޖެޓްގެ ޙާލަތަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މިދައްކަނީ، އަޅުގަނޑުމެން މިތިބީ ޓީޗަރުންނަށްވެސް މުސާރަ ނުދެވޭ ޙާލަތެއްގައޭ. މިދަންނަވަނީ މިއަދުގެ ސަރުކާރުގެ ޙާލަތު އެގޮތަށް އޮތް ވާހަކައެއް ނޫން. އަދި އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެން ދަރާފައި އޮތް އަދަދަށް ބަލާކަމަށްވަންޏާ، ތިންއަހަރުގެ، ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމާ އެއްވަރުގެ އަދަދަކަށް ދިވެހިރާއްޖެ ދަރާފައޭ މިއޮތީ. އެހެންކަމަށްވަންޏާ، މިކަންކަމުން ނެއްޓެވޭނެ ގޮތްތަކަކާ ދޭތެރޭގައި ޔުނިވަރސިޓީގެ ކުދިންގެ ޝައުޤުވެރިކަން އެބަ ގެންނަންޖެހޭ، ޔުނިވަރސިޓީގެ ޑީން، ޔުނިވަރސިޓީގެ ލެކްޗަރަރުން. މިއީ އެކުދިން ކިޔަވާ އެއްޗެއް އެޕްލައި ކުރުމަކީ. އަދި ހަމައެހެންމެ، އިޤްތިޞާދީ ޢިލްމު ހާސިލުކޮށްގެން ނުކުންނަ ކުދިންނަށް އެބަ ދަސްވާންޖެހޭ، އެކުދިން ކިޔަވާ އެއްޗެއް. އެކުދިން ވަޒީފާގައި އުޅޭއިރު އެޕްލައި ކުރާނީ ކިހިނެއްތޯ. ކޭސް އިން ޕޮއިންޓް.

ޙާލަތު، މިއަދުގެ ޙާލަތު ދަންނަވާލާނަން. އަޅުގަނޑުމެންނަށް ޢާންމު ސިކުނޑިއަކުން ވިސްނަން ވަރަށް އުނދަގޫވި ކަމެއް. ވަރަށް އުނދަގޫވި ކަމެއް. އާދައިގެ ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ނޫނީ މަޤާމެއްގެ މުސާރައަކީ، ހަތްހާސް ނޫނީ ހަތަރުހާސް މިދޭތެރޭގެ ޢަދަދަކަށްވާއިރު، 65 އަހަރުން މަތީގެ ދޮށީ ރައްޔިތުންނަށް ދައުލަތުގެ ބަޖެޓުން ފައިސާ ހޭދަނުކޮށް، ކިހިނެއްބާއޭ، ފަސްހާސް ރުފިޔާ ދޭނީ. މިއީކީ ޖާދޫއެއް ނޫން، މިއީކީ ޖާދޫއެއް ނޫން. އެހެންނަމަވެސް، އިންޝުއަރެންސާއި، ފަންޑް މެނޭޖް ކުރުމާ، މިކަންކަން ދަސްވެފައި ތިބި ކުދިންނަށް، ނޫނިއްޔާ މި މާއްދާތައް އެނގޭ ކުދިންނަށް އެނގޭނެ، ކޮންމެ މީހަކު، ކޮންމެވެސް ވަރަކަށް ފައިސާލާކަމަށްވަންޏާ އަދި އެ ފަންޑް ބޮޑުކުރަން ސަރުކާރުންވެސް އެއްޗެއްލާކަމަށްވަންޏާ، އެ ފަންޑް އިންވެސްޓްކޮށްގެން، އެއަށް ލިބޭ އެންމެބޮޑު އާމްދަނީއެއް ލިބޭގޮތަށް ހަދައިފި ކަމަށްވަންޏާ، އެ އަދަދު އިސާހިތަކު ޑަބަލްވެ، ޓްރިޕްލްވެގެން ހިނގައިދާނެކަން. އެހެންކަމަށްވަންޏާ، އޭގެ ނަތީޖާއަކަށްވާނީ، އެ އަދަދު ބަހައިފި ކަމަށްވަންޏާ، މިދެންނެވި ގޮތަށް، މިހާރު ދެހާސް ތިންސަތޭކަ ރުފިޔާ ލިބޭ މީހުން، ނޫނިއްޔާ، ދެހާސް ހަތްސަތޭކަ ރުފިޔާ ލިބޭ މީހުންނަށް، އެ އަދަދު ފަސްހާސް ރުފިޔާއަށް ޖެއްސުމަކީ، އެއްގޮތަކަށްވެސް ޖާދޫއެއް ނޫން. އެއީ ކުރެވޭނެ ކަންތައްތައް. އެއީ، އިކޮނޮމިކްސް އެޕްލައި ކުރީމަ ނުކުންނާނެ ނަތީޖާ.

