ބެޔަސް ނުބެޔަސް މަސްވެރިންނަށް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ 10,000ރުފިޔާ ދެއްވުމަށްޓަކައި، މަސްވެރިން ރަޖިސްޓަރީވުމަށް އެދޭ ފޯމް، އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދޫކުރައްވަން ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީ.ޕީ.އެމް ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް ނިމި، މެއި މަސް ހުސްވުމުގެ ކުރިން މި ފައިސާ، މަސްވެރިންނަށް ކަށަވަރުވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިންނަށް ބޭނުންވާ ތެޔޮ ރާއްޖެއަށް އެތެރެކުރުމާބެހޭ މަޝްވަރާތައް އެސް.ޓީ.އޯ.އިން އިންޑިޔާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރަމުން އެބަ ގެންދާކަން ހާމަކުރެއްވިއެވެ. އަދި އެ މަޝްވަރާތައް ނިމި، އިރާދަކުރެއްވިއްޔާ ތެލުގެ އަގު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އަދާކުރައްވަންޖެހޭ ދައުރު ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައި މިރޭ ވާހަކަފުޅު ދެއްކެވިއެވެ. އަދި ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރުމުގެ މަސައްކަތް، މަޖިލީހުގެ ތެރެއިން ކުރެވެންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަން އޮތީ، ރާއްޖެ އިޤްތިޞާދީގޮތުން ތަރައްޤީވެގެން، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ޒުވާނުންނަކީ އާމްދަނީ ހޯދޭނެ ބަޔަކަށްވެގެން ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ، ޒުވާނުންނަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާނެ، އަދި ޒުވާނުންގެ މަސައްކަތްތައް ފާހަގަކުރާނެ ސަރުކާރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.