ކޮންމެ މާއްދާއެއް މި ކިޔަވަނީ، އެކުއްޖާ ދަސްވެނިވި ރޮނގަކުން ޢަމަލީ މަސައްކަތް ކުރާއިރު، މިކަހަލަ އެޕްލިކޭޝަންސް ހެދުމަށް. ސަރުކާރުގެ ވަޒީފާއެއް އަދާކުރިނަމަވެސް، ނޫނިއްޔާ އަމިއްލަ ތަނެއްގައި ކިޔެވި ނަމަވެސް، ކުއްޖަކު ކިޔެވި އެއްޗެއް އެޕްލައި ކުރަން އެނގުމަކީ، އެކުއްޖަކަށް ލިބޭނެ ސިކުނޑީގެ އެންމެ ބޮޑު ތަނަވަސްކަން. ޔުނިވަރސިޓީއިން ކިޔަވައިދޭއިރު ދަސްކޮށްދޭންޖެހޭ ކަންކަމަކީ އެއީ. ފިލާވަޅު ނަގައިދޭއިރު، މި ނަގައިދެނީ ފޮތަކުން އެކަންޏެއް ނޫން. މި ނަގައިދެނީ އިންޓަރނެޓާއި ރިސާރޗުން އެކަންޏެއް ނޫން. އެންމެ ބޮޑަށް ތަރައްޤީ ކުރަންޖެހޭ އެއްދާއިރާއަކީ ކްރިޓިކަލް ތިންކިންގ ގެ ދާއިރާ. އަދި ހަމައެހެންމެ، އެއާއެކީ ދެން ތަރައްޤީ ކުރަންޖެހެނީ، އެކުއްޖަކު ކިޔެވި އެއްޗެއް އެޕްލައި ކުރާނީ ކިހިނެއްތޯ. މިހާރު ބައެއް އިމްތިޙާނުތައް މި ހުންނަނީ، އެކުއްޖަކު ކިޔެވި އެއްޗެއް އެޕްލައި ކުރެވެނީ ކިހާވަރަކަށްތޯ ދަސްކުރުމުގެ ގޮތުން، ވަޒަން ކުރުމުގެ ގޮތުން ކުރަހާލެވިފައި ހުންނަ ކަރުދާސްތަކެއް މިހުންނަނީ.

ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ޔުނިވަރސިޓީގެ ކުރިއެރުމަށް އަޅުގަނޑުމެން ވިސްނާކަމަށްވަންޏާ، މިކަހަލަ ރިސަރޗް މަޢުޟޫޢުތަކާއި އަދި މިދެންނެވި ގޮތަށް އެޕްލައި ކުރުމުގެ ރޮނގުން ސައިންސް އެންޑް ޓެކްނޮލޮޖީ އެޕްލިކޭޝަންގެ ރޮނގުން އަޅުގަނޑުމެން އެބަޖެހޭ ކުދިން ޝައުގުވެރިކުރުވަން. އަޅުގަނޑަށް އެނގޭ، މި ޔުނިވަރސިޓީއަކީވެސް ހަމަ ރިސޯސް އިންސަފިޝަންޓް ތަނެއްކަން. ނޫނިއްޔާ ބޭނުންވާ މިންވަރަށް ދައުލަތުގެ ބަޖެޓުން އަޅުގަނޑުމެން ފައިސާ ދޭން ބޭނުންވާ މިންވަރަށް ނުލިބޭ ތަނެއްކަން. އެހެން ނަމަވެސް، ދިވެހިރާއްޖޭގެ މިކަންކަމަށް، މުޅި މައްސަލައަށް ޙައްލު ގެނެވެން މިއަންނަނީ، ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން މިހާރު މިއޮތް ޙާލަތަށްވުރެ، މިއަށްވުރެ ވަރުގަދަ ޙާލަތަކަށް ދެވޭވަރުގެ އިޤްތިޞާދެއް އޮތް ތަނަކަށްވެގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިކުރާ މަސައްކަތަކީ މިއީ.

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ދެން އަޅުގަނޑުމެން ބޭނުންވަނީ، މިމަސައްކަތުގައި ޢަމަލީގޮތުން މަސައްކަތް ކުރާނެ އީޖާބީ ދަރިވަރުންތަކެއް، ދަސްވެނިންތަކެއް ޔުނިވަރސިޓީން ނުކުމެގެން ޢަމަލީ މަސައްކަތުގައި އުޅުން. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ޔުނިވަރސިޓީއަކީ އަޅުގަނޑުމެންގެ ކުރިމަގާ ގުޅިފައި އޮތް، ވަރަށް ވަރުގަދައަށް ގުޅިފައި އޮތް ވަސީލަތެއް ނޫނީ ވާޞިޠާއެއް. އެހެންވީމާ، އެ ސަބަބަށްޓަކައި ޔުނިވަރސިޓީއިން، ޔުނިވަރސިޓީގެ ގްރެޖުއޭޝަނަށް ދަޢުވަތު ދެއްވީމާ، އަޅުގަނޑު ދުށީ މިއީ އަޅުގަނޑަށް ލިބުނު މަތިވެރި ޝަރަފެއް ކަމަށް. އަދި ހަމައެހެންމެ، ޔުނިވަރސިޓީއިން ޑިގްރީ ހާސިލުކުރި ކުދިންނަށް، އެކިއެކި ސަނަދުތައް ހާސިލުކުރި ކުދިންނަށް، ކޮންމެވެސް މިންވަރަކަށް، ޔުނިވަރސިޓީގައި އުޅޭއިރު، ޔުނިވަރސިޓީއިން ދަސްކުރާ އެއްޗަކާ، ދެން އެކުއްޖަކު ޢަމަލީ މަސައްކަތަށް ނުކުންނައިރު، އެކުއްޖާގެ ސިފައިގައި ހުންނަންޖެހޭ ކޮލިޓީތަކުގެ ވާހަކަ އަޅުގަނޑު މިދެންނެވީ. ކުރާ މަސައްކަތެއްގައި ޕަރސިވިއަރ ކުރާށޭ. ކުރާ މަސައްކަތެއްގެ ފެއިލްވުން ގަބޫލުނުކުރާށޭ، އެއީ ހަމައެކަނި ތިމާ ކުރާ ކަމެއްކަން. އަދި ފެއިލްވުމަކީ އެއްގޮތަކަށްވެސް ކާމިޔާބީއާ ހަމައަށް ނުދެވޭނެ މަފްހޫމެއް ގޮތަށް ޔުނިވަރސިޓީ ކުދިން ގަބޫލުނުކުރާށޭ. ޢަމަލީ މަސައްކަތުގައި ތިޔަކުދިން ކިޔެވި އެއްޗެއް އެޕްލައި ކުރެވޭތޯ މަސައްކަތް ކުރަންވާނެ. އެޕްލައި ކުރެވިއްޖެ ކަމަށްވަންޏާ، ތިޔަކުދިން ކިޔެވި އެއްޗެއް ތިޔަ ކުދިންނަށް ތިހިރީ ދަސްވެފައި. އެހެން ނޫނިއްޔާ، ތިޔަ ކުދިންނަކީ ހަމަ ފޮތްތަކެއްފަދަ، މުއްސަނދި މަޢުލޫމާތު ހިމެނޭ، އެހެން ނަމަވެސް، އެފޮތުގެ ބޭނުން އެހެން މީހަކަށް ހިފަން އެނގިއްޖިއްޔާ ނޫނިއްޔާ ބޭނުމެއް ނުހިފޭކަހަލަ ޑޮކިއުމަންޓެއް.

އެހެންވީމާ، ތިޔަކުދިންނަށް އެހެންނުވުމަކީ އަޅުގަނޑުގެ އެދުން. ތިޔަ ހުރިހާ ކުދިންނަށް އަދި ޔުނިވަރސިޓީގެ ހުރިހާ ލެކްޗަރަރއިންނަށް، ޔުނިވަރސިޓީގެ މަސްއޫލުވެރިންނަށް އަޅުގަނޑު އެދެނީ، ކުރިމަގުގައި އަދަށްވުރެ ފެހި މާދަމައެއް އިރާދަކުރެއްވުން. ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި، މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ، ޔުނިވަރސިޓީއިން ނުކުންނަ ކުދިންނަކީ، ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމަށްޓަކައި އީޖާބީ މަސައްކަތެއް ކުރާނެ ކުދިންތަކަކަށްވެގެން ދިޔުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه